ވެރިރަށް މާލޭގެ އެތައް މިތަނަށް ހަލުއިކަމާ އެކު ކޮރޯނާވައިރަސް ފެތުރި މުޅި ވެރިރަށް މާލެ މިވަނީ ކޮޅެއް މެދެއް ނޭނގޭ ހުއްޓުމެއްގެ ތެރޭގަ އެވެ. ތޮއްޖެހިފައިވާ މާލޭގެ ރައްޔިތުން "ގޭ ބަންދެއްގައި" ތިބޭތާ މިހާރު މަހަކާ ގާތްވަނީ އެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެއިން އާންމު މީހެއްގެ ކިބައިން ވައިރަހުގެ ފުރަތަމަ ކޭސް ފެނުނު ފަހުން 573 މީހަކަށް އެ ވައިރަސް ޖެހި، ދެ މީހަކު ވަނީ މަރުވެސް ވެފަ އެވެ. މާލޭގެ ކޮމިއުނިޓީ ސްޕްރެޑް އޮތްކަން ޔަގީންވިތާ މިއަދަށް 22 ދުވަސް ވެފައިވާ އިރު، ޖަވާބު ނުލިބޭ އެތައް ސުވާލެއް އެބަ ހުއްޓެވެ.

އެންމެ މުހިންމު ސުވާލަކީ؛ މި ވައިރަސް މާލެއާ ހަމަޔަށް ވާސިލްވެ، މިހާރު މާލޭގެ ކިހާ ފުނަކަށް ވައިރަސް ފެތުރިފައިވޭ ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު މުހިންމު ވަނީ، ވައިރަހުގެ ނުރައްކާ މާލޭގައި އޮތް ދަރަޖަ ދެނަގަތުމުގެ ވާހަކަ ފެށެނީ މިހާ ހިސާބުން ކަމަށްވާތީ އެވެ.

ޕޭޝަންޓް 21 އަކީ، މާލެއިން ވައިރަހަށް ޕޮޒިޓިވްވި ފުރަތަމަ މީހާ އެވެ. މިފަހުން ބޭރު ގައުމަކަށް އޭނާ ދަތުރެއްކޮށްފައި ނެތްއިރު، އުމުރުން 33 އަހަރުގެ އެ އަންހެން މީހާގެ ގަޔަށް އެ ވައިރަސް ވާސިލްވީ ކިހިނެއް ބާވައެވެ--އެއީ ޖަވާބެއް ނެތް ސުވާލެކެވެ. އަދި އެ ސުވާލަށް ޖަވާބެއް ލިބޭނޭ ކަމަށް ލަފާވެސް ނުކުރެވެ އެވެ.

މާލޭގެ އެންމެ އެތެރެއަށް ވައިރަސް ފެތުރިގެންފައިވާ އިރު މާލެއިން ބޭރުވެ އަތޮޅުގެ ބައެއް ރަށްރަށުންވެސް ވައިރަސް ވަނީ ފެންނަން ފަށައިފި އެވެ. މި ވައިރަސް މާލެ ތެރެެއަށް އައިގޮތާއި ފެތުރިގަތް ގޮތަކީ މި ވައިރަސް ހުއްޓުވައި މައިތިރި ކުރަން މުހިންމު މައުލޫމާތުތަކެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވައިރަސް ފަހާ ދުވަމުން އަންނަ އިރު، އެ ސުވާލުތަކުގެ ޖަވާބު ކަމަށް ބެލެވޭ ބައެއް ސިނާރިއޯތައް ކުރަހާލެވިދާނެ އެވެ. މި ސިނާރިއޯތަކަކީ، ވައިރަސް ހުއްޓުވަން ކުރާ ހަނގުރާމައިގައި ހެދުނު ގޯސްތަކާއި ރަނގަޅު ކުރަންވީ ކަންކަން ބުނެދޭނެ ކަންކަމެވެ.

ވައިރަހުގެ މޫ ދުބާއީ އެކްސްޕޯއަށް!

ދުބާއީ ގައި ބޭއްވި ގަލްފް ފުޑް އެކްސްޕޯ ތެރެއިން: އެކްސްޕޯއަށް ދިޔަ ދެ ދިއްސަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައި ---

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިދިޔަ ހަފްތާ އާންމުންގެ އެހީއަށް އެދުނީ، ރާއްޖެއިން ދުބާއީ އެކްސޯޕާއަށް ދިޔަ މީހުން ހޯދުމުގަ އެވެ. މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި، ދެ މީހަކީ އެ އެކްސްޕޯއިން ރާއްޖެ އައި މީހުންނެވެ. އެކަމަކު ޔަގީންނުވާ ކަމަކީ، އެ މީހުންނަށް އެ ވައިރަސް ޖެހުނީ ރާއްޖެ ނުވަތަ ދުބާއީން ކުރެ ކޮން ތަނަކުން ކަމެވެ.

