ނ. މިލަދޫން ފުރައިގެން ދިޔަ ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހުން ފުރަިއގެން ދިޔައީ ނ. މިލަދޫ އިން ފުރުން މަނާކޮށްފައިވަނިކޮށް މިލަދޫ ޓާސްކްފޯސް އަދި މިލަދޫ ޑެސްކު ފުލުހުންނަށް ސިއްރުން ކަމަށެވެ.

އެ ރަށަކީ މޮނީޓަރިންއަށް ވެސް ލާފައި އޮތް ރަށެކެވެ.

ފުލުހުން ބުނީ އެ ހަތަރު މީހުން ހައްޔަރު ކުރީ އަނބުރާ މިލަދޫ އަށް އައިސް ފަޅަށް ވަންނަނިކޮށް ކަމަށެވެ. އެ މީހުން ހައްޔަރުކުރީ މިއަދު މެންދުރު 03:58 ކަންހާއިރު ކަމަށެވެ.

އެ ހާދިސާގައި ހައްޔަރުކޮށްފައިވަނީ 23، 30 ،36 އަދި 38 އަހަރުގެ ހަތަރު ދިވެހި ފިރިހެނުންތަކެވެ.

ފުލުހުން ބުނީ އެ މައްސަލަ މިހާރު އިތުރަށް ތަހުގީގް ކުރަމުންދާ ކަމަށެވެ.

ލޮކްޑައުންގެ ހާލަތުގައި އޮތް، ހަމަ އެއަތޮޅު ނ. ކެނދިކުޅުދޫއަށް ހުއްދަ ނެގުމަކާ ނުލައި ދިޔަ ދެ މީހަކު ވެސް އިއްޔެ ފުލުހުން ހައްޔަރުކުރި އެވެ.

މިހާރު ރާއްޖޭގައި ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ހުއްދަ ނެތި އެއް ރަށުން އަނެއް ރަށަށް ދިއުން ވަނީ މަނާކޮށްފަ އެވެ.

މީގެ ކުރިން އެއް ރަށުން އަނެއް ރަށަށް ފަތާފައި ދިޔަ މީހަކާއި ކެނޯއެއްގައި ރަށަކަށް ދިޔަ މީހަކު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ކޮރޯނާ ޖެހިފައިވާ 256 މީހުން މިހާރު ރާއްޖެއިން ވަނީ ފެނިފަ އެވެ.