މިދިޔަ ފެބްރުއަރީ މަސް ނިމޭ އަތަށް އެޅިއިރު ދެކުނު ކޮރެއާގައި ކޮރޯނާ ވައިރަސް ކޮވިޑް 909 ކޭސް ފެނިފައިވެ އެވެ. އެހެން ނަމަވެސް އެގައުމުން އެޅި ފިޔަވަޅުތަކާއެކު އެ އަދަދު ދެ މަސް ތެރޭ ވަނީ ދިހަޔަކަށްވުރެ މަދުކޮށްފަ އެވެ. މިއީ ވަރަށް ބޮޑު ކާމިޔާބީއެކެވެ. ހާއްސަކޮށް ދެކުނު ކޮރެއާއާ އިންވެގެން އޮންނަ ޗައިނާއިންވެސް ކޮވިޑް ކޮންޓްރޯލްކުރީ ބަލި ޖެހުނު ސަރަހައްދު އެއްކޮށް ކަހަލަ ގޮތަކަށް ލޮކްޑައުންކޮށްގެންނެވެ. އޭގެ އިތުރުން ޔޫރަޕްވެސް ބަލި ކޮންޓްރޯލްކުރަން ހިޔާރުކުރީ ލޮކްޑައުންކުރާށެވެ.

މީހުން ގޭގައި ލޮކްޑައުންނުކުރިއިރު ދެކުނު ކޮރެއާގެ އިގްތިސާދުވެސް އޮތީ ހުޅުވާލައިފަ އެވެ. ކުރުކޮށް ބުނާނަމަ ހަރުކަށި ފިޔަވަޅުތައް އަޅައިގެން ބަލި ކޮންޓްރޯލް ކުުރުމުގެ ބަދަލުގައި ދެކުނު ކޮރެއާއިން ހިޔާރުކުރީ އެހެން މަގެކެވެ.

ރެސްޓޯރެެންޓަކަށް ދާން މޭޒެއް "ރިޒާވް" ކުރަން ކިއު ހަދަން ޖެހިދާނެކަމަށް މި ދުވަސް ގަބޫލުނުކުރެވިދާނެއެވެ. ނަމަވެސް މިއީ ދެކުނު ކޮރެއާގައި ހުރި އިނގިރޭސިވިލާތުުގެ ނޫސްވެރިއަކު ކިޔައިދިން ގޮތެވެ.

އެއްވެއުޅުން މަދުކުރަން އިވެންޓްތައް ކެންސަލްކުރަމުން ދިޔަ މި ދަނޑިވަޅު ދެކުނު ކޮރެއާއިން ވަނީ އިންތިހާބެއް ވެސް ބާއްވައިފަ އެވެ.

ދެކުނި ކޮރެއާގެ ތަނެއް ޑިސްއިންފެކްޓްކުރަނީ--

ޗާޗްތަކާއި ޖިމްތައްވެސް މަޑުމަޑުން ހުޅުވާލަން ފަށާފައިވާއިރު އަންނަ މަހު ކުރީކޮޅު ބޭސްބޯލް އަދި ފުޓްބޯޅަ ލީގްވެސް ފެށުމަށް ދެކުނު ކޮރެއާއިން މިހާރު ވަނީ ނިންމައިފަ އެވެ.

ކޮވިޑްއާ ދެކޮޅަށް ދެކުނުކޮރެއާއިން އެހާ އަވަހަށް ކާމިޔާބު ހޯދީ މީގެ ކުރިން އެގައުމުން އެޅި ޅަ އެއްޗެތިން އިބުރަތް ހާސިލްކޮށްގެންނެވެ. މީގެ ކުރިން ފެތުރުނު މާސް އަދި ސާސް ރޯގާގެ ބަލިމަޑުކަމުގައި އެގައުމުން މީހުން މަރުވީ ސަރުކާރުގެ ސިޔާސަތުތަކާ ހެދިކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.

ކުރިން ދިމާވި ހާދިސާތަކުން އިބުރަތް ހާސިލްކޮށް ދެކުނު ކޮރެއާ ވަނީ ޓެސްޓް ކުރެވޭ ކެޕޭސިޓީތަކާއި ޕާސަނަލް ޕްރޮޓެކްޓިވް އިކުއުޕްމަންޓްގެ ސަޕްލައި އިތުރުކުރިއެވެ އޭގެ އިތުރުން ހޮސްޕިޓަލްތަކުގައި އިންފެކްޝަން ކޮންޓްރޯލް ޔުނިޓްތައް ގާއިމްކުރިއެވެ. ބައްޔާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދޭން ގައުމީ ފެންވަރުގައި ކެމްޕޭންއެއް ވެސް ފެށި އެވެ.

