މޯލްޑިވްސް ނެޝަނަލް ޝިޕިންގ ލިމިޓެޑް (އެމްއެންއެސްއެލް) އުވާލައި ގައުމީ ޝިޕިން ލައިނެއް އުފައްދަން ބޭނުންވާނަމަ އެ ފުރުސަތު ސަރުކާރަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
އެމްއެންއެސްއެލްގެ ބައެއް ދަރަނި ދެއްކުމަށް 2009 ވަނަ އަހަރާއި 2010 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން ބޮޑެތި ހޭދަ ކޮށްގެން ވެސް ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް އުފުލަންޖެހިފައިވާތީ، އެ ކުންފުނީގެ މާލީ ހާލަތު މާލިއްޔަތު ކޮމިޓީން ދިރާސާ ކުރުމަށްފަހު ކުންފުންޏާމެދު އަމަލު ކުރާނެ ގޮތަކާމެދު ހުށަހެޅި ރިޕޯޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްވައިވަނީ އެ ކުންފުނި އުވާލުމަށްފަހު ގައުމީ ޝިޕިންގް ލައިނެއް ސަރުކާރުން އުފައްދަން ބޭނުންވާނަމަ އުފެއްދުމުގެ ކުރިން އެ ވިޔަފާރީގެ ފީޒިބަލް ރިޕޯޓެއް ހެދުމަށްފަހު ގެއްލުމެއްނެތި ޝިޕިން ކުންފުންޏެއް ހިންގޭނެ ނަމަ އެ ވިޔަފާރި ކުރުމަށް ކުންފުންޏެއް ހެދުމުގެ އިހްތިޔާރު ސަރުކާރަށް ދިނުމަށެވެ.

ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުށަހަޅުއްވައި ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ހުށަހެޅުއްވި އެ ހުށަހެޅުން ފާސްކޮށްފައިވަނީ ޖަލްސާގައި ތިއްބެވި 74 މެންބަރުންގެ ތެރެއިން 69 މެންބަރުން ވޯޓު ދެއްވައި ގެންނެވެ.

އެމްއެންއެސްއެލްގެ މައްސަލައާ ގުޅިގެން މާލިއްޔަތު ކޮމިޓީން މަޖިލީހަށް ހުށަހެޅި ރިޕޯޓްގައި ބުނަނީ އެ ކުންފުނި އިސްލާހު ކުރުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކަކާއި، ބޮޑެތި ހޭދަތަކެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ކުންފުނީގެ މިއަދުގެ ހާލަތަކީވެސް ދަރަނިވެފައިވުން ކަމަށާއި ދައުލަތުން ބޮޑެތި އަދަދުތަކެއް ކުންފުންޏަށް ޕަންޕް ކުރަންޖެހުން ކަމަށެވެ.

"އެހާ ގޯސްކޮށް އެހާ ގިނަ ދުވަހު ކުންފުނި ހިނގުމުގެ ސަބަބުން ބޭރުގެ ބަނދަރުތަކުގައި ބޯޑުތައް ހިފެހެއްޓުމުން ފައިސާ ދައްކާފައިވަނީ ސަރުކާރުން ފޯނު ބިލުތަކަށް ވެސް ފައިސާ ދައްކާފައިވަނީ ސަރުކާރުން. އެ ކުންފުންޏަކީ ނެގެހެއްޓޭނެ ކުންފުންޏެއްނޫން އެހެން ކަމުން ކޮމިޓީން ލަފާ އަރުވަނީ ކުންފުނި ޕްރައިވެޓައިޒް ކުރުމަށް ނުވަތަ އެ ކުންފުނި ގަންނާނެ ފަރާތެއް ނުވިނަމަ ކުންފުނި ލިކުއިޑޭޓްކޮށް އެ ކުންފުނީގެ ވިޔަފާރި ހުއްޓާލުމަށް. އެއީ މެދު ނުކެނޑި ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން ފައިސާ ޕަންޕް ކުރުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމަކަށް ނުވާތީ އާއި ކުންފުންޏަށް އިތުރަށް ގެއްލުން ވުމުން ދައުލަތުގެ މާލިއްޔާ ހިމާޔަތް ކުރުމުގެ ބޭނުމަށް،" ކޮމިޓީގެ ރިޕޯޓްގައި ވެ އެވެ.

މި ރިޕޯޓަށް ވާހަކަ ދެއްކެވި މެންބަރުންގެ ތެރެއިން ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވީ އެ ކުންފުންޏަށް އިހްމާލު ވެފައިވަނީ ކުރީގެ ރައީސް މައުމޫނުގެ ސަރުކާރުން ކަމަށެވެ. އެހެންކަމުން ކުންފުންޏަށް އިހްމާލުވެފައިވާ ފަރާތްތަކާދޭތެރޭ ފިޔަވަޅު އެޅޭ ގޮތަށް ނޫން ގޮތަކަށް ކުންފުނި ބަންދުކޮށްގެން ނުވާނެ. ކަމަށެވެ. އަދި އިހުމާލްވީ ފަރާތްތައް މާލިއްޔަތު ކޮމިޓީން ބަލައި ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ 2010 ވަނަ އަހަރު ވެސް އެ ކުންފުންޏަށް ސަރުކާރުން 45 މިލިޔަން ރުފިޔާ ހޭދަކޮށްގެން ވެސް ލިބުނު އެއްޗެއް ނެތް ކަމަށެވެ. އަދި އެކި ފަރާތްތަކަށް ދައްކަންޖެހެ ފައިސާ ނުދައްކައިގެން ބޭރުގެ ބަނދަރުތަކުގައި ހިފާއްޓާ އެ ކުންފުނީގެ ބޯޓުތަކަށް، ރާއްޖޭގެ އަބުރާ ޝަރަފް ހިމާޔަތް ކުރުމަށް ދައުލަތުން ބޮޑެތި ހޭދަތަކެއްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެފަދަ ކުންފުންޏެއް ބޭއްވުމަކީ މުހިއްމުކަމެއް ކަމަށާއި، އެ ކުންފުނި އެ ހާލަތަށް ގެންދިޔައީ 30 އަހަރުގެ ސަރުކާރަކުން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މެންބަރުން ބޭނުންފުޅޫނަމަ އެހެންކަންކަން ބެލޭގޮތަށް އެކަން ބެއްލެވުމަށްވެސް ރިޔާޒު އެދިވަޑައިގެންނެވި އެވެ.