އެންމެ ކައިރިކުރާ ސިނާރިއޯއަކީ، ވައިރަސް ރާއްޖެއަށް ފެތުރިތަގަތީ ދުބާއީ އެކްސްޕޯއިން އައި މީހެއް ނުވަތަ މީހުންތަކެއްގެ ތެރެއިން ކަމެވެ. ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ކުރެހޭ ޗާޓުތަކުން ވެސް، ރޮނގުތައް ގޮސް އެ ދިމާލަށް ހުއްޓެ އެވެ.

ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ރައްޔިތުން ގިނަ އަދަދަކަށް ދިރިއުޅެމުން އަންނަ ދުބާއީއަކީ، މެދު އިރުމަތީ ގައުމަތަކުންގެ ތެރެއިން މި ވައިރަސް އެންމެ ފުރަތަމަ ފެނުނު ގައުމެވެ.

އެ ގައުމުން މިވައިރަސް އެންމެ ފުރަތަމަ ފެނިފައިވާކަން ކަމާ ބެހޭ ފަރާތްތަކުން އިއުލާން ކުރީ، ޖެނުއަރީ 29 ވަނަ ދުވަހު އެވެ. ދުބާއިގައި ފެބްރުއަރީ މަހުގެ 16 އިން 20 އަށް ބޭއްވި ގަލްފް އެކްސްޕޯއަށް 20 އަށް ވުރެ ގިނަ ގައުމުތަކުން ލައްކައަކަށްވުރެ ގިނަ މީހުން ދިޔަ އެވެ. އެހާ ހިސާބަށް އެގައުމުގައި ވަނީ 11 ކޭސް ފެނިފަ އެވެ.

ވޭތުވެދިޔަ 14 ދުވަހު ދުބާއީ އިން ފެނުނު ޖުމްލަ ކޭސްތަކާއި ދުވަހުން ދުަވަހަށް ފެންނަ ކޭސްތަކުގެ އަދަދު، އެޕްރީލް 16 އިން ފެށިގެން ދުވާލެއްގެ މައްޗަށް 400 އަށްވުރެ ގިނަ ކޭސް ދަނީ ފެންނަމުން --- މަސްދަރު/ކޮރޯނާޓްރެކާ

ދުބާއީގައި މި ވައިރަސްގެ ކޭސްކަތައް ގިނަ އަދަދަަކަށް ފެންނަން ފެށީ އެކްސްޕޯ ނިމި 14 ދުވަސްވީ ފަހުން، ޖެހިގެން އައި މާޗު މަހުގެ ކުރީކޮޅު އެވެ. އަދި ހަލުވި ކަމާއެކު ކޮމިއުނިޓީ ސްޕްރެޑަކަށް ނުވަތަ އާންމުގެ ތެރޭގައި ވައިރަސް ފެތުރިގަތީ، މާޗު މެދެއްހާ ހިސާބުގަ އެވެ.

މާޗު މަހުން ފެށިގެން އެގައުމުގެ ވައިރަހުގެ "ގުދު" ދަނީ މައްޗަށް އުފުލެމުންނެވެ. ޖޯންސް ހޮޕްސްކިން ޔުނިވާސިޓީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިހާރު ދުބާއީގައި ވަނީ 15،100 އަށް ވުރެ ގިނަ ކޭސް ފެނި، 140 އަށްވުރެ ގިނަ މީހުން މަރުވެފަ އެވެ.

އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވި ގޮތުގައި، ދުބާއީ އެކްސްޕޯއަށް ދިޔަ މީހުންގެ ފަރާތުން ފެންނަ ވައިރަހުގެ އަލާމާތްތައް ވެސް ތަފާތެވެ. އެހެންވުމުގެ ސަބަބަކީ، އެހެން ވައިރަލް ރޯގާއެއް ހުއްޓައި، އަނެއްކާ ކޮވިޑް-19 ވެސް އެ މީހަކަށް ޖެހުމެވެ. ދުބާއީ އެކްސްޕޯއަށް ދިޔަ މީހުންގެ ފަރާތުން ފެނުނު ކޭސްތަކުގެ އަޑި ހޯދުން މުހިންމު ވަނީ މިކަހަލަ އެތައް ސަބަބުތަކެއް ހުރީމަ އެވެ.