ދެކުނު ކޮރެއާގެ ޗާޗެއް.

މިދިޔަ ޖެނުއަރީ މަހު ޗައިނާއިން މަރުވާ މީހުންގެ ވާހަކަތައް ސުރުހީތަކަށް އެރުމާއެކު ދެކުނުކޮރެއާއިން ވަގުތުން ޓާސްކްފޯސްއެއް ހަދައި ބައްޔަށް ޓެސްޓްތައް ހަދާނެ ވަސީލަތްތައް ތައްޔާރުކުރުުގެ މަސައްކަތް ފެށިއެވެ. އެއާއެކު ހަފްތާއެއްގެ ތެރޭގައި ޓެސްޓްކިޓްތައް އުފައްދައި އެތަކެތި ގިނަ އަދަދަކަށް އުފެއްދުމުގެ މަސައްކަތް ފެއްޓިއެވެ.

އޭރު ބައްޔަށް ޓެސްޓްކުރުމުގެ ވަސީލަތްތައް ވެސް ލިބިފައިއޮތީ މަދުގައުމެއްގައެވެ.

ދެކުނުކޮރެއާއިން ބަލި ކޮންޓްރޯލްކުރަން ގެންގުޅުނު އެންމެ މުހިންމު ފޯމިއުލާއަކީ މިއެވެ. ޓެސްޓްކޮށް، ޓްރޭސްކޮށް ދެން ބަލި ކޮންޓްރޯލްކުރުމެވެ.

ޓެސްޓްކިޓްތަކުން ޓެސްޓްކުރަން ފެށުމާއެކު ދުވާލަކު އެގައުމުން 20،000 މީހުން ޓެސްޓްކުރަމުން ދިޔައެވެ. އެކަމަށްޓަކައި 600 ސެންޓަރު ގާއިމްކޮށް 43 ޑްރައިވް ފެސިލިޓީތައް ގާއިމްކުރިއެެވެ. އޭގެ އިތުރުން އެގައުމަށް އެތެރެވާ ހުރިހާ މީހުން އެއާޕޯޓްތަކުގައި ދިޔައީ ސްކްރީން ކުރަމުންނެވެ.

ދެކުނު ކޮރެއާގައި ލައިސެންސް ޓެސްޓެއް ބަޔަކު ހަދަނީ--

ދެކުނު ކޮރެއާގެ ގިނަ މީހުންނަކީ އިންޓަނެޓާ ވަރަށް އަހުލުވެރިބަޔަކަށް ވުމުން ބަލި ޖެހޭ މީހުންގެ ކޮންޓެކްޓް ޓްރޭސިން ހަދައި ބަލި ޖެހިފައިވާ މީހުންގެ މައުލޫމާތުތައް ވެސް އެމީހުންގެ ދިރިއުޅޭ އަވަށްޓެރިންނަށް ސަރުކާރުން ދިޔައީ ފޯރުކޮށްދެމުންނެވެ. ނަަމަވެސް ބަލި ޖެހިފަިއވާ މީހުންގެ ނަމާއި އެޑްރެސް ހާމައެއް ނުކުރެއެވެ. ހަމައެކަނި ހާމަކޮށްފައިވަނީ އުމުރާއި ޖިންސެވެ.

އޯގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވޮލޮޕްމަންޓްއިން 2015 ވަނަ އަހަރު ހެދި ދިރާސާއެއްގައި ބުނީ ދެކުނުކޮރެއާއަކީ މުޅި ދުނިޔޭގައިވެސް އެންމެ ރަނގަޅުއެއް ހެލްތު ކެއާ ސާވިސް އޮންނަ ގައުމު ކަމަށެވެ. އެގައުމުގެ ސިއްހީ ގިނަ ތަންތަން ޕްރައިވެޓްތަންތަން ހިންގާއިރު އާބާދީގެ 97 ޕަސެންޓް މީހުންނަށް އިންޝުއަރެންސް ލިބެއެވެ.

މައުލޫމާތު: ދަ ސަން ޔޫކޭ