29 Apr 2020, 23:24
މި އަހަރުގެ ފެބުރުއައީ މަހުގެ ކުރީކޮޅު ރޭ ހުޅުމާލޭގައި ފަތުރުވެރިންތަކަކަށް ތޫނުއެއްޗަކުން ހަމަލާދީފައި ވަނީ، ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ގުޅިގެން ރ. މަޑުއްވަރީގައި ހަރުކަށި ފިކުރާ ދެކޮޅަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ބަދަލުހިފުމަށް ކަމަށް ތަހުގީގަށް ކަށަވަރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އެ ހަމަލާގައި އެއް ވަގުތެއްގައި ހުޅުމާލޭގެ ތިން ސަރަހައްދަކުން ތިން ބިދޭސީއަކަށް ވަނީ ވަޅިން ހަމަލާދީފައެވެ. ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ޒަހަމްވެފަައި ވަނީ ޗައިނާގެ ދެ ރައްޔިތުންގެ އިތުރުން އޮސްޓްރޭލިއާގެ ފަތުރުވެރި އެކެވެ.
މިރޭ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ރިޔާޒް ވިދާޅުވީ މިހާރު އެ މައްސަލައިގެ ތަހުގީގު ނިންމާ ދައުވާ ކުރުމަށް މި މަހުގެ 19 ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ ޕޮލިސް
އޭސީޕީ ރިޔާޒް ވަނީ މައްސަލައިގައި ތަހްގީގަށް ހޯދިފައިވާ ކަންކަން ހިއްސާކުރައްވަައިފައެވެ. ރިޔާޒް ވިދާޅުވީ އެ ހަމަލާއަކީ މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ ސެލް އެއްގެ މެމްބަރުން ތަކެއް ހިންގައިގެން އުޅޭ ކަމެއް ކަމަށް ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.
"ހުޅުމާލޭގައި މި ދެވުނު ހަމަލާއަކީ މީގެ ކުރިން މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ފުލުހުންނާ ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމާ ދެކޮޅަށް ކުރަމުންދާ މަސައްކަތާ ގުޅުވައިގެން އެކަންކަމުގެ މައްޗަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ބަދަލުހިފުމަށް ދެވުނު ހަމަލާއެއް ކަމަށް އަޅުގަނޑުމެންނަށް މިހާތަނަށް ތަހުގީގަށް ލިބުނު މައުލޫމާތުން ވަނީ ކަށަވަރު ކުރެވިފައި،" ރިޔާޒް ވިދާޅުވިއެވެ.
300 ގަޑިއިރުގެ ފުޓޭޖް ބަލައި ގިނަ ހެކިތަކެއް ހޯދައިފި!
ރިޔާޒް ވިދާޅުވީ އަނިޔާ ލިބުނު މީހުންނާއި، އެމީހުން ހޮސްޕިޓަލަށް ގެންދަން އެހީތެރިވި މީހުންނާ ވާހަކަދައްކައިގެން ހަމަލާ ދިން ރޭ ކަން ހިނގި ގޮތާއި، ހަމަލާ ދިން ތަންތަން ދެނެގަތް ކަމަށެވެ.
އަދި ހަމަލާ ދިން ސަރަހައްދުތަކުގައި ހުރި ސީސީޓީވީ ފުޓޭޖުތައް ނަގާ، އެ ފުޓޭޖުތައް ދިރާސާކޮށް ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހުން ދެނެގަނެވުނު ކަމަށެވެ. މިހާތަނަށް މައްސަލައިިގެ ތުހުމަތުގައި އަށް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
އަށް މީހުންގެ ތެރެއިން ހަތް މީހަކު ހައްޔަރުކޮށްފައި ވަނީ ފެބުރުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. މައްސަލައިގައި ދެން ހިމެނޭ މީހާ ހައްޔަރުކޮށްފައި ވަނީ މާޗު މަހުގެ ދެވަނަ ދުވަހު ތ. ތިމަރަފުށިންނެވެ.
ރިޔާޒް ވިދާޅުވީ ތަހުގީގަށް އެނގުނު ގޮތުގައި، ހުޅުމާލޭގައި ބިދޭސީންނަށް ހަމަލާ ދިނުމުގައި އަމަލީގޮތުން ބައިވެރިވެފައި ވަނީ ހަތަރު މީހެއްކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެމީހުން ހަމަލާދިނުމަށް ބޭނުންކުރި ސައިކަލުތަކާއި، ބަދަލުކޮށްފައި ހުރި ނަންބޯޑުތައް ވެސް ހޯދާފައިވާ ކަމަށެވެ.
