ފާލަމުގެ އެންމެ ކޮޅުގައި ހިޔަންޏެއްފަދައިން އަރްސަން އަނދިރީގައި ފެންނަން ހުރިއިރު އޭނަ ރުއިވަރު އިންސާނަކަށް ނޭގޭނެއެވެ. އަދާ އޭނައަށް ބޭފަވާތެރިވީ އެހެން ފިރިހެނަކަށްޓަކާކަމެއް ކުރިއަކުން ހިޔެއް ނުކުރެއެވެ. މިންކާގެ މެސެޖްތައް އޭނަ ހީކުރީ ދޮގުކަމަށެވެ. ނަމަވެސް ހަގީގަތް މިއޮތީ ފެންނާށެވެ.

"އަހަންނަށް ކެހިދީފައި ވަކި ހަމަޖެހިގެން އުޅެވޭނެތަ؟ ޔޫ ވިލް ރިގްރެޓް.. އައި ސްވިއާ....." އަރްސަން މޫދަށް ފުންމާލާފައި ފަތައިގަތީ ރަށާ ދުރަށެވެ. ފޯނު ފާލަން މައްޗަށް ދޫކޮށްލާފައި އޭނަ ބޭނުންވީ ވީހާވެސް ދުރަށްގޮސް ކަނޑުގެ އަނދިރިކަމުގެ ތެރެއަށް އަބަދަށްޓަކާ ގެއްލިގެން ދިޔުމަށެވެ.

***

އަރްސަން ހޭވެރިކަން ވީއިރު އޭނައޮތީ އައިސީޔޫގައި އޮކްސިޖަން މާސްކު އަޅުވާ ހޮޅިތައް ގުޅާފައެވެ. އެނދު ވަށައިގެން ޑޮކްޓަރުންނާއި ހުދުހެދުމުގައި ތިބި ނަރުހުންނެވެ.

"އާ ޔޫ އޯކޭ؟ " ޖިބްރީލް އެހިއެވެ.

އަރްސަން ކުޑަކޮށް ހީލަމުން ނިތް އަރުވައިލިއެވެ. ވާހަކަދައްކާނެ ހިތްވަރެއްވެސް ނެތެވެ. ކަރުތެރެއިން ދިލަ ނަގާއިރު ބޮލަށް އެނބުރުން އަރާފައެވެ. ޖިބްރީލް އިޝާރާތްކުރުމުން އެހެން އެންމެން ނުކުމެގެން ދިޔައީ ދެމީހުންނަށް ފުރުސަތު ދެމުންނެވެ.

"ދޮންބެ. ފޯނު...." އަރްސަން ފުރަތަމަވެސް ހަދާންވީ ފޯނުމަތިންނެވެ.

"މިއޮތީ..." ޖިބްރީލް ޖިންސްގެ ޖީބުން ފޯނު ނެގިއެވެ.

"ގެއަށްދާން ބޭނުން.."

"ދޮންބެމެންނަށް ސޭމް ނުގެއްލުނީ ހަމަ ކިރިޔާ. އެންމެ ފަހު ވަގުތުކޮޅު މައިކްމެންގޮސް މޫދުން ނުނެގިނަމަ ވާނެގޮތެއްވެސް ނޭގޭ ސޭމް. މިހާރު ފުއްޕާމޭ ދުޅަވެފައި ހުރީމަ ކުޑަދުވަސްކޮޅެއް ވާންދެން ފަރުވާދޭން އެބަޖެހޭ. އޭގެފަހުން ގެއަށް ދާނީ. ކުޑަ ކުޑަ އިންތިޒާރެއް" ޖިބްރީލް އަރްސަންގެ ބޮލުގައި ފިރުމައިލިއެވެ. އަރްސަން ދެކޮޅުހަދާކަށް ނޫޅުނެވެ. އެއަށްވުރެ އޭނައަށް ވާ އުދަގޫތައް ބޮޑެވެ. އޭނަ ބޭނުންވީ ނިދާލާށެވެ. އަތުތެރޭގައި އޮތް ފޯނަށް ބަލައިލުމާއެކު ހަދާންވީ މިންކާ މަތިންނެވެ. އަދާގެ ފޮޓޯއެވެ. އަޔާޒުއާއި އަދާގެ ގުޅުމެވެ. އޭނަ އަމިއްލަ ނަފުސްދެކެ ވީ ފޫއްސެއްގެ ބޮޑުކަމުން އޭރު ބޭނުންވީ އަމިއްލަ ނަފުސަށް އަނިޔާ ދިނުމަށެވެ. ހަގީގަތުގައި އޭނަ ދުރަށް ފަތައިގަތީ ކަނޑާއި ހަށިގަނޑު ހަވާލުކުރުމަށެވެ. އަމިއްލައަށް މަރުވުމަށެވެ. ނަމަވެސް މަހުދީއަށް އެހިސާބަށް އާދެވުނީ އޭނަގެ ބަދުނަސީބުކަމުންނެވެ.