ޕޮޒިޓިވްވި ދެ މީހުން ދުބާއީން އައި އިރުވެސް އަލާމާތްތައް ފެނުނު!

ވެލާނާ އިންޓަނޭޝަލް އެއަޕޯޓުުގައި ބަޔަކު ހަރަކާތްތެރިވަނީ: ޕޮޒިޓިވްވި ދެމީހުން ދުބައީ އިން އައި އިރުވެސް ވައިރަހުގެ އަލާމާތްތައް ފެނުނު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދުބާއީ އެކްސްޕޯއަށް ރާއްޖޭގެ ބޮޑެތި ހޯލްސޭލް ވިޔަފާރިވެރިތަކުގެ އިސް ފަރާތްތަކުން ދިޔަ ކަމަށްވެ އެވެ. މިހާތަނަށް މި އެކްސްޕޯއަށް ރާއްޖެއިން ދިޔަ މީހުން ކަށަވަރެއް ނޫނެވެ. ނަމަވެސް މިހާރު ރާއްޖެއިން ފެނިގެން އުޅޭ އެންމެ ބޮޑު ކްލާސްޓާ، ބާޒާރުމަތީ ކްލާސްޓާ (ބީޒެޑްއެމް)ގެ ރޮނގުތައް ގޮސް ގުޅެނީ ވެސް ދުބާއީ އެކްސްޕޯއިން އައި ދެމީހުންނާ އެވެ.

"ސަން" އަށް ލިބިފައި ހުރި ކަށަވަރު މައުލޫމާތުތަކަށް ބަލާއިރު، ފެބުރުއަރީ މަހުގެ ފަހު ހަފްތާ ރާއްޖެ އައި ދެ މީހުންގެ ފަރާތުން، ރާއްޖެ އައިއިރުވެސް ވައިރަހުގެ އަލާމާތްތައް ފެނުނެވެ. އެގޮތުން، ހުން އައުމާއި ކެއްސުން އަދި ރޯގާ ވަރަށް ބޮޑަށް ޖެހިގެން އޭގެ ތެރެއިން ބައެއް މީހުން ވަޒީފާއިން ލީވްވެސް ނެގި އެވެ. އެކަމަކު އާންމު ރޯގާއެއް ކަމަށްހީކޮށް އެ މީހުން ފަހުން މަސައްކަތަށް ނިކުމެ އުޅުނީ އެވެ.

މިކަން ޑރ. އަފްޒަލްވެސް ކަށަވަރުކޮށްދެއްވަ އެވެ.

ޑރ. އަފްޒަލް ގަބޫލުކުރައްވާ ގޮތުގައި، އެއްގޮތަކީ، އެމީހުން ދުބާއީއިން އައި އިރުވެސް ވައިރަސް ޖެހިފައި ހުރުމެވެ. އަނެއް ގޮތަކީ، އަދައިގެ އެހެން ރޯގާއެއް ޖެހިގެން ދުބާއީއިން އައިސް، ރާއްޖެއިން ވައިރަސް ޖެހުމެވެ.

"އެކްސްޕޯ އިން އައިރުވެސް ބަލި ކަމަށް ނުވަތަ އަލާމާތްތައް ހުރި ކަމަށް ހިސްޓްރީ އިން އަޅުގަނޑުމެންނަށް ފާހަގަ ކުރެވެނީ. އެހެންނަމަވެސް އެ މުއްދަތު ތެރޭ ކޮންމެވެސް ވަރަކަށް ރަނގަޅުވެފައި، އަނެއްކާވެސް ބަލިވަނީ. ދެވަނަ ފަހަރަށް ބަލިވުމުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓްވް ވަނީ. އޭގައިވެސް އުފެދިގެން އުޅޭ ސުވާލަކީ، މިހާ ދިގު މުއްދަތަކަށް ކޮވިޑް ޖެހިފައި ރަނގަޅު ނުވެ ހުރުންތޯ. ޝައްކު ކުރެވޭ އަނެއް ގޮތަކީ، ދުބާއީއިން ވައިރަލް އެހެން ބައްޔެއް ޖެހި، ރަނގަޅުވަން މުއްދަތު ނަގާފައި، ރަނގަޅު ނުވެ އުޅެނިކޮށް، ކޮވިޑަށް ޕޮޒިޓިވްވުން،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވާހަކަ ދައްކަވަނީ: ދުބާއި އައި ދެމިހުން އެގައުމުން އައި އިރުވެސް ވައިރަސް ޖެހިފައިވުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވިދާޅުވި ---- ފޮޓޯ/ އެންއީއޯސީ

