30 Apr 2020, 00:47
ރަޝިއާގައި ތިބި 11 ދިވެއްސަކު ރާއްޖެ ގެނެސްފައިވާކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު މިރޭ ވިދާޅުވީ ރަޝިއާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވި 11 މީހަކު މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށެވެ.
ޑޮކްޓަރުކަން ކިޔަވާ ގިނަ އަދަދެއްގެ ދަރިވަރުން ދިރިއުޅޭ ރަޝިއާގައި 83 ދިވެހިން އުޅޭ ކަމަށް މައުލޫމާތު ލިބުނު ކަމަށާއި މި ހުރިހާ ފަރާތްތަކަށްވެސް މިއަދު ފްލައިޓު އޮތްތަކް އަންގާފައިވާނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ. މިއަދު ރާއްޖެ ގެނައި 11 މީހުންނަކީ ފޮރިން މިނިސްޓްރީގައި އެދުމުން ގެނެސްދިން މީހުން ކަމަށާއި އެމީހުންގެ ޓިކެޓުގެ ހަރަދު ކޮށްފައިވަނީ އަމިއްލަ އަށް ކަމަށް މަބްރޫކު ވިދާޅުވިއެވެ.
މި ހުރިހާ އެންމެންވެސް 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރާނެއެވެ.
ކޮވިޑް 19 އާއި ގުޅިގެން ވައިގެ ދަތުރުތައް ހުއްޓިފައިވާއިރު ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެނައުމަށް ސަރުކާރުން ދަނީ އެކި ގޮތްގޮތުން މަސައްކަތް ކުރަމުންނެވެ. އެގޮތުން އިންޑިއާ އާއި ލަންކާ އަދި މެލޭޝިއާ ގައި ތިބި ދިވެހިން ގެނައުމަށް މޯލްޑިވިއަން އިން ޗާޓާޑް ދަތުރުތަކެއް ކޮށްފައިވާއިރު އިތުރު ގައުމުތަކުގައި ތިބި ދިވެހިން ގެެނައުމަށް އެގައުމުތަކުގެ ސަރުކާރުތަކާ ގުޅިގެން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
އެގޮތުން ބަންގްލަދޭޝް އާއި ނޭޕާލު އަދި ފިލިޕީންސްގައި ތިބި ދިވެހިންވެސް ވަނީ ރާއްޖެ ގެނެސްފައެވެ. ބަންގްލަދޭޝް ގައި ތިބި ދިވެހިންނާއި ނޭޕާލްގައި ތިބި ބައެއް ދިވެހިން ރާއްޖެ ގެނެސްފައިވަނީ ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓެއްގައެވެ.