30 Apr 2020, 12:13
ހައިރިސްކް ޕޭޝަންޓުންގެ ސާމްޕަލް ނަގައި ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް ޓެސްޓްކުރަން އިސްކަންދޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
ކޮރޯނާ ޖެހިގެން އިއްޔެ 83 އަހަރުގެ މީހަކު އިއްޔެ ވަނީ ފުރަތަމަ ފަހަރަށް ރާއްޖޭގައި މަރުވެފަ އެވެ. ނަމަވެސް އޭނާއަށް ކޮރޯނާ ޖެހިފައިވާކަން އެނގުނީ މާފަހުންނެވެ.
ރޭ ދަންވަރު ކޮވިޑްއާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އަލީ ލަތީފް ވިދާޅުވީ ދެން އެފަދަަ ހާދިސާއެއް ތަކުރާރުވިޔަ ނުދޭން މަސައްކަތް ކުރާނެ ކަމަށެވެ.
"ދެން މިކަހަލަކަމެއް ވިޔަނުދޭން އަޅުގަނޑުމެން ބަލާނީ އެ ހައި ރިސްކު ޕޭޝަންޓުންނަށް އިސްކަންދީގެން ޕޭޝަންންޓުންގެ ސާމްޕަލްނެގުން މިއަށްވުރެވެސް ހަރުދަނާކުރުން." ޑރ. އަލީ ލަތީފް ވިދާޅުވި އެވެ.
މީގެ ކުރިން ކޮމިއިނުޓީ ތެރޭގައި ބަލި ފެތުރެނީ ކިހާވަރަކަށް ތޯ ބެލުމުގެ ގޮތުން ރެންޑަމް ސާމްޕަލްތަކެއްވެސް ނެގި އެވެ.
ޑރ. އަލީ ލަތީފް ވިދާޅުވީ މިހާރު އެގޮތަށް ރެންޑަމް ސާމްޕަލިން ނަގާނަމަ ޓެސްޓުގެ ނަތީޖާއައުން ލަސްވެގެންދާނެ ކަަމަށެވެ. އޭގެ ބަދަލުގައި މިހާރު ނަގަނީ ޓާގެޓް ސާމްޕަލިންތަކެއްކަމަށް އޭނާ ވިދާޅުވި އެވެ.
"މާނައަކީ އަޅުގަނޑުމެންނަށ ހީވާގޮތަކަށް ވަކި އޭރިއާއަކުން ސާމްޕަލްތައް ޕޮޒިޓިވްވާނެ ކަމަށް ޝައްކުވާ ހިސާބުން. މިސާލަކަށް ވަރަށް ގިނަ މީހުން ވަރަށް ކޮންޖެސްޓްކޮށް [ތޮއްޖެހިގެން] އުޅޭ ކަމަށް ވަންޏާ އެތަނުން ސާމްޕަލްތައް އަޅުގަނޑުމެން އެބަ ނަގަން. މިސާލަކަށް 10 ޕަސެންޓް ނުވަތަ 20 ޕަސެންޓް ނަގައިފިއްޔާ އަޅުގަނޑުމެންނަށް އެނގޭނެ އެތަނަކީ ވަރަށް ހައި ރިސްކް އޭރިއާއެއްކަން. އޭރުން އިތުރަށް ނެގިދާނެ." ޑރ ލަތީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުރިހާ ތަނަކުން ސާމްޕަލް ނަގަން ފަށައިފިނަމަ އަސްލު ސާމްޕަލްނަގަން ޖެހޭ މީހުންގެ ސާމްޕަލް ނެގުމުގައިވެސް ދަތިވާނެކަމަށެވެ.
"އެހެންވީމާ އަޅުގަނޑުމެން ގަސްދެއްނުކުރަން އެހާ ފުޅާކޮށް ރޭންޑަމްސާމްޕަލިން ނަގާކަމަށް. އޭގެ ބަދަލުގައި ބަލީގެ ނިޝާން ހުންނަ މީހުންނާ ހައި ރިސްކް މީހުންނަށް އަދި އެނޫންވެސް ހާއްސަ ކެޓެގަރީގެ މީހުންގެ ސާމްޕަލްތައް އަޅުގަނޑުމެން ގެންދާނީ" ޑރ. ލަތީފް ވިދާޅުވި އެވެ.
ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ސާމްޕަލްތައް ނެގުމުގައި މިހާރު ގެންގުޅޭ ޕްރޮސީޖާގެ ދަށުން ހައިރިސްކް މީހުންނާއި އަލާމަތްތައް ފެންނަ މީހުންގެ ސާމްޕަލްނަގައި ހަ ގަޑިއިރު ތެރޭގައި ނަތީޖާ ލިބޭ ކަމަށެވެ. އަދި އެނަތީޖާ ލިބެނީ ލެބަށް ގެންދާ ސާމްޕަލްތަކުގެ ތަރުތީބުންކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެހެން ނަމަވެސް މި ފަހުން އަދަދުތައް އިތުރުވެގެން ދިއުމާ، ހާއްސަކޮށް ސާމްޕަލް ނެގުމުގައި ވެސް އަޅުގަނޑުމެން އެބަ ބަލަން ހައިރިސްކު މީހުންނާއި އިތުރަށް އަދި ކޮމިޔުނިޓީ ތެރޭގައި ބަލި ހުރި މިންވަރު ދެނެ ގަތުމަށް ޓަކައި ސާމްޕަލް ނެގިގެން. މި ދެންނެވީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފާހަގަކުރެވޭ ކަންކަމުގެ އިތުރަށް އަޅުގަނޑުމެންގެ ތެރޭގައި ހުރިތޯ ދެނެގަތުމަށް ޓަކައި މަސައްކަތްކުރެވޭ ހާއްސަކޮށް އިތުރުވަމުންދާ ވަރަަކަށް މި ކްލަސްޓާތައް ފާހަގަކުރެވި، ކްލަސްޓާތަކުގެ ވަށައިގެން ކްލަސްޓާތަކުގެ ގުޅުންހުރި ފަރާތްތަކުގެ ތެރެއިން ޕޮޒިޓިވްވާނެކަމަށް ލަފާކުރެވޭ ފަރާތްތަކުގެ ސާމްޕަލްތައް ނެގޭ." އަމީން ވިދާޅުވި އެވެ.
އޭގެ އިތުރުން ދިވެހިން ނޫން މަސައްކަތްކުރައްވާ ބޭރު ފަރާތްތަކުގެ ތެރޭގައި ބަލި އާދަޔާ ހިލާފަށް އިތުރުވަމުންދާކަން ފާހަގަކުރެވޭތީވެ އެމީހުން ދިރިއުޅޭ ތަންތަނުން ސާމްޕަލް ނެގުމުގެ ހާއްސަ ޕްރޮގްރާމެެއްވެސް ކުރިއަށްދާކަަމަށް އަމީން ވިދާޅުވި އެވެ.
"އެހެން ނަމަވެސް ސާމްޕަލް ނެގުމުގައި ވެސް އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ކަންކަމުގެ ތެރެއިން އެކަންކަން ރަނގަޅުކުރުމާއި އަދި ސާމްޕަލް ނެގުމުގައި ވެސް ތަރުތީބަށް ގެންނަން ޖެހޭ ބަދަލުތައް ރިވައިޒް ކުރެވެމުންދޭ. އެހެން ބަލާއިރު ސިމްޓޮމެޓިކް މީހުންގެ ތެރެއިން އަދި ހައިރިސްކް ކޮންޓެކްޓްތައް އަދި ޑައިރެކްޓް ކޮންޓެކްޓް މީހުންގެ ތެރެއިން ވެސް ސާމްޕަލްތައް ނެގުމުގެ ތަރުތީބް ނަގަން ޖެހޭ ކަމަށް އަޅުގަނޑަށް ގަބޫލްކުރެވޭ." އަމީން ވިދާޅުވި އެވެ.