29 Apr 2020, 23:38
ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން 15،000 ރުފިޔާއަށް ވުރެ މަތިން މުސާރަ ލިބޭ މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށް ފިނޭންސް މިނިސްޓަރު ކުންފުނިތަކަށް އަންގަވައިފި އެވެ.
ސަރުކާރު ހިއްސާވާ ހުރިހާ ކުންފުނިތަކަށް ފިނޭންސް މިނިސްޓަރު މިއަދު ފޮނުއްވި ސާކިއުލާގައި ވިދާޅުވެފައި ވަނީ، ކޮންމެ ކުންފުންޏަކުން ވެސް މުސާރަ ކުޑަކުރާނެ އުސޫލުތައް ހިމަނައިގެން މުވައްޒަފުންގެ މުސާރައިގެ އާ އޮނިގަނޑެއް އަންނަ މަހުގެ ފަހެއްގެ ކުރިން ފިނޭންސަށް ފޮނުވުމަށެވެ.
އާ އޮނިގަނޑު އެކުލަވާލާއިރު ގެންގުޅެންވީ އުސޫލުތަކުގެ ގޮތުގައި ބުނެފައިވަނީ 15،000 ރުފިޔާއަށް ވުރެ ދަށުން މުސާރަ ލިބޭ އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަނުކުރުމަށާއި އެންމެ ބޮޑު މުސާރަ ލިބޭ މުވައްޒަފުންގެ މުސާރައިން ބޮޑަށް އުނިކުރުމަށެވެ. ނަމަވެސް، މުސާރަ ކުޑަކުރި ނަމަވެސް ބޮޑު މުސާރަ ލިބޭ މުވައްޒަފުންގެ މުސާރަ އެހެން މުވައްޒަފުންނަށް ވުރެ ބޮޑުވާންވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ސާކިއުލާގައި ބުނެފައިވަނީ، ކޮރޯނާވައިރަހުގެ ސަބަބުން އިގްތިސާދަށް ކުރާ އަސަރުތަކާ ގުޅިގެން ކުންފުނިތަކުގެ ކޭޝްފްލޯއަށް ވަރަށް ބޮޑަށް އަސަރު ކޮށްފައިވާތީ ކަމަށެވެ. އެހެން ކަމުން، އިގްތިސާދީ ހާލަތު އާންމު ހާލަތަކަށް އަންނަންދެން ކުންފުނިތަކުގެ ހަރަދު ކުޑަކުރަން މަޖުބޫރުވެފައިވާ ކަމަށް ވެސް ސާކިއުލާގައިވެ އެވެ. މީގެ ކުރިން ވެސް ފިނޭންސް ފާހަގަކުރި ގޮތުގައި ސަރުކާރު ކުންފުނިތަކުގެ ކޭޝްފްލޯ ދަށްވެ، ވޯކިން ކެޕިޓަލްއަށް ސަރުކާރަށް ވަނީ ބަރޯސާވާން ޖެހިފަ އެވެ.
ސާކިއުލާގައި ބުނާ ގޮތުގައި މުސާރަ ކުޑަކުރާ އޮނިގަނޑަށް ކޮންމެ ކުންފުންޏަކުން ވެސް އަމަލު ކުރަން ޖެހޭނީ، އާ އޮނިގަނޑު ފިނޭންސަށް ހުށަހަޅާ އެކަމަށް އެޕްރޫވަލް ލިބިގެން ކަމަށެވެ. އަދި އެޕްރޫވަލް ލިބެންދެން މިހާރުގެ އޮނިގަނޑަށް އަމަލު ކުރަމުން ދިޔުމަށް ވެސް ވަނީ އިރުޝާދު ދީފަ އެވެ.