ނިދާފައި ހޭލެވުމުން އޭނަ ޕްރައިވެޓް ރޫމަކަށް ބަދަލުކުރިއެވެ. މަންމަގެ ލޮލުން އޮހުނު ކަރުނަތަކާއި މަންމައަށް ވެފައި ހުރި ވަރު ފެނުމުން އެކަހަލަ ކަމެއް ނުކުރަން އެވަގުތު އަޒުމް ކަނޑައެޅިއެވެ.

"މަންމަގެ ސޭމް. ދަރިފުޅު ކީއްވެ އެކަނިމާ އެކަނި ފަތަން ދިޔައީ؟ ފާލަން މަތީ ދަރިފުޅު ހުރިތަން އެހެން ކުއްޖަކަށް ފެނިގެން މައިކް ކައިރީ ބުނެގެން ފާލަން މައްޗަށް ދިޔައީ ޔޯ. އެތަނުން ފޯނު ފެނުނީމަ ދެން ހޯދަން އުޅެގަތީ. ދެފެން ދޭތެރޭގައި އޮތްވާ ނެގިއިރު ކިރިޔާ ވިންދުހުރިކަން. ސީޕީއާރު ދެމުން ހޮސްޕިޓަލަށް ގެނެއްސަވެސް ރިކަވާ ވުން ތިއީ މިރެކްލްއެކޭ ޖިބްރީލްވެސް ބުނީ. ގޯޑް. މަންމަ ބިރުން ހަލާކުވާވަރުވި. މަންމަ ލަވް ދެން އެކަހަލަ ކަމެއް ނުކުރައްޗޭ.." ސުކައިނާ އަރްސަންގެ އަތުގަޔާއި ނިތްކުރީގައި ބޮސްދިނެވެ.

މަހުދީ އެކަނިވުމުން ރުޅިއާ ލޯބި އެކުލެވޭ ރާގަކަށް ވާހަކަދެއްކިއެވެ. "ޑާލިން. ފަތަން ދިޔައީ ކަމަށް ބުނެ އެންމެނަށް އޮޅުވާލިޔަސް މަށަށް އެނގެއޭ. އަމިއްލައަށް މަރުވާން ނޫނީ އެހާ އޮއިގަދަ ތަނަކަށް ފައިބާނެތަ؟ ކީއްވެގެންނޯ ދެން އެހާ ވަރުން ސުއިސައިޑްވާން އުޅުނީ؟ ތިއީ ލޫޒާއެއް ކަމެއް ނުދެނެހުރިން."

"އަދާ އާއި ޝޭޚަކު އިންނަން އުޅޭކަން މަށަށް އެނގުނީ..."

"ދެން މޮޔަވާން ޖެހޭތަ؟ކައިވެނި ކުރީމަ އަދާއަށް ރޭކާލާނީ. އެކްސްޓްރީމިސްޓުުންނާއި އެކު ސީރިޔާއަށްދާ ޔޫރަޕްކުދިން ވެސް ފަހުން ރިގްރެޓްކޮށް އަނބުރާ އަންނަން ބޭނުންވެއެއްނު. އެކުދިންގެ ސިކުނޑި ދޮވެލައިގެން އެތަނަށް ގެންދިޔައީމަ އެ މީހުންގެ ހަރުކަށިކަމުން އުޅެވޭވަރެއް ނުވޭ. ކެސިނޯ އާއި ނައިޓްކްލަބްތަކަށް ގޮސްގެނެއްނުވޭ. ޓީވީ ބެލުން މަނާ. މިއުޒިކް ފިލްމް ރާ ހަރާމް. މޫނުއަޅައިގެން އަބަދު. ކޮޓަރިން ބޭރަށް ނުކުތުން މަނާ. ފިރިމީހާއަށް ކައްކާ ކާންދީފައި ހަތަރު އަނބިން ޖެހެނީ އަހަރު ދެކޮޅު ދަރިން ވިހަން. ދުނިޔޭގައި ލެއްވިހާ އުފަލެއް ހަރާމް. ޔޫ ނޯ ވަޓް. އަދި އަދާ އެނބުރި އަންނާނެ. އާދޭސް ކުރާނެ. ސޯ ސޭމް ކޮންކަމަކާ ހާސްވަނީ. އަންހެންކުދިން ދުނިޔެއިން ހުސްވީތަ؟ ބޭނުން ވައްތަރެއްގެ އަންހެނަކު ލިބެން އޮތްވާ އެ ކެހިވެރިޔާގެ ފަހަތުން ނުދޭ. އޭނައަށްޓަކާ ތި އަގުހުރި ފުރާނަ ނަގާ ނުލާ. ދިރިއުޅުން ކިހާ ކުރު. ހަމަ މަޖާކޮށްލަންވީ..........................." މަހުދީ ވިސްނާދިނެވެ.

"އަދިވެސް މަށަކަށް ނޭގޭ އަދާ ދެކުދިންގެ ބައްޕައަކާއި ހެދި އެވަރުން އުޅޭ ސަބަބެއް.." އަރްސަން ނިތުގައި އެއް އަތް ބާއްވައިލިއެވެ.

