29 Apr 2020, 22:01
އެވިޑް ކޮލެޖްގެ ޗެއާމަން ޢަބްދުﷲ މުސްތާގު، އެ ކޮލެޖްގެ ދަރިވަރުންގެ ހާލު ބައްލަވައި ދަރިވަރުންނަށް ހިތްވަރު ދެއްވައިފިއެވެ.
އެވިޑް ކޮލެޖުން ހިންގާ ތަފާތު ކޯސްތަކުގައި، ރާއްޖޭގެ އެކި ހިސާބުތަކުގައި ކިޔަވަމުންގެންދާ ދަރިވަރުންނާ މުސްތާގު ބައްދަލުކުރެއްވީ ޒޫމް ކްލައުޑް މެދުވެރިކޮށެވެ.
ދެ ދުވަހަކަށް ބައްސަވާލައްވައިގެން މުސްތާގު ވަނީ ކޮންމެ ދުވަހަކު ހެނދުނު 10 އިން ރޭގަނޑު 10 އަށް އެކޮލެޖުގެ އެކި ކޯސްތަކުގައި ކިޔަވާދަރިވަރުންނަށް ވަގުތު ދެއްވަވައިގެން މިމަހުގެ 20 އަދި 21 ވަނަ ދުވަހު އެކުދިންގެ ހާލު ބައްލަވައި ހިތްވަރު ދެއްވައިފައެވެ.
ދަރިވަރުންނާ ބައްދަލުކުރައްވާ މުސްދާގު ވަނީ ކޮވިޑް 19ގެ ބަލިމަޑުކަމުގެ ސަބަބުން ހުރިހާކަމެއްވެސް ހުއްޓުމަކަށް އައިސްފައިވާ މިދަނޑިވަޅުގައި އެވިޑް ކޮލެޖްގެ ދަރިވަރުންނާ ދަރިވަރުންގެ އާއިލާތަކުގެ ހާލު ބައްލަވައި، ކޮލެޖެއްގެ ހައިސިއްޔަތުން ދަރިވަރުންނަށް މިވަގުތުގައި ކޮށްދެއްވޭނީ ކޮންކަމެއްތޯއާއި ، ކޯވިޑް 19 ގެ ސަބަބުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެއްވި ހިސާބުން ފެށިގެން އެވިޑް ކޮލެޖްގައި ހިންގަމުންގެންދާ އޮންލައިން ކްލާސްތަކާބެހޭ ގޮތުން ކުދިންގެ ފީޑްބެކް ހޯއްދަވާފައި ކަމަށް އެވިޑް ކޮލެޖުން ބުންޏެވެ.
ޗެއާމަން މުސްތާގު ވަނީ ކަންކަމަށް މާބޮޑަށް ހާސްނުވުމަށާ ވަގުތުގެ ބޭނުން އެންމެފުރިހަމަގޮތުގައި ހިފުމަށާއި އިސްރާފްނުކުރުމަށާއި ލިބޭއެއްޗަކުން ފުއްދުމަށް މަސައްކަތްކުރުމަށާ ދީނީކަންކަމަށް ގިނަވަގުތުދީ އިސްކަން ދިނުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެ ލައްވައިފައެވެ.
މިފަދަ ދަނޑިވަޅެއްގައި ކޮލެޖްގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ޒޫމް ކްލައުޑް މެދުވެރިކޮށް ނަމަވެސް ދަރިވަރުންނާ ބައްދަލު ކުރެއްވުމުން، ދަރިވަރުންނަށް ލިބިފައިވާ މާޔޫސްކަމާ ބިރުވެރިކަމަށް ލުއިކަމެއް ލިބި ދަރިވަރުންގެ ތެރެއިން ކޯވިޑް 19 ގެ ކަންކަމުގައި އެކިއެކި އޮފީސްތަކާއި އިދާރާތަކުން ފްރަންޓްލައިންގައި މަސައްކަތްކުރަމުންގެންދާ ދަރިވަރުންނަށް އިތުރު ހިއްވަރު ލިބިގެންދިޔަ ކަމަށް އެ ކޮލެޖުގެ ދަރިވަރުން ބުނެފައިވެއެވެ.
މި ދަނޑިވަޅުގައި ކޯސްފީ ދެއްކުމުގައި ދަތި އުނދަގޫތަކާ ކުރިމަތިވެފައިވާ ދަރިވަރުންނަށް ދެވެން އޮތް ލުއިކަމެއް ދެއްވެވުމަށް އެވިޑް ކޮލެޖުން މަސައްކަތް ކުރަމުންގެންދަވާކަމަށާއި ފީ ދައްކަންޖެހޭ ދުވަހަށް ފީ ނުދެއްކުނުކަމުގައި ވިޔަސް މިދުވަސްކޮޅު އެއްވެސް ދަރިވަރެއްގެ އަތުން ޖޫރިމަނާގެ ގޮތުގައި އެއްވެސް ފައިސާއެއް ނުނަގާނެ ކަމަށް ޗެއާމަން ވަނީ ވިދާޅުވެފައެވެ.
އެވިޑްކޮލެޖުގައި 2000 އަށް ވުރެ ގިނަ ދަރިވަރުން ސެޓްފިކެޓް ލެވެލުން ފެށިގެންގޮސް މާސްޓަރސް ލެވެލަށް ތަފާތު ދާއިރާތަކުން މަތީ ތަޢުލިމު ހާސިލްކުރަމުން ގެންދެއެވެ.
ރާއްޖޭގައި މާސްޓަރސް ލެވެލްގެ އެންމެ ގިނަ ކޯސްތައް ހިންގަނީ އެވިޑް ކޮލެޖްގައެވެ.
އެވިޑް ކޮލެޖުން ބުނީ މިފެށޭ ސެމެސްޓަރގައި އެ ކޮލެޖުން ހިންގާ ކޯސްތަކުގެ ކިޔެވުން މެއި މަހުގެ ނުވަ ވަނަ ދުވަހު ފަށާނެ ކަމަށެވެ. ކޯހެއްގައި އަލަށް ބައިވެރިވާން ބޭނުންވާ ފަރާތަތަކަށް އެފުރުސަތު މިހާރުވެސް އެބައޮތް ކަމަށް އެވިޑުން ބުންޏެވެ.
އެވިޑް ކޮލެޖްގެ ކޯސްތަކުގައި ބައިވެރިވުމަށްޓަކައި އޮންލައިންކޮށް ފޯމު ހުށަހެޅޭނެއެވެ. ކޯސްތަކުގެ މައުލޫމާތާއި އެހެނިހެން ހިދުމަތްތަކުގެެ މަޢުލޫމާތު ހޯދުމަށް ގުޅާނެ ނަންބަރަކީ 7803228 އެވެ.