29 Apr 2020, 18:10
އިތުރު 13 މީހަކު ކޮރޯނާވައިރަސް، ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ރާއްޖޭގެ ކޭސްތަކުގެ ޖުމްލަ އަދަދު 269 އަށް އަރައިފި އެވެ. މިފަހަރު ޕަޮޒިޓިވްވި އެންމެންނަކީ ވެސް ދިވެހިންނެވެ.
އޭގެ ތެރެއިން އެންމެ މީހެއް ފިޔަވާ އެންމެންނަކީ އާރުއެސްސީ ކްލަސްޓާއަށް ނިސްބަތްވާ ބައެއް ކަމަށް ކޮރޯނާވައިރަހުގެ މައުލޫމާތު އާންމުކުރުމަށް ހަދާފައިވާ ހެލްތް މިނިސްޓްރީގެޑޭޝްބޯޑުން ދައްކަ އެވެ.
މިއާއެކު މިއަދު މިހާތަނަށް ފެނުނު ކޭސްތަކުގެ އަދަދަކީ، 19 އެވެ.
އެޗްޕީއޭ ޕޯޓަލް އިން ދައްކާގޮތުން ފަހުން ޕޮޒިޓިވްވި 13 މީހުންވެސް ނިސްބަތްވަނީ އާރުއެސްސީ ކްލާސްޓާއަށެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ، 19 އަހަރާއި 39 އަހަރާ ދެމެދުގެ ހުސް ފިރިހެނުންނެވެ.
މިއާއެކު ރާއްޖެއިން ވައިރަހަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު ވަނީ، 117 އަށް އަރާފައެވެ. ރާއްޖެއިން ވައިރަސް ޖެހުނު ބިދޭސީންގެ އަދަދަކީ، 152 އެވެ.
މިއަދު މިހާތަނަށް 19 ކޭސް ފެނުނު އިރު، އިއްޔެ ފެނުނު ކޭސްތަކުގެ އަދަދަކީ، 20 އެވެ.
ރާއްޖެއިން މި ވައިރަސް ޖެހިގެން މިހާތަނަށް ރަނގަޅުވީ، 17 މީހެކެވެ. އެއީ 13 ބިދޭސީން އަދި ހަތަރު ދިވެހިންނެވެ.
އެޗްޕީއޭ އިން މިއަދު ވަނީ މާލެ ސަރަހައްދަށް އިއުލާންކޮށްފައިިވާ ލޮކްޑައިންގެ މުއްދަތު އަންނަ މަހުގެ 14 ވަނަ ދުވަހަށް އިތުރުކޮށްފަ އެވެ.