ދުބާއީ އެކްސްޕޯގެ ބައިވެރިން އެނބުރި ރާއްޖެ އައި އިރު، ރާއްޖެއިން ބޭރުން އަންނަ މީހުން ކަރަންޓީނެއް ނުކުރެެވެ. ބޯޑަރުވެސް އޮތީ ހުޅުވާފަ އެވެ. މި ވައިރަހުގެ އެއްވެސް ކޭސްއެއް، އެހާ ހިސާބަށް ރާއްޖޭގެ ރަަށަކުންވެސް އަދި ރިސޯޓަކުންވެސް ފެނިފާ ނުވާއިރު، އޭރު އަޅާފައި ހުރީ ވަރަށް ލުއި ފިޔަވަޅުތަކެވެ. އެހެންކަމަށްވާ ނަމަ، އެ އެކްސްޕޯއިން އައި މީހުން އެއާޕޯޓުން ސްކްރީން ކުރެވިގެން އައި ނަމަވެސް، ހުން ފަދަ ކަމެއް ނެތް ނަމަ، އެމީހުންގެ ވައިރަސް ހުރި ކަމަށް ޝައްކެވެސް ނުކުރެވޭނެ އެވެ.

އެ ހިސާބުން ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ފޭދިގެން އެ މީހުން، މާލެ ތެރެއަށް ވާސިލްވީ އެވެ. އެ ހިސާބަކީ ކޮމިއުނިޓީ ސްޕްރެޑްގެ ފެށުން ކަމަށްވުން ގާތެވެ.

މާލޭގައި ކޮމިއުނިޓީ ސްޕްރެޑް ފެށުނީ ފެބްރުއަރީގައި!

ޑރ. ނަޒްލާ މުސްތަފާ: މާލެއިން ކޮމިނިޓީ ސްޕްރެޑް ފެށުނީ އެޕްރީލް ފަހު ކުރީކޮޅު ނުވަތަ މާޗް ފަހުކޮޅުކަމަށް ލަފާ ކުރެވޭ ކަމަށް ވިދާޅުވި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19ގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގައި ހިމެނިވަޑައިގަންނަވާ، ޕީޑިއެޓްރިކް އިންފެކްޝަންސް އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، މާލޭ އިން ވައިރަސް ފެތުރެން ފެށިކަމަށް ގަބޫލު ކުރެވެނީ މާލެ

ނަޒްލާގެ ލަފާކުރުމަށް ހިސާބު ޖަހާ ނަމަ، އެއީ މާޗް މަހުގެ ފަހުކޮޅު ނުވަތަ އެޕްރީލް މަހު ކުރީކޮޅެވެ.

ނަމަވެސް ދުބާއީއިން އައި މީހުންގެ ފަރާތުން ވައިރަހުގެ އަލާމާތްތައް ފެބްރުއަރީ ފަހުކޮޅުން ފެށިގެން ފެނިފައިވުމުން ޑރ. ނަޒްލާ އެ ވިދާޅުވާ މުއްދަތުގެ ކުރިން މާލެއަށް ވައިރަސް ފެތުރިފައި ވުމުގެ ފުރުސަތު އެބަ އޮތެވެ. އަދި މިކަމަށް ޑރ. އަފްޒަލްގެ ވާހަކަތަކުން ވެސް ބާރުލިބެ އެވެ.

"ހަމަ ވަރަށް އެކަށީގެންވާ ކަމެއް. އަޅުގަނޑުމެންނަށް ޔަގީނާ ގާތަކަށް ނުބެނެވޭނެ. އެހެންނަމަވެސް އެ ޕޮސިބިލިޓީ ހަމަ ގައިމުވެސް އެބަ އޮތް. އެއީ އެ ކްލާސްޓާއިން އައި މީހުންނަކީ ވިޔަފާރިވެރިން ކަމަށްވާތީވެ. ވިޔަފާރިވެރިން ނުވަތަ އެ ވިޔަފާރިވެރިންގެ ދަށުން މަސައްކަތް ކުރައްވާ މެނޭޖްމަންޓް ލެވެލްގެ ބޭފުޅުން [ގެ ފަރާތުން]. އެހެންވީމަ އެބޭފުޅުންގެ ދަށުން މަސައްކަތް ކުރައްވާ ބޭފުޅުންގެ ގަޔަށް ވަރަށް ފަސޭހައިން ވައިރަސް ފެތުރުމުގެ ފުރުސަތު އޮންނާނެ،" ރާއްޖެއަށް ވައިރަސް ފެތުރިގަތީ، ދުބާއި އެކްސްޕޯ އިން އައި މީހުންގެ ފަރާތުންތޯއާއި ވައިރަސް ފެތުރިގަތީ އެ ދުވަސްވަރުކަމަށް ގަބޫލު ކުރެވޭތޯ ސުވާލު ކުރުމުން ޑރ. އަފްޒަލް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވާހަކަ ދައްކަވަނީ: ---- ފޮޓޯ/ އެންއީއޯސީ