މީގެ އިތުރުން ހަމަލާ ދިނުމަށް ބޭނުންކުރި ވަޅިއާއި، އެވަގުތު އެމީހުން ލައިގެން ތިބި އަންނައުނުތައް ފޮރުވަން ހަވާލުކޮށްފައި ހުރި މީހުންގެ އަތުން ފުލުހުން ހޯދަފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ރިޔާޒް -- ފޮޓޯ/ ޕޮލިސް
މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރެވުނު މީހުންގެ ގެތައް ވެސް ފުލުހުން ވަނީ ބަލައިފާސްކޮށްފައެވެ. އެމީހުން ދިރިއުޅޭ ތަންތަނުން ހޯދި ޑިޖިޓަލް މައުލޫމާތު ރައްކާކުރެވޭ ޑިވައިސްތަކުން މައްސަލައާ ގުޅުންހުރި އަދި ޓެރަރިޒަމަށް ހިތްވަރުދީ ޓެރަރިޒަމް ޕްރޮމޯޓް ކުރުމަށް ބޭނުންކޮށްފައި ހުރި ބައެއް ކަހަލަ މުއާމަލާތްތަކާއި، ޕޯސްޓްތަކާއި ލިޔުންތައް ވެސް ފުލުހުން ވަނީ ހޯދައިފައެވެ.
ރިޔާޒް ވިދާޅުވީ މި މައްސަލައާ ގުޅިގެން 75 ލޮކޭޝަނަކުން 300 އެއްހާ ގަޑިއިރުގެ ފުޓޭޖު ނަގައި އެނަލައިޒް ކުރެވިފައިިވާ ކަމަށެވެ. އެ ފުޓޭޖުތަކުގެ އަލީގައި ހަމަލާ ދިން މީހުން މާލެއިން ފެށިގެން ހުޅުމާލެއަށް ދިޔަ ރޫޓުތަކާއި އެމީހުން ހަމަލާ ދިން ތަންތަން ވަނީ ދެނެގަނެފައެވެ.
ހަރުކަށި ފިކުރުގެ ހަމަލާއެއް، ގުޅެނީ މަޑުއްވަރީ އޮޕަރޭޝަނާ!
ރިޔާޒް ވިދާޅުވީ އެއީ މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ ސެލް އެއްގެ މެމްބަރުން ތަކެއްގެ ހަމަލާއެއް ކަމަށެވެ. އަދި ހުޅުމާލޭގައި ދިން ހަމަލާތަކަކީ ހަރުކަށި ފިކުރާ ދެކޮޅަށް މަޑުއްވަރީގައި ހިންގި އޮޕަރޭޝަންގެ ސަބަބުން ފުލުހުންނަށް ދިން މެސެޖެއް ކަމަށާއި، އަދި އެ އޮޕަރޭޝަން ހުއްޓާލަން މަޖުބޫރު ކުރުވުމަށް ދިން ހަމަލާއެއްކަން ތަހުގީގަށް ހޯދިފައިިވާ ކަމަށެވެ.
ހަރުކަށި ފިކުރު ގަބޫލުކޮށް، އެ ފިކުރު ރާއްޖޭގައި ކުރިއެރުވުމަށް މަސައްކަތްކޮށް، ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމަގައިގައި ބައިވެރިވުމަށް ދިވެހިން ފޮނުވުމަށް މަސައްކަތްކުރި މައްސަލައިގައި އެރަށުން ހަ މީހަކު ފުލުހުން ހައްޔަރުކުރިއެވެ. އަދި އެމީހުންގެ މައްޗަށް މިހާރު ވަނީ ދައުވާވެސް ކޮށްފައެވެ.

މަޑުއްވަރީގައި ފުލުހުން ހިންގާ އޮޕަރޭޝަނުގެ ތެރެއިން ---
މީގެ އިތުރުން ކޯޓުން ބޭރުން ކުޑަ އަންހެން ކުދިންނާ "ކައިވެނި" ކުރުމުގެ މައްސަލަތަކެއް ވެސް ފެންމަތިވެ، ދަރިންނަށް އިހުމާލުވި މައްސަލަތަކެއްގައި ވެސް ވަނީ ދައުވާ އުފުލާފައެވެ.
"މި އަމަލަކީ މައިގަނޑު ގޮތެއްގައި 2019 ވަނަ އަހަރުގެ ތެރޭގައިި ރ. މަޑުއްވަރީގައި ފުލުހުންނާ ޖެންޑާ މިނިސްޓްރީގެ ފަރާތުން ހިންގި ހާއްސަ އޮޕަރޭޝަންގައި ދީިނުގެ ނަމުގައި ހަރުކަށި ފިކުރު ގެންގުޅެ، އެ ފިކުރު ފަތުރަން މަސައްކަތް ކުރާ ފަރާތްތައް ހައްޔަރުކޮށް ބައެއް ފަރާތްތަކުގެ ދަރިންނާ މެދު އިހުމާލުވާ މައްސަލަތަކުގައި އެކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާތީ އެކަމާ ހިތްހަމަނުޖެހިގެން އެކަމާ ގުޅިގެން މެސެޖެއް ދިނުމަށާއި އަދި އެކަމާ ގުޅޭގޮތުން ކުރަމުން ދިޔަ މަސައްކަތް ހުއްޓުވުމަށް މަޖުބޫރުކުރުވުމުގެ ގޮތުން ކުރި ކަމެއްކަން ތަހުގީގަށް ހޯދި ހޯދުންތަކުން އެނގުނު،" ރިޔާޒް ވިދާޅުވިއެވެ.