21 Dec 2011, 13:48
އުނިކުރި ސިވިލްސާވަންޓްގެ މުސާރަ އާއި މޯލްޑިވްސް ބްރޮޑްކާސްޓިން ކޯޕަރޭޝަން(އެމްބީސީ)ގެ ބަޖެޓް ސަޕްލިމަންޓްރީ ބަޖެޓެއްގައި ހިމަނައި އަންނަ އަހަރުގެ ބަޖެޓު ފާސްކުރުމަށް ރައްޔިތުން މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމެޓީން ނިންމައިފި އެވެ.
ބަޖެޓް ކޮމެޓީގެ މުގައްރިރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ސޮއި ކުރައްވައި މެންބަރުންނަށް ފޮނުއްވި، ކޮމެޓީގެ ބަޖެޓު ދިރާސާ ރިޕޯޓުގައި ބުނަނީ ސަރުކާރުން މިހާރު އިސްތިއުނާފަށް ހުށަހަޅާފައިވާ މައްސަލަ ނިމޭ ގޮތަކުން ކުރީގެ ޓެލެވިޒަން މޯލްޑިވްސް އާއި ދިވެހި ރާއްޖޭގެ އަޑު ހިންގުމަށް އެމްބީސީ އަށް ހަވާލުވާން ޖެހިއްޖެ ނަމަ އެމްބީސީ ހިންގުމަށް ބޭނުންވާ ފައިސާ ސަޕްލިމަންޓްރީ ބަޖެޓެއްގެ ގޮތުގައި ހިމަނައި އިސްތިއުނާފު މަރުހަލާ ނިމޭތާ 30 ދުވަހުގެ ތެރޭގައި އެ ފައިސާ ލިބޭނެ ގޮތް ހަމަޖެއްސުމަށް ހުށަހަޅާ ކަމަށެވެ.
"... މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަނަށް ހުށަހަޅުއްވާފައިވާ އަދަދަކީ އެ ކޯޕަރޭޝަންގެ ގާނޫނުގައިވާ ގޮތުގެ މަތިން އެ ކޯޕަރޭޝަނަށް ދިނުމަށް ކޮމެޓީ އަށް ފެންނަ އަދަދެކެވެ،" 32 ސޮފްހާގެ ރިޕޯޓުގައިވެ އެވެ.
ފިނޭންސުން މަޖިލީހަށް ބަޖެޓް ފޮނުވި އިރު އެމްބީސީން އެ މިނިސްޓްރީ އަށް ފޮނުވި 145.2 މިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ނުހިމަނަ އެވެ.
ސަން އަށް ކޮޕީލިބިފައިވާ އެ ރިޕޯޓުގައި އުނިކުރި ސިވިލްސާވެންޓުންގެ މުސާރައިގެ މައްސަލައިގައި ވެސް ކޮމެޓީން ނިންމާފައި ވަނީ އެ ފައިސާއަކީ ދޭން ޖެހޭ ފައިސާއެއް ކަމަށް ކޯޓުން ހުކުމް ކޮށްފި ނަމަ އެ ހުކުމެއް ކުރާތާ 30 ދުވަހުގެ ތެރޭގައި އެ ސަޕްލިމަންޓްރީ ބަޖެޓެއްގައި އެ ފައިސާ ހިމަނައި ފާސްކުރުމަށެވެ.
މުވައްޒަފުންގެ މުސާރަ އިޔާދަ ކުރުމަށް ސިވިލްސާވިސް ކޮމިޝަނުން ބަޖެޓްގައި ހިމެނުމަށް ހުށަހެޅީ443.7 މިލިއަން ރުފިޔާ އެވެ.
މަސްވެރިންނަށް ސަބްސިޑީ ދިނުމަށް ހައުސިން މިނިސްޓްރީގެ ބަޖެޓުން 100 މިލިއަން ރުފިޔާ އުނިކޮށް އެ ފައިސާ މަސްވެރިންނަށް ސަބްސިޑީދިނުމަށް ބަޖެޓްކުރުމަށް ވެސް ކޮމެޓީން ނިންމި އެވެ.
މަޖިލީހުގެ 22 މެންބަރުން ހިމެނޭ އެ ކޮމެޓިން ބަޖެޓް ދިރާސާކުރުމަށް ފަހު ފިނޭންސުން ހުށަހަޅާފައިވާ ބަޖެޓުން 12 މުއައްސަސާއެއްގެ ބަޖެޓް އިތުރުކުރުމަށް ވަނީ ނިންމާފަ އެވެ.