ޑޮކްޓަރު ވިދާޅުވި ގޮތުގައި، ފެބްރުއަރީ މަސްތެރޭ ވިޔަފާރިވެރިންނަށް އެކްސްޕޯ އިން ވައިރަސް ޖެހުނު ނަމަވެސް އެމީހުންގެ ފަރާތުން އާންމު މުޖުތަމައަށް އެ ވައިރަސް އެހާ ބޮޑަށް ފެތުރުމުގެ ފުރުސަތު ކުޑަ ވާނެ އެވެ. ނަމަވެސް އެމީހުންގެ ފަރާތުން ކުންފުނީގެ މަސައްކަތު މީހުންނާ ހިސާބަށް ވައިރަސް ވާސިލްވެއްޖެ ނަމަ، ވަރަށް ފަސޭހައިން ހަލުވިކަމާއެކު ފެތުރިގެންދާނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.

"ހަގީގަތުގައި އެބޭފުޅުންގެ ލެވެލްގައި [އެކްސްޕޯއަށް ދިޔަ ވިޔަފާރިވެރިންގެ މެދުގައި] އެބަލި ހުރީ، [ފެބްރުއަރީ ފަހުކޮޅުން ފެށިގެން] ނުނީ އެހާބޮޑަށް ބަލި ފެތުރުމުގެ ފުރުސަތު ކުޑަވާނެތާ އެހާ ބޮޑަށް މިންގަލް ނުވާނެތީ. އެހެން ނަމަވެސް ކެސްކޭޑްވަމުން ގޮސް މަސައްކަތުު މީހުންގެ ލެވެލްއަށް ވައިރަސް ދާއިރު، އެބޭފުޅުންގެ އެކޮމަޑޭޝަން ހުރި ގޮތުން ވަރަށް ފަސޭހައިން ފެތުރިގެންދާނެ،" ޑރ. އަފްޒަލް ވިދާޅުވި އެވެ. "އިންޑެކްސް ކޭސް އެތާގައި [ދުބާއީއިން އައި މީހުންގެ ތެރޭގައި] ވުން އެކަށީގެންވޭ. އެހެން ނަމަވެސް އެއީ ކޮމްފާމް ކުރެވޭނެ ކަމެއް ނޫން. މި ހިސާބުގައި ތިއަރައިޒް ކުރެވޭނީ އެހެން ވެދާނެ ކަމަށް،"

ގިނަ އަދަދެއްގެ ބިދޭސީން ޕޮޒިޓިވްވެފައިވާ، ބާޒާރުމަތީ ބީޒެޑްއެމް ކްލަސްޓާ އިން މިހާތަނަށް 130 އަށްވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އެ ކްލާސްގެ ކޮންޓެކެޓް ޓްރޭސިންގެ އަދަދު މިހާރު ވަނީ 800 އަށްވުރެ މައްޗަށް އަރާފަ އެވެ. މި ކްލާސްޓާއާއި އެހެން ވިޔަފާރި ކުންފުނިތަކުން ޕޮޒިޓިވްވީ މީހުންނާ ގުޅުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އަދި ބިދޭސީންގެ ތޮއްޖެހިފައިވާ ލިވިން ކުއާޓާޒްތަކުގެ ތެރެއަށް ވައިރަސް ވާސިލްވީ، ރާއްޖޭގެ ބޮޑެތި ހޯލްސޭލަރުންގެ ބިދޭސީ މުވައްޒަފުންގެ ތެރޭގައި ވައިރަސް ފެތިރިގަތުމާ އެކުގައި ކަމަށްވުން ވަރަށް ކައިރި އެވެ.

އެހެން ސިނާރިއޯތަކެއް!

އެންމެ ފުރަތަމަ މާލެއިން ވައިރަހުގެ ކޭސްއެއް ފެނުނު މ. ޖަރީމާގޭ ސަރަހައްދު ބަންދުކޮށްފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދުބާއީ އެކްސްޕޯއަކީ، މި ވައިރަސް ބޮޑަށް މާލެއަށް ފެތުރުނު ކަމަށް މިހާރު ބެލެވޭ އެއް ސިނާރިއޯ އެވެ. އެކަމަކު އެއީ އަދި މުޅިން އެކީ އެގޮތަށް ނިންމެން އޮތް ކަމެއް ނޫނެވެ. އެހެން ވީމާ މިކަމުގައި އަދި އެހެން މަންޒަރުތަކެއްވެސް އެބަ ހުއްޓެވެ.

1. ފަތުރުވެރިންގެ ފަރާތުން:

ރާއްޖެއިން ފުރައިގެން ދިޔަ އިޓަލީގެ ދެ ފަތުރުވެރިން ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަން އެނގުނީ، އެމީހުން ފުރައިގެން ދިޔަ ފަހުން މާޗް 27 ވަނަ ދުވަހު އެވެ. އެންމެ ފުރަތަމަ މާލެއިން ފެނުނު މ. ޖަރީމާގޭ ކްލަސްޓާގައި ހިމެނޭ ބައެއް މީހުންގެ ގައިން ވައިރަހުގެ އަލާމަތްތައް ފެންނަން ފެށީ އެޕްރީލް މަހު 8 އަދި 10 ކަން ހާމަވެފައިވެ އެވެ. އެހެން ކަމަށްވާނަމަ، އެއީ އިޓަލީ ފަތުރުވެރިން ފުރައިގެންދިޔަތާ ގާތްގަނޑަކަށް 14 ދުވަސް ފަހެވެ.

ޖަރީމާގޭ ކްލްސްޓާގައި އެއާޕޯޓުގެ މުވައްޒަފަކު ހިމެނޭ ކަމަށް އެންއޯއީސީން ވަނީ ބުނެފަ އެވެ.

"ސަން"އަށް ކަށަވަރުވެފައިވާ ގޮތުގައި އެ މުވައްޒަފަކީ، އެެއާޕޯޓުގެ ރެޕެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ. އެހެން ކަމަށްވާނަމަ، ފުރައިގެން ދިޔަ ފަތުރުވެރިއެއްގެ ފަރާތުން މި ވައިރަސް އޭނާއަށް ޖެހުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް މިހާތަނަށް އެ ފަތުވެރިންނާ ކޮންޓެކްޓްވި އެއްވެސް މީހަކު ޕޮޒިޓިވްވެފައިވާކަން ޔަގީން ކުރެެވިފައި ނުވާކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.

އޭގެ އިތުރުން ރާއްޖެއިން އެންމެ ފުރަތަމަ ވައިރަސް ޖެހުނު ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބަންގްލަދޭޝް މީހާއަކީ، މި ރެޕްގެ ގާތް މީހެކެވެ. ނަމަވެސް ބަންގަލްދޭޝް މީހާ ހިމެނެނީ، ބީޒެޑްއެމް ކްލަސްޓާގަ އެވެ. އެހެންކަމަށްވާނަމަ، މި ދެ ކްލާސްޓާއާ ގުޅުމުގެ ފުރުސަތު ވެސް އެބައޮތެވެ.

2. ކަރަންޓީން ފުރިހަމަ ކުރި މީހެއްގެ ފަރާތުން:

ރާއްޖެއިން ބޭރުން އައުމުން 14 ދުވަހަށް ކަރަންޓީނުކުރާ އެންމެން ޓެސްޓް ކުރަން ފެށީ، އިނގިރޭސިވިލާތުން އައި މީހަކު އަލާމާތްތައް ނުފެނި ޕޮޒިޓިވްވުމުންނެވެ. އޭގެ ކުރިން ޓެސްޓް ކުރަމުން ދިޔައީ އަލާމާތް ފެންނަ މީހުން އެކަންޏެވެ.

އެހެން ކަމަށް ވާނަ، އެންމެން ޓެސްޓް ކުރުމުގެ ކުރިން ބަލީގެ އަލާމާތެއް ނުފެނި ނަމަވެސް ވައިރަސް ހުރި މީހަކު ދޫވުމުގެ ފުރުސަތު އޮވެދާނެ އެވެ. އެފަދަ މީހެއްގެ ފަރާތުން އާންމު މުޖުތަމައަށް ވައިރަސް ވާސިލުވުމުގެ ފުރުސަތު އޮވެދާނެ އެވެ. އެގޮތުން މި ވައިރަސް ބައެއް މީހުންނަށް ޖެހުމަށްފަހު، ރަނގަޅުވެ، އަނެއްކާވެސް ޖެހުމުގެ ފުރުސަތު އޮންނަ ކަމަށް ސިއްހީ މާހިރުން ބުނެ އެވެ. އަދި އެފަދަ ކޭސްތައް ހިނގާފައިވެސް އެބަހުއްޓެވެ. އެހެން ކަމަށްވާނަމަ، ކަރަންޓީންގައި ހުރި މީހަކު ނެގަޓިވްވުމުން ދޫކޮށްލުމަށްފަހު ވެސް އޭނާގެ ގައިގައި ވައިރަސް މުޅިން ނުފިލާ ހުރެފައި އަލުން ޖެހުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

މިހާތަނަށް ޕޮޒިޓިވްވެފައި ހުރި މީހުންގެ ތެރޭގައި އިނގިރޭސިވިލާތުން ރާއްޖެ އައުމުން ކަރަންޓީނު ނިންމާ ޓެސްޓްކޮށް ދޫކޮށްލި މީހަކު ޕޮޒިޓިވްވެފައިވެ އެވެ.

އެޗްޕީއޭގެ އެޕިޑޮމިލޮޖިސްޓް، ޑރ. ނަޒްލާ ރަފީގު ވިދާޅުވި ގޮތުގައި އެ މީހާއަށް ވައިރަސް ޖެހުނީ ކަރަންޓީނުން ދޫކޮށްލި ފަހުން ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން އޭނާއަށް ވައިރަސް ޖެހުނީ، އޭނާ ދޫކޮށްލި ފަހުން، ޕޮޒިޓިވްވި އެހެން މީހަކާ ކޮންޓެކްޓް ވެގެން ކަމަށް ނަޒްލާ ރަފީގު ވިދާޅުވި އެވެ.

"ކަން ދިމާކުރިގޮތުން އޭނާ މިވީ، ޕޮޒިޓިވް ކޭސްއެއްގެ ވަރަށް ކްލޯޒް ކޮންޓެކްޓަކަށް. ދިމާވިގޮތުން ފަހުން [ކަރަންޓީނުން ދޫކޮށްލި ފަހުން] އޭނާއަށް އެ ބަލި އަރާފައި ޕޮޒިޓިވް ވެފައި އެހުރީ،" ޑރ. ނަޒްލާ ރަފީގު ވިދާޅުވި އެވެ.

ޑރ. ނަޒްލާ މުސްތަފާ: ކަރަންޓީން އިން ދޫކޮށްލި މީހާއަށް ވައިރަސް ޖެހުނީ ޕޮޒިޓިވްވި އެހެން މީހަކާ ކޮންޓެކްޓް ވެގެން ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަމަވެސް ޑރ. ނަޒްލާ އެ ވިދާޅުވާ ވާހަކައިގެ އަނެއް ފަރާތެއްވެސް އެބަ އޮތެވެ. ޕޮޒިޓިވްވި މީހާއަށް މި ވައިރަސް ޖެހުނީ، ކޮން ގޮތަކުން ހެއްޔެވެ؟ އިނގިރޭސީ ވިލާތުން އައި ދިވެހި މީހާގެ ފަރާތުން ވައިރަސް ވާސިލުވުމުގެ ފުރުސަތު ހަމަ އޮވެވެސް ދާނެ އެވެ.

ވައިރަސް ކުރިން ޖެހިފައި ހުރިތޯ ދެނެގަތުމަށް ހަދާ ޓެސްޓަކީ، އެންޓިބޮޑީ ޓެސްޓެވެ. ކަރަންޓިންގައި ތިބޭ މީހުން އެ ޓެސްޓް ނުކުރެ އެވެ. އެހެން ކަމުން ކުރިން އެމީހަކަށް ބަލި ޖެހި ރަނގަޅުވެފައި ހުރިކަން ނުހޯދޭނެ އެވެ. ނުވަތަ، ކަރަންޓީނުން ޕޮޒިޓިވްވެފައިވާ މީހެއްގެ ނަތީޖާ ނެގެޓިވްވި ވެގެން ދޫވެފައި ހުރި ނަމަވެސް، އެއީވެސް ވައިރަސް މުޖުތަމައުގެ ތެރެއަށް ފެތުރުމުގެ ފުރުސަތު އޮތް ކަމެކެވެ. ނަމަވެސް އެއީ ވަރަށް ހަނި ފުރުސަތެކެވެ.