"ދެކުދިންނޭ؟ "

"އަދާގެ ބައްޕަގެ އޭޖްއާއި ކްލޯޒް މީހަކާއި ހެދިއޭ އެއުޅެނީ. އަޔާޒްގެ ދެކުދިން ތިބެޔޯ. ދޮންބެމެންނާއެކު އުޅުނަސް އޭނަގެ ތައުލީމީ ފެންވަރުވެސް ބަލައިފިން. މުސްކުޅިވީއިރުވެސް އާދައިގެ މެޑިކަލް އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރަނީ."

"މަށަށް އެނގިއްޖެ ހަދަންވީގޮތް...." މަހުދީގެ ލޮލުގެ ވިދުން ގަދަވިއެވެ.

މަހުދީ އާއި އަރްސަން ސިއްރު ސިއްރުން ހީހީފައި ދައްކަމުން ދިޔަ ވާހަކަތަކުން އޭނަގެ ތަބީއަތު ރަގަޅުވިއެވެ. އެހާ ބަލިވެއޮވެވެސް އުޅެވުނީ އީސިގްރެޓް ބޮވޭތޯއެވެ. ކޮފީއާއި ނުލާވެސް ނޫޅެވުނެވެ. ހެޑްސެޓް އަޅައިގެން ލަވަ ޖެހުމުގައެވެ. ބަލިހާލުގައި އޮވެވެސް އަރްސަންގެ ފަސާދަވެފައިވާ ވިސްނުން އޭނަ ލައްވާ ކުރުވަމުން ދިޔައީ ބޮޑެތި ފާފަތަކެވެ. އަރައިގަނެވެމުން ދިޔައީ ހަރާމް ކަންތައްތަކަށެވެ. ފޯނުން ބެލެނީ ހުއްދަނޫން ވީޑިއޯތަކެވެ. ނޫނީ ކޮންމެވެސް ގޭމެކެވެ. ގޭމް އޮފް ތްރޯންސްކަހަލަ ސީރީޒްއެކެވެ. އޭނަދެކެ އެންމެ ލޯބިވާ ފަަރާތްތައް އޭނަ އެ އަނދިރިގަނޑުގެ ތެރެއިން އަލިކަމަށް ގެންނާކަށް މަސައްކަތެއް ނުކުރެއެވެ. ވިހޭ މައިމީހާއަށްވެސް އަރްސަންގެ އެ ފާފަތައް ކުރާކަން އެނގިހުރެ ހުއްޓުވަން އެންމެ ލަފުޒެއްވެސް ބުނީއެއް ނޫނެވެ.

މަހުދީއާއި އަރްސަންއަށް ނޭގުނީ ހިދާޔަތު ލިބުމަށްފަހު މާތްﷲއާއި ރަސޫލާ ސައްލަﷲއަލައިހި ވަސައްލަމްއަށް ކިޔަމަންތެރިވެ ރަގަޅަށް އުޅޭ މޫމިނުންގެ ހިތަށް ލިބޭ ރޫހާނީ އުފާވެރިކަމާއި ހިތްހަމަޖެހުން ރަލާއި މިއުޒިކް އަދި އަންހެނުންނާއި އަޅާ ނުކިޔޭނެކަމެވެ. ހަމައެކަނި ކުޑަ ދުވަސްކޮޅެއްގެ އުފަލަކަށްޓަކާ ދުނިޔެއަށް ފޮނުއްވި ހަގީގީ މަގުސަދު ހަދާންނައްތާލައިގެން ނުވާނެކަމެވެ.

***

އަރްސަން އައިސީޔޫގައި އޮތް ޚަބަރުން މިންކާގެ ހިތް ނުހުއްޓުނީވެސް ހަމަ ކިރިޔާއެވެ. އޭނަ އެންމެ ބޮޑަށް ދެރަވީ އަރްސަން ގެނބުނު ގަޑިއާއި އޭނަ އަޔާޒްއާއި އަދާގެ ފޮޓޯއެއް ވައިބާ ކުރި ގަޑިއާއި ދިމާވިކަމެވެ. މީސްމީޑިއާގައި ރައީސްގެ ދަރިފުޅަށް އަވަސް ޝިފާއަކަށް އެދި އެތައް ހާސްބަޔަކު ދުޢާކުރިއެވެ. މިންކާ އެނދުގައި ތެދުވާ ހިތް ނުވެފައި އޮތްއިރު އެތައް ޓިޝޫއެއް ތެމިއްޖެއެވެ.

"އަލިޔާ ބުނާނެ ނަމާދުކުރީމަ ސްޓްރެސް ފިލާނެޔޭ .އެއީ ވަރަށް ބޮޑު ތެދެއް. އެކަމަކު ނަމާދު ޗުއްޓީ ދުވަސްވީމަ ކިހިނެއް މިހިތާމަތައް ނިމުމަކަށް ގެންނާނީ؟ އަރްސަން އަދިވެސް އަދާއާއި ހެދި މޮޔަވާވަރު އެ ސާބިތުކޮށްދިނީ. އަމިއްލައަށް މަރުވާން އުޅުނީކަން އެފޮޓޯގެ ސަބަބުންކަން އެނގޭނީ މަށަށް އެކަނި. އަރްސަންއަށް ބޭވަފާތެރިވީމަވެސް އެހާވަރުން އެބައުޅޭ...." މިންކާ ބާލީހުގައި މޫނު ޖައްސާ ބާރުކޮށްލައިގެން އޮތެވެ.

"އަދާ އެހެން މީހަކާއި އިންނަން އުޅޭކަން އެނގުނީމަވެސް އަރްސަން ފޫއްސެއްނުވި. ފުރާނަވެސް ގުރުބާން ކޮށްލަން ތައްޔާރަށް އެހެރީ...އާހް..އޭނަ އަހަރެން ދެކެ ލޯތްބެއް ނުވޭ. މިވަރަށް އާދޭސްކުރާއިރުވެސް. ކޮންކަހަލަ ހިލަ ހިތެއްގެ ވެރިއެއް. އަހަރެން އެހާ ހުތުރީތަ................." މިންކާ ދަތްތައް ކާރުވައިގަތެވެ. ދެލޯ މަރާ ބާރުކޮށްލައިގެން އޮތްއިރު ހުރިހާ ބާރެއްލެވެމުން ދިޔައީ އަތުތެރޭ އޮތް ކުޝަންއަށެވެ. އެ ހިތާމައިގާ ޣަރަގުވެ ވަގުތުވޭތުވެގެން ދާގޮތް ނޭގިފައި އޮތްވާ އާލިޔާ ގުޅިއެެވެ. އިފްތާރަށް އެގެއަށް ދައުވަތުދީފައެވެ.

"ނަމާދު ޗުއްޓީ...." މިންކާ މެސެޖެއްކޮށްލިއެވެ.

"އެކަމަކު އަހަރެމެންނާއި ބައިވެރިވާންވާނެ..." އަދާވެސް ގްރޫޕް ޗެޓްގައި ވާހަކަދެއްކިއެވެ. އަދާ ޓައިޕްކުރާތަން ފެނިފައި މިންކާގެ ރުޅި ވަކިން ގަދަވިއެވެ. އަރްސަންއާއި ދުރަށްގޮސްފައި ވެސް އަދިވެސް އަރްސަންގެ ހިތުން އެރިގަންނާކަށް މި އަދާގަނޑު ނޫޅެއެވެ.

"އޯކޭ. ހަމަ އިފްތާރު ގަޑި ނުޖެހިފައި ކައުންޓިން..." މިންކާ ތުން އޫކޮށްލައިގެން އިނދެވެސް ވައިބާގައި ވާހަކަދެއްކީ ނިކަން ފޯރި ހިފާފައެވެ.

"އަސްލުވެސް އަހަރެން މިއީ ދެފުށްކެހެރިއެއް ދޯ. އެކުވެރިންނާއި ދޭތެރޭ ދެކޭގޮތް ބަދަލުކުރަން އެބަޖެހޭ..." މިންކާ އެކުވެރިންނާއި ރީތިކޮށް ވާހަކަދައްކާފައި އަމިއްލަ ނަފުސަށް ބުނެލިއެވެ. ހަސަދައާއި ރުޅިވެރިކަމުން ހިތް ކަޅުކޮށްލައިގެން ހުރެ އެކުވެރިންނަށް ހިތްހެޔޮކަން ދައްކައިގެން ހުރުމަކީ ރީތިސިފައެއް ނޫނެވެ.

"ސޭމް އައިމް ސޮރީ..." މިންކާ އެނދުގެ ހުރަހަށް ބަންޑުން ވެއްޓިގެން އޮވެފައި މެސެޖެއްކޮށްލިއެވެ. އަރްސަން ހޮސްޕިޓަލުގެ އައިސީޔޫއާއި ހަމަޔަށް ފޮނުވައިލީ އޭނަގެ ފޮޓޯއެވެ.

އިފްތާރުގަޑީގައި އާލިއާމެން ގޭގައި ކަން އޮންނާނެގޮތް މިންކާއަށް މިހާރު އެނގެއެވެ. އާލިއާގެ ދީންވެރިކަން އޭނަގެ ދިރިއުޅުމުގެ ކޮންމެ އަމަލަކުން ކޮންމެ އާދައަކުން ދައްކުވާދެއެވެ. އިފްތާރު ގަޑީގައި ދުޢާކުރުމާއި ސީރިޔާ ޔަމަން ތަންތާ ކުދިންގެ ވާހަކަދައްކާފައި މާތްﷲ ދެއްވި ރަހުމަތަށް ހަމްދުކުރަން އާލިޔާ ހަދާންކޮށްދޭނެއެވެ. ބައެއް ކުދިން ރަމަޟާންމަހުވެސް ނުކައި ނުބޮއި ތިބޭއިރު އެމީހުންގެ ތަށިތައް މިހުންނަނީ ފުރިފައެވެ. ރޯދަމަހު އެތައް ބާވަތެއް ތައްޔާރުކޮށް އިސްރާފުކުރުމަކީވެސް އަހަރެމެން ބައެއް މީހުން ކުރާކަމެއްކަން ބުނެދޭނެއެވެ. އެއީ ތެދެކެވެ. އޭނަގެ ގޭ އިފްތާރާއި ތަރާވީސް ދަން ގަޑީގައި މޭޒުމަތި ހުންނަނީ ބަރާވެފައެވެ. ޕާޓީއަކަށްޓަކާ ތައްޔާރުކޮށްފައި ހެންނެވެ. އޭނަގެ ދޮންމަންމަ ނޫނީ ބައްޕަގެ އެކުވެރިން ތަރާވީސް ދަމަށް ނާންނަ ރެއެއް މަދުވާނެއެވެ.

***

އަދާގެ މައިންބަފައިން ހިތްހަމަނުޖެހިފައި ދުވަސްކޮޅެއް ވިޔަސް ދަރިފުޅުދެކެ ވާ ލޯބިން މާފުކޮށް އަނބުރާ އަންނަން އެދުނީއެވެ. އޭރުވެސް ދިޔާނާ މަސައްކަތްކުރަމުން ދިޔައީ އަރްސަންއާއި އަދާ ގުޅުވުމަށެވެ. އޭނަ އަދާގެ ގާތުން ވަކިވީ ސަބަބު އޮޅުން ފިލުވާނެއެވެ.

"ދަރިފުޅާ. އަރްސަން ދެކެލާކަށް ނުދާނަންތަ؟ އޭނަ އައިސީޔޫގައި..." ދިޔާނާ މޭކަޕްކޮށް ރީތިވެލައިގެން ހުރިއިރު އަދާގެ މަންމައަށްވުރެ ދައްތައެއްހާ ޒުވާންވެފައި ނަލައެވެ. ފެޝަންކަމުގެ އިންތިހާއެވެ. އިސްތަށިގަނޑުގައި ބާގަންޑީކުލަ ޖައްސާ ލުއިކޮށް މޭކަޕްކޮށްލާފައި ހުރިއިރު އަގުބޮޑު ސެންޓެއްގެ ވަސް މުޅި ހިސާބުގައި ހިފާލާފައެވެ.

"ނޫން މަންމާ." އަދާ ދިނީ ކުރު ޖަވާބެކެވެ.

"އަދާ. މަންމަ ގާތު ބުނެބަލަ. ކިިހިނެއްވީ؟"އޭނަ ދަނޑިވަޅު ބަލާފައި ސުވާލުކުރިއެވެ.

"ދީނީ ޚިޔާލު ތަފާތުވުން. އަރްސަންގެ ދީނާއި ދުރުކަމުން އެއްކޮށް ނޫޅެވޭނެ." އަދާ ބުނެލިއެވެ.

ދިޔާނާ އެވަގުތު ދަރިފުޅަށް ބާރު އަޅާ އެ މައުޟޫއާއިގެން ކުރިއަށްދާކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް އާލިއާއާއި އެކުވެރިވީފަހުން ސިކުނޑި ދޮވެލާފައިވާކަން ޔަގީންކުރެވިއްޖެއެވެ. އޭނަ އަދާ އަނބުރާ ހަގީގީ ދުނިޔެއަށް ގެންނާނެއެވެ. އަޅާނުލާ ހިތުހުރިގޮތަކަށް އުޅެން ދޫކޮށްފިއްޔާ ހައްދުފަހަނަޅާ ދާގޮތަށް ދެން ފެންނާނީ މޫނު އެޅިތަނެވެ. އެއާއި ވިދިގެން ޖިހާދުކުރަން ސީރިޔާގައި ހުރި ޚަބަރެވެ. އޭނަގެ ދަރިފުޅު އަބަދަށްޓަކާ ގެއްލިގެން ހިގައިދާނެއެވެ. ދިޔާނާގެ ހިތަށް ބުނަން ނޭގޭފަދަ ބިރުވެރިކަމެއް ވަނެވެ.

***

ތިންއޮށް ކަދުރުން ރޯދަވީއްލުމަށްފަހު އާލިއާއާއި އަދާ ދުޢާކުރަން އަތް އުފުލައިލިއެވެ. އެއަށްފަހު މަޣުރިބު ނަމާދުކޮށްލިއެވެ. މިންކާއިނީ މާމަ ގާތުގައެވެ. މާމަގެ ބުދަށް "އިއާން" ކިޔާ ނަންދީގެން އެ ދައްކާ މަޖާވާހަކަ އަޑުއަހަން އިނުމުން މިންކާ ފޫހިފިލާގޮތްވެއެވެ. އޭނަ އެބުދު އަލަމާރިތެރޭ ފޮރުވާފައި އޮތްވާ ނަގައިގެން ގެންގުޅެން ފެށުމުން އެއީ އޭނަ ދިން އެއްޗެއްކަން އެކަކަށްވެސް ނޭގުނުކަން ނަސީބެކެވެ. އާލިޔާވެސް އޭނަ ގާތުން ނޭހިއެވެ. ނަމާދުކޮށްގެން އައުމަށްފަހު އާލިޔާ އެކޮޓަރިތެރޭ ސުފުރާ ތައްޔާރުކޮށްލައިފިއެވެ. މާ ގިނަ ސާމާނެއްނެތެވެ. އަނބު ޖޫހާއި ޕައިއަކާއި ޗީޒްކޭކެވެ. ތަރާވީހަށްފަހު ނުވައެއް ޖެހުމުން ރޮށްޓާއި ތަރުކާރީ ސެލެޑް އަދި މޭވާއެވެ. ސެހްރީގައި ލުއިކޮށް ކޮންމެވެސް އެއްޗެއް ކާލަނީއެވެ. މިންކާއާއި އަދާ އެކުދިން ގޭގައި ރަމަޟާންމަހު އިސްރާފުކުރާވަރު ބުނެދިނެވެ. ކެއުމަށްފެށީ އާލިޔާ ބިސްމި ކިޔާފައެވެ. ކެއުމުގައި ބަރަކާތް ލެއްވުމަށް ދުޢާކުރިއެވެ.