އެއީ ރައްޔިތުންގެ މަޖިލީހާއި ޖުޑީޝިއަލް ސާވިސަސް ކޮމިޝަނާއި ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަންއާއި ސިވިލްސާވިސް ކޮމިޝަން، ޓެކްސް އެޕީލް ޓްރައިބިޔުނަލް، އެންޑި ކޮރޕްޝަން ކޮމިޝަން ، އެމްބީސީ، އެމްޕްލައިމަންޓް ޓްރައިބިޔުނަލް، ޕްރޮސިކިއުޓާ ޖެނެރަލް، މީރާ، ޔުނިވާސިޓީ އަދި ލޯކަލް ގަވާރުމެންޓް އޮތޯރިޓީ އެވެ.
އެގޮތުން ޕްރީ ސްކޫލްތަކަށާއި އަދި ހެލުތަށް ހުށަހަޅާފައިވާ ފައިސާ ކައުންސިލްތަކަށް އިތުރު ކުރުމަށް ވެސް ކޮމެޓީން ނިންމި އެވެ. ހަމަ ކައުންސިލްތަކަށް ހިމަނާފައިވާ ތަރައްގީގެ ޕްރޮގްރާމްތަކަށް ބަލައި ވަކި އަދަދެއްގެ ފައިސާ ކަނޑައެޅުމަށް ވެސް ނިންމި އެވެ.
ކްލައިމެޓް ޗޭންޖް އެންޑް އެޑަޕްޓޭޝަން ޕްރޮގްރާމާއި ސޯޝިއޯ އިންވެސްޓް މަންޓް ޕްރޮގުރާމް އަދި ސީއެސްއާރު ބަޔަށް ބަނދަރާއި ނަރުދަމާ ފަދަ ތަރައްގީގެ 51 މަޝްރޫއެއް އިތުރުކުރި އެވެ.
ރައްޔިތުންގެ އިންޖީޏުގެތަކަށް ކެޕިޓަލް ސަބްސިޑީގެ ގޮތުގައި 15 މިލިއަން ރުފިޔާ ކަނޑައެޅި އެވެ. އަދި ކަރަންޓް ސަބްސިޑީ ތަފާތު ކުރުމެއް ނެތި ހަމަހަމަ އުސޫލަކުން ދިނުމަށް ބަޖެޓުގައި ހިމެނުމަށް ވެސް މެންބަރުން ފާސްކުރި އެވެ.
ކުނި ނައްތާލުމަށް އަމިއްލަ ފަރާތްތަކާ ހަވާލުކުރުމަށް އޮނިގަނޑެއް ތައްޔާރުކުރުމަށް ބަޖެޓުގައި ޖަހާފައިވާ 78222460ރ. އިން ވަކި ވަރެއް އުނިކުރުމައް ކޮމެޓީން ވަނީ ނިންމާފަ އެވެ.
އަދި އަންނަ އަހަރުން ފެށިގެން ޔުނިވާސަލް އިންޝުއަރެންސްގެ ހިދުމަތް ފެށޭތީ ޖެނުއަރީ އެކަކުން ފެށިގެން ސަރުކާރުން އެކި ފަރާތްތަކާ އެކު ކޮށްފައިވާ އިންޝުއަރެންސް އެގްރިމަންޓްތައް ހުއްޓާލުމަށާއި އަދި ކޮށްފައިވާ އެގްރިމެންޓްތައް އިތުރަށް އައު ނުކުރުމަށް ބަޖެޓުގައި ކޮމެޓީން ހިމެނި އެވެ.
ޖުމްލަ 20 ޖަލްސާއަކަށް ފަހު ބަޖެޓަށް ގެންނަން ނިންމި ބަދަލުތަކާ އެކު ކޮމެޓީން ނިންމާފައި ވަނީ އިސްލާހުތަކުގެ ސަބަބުން ބަޖެޓަށް އިތުރުވާ ހަރަދާ އެއްވަރަށް ފިނޭންސް މިނިސްޓްރީ އަށް ފެންނަ އައިޓަމްތަކަކުން އުނިކުރުމަށް ފަހު ބަޖެޓުގެ ޖުމްލަ ހަރަދާއި އަދި ޑެފިސިޓް އިތުރުނުވާނެ ގޮތަކަށް އަންނަ އަހަރުގެ ބަޖެޓް ފާސްކުރުމަށެވެ.
އަންނަ އަހަރުގެ ބަޖެޓުގެ މުޅި ޖުމްލަ 17.1 ބިލިއަން ރުފިޔާ އަށް އަރާއިރު ދައުލަތުގެ އާމްދަނީ 11.48 ބިލިޔަން ރުފިޔާ އަށް އަރަ އެވެ.
ބަޖެޓަށް ވޯޓަށް އެހުން މަޖިލީހުގައި އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ.