29 Apr 2020, 23:24
ސްޕެއިނުގެ ބާސެލޯނާ ދޫކޮށް ޔުވެންޓަސްއަށް ބަދަލުވުމުގެ އެއްވެސް ވިސްނުމެއް މިހާތަނަށް ގެންގުޅެފައި ނުވާ ކަމަށް އެ ޓީމުގެ ޒުވާން މިޑްފީލްޑަރު އާތުރް މެލޯ ބުނެފި އެވެ.
ވޭތުވެ ދިޔަ ދުވަސްތަކުގައި ބާސެލޯނާގެ މެނޭޖްމެންޓާއި ކުލަބުގެ ބައެއް ކުޅުންތެރިންނާއި ދެމެދު މައްސަލަތަކެއް ވަނީ ޖެހިފަ އެވެ. އަދި އެއާ ވިދިގެން އެ ކުލަބުގެ ބޯޑުގެ ހަ މެމްބަރަކު ވެސް ވަނީ އިސްތިއުފާ ދީފަ އެވެ. އެއަށްފަހު ކުލަބުގެ ކުޅުންތެރިންތަކެއް ކުލަބު ދޫކޮށްލަން އުޅޭ ކަމުގެ ރިޕޯޓުތަކެއް ވަނީ ފެންމަތިވެފަ އެވެ.
އެގޮތުން އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީއާއި، ދާދި ފަހުން އެކުލަބަށް ގުޅުނު މިޑްފީލްޑަރު ފްރެންކީ ޑެ ޔޮންގްގެ އިތުރުން ކީޕަރު މާކް އަންޑާ ޓާ ސްޓެގަން ފިޔަވާ އެހެން އެއްވެސް ކުޅުންތެރިޔަކަށް ސްކޮޑުން ޖާގަ ޔަގީން ނުވާ ކަމަށް ސްޕެއިނުގެ މީޑިއާ ތަކުން ވަނީ ބުނެފަ އެވެ. އެއާ އެކު ބްރެޒިލްގެ ޒުވާން މިޑްފީލްޑަރު އާތުރް މެލޯ ޔުވެންޓަސްއަށް ދާން އުޅޭ ކަމުގެ ޔޯލަ ވާހަކަތަކެއް ވެސް ވަނީ މީސް މީޑިއާގައި ދައުރުވެފަ އެވެ.
އެކަމަކު އެ ޙަބަރު ދޮގުކޮށް، ބާސެލޯނާގައި ގިނަ ދުވަސްތަކެއް ވަންދެން މަޑު ކުރަން ބޭނުންވާ ކަމަށް އާތުރު 23، ވަނީ ބުނެފަ އެވެ.
"އަބަދުވެސް މިކަހަލަ ހަބަރުތައް ދާނީ ފެތުރެމުން. އެކަމަކު އަހަރެންގެ ވިސްނުން ބަދަލެއް ނުވޭ. ބާސެލޯނާ ދޫކޮށްލުމުގެ ވިސްނުމެއް ނުގެންގުޅެން،" ސްޕެނިޝް މީޑިއާއެއްކަމަށްވާ މުންޑޯ ޑިޕޯޓިވޯއަށް ދިން އިންޓަވިއުއެއްގައި އާތުރް ބުނެފައިވެ އެވެ.
އާތުރް ބުނީ ބާސެލޯނާގައި މިވީހާ ދުވަސްވެސް މަޑު ކުރީ ހިތްހަމަ ޖެހިގެން ކަމަށެވެ. އަދި ކުލަބުގެ މެނޭޖްމެންޓުގެ ވެސް ފުރިހަމަ އިތުބާރާއި ޔަގީންކަން ލިބިފައިވާ ކަމަށާއި، މި ޓީމާ އެކު ކުރިއަށްދާން ބޭނުންވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ބްރެޒިލްގެ ގްރެމިއޯ ދޫކޮށް އާތުރް ބާސެލޯނާއަށް 2018 ވަނަ އަހަރު ބަދަލުވީ 39 މިލިއަން ޔޫރޯއަށެވެ. އެއަށްފަހު އޭނާ ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކޯޗުގެ އިތުބާރު ހޯދައި، ޓީމުގެ ފުރަތަމަ އެގާރައިން ގަވާއިދުން ޖާގަ ހޯދަން ފަށައިފަ އެވެ.
"ބޮޑެތި އެހެން ކުލަބުތަކުން ޝައުގުވެރިކަން ފާޅުކުރުމަކީ ލިބޭ ބޮޑު ހިތްހަަ ޖެހުމެއް، އަދި އެކަމުގެ ސަބަބުން އަމިއްލަ ނަފުސާއި ދެމެދު އޮންނަ އިތުބާރު ބޮޑުވޭ. ނަމަވެސް އަޒުމަކީ ބާސެލޯނާގައި ގިނަ ދުވަހު މަޑުކުރުން."
މިހާރު ކުރިއަށްދާ ސީޒަނުގައި އަނިޔާގެ މައްސަލަތަކެއް ކުރިމަތިވި ނަމަވެސް އާތުރު ވަނީ ބާސެލޯނާއަށް 23 މެޗު ކުޅެދީފަ އެވެ.