ފަރުކޮޅު ފުށީގައި ތިބި ކޮވިޑްގެ ބަލި މީހުން ކުޑަ ބަނޑޮސް އައިސޮލޭޝަން ފެސލިޓީ އަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންއީއޯސީގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ ކޮވިޑް19 އަށް ޕޮސިޓިވްވެ ފަރުކޮޅުފުށީގައި ތިބި މީހުންގެ އިތުރަށް މާލެ ސަރަހައްދުން ބައްޔަށް ޕޮޒިޓިވްވާ މީހުން ދެން ގެންދާނީ ބަނޑޮސް ފެސިލިޓީ އަށް ކަމަށެވެ. އަދި ނަރުދޫން ޕޮޒިޓިވްވި މީހުން މިހާރު އަންނަނީ ދޮނަކުޅި ރިސޯޓަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް މަބުރޫކް ވިދާޅުވި އެވެ.

މަބްރޫކު ވިދާޅުވީ ފަރުކޮޅުފުށި ކަރަންޓީނު ފެސިލިޓީގައި ތިބި މީހުން ކުޑަ ބަނޑޮހަށް ބަދަލު ކުރަނީ އެ ފެސިލިޓީގައި ދިމާވި ފެންލީކު ވުމާއި ކަރަންޓުގެ މައްސަލަތަކުގެ ސަބަބުން ކަމަށެވެ.

ހަތެއް ޕޮއިންޓް ތިނެއް މިލިއަން ރުފިޔާ ހަރަދުކޮށްގެން ފަރުކޮޅު ފުށީގައި ގާއިމް ކުރި ކަރަންޓީނު ފެސިލިޓީގައި ތިިބި ބަލި މީހުން އަންނަނީ އެތަނުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެގޮތުން މީހުން ބައިތިއްބާފައި ތިބި ވޯޑަކުން ފެން ލީކުވެ ކަރަންޓު ކެނޑުމާ ގުޅިގެން، ހުރިހާ އެންމެން އެއްތަނަކަށް ބަދަލުކޮށްފައިވާއިރު، ފާހާނާ ބޭނުން ކުރުމަށް ދުރަށް ހިނގާފައި ދާން ޖެހޭކަމުގެ ޝަކުވާ ވަވީ ފެންމަތިވެފަ އެވެ.

މަބްރޫކު ވިދާޅުވީ މީގެ ފަހުން މާލެ ސަރަހައްދުން ފެންނަ ޕޮޒިޓިވް ކޭސްތައް ގެންދާނީ ބަނޑޮހަށް ކަމަށެވެ.

ނަމަވެސް ފަރުކޮޅު ފެސިލިޓީ އަލުން މަރާމާތު ކުރުމަށް ފަހު ޕޮޒިޓިވްވާ މީހުން ބައިތިއްބުމަށް ބޭނުންކުރާނެ ކަމަށް މަބްރޫކު ވިދާޅުވި އެވެ.

ށ. ނަރުދޫ އިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު އަށަކަށް އަރާފައިވާއިރު އެ މީހުން ހއ. ދޮނަކުޅިއަށް ބަދަލުކުުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި ކަރަންޓީނު އަދި އައިސޮލެޝަން ފެސިލިޓީތައް ގާއިމް ކޮށް އެތަންތަން ބޭނުން ކުރަން މިރޭ ފެށޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މިރޭ ވިދާޅުވި އެވެ.

ރާއްޖެއިން މިހާތަނަށް 177 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު 17 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ.