ފިހާރައެއްގައި ތިބި ދެ އަންހެނަކާ މެދު ދެރޭ މަތިން ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގި މީހަކު 25 އެތިފަހަރުން ތައުޒީރުކޮށް ދެ އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ފަންސަވީސް އެތިފަހަރުން ތައުޒީރުކޮށް ދެ އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައިވަނީ ހ. ވައިޓްލޭންޑް އަބްދުﷲ ޝާހިދުގެ މައްޗަށެވެ.

ޝާހިދުގެ މައްޗަށް ނިޔާ ކަނޑައަޅަން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުކުމް އިއްވަވަމުން ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ މިއަހަރުގެ އޯގަސްޓް 12 ވަނަ ދުވަހުގެ ރޭ 11:30 އެހާކަންހާއިރު ހެންވޭރު ރަތްވިލާ މަގުގައި ހުންނަ "ކަސަބެލާ" ފިހާރައަށް ޝާހިދު ގޮސް އެވަގުތު އެ ފިހާރައިގައި ހުރި ހުވަދު އަތޮޅު އަންހެނެއްގެ ގައިގައި ބައްދައި ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގާފައިވާ ކަމަށެވެ.

އަދި ޖެހިގެން އައި ރޭ 11:10 އެހާކަންހާއިރު ޝާހިދު ހަމަ އެފިހާރައަށް ވަދެ، އެ ފިހާރައިގައި ހުރި އަންހެނެއްގެ ގައިގަވެސް ބައްދައިގަނެ ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގާފައިވާ ކަމަށެވެ.

ގާޒީ ވިދާޅުވީ ޝާހިދު އެ ދެ އަންހެނުންނާ ގަދަކުން ބަދުއަޚުލާގީ އަމަލު ހިންގާފައި ވަނީ އޭނާ އެ ފިހާރައަށް ވަން ދެ ރޭ އެ ދެ އަންހެނުން އެ ފިހާރައިގައި ހުރި ރެކެއްގެ ބިއްދޮށަށް ވަނުމުން ގައިގައި ބައްދައިގަނެގެން ކަމަށެވެ.

ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގިކަން ޝަރީއަތަށް ސާބިތުވެފައި ވަނީ އޭނާގެ އަމިއްލަ އިއުތިރާފުން ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
"... ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގާފައިވާކަމަށް އަބްދުﷲ ޝާހިދު ޝަރީއަތުގެ މަޖިލީހުގައި އިޢުތިރާފް ވެފައިވާތީ ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގުމުގެ ކުށުން އަބްދުﷲ ޝާހިދު ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި މިކުށުގެ އުގޫބާތެއްގެ ގޮތުން "ބަދުއަޚުލާގީ ކުށާއި ބެހޭ ގަވާއިދުގެ ތިންވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަންބަރުގެ ދަށުން މާލޭ / ހ. ވައިޓްލޭންޑް އަބްދުﷲ ޝާހިދު 25 އެތިފަހަރުން ތައުޒީރުކުރުމާއި އެކު ދެ އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމް ކޮށްފީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