30 Apr 2020, 11:55
ކަންގަނާ ރަނައުތު ލީޑު ރޯލު ކުޅޭ ފިލްމު "ތަލައިވީ"ގެ ޝޫޓިން ނުފެށި ގިނަ ދުވަސްވެފައިވާތީ ފިލްމަށް ފަސް ކުރޯޑްގެ ގެއްލުމެއް ލިބިފައިވާކަމަށް ޕްރޮޑިއުސަރު ޝާއިލޭޝް ސިންގް ބުނެފި އެވެ.
އިންޑިއާ ލޮކްޑައުންކުރި އިރު އެ ފިލްމުގެ 60 އިންސައްތަ ޝޫޓްކޮށް ނިމުނު ނަމަވެސް ފިލްމުގެ 40 އިންސައްތަ އޮތީ ޝޫޓްނުކުރެވި އެވެ. ލޮކްޑައުންގެ ސަބަބުން މަސައްކަތްތައް ހުއްޓިފައިވާއިރު ހައިދަރުއާބާދުގެ ޝޫޓިން އަށް ހެދި ސެޓް ވެސް ބޭނުންނުކުރެވި ހުއްޓައި ހަލާކުވެދާނެ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.
އޭނާ ބުނީ އުންމީދުކޮށްގެން ހުރީ މި އަހަރުގެ މެދެއްހާ ތާގައި ފިލްމު އެއްކޮށް ޝޫޓްކޮށް ނިންމާލުން ކަމަށެވެ. ވަރަށް ބޮޑަށް ރާވައިގެން މަސައްކަތްތައް ކުރި ނަމަވެސް ލޮކްޑައުންގެ ސަބަބުން މަސައްކަތް ހުއްޓިފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
ޝާއިލޭޝް ބުނީ ޗެންނާއިގެ އިތުރުން އެހެނިހެން ދެ ތަނެއްގައި ވެސް ފިލްމުގެ މަންޒަރުތައް ނެގުމަށް ސެޓް ހަދާފައިވާނެކަމަށެވެ.
އެ ފިލްމަކީ ޓަމިލް ނާޑޫގެ ކުރީގެ ޗީފް މިނިސްޓަރު ޖޭ ޖަޔާލަލީތާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ. 'ތަލައިވީ' ރިލީޒްކުރަން ނިންމާފައި އޮތީ މި އަހަރު ގެ ޖޫން 26 ގައެވެ. ނަމަވެސް މި އަހަރު އެ ފިލްމު ސިނަމާތަކަށް އަންނާނެކަމަކަށް ނުބެލެވެއެވެ.
ފިލްމުގައި ޖޭ ޖަޔާލަލީތާ އިންޑިއާގެ ނުފޫޒު ގަދަ ސިޔާސީ ލީޑަރަކަށްވެގެން ދިޔަ ގޮތް ދައްކުވައިދޭނެ އެވެ. އެ ފިލްމު ހިންދީ ބަހުންނާއި ތަމިލް ބަހުން ރިލީޒް ކުރުމަށް ހަމަޖެހިފައިވެ އެވެ.