"ގިނަގޭގޭގައި ރޯދަވީއްލާ ވަގުތުވެސް އަންހެންވެރިންނަކަށް އާލިއަ ތިހަދާހެން ދުޢާކުރާނެ ވަގުތެއްވެސް ނޯވޭ. ގިނަފަހަރު އަވަދިނެތިކަމުން ރޯދަވީއްލުން ލަސްވެ ރޯދަ މަކުރޫހަވާ ހިސާބުގައި. އާލިއާ ތިބުނަނީނު ރޯދަވީއްލާއިރު ކުރާ ދުޢާ އިޖާބަވާނެއޭ. ދެން އެ ގަޑީގައި ދުޢާ ކުރަން ފަށަންވީ. ނަމާދުކޮށްގެން ދުޢާކުރަނިކޮށް ޔަގީނުންވެސް އެއް ދުޢާ އިޖާބަވި. އެއީ ހަމަ އަޖައިބެއް.." މިންކާ ހީލިއެވެ.

"އެއި ކޮން ދުއާއެއްތަ؟ " އަަދާ އެހިއެވެ.

"އަރްސަންއާއި އަދާ ވަކިވުމޭ ބުނެފިއްޔާ ހަހަ.." މިންކާ ހިތާހިތުން ކިޔައިލިއިރު ތުންފަތަށް ނުލަފާހިންޏެއް ވެރިވެއްޖެއެވެ. އޭނަގެ ހިތް އަދާއަށް އެނގޭނެނަމައެވެ. އޭނަ ދުޢާކުރިވަރު އެނގޭނެނަމައެވެ. އޭނަ އަރްސަންއަށް ދުވާލު ހާސްފަހަރު މެސެޖް ކުރާކަން އެނގޭނެނަމައެވެ. އެކަންތައް ފަޅާ އަރައިފިއްޔާ އަދާ ދުވަހަކު އޭނައަށް ހިތް ހެވެއްނުކުރާނެއެވެ.

"ސިއްރެއް.." މިންކާ ހީލިއެވެ.

"ހާދަ ގޯހޭ. ރުޅި......" އަދާ އިނީ މަޖާވެފައެވެ.

"ހޫމް އަދާ ހަމަ ރުޅި އަންނަން ހައްގު" މިންކާ ބާރު ހިނިގަނޑެއް ޖަހައިލިއެވެ.

"ކޮބާ ވާހަކަ މިހާރު. ރޯދަމަހު ރޮމެންޓިކްކޮށް ނުލިޔައްޗޭ." އަދާ ބުނެލިއެވެ.

"އެކަނި ރޯދަމަހަކު ނޫން. މުޖުތަމައަށް ފައިދާ ހުރި ނޫނީ ދީނީ ހޭލުންތެރިކަން އިތުރުކުރަން ނޫނީ ހަގީގީ ވާހަކަ ލިޔުން އޯކޭ ވެދާނެ. ނަމަވެސް އިޝްގީ ވާހަކަތައް ކިޔައިގެން ޅަ ސިކުނޑިތަކަށް ނުބައި އަސަރުތަކެއްކޮށްފާނެ. އަދި މުޅިންވެސް ދޮގުތަކެއް ދޯ މިހެދެނީ. ގިޔަމަތްދުވަހުން އެމީހާ ކުރާ ކޮންމެ ކަމަކާއިމެދު ސުވާލުކުރެވޭނެ. ބޭކާރުކޮށް ވަގުތު ނަގާނުލަން ގުރުއާނުގައިވެސް އަންގަވާފައިވޭ....." އާލިޔާ ބުނެލިއެވެ.

"އަަހަރެމެންގެ ޝޭޚާގެ ސަބަބުން ދީނީ ކަންތައް އޮޅުން އެބަ ފިލާ..." މިންކާ ހިނިތުންވެލިއެވެ.

"އެމީހަކަށް އެނގޭވަރަކުން ނަސޭހަތްތެރިވެ ނަސޭހަތް އަޑުއެހުން ހެޔޮކަންތައްތަކުގެ ތެރޭ ހިމެނޭ. އެމީހަކު ޖަންނަތަށް ދާން މަސައްކަތްކުރާއިރު އެހެން މުސްލިމުންވެސް ގެންދަން ބޭނުންވަނެ. އަދި ޚާއްސަކޮށް އާއިލާއާ އެކުވެރިންނަށް ދޯ...." އާލިޔާ ހިނިތުންވެލިއެވެ. އަދި މާމަގެ ތުނބުގައި ޖޫސްތަށި ޖައްސާދިނެވެ. މާމަވެސް ދޭތެރެއަކުން އިއާންއަށް ކާންނުދޭ ވާހަކަދައްކާނެއެވެ. ހިރާއެއްގެ މަތިން ހަދާންކުރާނެއެވެ. އިއާންއާއި ހިރާއަކީ ކޮންބަޔެއް ހެއްޔެވެ؟

އަޔާޒް ތަރާވީހުން ނިމިގެން އައުމަށްފަހު ކައިގެން މާމަގެ ކޮޓަރިއަށް އައުމުން އާލިޔާއާއި އަދާ އިޝާ އަދި ތަރާވީސް ނަމާދުކުރަން އުޅެގަތެވެ.

