29 Apr 2020, 21:48
ބޭންކުތަކުން ލޯނު ދެއްކުން ފަސް ކުރުމުގެ ސަބަބުން މޭލޭގެ ގެތަކުގެ ކުލި ކުޑަވާން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމެޓީން ބުނެފި އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާންމުންނަށް ދޫކޮށްފައިވާ ޕާސަނަލް ލޯނާއި ހައުސިން އަދި ބިޒްނަސް ލޯނުތަކަށް ފައިސާ ދެއްކުން ވަނީ ހަ މަހަށް ފަސްކޮށްފަ އެވެ. އެއާއި އެކު މާލޭގެ ގެތައް ހެދުމަށް ނަގާފައިވާ ގިނަ އަދަދެއްގެ ލޯނު ދެއްކުން މަޑު ޖެހުމުން އެއްބަޔަކު ވަނީ ގެތަކުގެ ކުލި ކުޑަކޮށްދީފަ އެވެ. ނަމަވެސް އަނެއްބަޔަކު ކުލި ކުޑަ ކޮށްދީފައެއް ނުވެ އެވެ.
ކޮވިޑް-19 ބަލިމަޑުކަން ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރީތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމާމެދު މަޖިލީހުން ދެކޭގޮތް ކަނޑައެޅުމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ މަޖިލީހަށް މައްސަލައެއް ހުށަހަޅާފަ އެވެ. އެ މައްސަލައާ ގުޅިގެން އިގްތިސާދީ ކޮމެޓީން ދިރާސާކޮށް ނެރުނު ރިޕޯޓްގައި ވަނީ، މި ހާލަތުގައި މާލޭގެ ކުލި ކުޑަވާން ޖެހޭނެ ކަމަށް ބުނެފަ އެވެ.
"މޮރިޓޯރިއަމްގެ ދަށުން ރިއަލް ސްޓޭޓް ޕްރޮޖެކްޓްތަކަށް ނަގާފައިވާ ލޯނުތަކަށް ބޭންކުތަކުން ލުއި ދީފައިވާ ލޯނުތަކުގެ ތެރެއިން ހާއްސަކޮށް މާލޭގައި ކުއްޔަށް ދޫކޮށްފައިވާ އެޕާޓްމަންޓްތަކުންނާއި ގެތަކުން ކުލި ކުޑަވާންޖެހޭ ކަމަށާއި އެފަދަ ބަދަލެއް އަންނާނެ ގޮތަށް ލުއި ދިނުމަށް،" ކޮމެޓީ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
ކޮވިޑް19އާ ގުޅިގެން އެސްއެމްއީތަކަށް ރިލީފް ޕެކޭޖުގެ ދަށުން ދޫކުރާ އަދަދު އިތުރުކުރުމަށާއި 20 ނުވަތަ 30 އިންސައްތައަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ރިކަރަންޓް ހަރަދުތައް ހަމަޖެއްސޭނެވަރުގެ މިންވަރެއް ދިނުމަށާއި އެ ލޯނު އަނބުރާ ދެއްކޭނެ ވިޔަފާރީތަކަށް ރިލައިބަލް އެމައުންޓެއް ހަމަޖައްސަން ޖެހޭނެ ކަމަށް ވެސް ރިޕޯޓްގައި ވަނީ ބުނެފަ އެވެ.
އެ ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ، ކޮވިޑް19އާ ގުޅިގެން ސަރުކާރުން ތައާރަފްކޮށްފައިވާ އިގްތިސާދީ ރިލީފް ޕެކޭޖް ތަންފީޒުކުރެވެމުންދާތީ އާއި ކޮންމެ 15 ދުވަހަކުން އެއްފަހަރު އެ ކަންކަމާ ގުޅޭ ގޮތުން ސަރުކާރުން ހިންގާ ހަރަކާތްތަކުގެ ތަފްސީލްތަކާއި އެކަންކަން ސަރުކާރުގެ ފަރާތުން ތަންފީޒުކުރެވެމުންދާ ގޮތުގެ ތަފްސީލްތައް މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ކޮވިޑް19އާ ގުޅިގެން ވިޔަފާރިތަކަށް އެހީވުމަށްޓަކައި ސަރުކާރުން އެކުލަވާލި އިކޮނޮމިކް ޕެކޭޖުގެ ދަށުން ލޯނަށް އެދުމުގެ ފުރުސަތު ސަރުކާރުން ވަނީ ހުޅުވާލާފަ އެވެ.