ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމް ކުރާނެ ކަމަށް ވިދާޅުވި ކަރަންޓީނު ފެސިލިޓީތައް މިރެއާއި މާދަމާ ބޭނުން ކުރަން ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާދެމުންދާ މީހުންނާއި އެމީހުންނާ ކޮންޓެކްޓުވާ މީހުން އަދި ރާއްޖެއިން ބޭރުން އައިސްފައިވާ ދިވެހިން ކަރަންޓީނުކޮށް އައިސޮލޭޓު ކުރުމަށް ބޭނުންކުރަނީ ޓޫރިސްޓު ފެސިލިޓީތަކެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި މާލެ ސަރަހައްދުން ބޭރުގައި އިތުރު ފެސިލިޓީތައް ގާއިމް ކުރައްވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މާލެ ކައިރިން ފެސިލިޓީތައް ހަމަޖައްސާފައި އޮތް އޮތުމުގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުން ވެސް ރިސޯޓުތައް ސެކިޔޯ ކޮށްފައިވާނެ ކަމަށެވެ.

"މީގެ ބޭނުމަކީ އެެ ހާލަތް އަތުވެއްޖެ ނަމަ، އަޅުގަނޑުމެން މިހާރު ވާނީ އުތުރާއި ދެކުނުގައި ފެސިލިޓިތައް ސެކިޔޯ ކޮށްފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ވިލިވަރާއި ހުޅުމާލެ އަދި ގުޅިފަޅުގައި ބިދޭސިންނަށް ހާއްސަ ފެސިލިޓީތައް ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށްދާކަން މިނިސްޓަރި ފާހަގަ ކުރެއްވިއެވެ.

މާލޭގެ އިތުރުން ށ. ނަރުދޫ އަދި އެއަތޮޅު މިލަންދޫ އާއި ހއ. އުލިގަމުން ވެސް ވަނީ ކޮވިޑްގެ ކޭސްތައް ފެނިފަ އެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑް-19ގެ ފުރަތަމަ ފޭސްގައި ތިން މަހެއްހާ ދުވަހު ކާމިޔާބު ކަމާ އެކު ހިފަހައްޓާލެވުނު ކަމަށާއި ނަމަވެސް މިހާރު މި ވަނީ ހާލަތުގައި ބަދަލުވެފައި ކަމަށެވެ.

"މި އައީ ފޭސް ޓޫ. ފޭސް ޓޫ އަކީ މީގެ ސާޖަކާ އެކު އަންނާނެ އެންމެ ނުރައްކާތެރި ހާލަތް. އެހެންވީމަ ކުރިއަށް މިއޮތް ދުވަސްތަކުގައި ޕޮޒިޓިވް ކޭސްތައް އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް،" އަލީ ވަހީދު ވިދާޅުވި އެވެ.

މި ހާލަތަކީ ދުނިޔޭގެ ގިނަ ގައުމުތަކަކުން ތަޖުރިބާކޮށްފައިވާ ހާލަތެއްކަން ފާހަގަކޮށް އަލީ ވަހީދު ވިދާޅުވީ، މި ހާލަތު ރާއްޖެއަށް ވެސް އަންނާނެ ކަން ދަނެ ތިބެގެން ފުރަންޓް ލައިންގެ ހުރިހާ ފަރާތްތަކުން ވެސް ތައްޔާރަށް ހުރި ކަމަށެވެ.

"މިހާރު އަޅުގަނޑުމެން ކުރިމަތިލަމުން މިދާ ހާލަތުގައި މި ބައްޔާއި ކުރިމަތިލާން ފްރަންޓްގައި ތިބޭ މީހުން ނުރައްކަލަށް ހުށަހެޅިގެން ދާނެ ކަމީ އަޅުގަނޑުމެން އެންމެން ގަބޫލުކުރަން ޖެހޭ ކަމެއް،" އަލީ ވަހީދު ވިދާޅުވި އެވެ.

ފަރަންޓް ލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމަށް މާލެ ސަރަހައްދުގެ ހުރިހާ ގެސްޓް ހައުސް ކޮޓެރިތަކެއް ސެކުއާ ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"މި ހާލަތް އަންނާނެ ކަމަށް އަޅުގަނޑުމެން މިހުރިހާ ދުވަހަކު ތައްޔާރުވީ. އެހެންވީމަ މިވަގުތަކީ އަޅުގަނޑުމެން ހިތްވަރާއި ކެތްތެރިކަމާ އެކު ހިފަހައްޓާލަން ޖެހޭ ވަގުތު،" އަލީ ވަހީދު ވިދާޅުވި އެވެ.

ރާއްޖެއިން މިހާތަނަށް 269 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.