***

މިންކާ ނިކަން ސިއްރުތައް ހޯދާ ހިތްވާނެއެވެ. ސިއްރުން އާލިޔާގެ އަލަމާރީގެ ތަޅުދަނޑި ނަގައިގެން ލިބުނު ދަނޑިވަޅުގައި އަލަމާރި ހުޅުވާލައިފިއެވެ. ފޮތްތަކާ ސިޓީތައް އަދި ކާޑުތައްވެސް ހުއްޓެވެ. މިންކާގެ ލޮލުގައި އަޅައިގަތީ ފޮތެއްގެ ދޭތެރެއިން ބޭރަށް ނުކުމެފަައި އޮތް ފޮޓޯއެކެވެ. އެފޮޓޯގަނޑު ބަލައިލުމާއެކު ދެލޯ ބޮޑުވެ އަނގަ ހުޅުވިއްޖެއެވެ. އެތައް ސުވާލުތަކެއް ސިކުނޑިއަށް އަރާ ފޭބިއެވެ.

***

ސްކައިޕެލެސްގެ އިފްތާރު މުޅިން ތަފާތެވެ. އެ ބޮޑު މޭޒުމަތި ފުރާލާފައިވަނީ އާއިލާގެ ކޮންމެ މެމްބަރަކަށް އެންމެ ކަމުދާ ކާއެއްޗެހިންނެވެ. ޖޫހާއި މިލްކްޝޭކާއި ސްމޫތީސްފަދަ ބުއިންތަކުން ފެށިގެން ތަފާތު ބާވަތްބާވަތުގެ ކާއެއްޗިއްސެވެ. ރޯދަ ވީއްލާގަޑިއަށް އެންމެން މޭޒުދޮށަށް ޖަމާވިއެވެ. ކާކޮޓަރީގެ ވަށައިގެންވާ ސަމޭދާންތަކުގައި ހުރި އުއްބައްތިތައް ނަށައިލާއިރު ތަނަށް ވެރިވެފައިވާ އޮރެންޖް އަލި އެންމެންގެ މޫނުތަކަށް އެޅި ވަކިން ހިތްގައިމުކޮށް ދައްކައެވެ. ބަންގީގެ އަޑަށް އިންތިޒާރުގައި ތިއްބާ އަރްސަންވެސް އެތަނަށް އައެވެ. އެންމެންގެ ސަމާލުކަން އޭނައަށް ހުއްޓުނެވެ. ބަލިވީފަހުން ކުރިއަށްވުރެ އޭނަދެކެ އެންމެން ލޯބިވެ އަޅާލާފަދައެވެ. އެންމެން އޭނައަށް ގޮވައިލިއެވެ. އެކި ނަންނަމުންނެވެ. އަރްސަން ކުޑަކޮށް ކެއްސައިލިއެވެ. އޭނަ އައީ ކޮފީ ބޮމުންނެވެ.

"ސްޓިލް ރޯދަ ހިފޭވަރެއް ނުވޭތަ " ރާހިލް އަހައިލީ ބުމަ އަރުވައިލަމުންނެވެ.

"ކުކީ. ތިއްތި ކިހާ ގަދަޔަށް ބަލިވީ. ބަލިމީހުން ރޯދަހިފާކަށް ނުޖެހޭނެ.." ސުކައިނާއަށް ރޯދައިގެ ހުކުމް އެނގުނަސް އެގޭކަމަކަށް ނެހެދިއެވެ.

"ތިއްތި މުޅިން ފަނިކޮށްލައިފި. ކޮފީގެ ވަސްޖެހުނީމަ ދެނެއް ކެތެއް ނުކުރެވޭނެ. އެހެންނޫނަސް ހާދަ ގިނައިރެއް ވެއްޖެއޭ. ބަންގިދޭ މީހާ ރޯދަވީއްލާ ހަދައިގެން އޭނަ މިސްކިތަށް އަރާނީ...." މާޒިން ޕީޗްކޮޅެއް އަނގަޔަށް ލިއެވެ.

"ޒިން ކުޑަކޮށް ކެތްކޮށްބަލަ. އިރުކޮޅަކަށް ހުއްޓަސް ބަނޑަށް މަރެއްނުވާނެ........" ޖިބްރީލް މާޒިންގެ ބޮލުގައި މަޑުމަޑުން ޖެހިއެވެ. ރޯދަ ވީއްލަން ދުޢާކުރުމެއް ބިސްމީގެ ބަރަކާތުން ކެއުމެއް ނޫނީ ސުފުރާމަތީގައި ދެއްވި ރިޒުގަށް ހަމްދުކުރުންފަދަ އެއްވެސް ކަމެއް އެތާކުން ނުފެނުނެވެ. އުފާވެރި ސަމާސާ މާހައުލެކެވެ.

