ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހެއްގެ ކޮންޓެކްޓަކަށްވި 83 އަހަރުގެ މީހަކު މަރުވެއްޖެ އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ ޕޮޒިޓިވް ކޭސް އަކާ ކޮންޓެކްޓު ވެގެން ސާމްޕަލް ނަގާފައިވާ އުމުރުން ދުވަސްވީ މީހަކު މިއަދު މަރުވެފައިވާ ކަމަށެވެ.

މަބުރޫކު ވިދާޅުވީ އޭނާ އަކީ ދިގު މުއްދަތަށް ބޭސްކުރަމުން ގޮސްފައިވާ މީހެއް ކަމަށާއި ކޮންޓެކްޓް ޓްްރޭސިންގެ ތެރެއިން ފާހަގަވެ، ސާމްޕަލް ނަގާފައިވާ މީހެއް ކަމަށެވެ.

"މިއި ކޮވިޑް ކޭހަކަށް ވެދާނެެތޯ، ނޫންތޯ ސާމްޕަލްގެ ނަތީޖާގެ ކަންތައްތަކާ ގުޅޭ އިތުރު ތަފްސީލު ދިނުމަށް ޓެގް ޓީމުގެ ފަރާތުން ބައްދަލު ކުރާނެ،" މަބްރޫކު ވިދާޅުވި އެވެ.

މީގެ އިތުރުން މަބްރޫކު ވިދާޅުވީ އިއްޔެ އާއި މިއަދު ގދ. ތިނަދޫ އިން މަރުވި އުމުރުން ދުވަސްވީ ދެމީހެއްގެ ސާމްޕަލް ވެސް ނަގާފައިވާ ކަމަށާއި އެކަމާ ގުޅޭ ތަފްސީލު ވެސް މާދަމާ ހާމަ ކުރައްވާނެ ކަމަށެވެ.

ގދ. ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އިއްޔެ މަރުވި މީހެއް ކޮވިޑަށް ޓެސްޓު ކުރުމަށް ވަނީ ސާމްޕަލް ނަގައިފަ އެވެ.

ރޭ މަބްރޫކު ވިދާޅުވީ އެމީހާ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ ސާރީ ކޭސް އެއް، ނުވަތަ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ އިންފެކްޝަނެއްގެ ގޮތުގައި ކަމަށެވެ.

އިއްޔެ މަރުވި މީހާ ވަޅުލާފައި ވަނީ ތަޔަމްމުމު ކުރުމަށް ފަހު އެވެ.

ކޮރޯނާވައިރަސް ޖެހިގެން މީހަކު މަރުވެއްޖެ ނަމަ، އެމީހެއްގެ ކަށުކަމާކެމީގެ ކަންކަން ކުރިއަށްގެންދާނެ ގޮތުގެ ގައިޑްލައިނެއް ދީނީ އިލްމުވެރިންނާއި ސިއްހީ މާހިރުން ގުޅިގެން މިހާރު ވަނީ އެކުލަވާލައިފަ އެވެ. ބަލި ޖެހިގެން މަރުވާ މީހުން ހިނެވުމުގައި ފެން ބޭނުން ނުކުރާނެ އެވެ. ބަދަލުގައި އެމީހުން ތަޔައްމުމު ކުރާނީ އެވެ.

ރާއްޖެ އިން މިހާތަނަށް 277 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފަ އެވެ.