ލޮކްޑައުންގެ މުއްދަތުގައި ފިހާރަތަކަށާއި ރެސްޓޯރެންޓުތަކަށް ދޫކޮށްފައިވާ ޑެލިވަރީ ހުއްދަތައް މާދަމާ މެންދުރު 12 އިން ފެށިގެެން ބާތިލްވާނެ ކަމަށާއި ޑެލިވަރީ ހުއްދަ ހޯދުމަށް ޕުލުހުންގެ ޕޯޓަލް މެދުވެރިކޮށް އަލުން އެދެންޖެހޭނެ ކަމަށް ފުލުހުން ބުނެފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ ފުލުހުން ދޫކޮށްފައިވާ ޑެލިވަރީ ހުއްދަތައް މާދަމާ 12 އިން ފެށިގެން ބާތިލު ކުރާއިރު އަލުން ހުއްދަ އަށް އެދެން 48 ގަޑިއިރު ލިބޭނެ ކަމަށެވެ.

ޑެލިވަރީ ހުއްދަތައް ބާތިލު ކުރަން ނިންމީ މާ ބޮޑު ރޭވުންތެރިކަމެއް ނެތި ހުއްދަތައް ދޫކުރެވި އެ ހުއްދަތަކުގެ ބޭނުން އެކަށީގެންވާ ގޮތުގައި ނުހިފާތީ ކަމަށް ފައިރޫޝް ވިދާޅުވި އެވެ.

"މީގެ ކުރިން އަޅުގަނޑުމެން ހުއްދަ ދޫކުރި އިރު މާބޮޑު ރޭވުންތެރިކަމެއް ނެތި ހުއްދަ ދެވުމާ، އަދި އެ ހުއްދަތަކުގެ ބޭނުން އެކި ބޭބޭފުޅުން އެންމެ އެކަށީގެންވާ ގޮތަށް ނުހިފާ ކަމަށް ގަބޫލު ކުރެވޭތީއްޔާ، އަދި މަގުމަތީ މަސައްކަތް ކުރާ ފުލުހުންނަށް އެ ހުއްދަތައް ބަލާ، އެއީ ކާކަށް ދޫކުރެވިފައިވާ ހުއްދައެއްތޯ ބެލޭނެ ގޮތް ހަމަޖެއްސުމަށް މި ބަދަލު ގެންނަން ނިންމީ،" ފައިރޫޝް ވިދާޅުވި އެވެ.

މިހާތަނަށް 4000 އަށް ވުރެ ގިނަ ޑެލިވަރީ ހުއްދަ ދޫކޮށްފައިވާ އިރު އަލަށް ދޫކުރާ ހުއްދަތަކަކީ ފުލުހުންނަށް ފަސޭހައިން ދެނެގަނެވޭނެ ހުއްދަ އެއް ކަމަށް ވެސް ފައިރޫޝް ވިދާޅުވި އެވެ.

މީގެ ކުރިން ދޫކުރި ހުއްދަތައް ދޫކޮށްފައިވާ ބޭނުން ނޫން އެހެން ބޭނުންތަކަށް ބޭނުންކޮށްގެން ބައެއް ހުއްދަތައް ވަނީ ބާތިލުކޮށްފަ އެވެ.