މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ކޮންޓެކްޓް ޓްރޭސިން ހެދުމަށް އެހީތެރިވެދިނުމުގެ ގޮތުން އެޗްޕީއޭއިން މޮބައިލް އެޕްލިކޭޝަން ނުވަތަ އެޕެއް ތައާރަފްކޮށްފި އެވެ.

"ޓްރޭސްއެކީ" ގެ ނަމުގައި އާންމުންނަށް ނެރުނު އެ އެޕަކީ ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާއި އެމީހުންނާ އެއްތަންވެފައިވާ މީހުން ދެނެގަތުމަށް ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ.

އެޗްޕީއޭއިން ބުނީ މި އެޕަކީ ބްލޫޓޫތު ސިގްނަލް މެދުވެރިކޮށް، އެޕް ބޭނުންކުރާ އެހެން މީހުން ކައިރީގައިވާނަމަ ދެނެގަނެވޭނެ ފަދަ އެޕެކެވެ.

މިގޮތުން، ފޯނުގެ ބްލޫޓޫތް މެދުވެރިކޮށް މިނެޓަކު ދެތިންފަހަރު "ބީކަން" އެއް ފޮނުވާލަ އެވެ. މި ބީކަންގައި އެކުލެވިގެންވަނީ އެޕް ބޭނުންކުރާ ފަރާތައް ދޫކުރެވޭ އައިޑީ އެކެވެ. މި އައިޑީ އަކީ ކޮންމެ 15 މިނިޓަކުން ބަދަލުވާ އައިޑީއެކެވެ. އެހެންކަމުން ހަމަ ކޮންމެ ކޮންމެ މީހަކައް އެ ބީކަންއަކީ ކާކުގެ ބީކަން އެއް ކަމެއް ނޭނގޭނެ އެވެ. ބީކަންއެއް ފެނިއްޖެނަމަ، "ޓްރޭސްއެކީ" އެޕް އޭގެ ރެކޯޑެއް ރައްކާކުރެ އެވެ.

އެޗްޕީއޭއިން ބުނީ މިގޮތަށް ރައްކާކުރެވޭ މައުލޫމާތު އޮޓޯއިން އެޗްޕީއޭއަށް ނުފޮނުވާނެ ކަމެވެ. އަދި ރެކޯޑާއި އެކީ އިތުރު އެއްވެސް ޒާތީ މައުލޫމާތެއް، މިސާލަކަށް ލޮކޭޝަން ފަދަ މައުލޫމާތު އެޕް މެދުވެރިކޮށް ރައްކަލެއް ނުކުރެ އެވެ.

އެޕްގައި ޒާތީ މައުލޫމާތު ގެންގުޅޭ ގޮތުވެ ޕޮލިސީ، އެޗްޕިއޭއިން ވަނީވެބްސައިޓްގައި ޝާއިއުކޮށްފަ އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިފައިވާ 269 މީހަކު ވަނީ ފެނިފަ އެވެ.

އެޕް އިންސްޓޯލްކޮށްފައިވާ ފަރާތަކުން ބައްޔަށް ޝައްކުކުރެވޭނަމަ، އެޗްޕީއޭ އިން އެމީހަކަށް ގުޅައި، މި ޑޭޓާ އަޕްލޯޑް ކުރަން ރިކުއެސްޓުކުރާނެ ކަމަށް އެ އިދާރާއިން ބުންޏެވެ. މި ޑޭޓާ އަޕްލޯޑު ކުރާނީ އެފަރާތުގެ ރުހުން ހޯދައިގެން، އެމީހެއްގެ އިހުތިޔާރުގައި ކަމަށް ވެސް ބުންޏެވެ. ޑޭޓާ ޑިކްރިޕްޓް ކުރުމަށްފަހު، އެމީހަކާއި ބައްދަލުވީ ކޮންބައެއްކަން ދެނެގަނެވޭނެ އެވެ. އަދި މީގެތެރެއިން އެންމެ ރިސްކް ބޮޑީ ކޮންބައެއްކަން އެނގިގެންދާނެ އެވެ.

މިފަދަ އެޕްތައް އަންނަނީ ދުނިއޭގެ އެހެން ގައުމުތަކުގައިވެސް ބޭނުން ކުރަމުންނެވެ.

އެޕްގެ ކާމިޔާބީ ބިނާވެފައިވަނީ ވީހާވެސް ގިނަ މީހުން މި އެޕް އިންސްޓޯލް ކޮށް ބޭނުންކުރުމާ ކަމަށް އެޗްޕީއޭއިން ބުންޏެވެ. ހާއްސަކޮށް، އެކި ކަންކަމުގައި މިދުވަސްވަރު ބޭރުގައި އުޅޭ، ނުވަތަ މީހުންނާއި ބައްދަލުވާ ހާލަތުގައި ތިބި މީހުން މި އެޕް ފޯނަށް އަޅައި ބޭނުންކުރުން އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މި އެޕަކީ ސިންގަޕޫރުގެ "އޯޕަން ޓްރޭސް" ލައިބްރަރީ ބޭނުންކޮށްގެން ދިވެހި ޑިވެލޮޕަރުންގެ ޓީމަކުން، ރާއްޖެއަށް ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ. މި އެޕް ފަރުމާކޮށްފައިވަނީ ދިވެހި، އިނގިރޭސި އަދި ބެންގާލީ ބަހުން ބޭނުންކުރެވޭގޮތަށެވެ.

އެޗްޕީއޭއިން މީގެ ކުރިން ބުނެފައިވާ ގޮތުގައި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އެތައްހާސް މީހުންނެއްގެ މައުލޫމާތު ވަނީ އެއްކުރެވިފަ އެވެ. އެ ހުރިހާ އެންމެން ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ އާންމުންގެ އެހީއަށްވެސް މީގެ ކުރިން އެޗްޕީއޭއިން އެދިފަ އެވެ. ނަމަވެސް އަލަށް ތައާރަފްކުރި އެޕާއެކު ޑިޖިޓަލްކޮށް ކޮންޓެކްޓް ޓްރޭސިން ހެދުމުގައި ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ އެވެ.

އެ އެޕް ގޫގަލް ޕްލޭ ސްޓޯރުން މިހާރުޑައުންލޯޑްކުރުމަށްހުޅުވާލައިފައިވާިއރު އައިއޯއެސް ވާޝަން ވަރަށް އަވަހަށް ނެރޭނެކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.