ރާހިލް ވާހަކަދައްކަން މަސައްކަތް ކުރިޔަސް އަރްސަން އަދިވެސް އަނގައިން ބުނަން އިންކާރުކުރެއެވެ. މިފަހަރުވެސް ހޫނު ކޮފީތަށި މޫނަށް ޖަހަންވީހެއްޔޭ އަހަން އުޅެފައިވެސް އަރްސަން ހުއްޓުން އެރިއެވެ. ކޮއްކޮދެކެ ރުޅިއަންނަކަމަށް ހެދިގެން ހުއްޓަސް ހިތުގައިވަނީ ފުން ލޯތްބެވެ. އެދުވަހު ޖެހުނީތީ މާފަށް އެދެންވެސް ބޭނުންވިއެވެ.

ކައިގެން އަރްސަން ޓެރެސްއަށް ގޮސް ސޯފާއަށް ވެއްޓިގަތެވެ. ޚިޔާލެއްގެ ތެރޭ އޮވެ ސިގްރެޓަކަށްފަހު ސިގްރެޓެއް އަޅިކެނޑިއަށްލާން އިނެވެ. ޖިބްރީލްއަށް އެ މަންޒަރު ފެނި ހިތަށް އަސަރުކުރިއެވެ.

"ސޭމް އަދިވެސް ހިތާމައިގާ...މޫވް އޮން ކުރާކަށް ނުވޭތަ؟ "

"އައި ކުޑްންޓް. ދޮންބެކަމެއް ކޮށްދީފާނަންތަ؟ ދޮންބެގެ އެކުވެރިއެއްނު ޑޮކްޓަރ އަޔާޒަކީ. އޭނަ ގާތު ބުނެދީބަލަ އެކަން ހުއްޓާލާށޭ. ނޫނީ މަށަށް ގޯހެއް ހެދިދާނެ.." އަރްސަންގެ ހިތުގެ އިހުސާސްތައް ކޮންމެވެސް ވަރަކަށް ބުނެދިނެވެ.

"އޭނައާއި ކޮންކަމެއްތަ؟ "

"އަޔާޒްއާއި އަދާ...... ރައްޓެހިވެެގެން އުޅެނީ...." އަރްސަން އަށް އެވާހަކަ ދައްކަން އުދަގޫވިއެވެ.

"ސީރިޔަސްކޮށްތަ؟ "ޖިބްރީލް ހައިރާންވިއެވެ.

"އަހަންނަށްވެސް ފެނުނީމަ އެނގުނީ..." އަރްސަން ބުނެލިއެވެ.

"އެކަމަކު އަޔާ ވަރަށް އެހެން ކަހަލަ ވާނެ. ހޮސްޕިޓަލް ބައެއް ސްޓާފުން އޭނައާއި ހެދި އުޅޭ އެކަމަކު ބަލާވެސް ނުލާނެ. އޭނައަކީ ތިބުނާކަހަލަ މީހެއްނޫން ސޭމް. އެހާ އަޅުވެރިކޮށް އުޅެމުން މީހަކާ ރައްޓެހިވުން.....އަންބިލީވަބްލް..." ޖިބްރީލް އަރްސަން ގާތު އިށީނެވެ.

"ބައެއްފަހަރު ހީނުކުރާގޮތަށް ކަންތައްވާނީ. އަދާ ތަަފާތު. ސެއިންޓަކަށްވެސް އޭނަ ފެނުނީމަ ބަލާ ނުލާ ނުހުރެވޭނެ............" އަރްސަން ކޮފީތަށި ތުނބުގައި ޖެހިއެވެ.

"އަހަންނަށް ކެތެއް ނުކުރެވޭނެ. ހިތް ހަލާކުވާވަރުވޭ. ހީކުރީ އެހިތާމައިން އަރާގަނެވޭނެކަމަށް. އެކަމަކު......މަގޭ މި ނުކިޔަމަންތެރި ހިތް. ކޮންޓްރޯލެއް ނުކުރެވުނު.....އައިމް ޑެމޭޖްޑް. މިއަށްވުރެ މަރުވުން މާރަގަޅު.........................." އަރްސަން މާބްލް މޭޒުމަތީ އުޅަބޮށި ޖެއްސިގޮތަށް މޫނު ދެއަތުން ފޮރުވިއެވެ. އޭނަ ރޮނީކަން އެނގި ޖިބްރީލްވެސް ފެންކަޅިވިއެވެ. އަރްސަންފަދަ ހިތްވަރުގަދަ ޒުވާނަކު މިގޮތަށް ކަރުނަ އަޅާ ރޯނީ ކިހާވަރެއްވީމަކަން އެނގުނެވެ. ހަމްދަރުދީއާއި ރަހުމް ހިތަށްވަދެ އަރްސަން ގައިގާ ބައްދާލެވުނުގޮތަށް އަރްސަންގެ ކަރުނަތަކުން ޖިބްރީލްގެ ޓީޝާޓު ތެމުނެވެ.

ނުނިމޭ