މަދަނީ އިއްތިހާދާއި އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން އަންނަ ހުކުރު ދުވަހު ބާއްވާ ބޮޑު މުޒާހަރާގައި ތ. އަތޮޅު ހުރިހާ ރަށެއްގެ ރަށްޔިތުން އަމަލީ ގޮތުން ބައިވެރިވުމަށް ތ. އަތޮޅު ކައުންސިލުން ގޮވާލައްވައި ފިއެވެ.

ތ. އަތޮޅު ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނުފައި ވަނީ އެ މުޒާހަރާއަކީ އިސްލާމް ދީނުގެ ޝިއާރު މަތިވެރިކުރުމަށް ގޮވާލައި ބާއްވާ މުޒާހަރާއަކަށް ވާތީ ކަމަށާއި އެ މުޒާހަރާގައި އެ އަތޮޅުގެ ހުރިހާ ރައްޔިތުން ބައިވެރިވުމަށް ގޮވައިލާ ކަމަށެވެ.

"މި މުޒާހަރާގައި ބައިވެރިވުމަށް މި ކައުންސިލުން ނިންމީ މި މުޒާހަރާއަކީ ސިޔާސީ ކަމަކަށް ނުވެފައި އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގެ ޝިއާރު މަތިވެރިކުރުމަށް ގޮވާލުމަށް ބާއްވާ ޚާއްސަ މުޒާހަރާއަކަށް ވާތީ،" އެ ބަޔާނުގައި ވެއެވެ.

ތ. އަތޮޅުގެ ހުރިހާ ރައްޔިތުންނަކީ ވެސް އިސްލާމްދީނުގެ މަތިވެރި އަގީދާގައި ފުރިހަމައަށް ސާބިތުވެތިބި ބަޔަކު ދިރިއުޅޭ އަތޮޅެއްކަން ސަރުކާރާއި ބައިނަލް އަގުވާމީ ފަރާތްތަކަށް ކަށަވަރުކޮށް ދޭން ޖެހޭނެކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

އެ މުޒާހަރާއަށް މާލެ ނުދެވޭ ހުރިހާ މީހުންވެސް އެމީހަކު ނިސްބަތްވާ ރަށުގެ ކޮންމެވެސް ސަރަހައްދަކަށް އެއްވެ ދީނީ ޝުއޫރު ފާޅުކުރުމަށް ވެސް އެ ކައުންސިލުން ވަނީ އެދިފައެވެ.