މާލެ ސަރަހައްދުގައި ކޮވިޑް19 ފެތުރިފައިވާ މިންވަރު ދެނެގަތުމަށްޓަކައި ކުރިއަށް ގެންދާ ރެންޑަމް ސާމްޕްލިންގ ގެ ތެރެއިން މިހާތަނަށް އެކަކު ޕޮޒިޓިވްވެފައިވާ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

މާލެއާއި ވިލިމާލޭގެ އިތުރުން ހުޅުމާލެއިން ރެންޑަމް ސާމްލަތަކެއް ނެގުމުގެ މަސައްކަތް ފަށާފައިވާކަން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރީ މި ހަފްތާގެ ތެރޭގައެވެ.

މިރޭ އެންއީއޯސީގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ ރެންޑަމް ސާމްޕްލިންގެ ތެރެއިން އެކަކު މިހާތަނަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެހެން ނަމަވެސް ކުރިއަށް އޮތް ތަނުގައި އެ ނަމްބަރު އިތުރުވުމުގެ ފުރުސަތު އޮތްކަން ވެސް ޑޮކްޓަރު ފާހަގަކުރެއްވިއެވެ.

"ރެންޑަމް ސާމްޕްލިންގ އިން އަދި އެންމެ ބޭފުޅަކު ވަނީ ޕޮޒިޓިވްވެފަ. އެހެން ނަމަވެސް އެއީ ވަރަށް ފުޅާކޮށް ކުރެވޭ ކަމަކަށް ވާތީ އަޅުގަނޑުމެން އެކްސްޕެކްޓް ކުރަން އިތުރު ފޯކަސްތައް އޭގެ ތެރެއިން ފެނިގެން ދިއުން،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ރެންޑަމް ސާމްޕަލްތަކެއް ނެގުމުގެ ބޭނުމަކީ ބަލި ފެތުރިފައިވާ މިންވަރު ބެލުމުގެ އިތުރުން ނުހޯދި ހުރި ކްލަސްޓާތަކާއި ސަރަހައްދުތައް ދެނެގަތުން ކަމަށް ޑޮކްޓަރު ވަނީ ވިދާޅުވެފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 277 އަށް އަރައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 125 ދިވެހިންނާއި 152 ބިދޭސީންނެވެ.

ރާއްޖެއިން މި ވައިރަސް ޖެހިގެން މިހާތަނަށް ރަނގަޅުވީ، 17 މީހެކެވެ. އެއީ 13 ބިދޭސީން އަދި ހަތަރު ދިވެހިންނެވެ.

އެޗްޕީއޭ އިން މިއަދު ވަނީ މާލެ ސަރަހައްދަށް އިއުލާންކޮށްފައިިވާ ލޮކްޑައިންގެ މުއްދަތު އަންނަ މަހުގެ 14 ވަނަ ދުވަހަށް އިތުރުކޮށްފަ އެވެ.