އިތުރު އިންޑެކްސް ކޭސްތަކެއް، ނުރައްކަލުގެ ރަގަބީލެއް!

މާލެއިން ފެނުމާ ފުރަތަމަ ކޭސްއާ ގުޅިގެން 24 ގަޑިއިރަށް މާލެ ސަރަހައްދު ބަންދުކުރުމަށް ފުލުހުން މެގަފޯނުންް މީހުން ގެއަށް ވަނުމަށް ގޮވާލަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރު މާލެ ތެރޭ ވައިރަސް ފެތުރިފައި ހުރި ނިސްބަތަށް ބަލާއިރު، ރާއްޖޭގައި އިންޑެކްސް ކޭސްތައް، ނުވަތަ ވައިރަސް ޖެހުނު ގޮތް ނުހޯދޭ ކޭސްތައް ގިނަ ވާނެ ކަމަށް ބެލެވެ އެވެ. އޭގެ މާނައަކީ، ރާއްޖެއަށް ވައިރަސް ފެތުރިފައި މިވަނީ އެއް ގޮތަށް ވުރެ ބޮޑަށް، އެކި އެކި ދިމާލުން ކަމަށްވުމުގެ ފުރުސަތު އޮތުމެވެ.

"އިންޑެކްސް ކޭސް ނުވެދާނެ އެންމެ ކޭސް އަކަށް. މުޅި ގައުމަށް ވައިރަސް އަންނަނީ އެންމެ ކޭސްއަކުންނެއް ނޫން. އިނިޝިއަލް ފެށުންގަނޑު އައުމަށް ބައިވަރު މަގުތަކެއް ހުންނާނެ... އެހެންވީމަ މަލްޓިޕްލް ފޯކަސްތަކެއްގެ ސަބަބުން ވައިރަސް ފެތުރިގެން ދިޔުން އެކަށީގެންވޭ،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޖަރީމާގޭ ކްލަސްޓާ ފެށުނު ހިސާބުން އެއީ އެންމެ އިންޑެކްސް ކޭސްއެއް ކަމަށް ގަބޫލު ކުރެވުނު ކަމަށާއި ނަމަވެސް މިހާރު ވައިރަސް ފެތުރިގެން އުޅެނީ ބައިވަރު އިންޑެކްސް ކޭސްތަކުން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

އެންމެފަހުން އެޗްޕީއޭ އިން ދިން މައުލޫމާތުތަކަށް ބަލާއިރު، އެއްވެސް ކްލާސްޓާއަކަށް ނުފެތޭ 39 ކޭސް އެބަ އުޅެ އެވެ. މިއީ ވީނުވީއެއް ނޭނގި، ވައިރަސް ޖެހުނީ ކާކުގެ ފަރާތުން ކަމެއް ނުހޯދޭ ކޭސްތަކެވެ. މިފަދަ ކޭސްތައް އިތުރުވާނަމަ، މިއީ ވަރަށް ބޮޑު ނުރައްކަލުގެ ރަނގަބީލެކެވެ.

ނުރައްކާވާނީ މިވަރަށް! ބިދޭސީންގެ "ހާލި" ތަކުގައި ވައިރަސް!

ރާއްޖޭގައި ވައިރަސް ޖެހިފައިވާ 50.4 ޕަސެންޓް މީހުންނަކީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. މިއީ ވަރަށް ނުރައްކާތެރި ސިގްނަލެކެވެ. ސަބަބަކަށް ވަނީ، ބަންގަލަދޭޝް މީހުން ދިރިއުޅެން ޖެހިފައިވާ މާހައުލަކީ، ވައިރަސް ފެތުރުމުގެ ފުރުސަތު ބޮޑު. ސާފުތާހިރުކަން ކުޑަ ތޮއްޖެހިފައިވާ ތަންތަނެވެ. އޭގެ އެންމެ ރަނގަޅު މިސާލަކީ، އެއް ތަނެއްގައި އުޅެމުން އައި 95 ބިދޭސީއެއް ވައިރަހަށް ޕޮޒިޓިވްވުމެވެ. އަދި ރެންޑޮމްކޮށް ނެގި ސާމްޕަލްތަކުގެ ތެރެއިން އެތައް ބިދޭސީންނެއްގެ ސާމްޕަލް ވަނީ ޕޮޒިޓިވްވެސް ވެފަ އެވެ. އޭގެ މާނައަކީ ބިދޭސީ ކުއާޓަރުތަކުގެ ތެރޭގައި ވައިރަސް ވަރަށް ބޮޑަށް ވަކިހިއްޕާލާފައިވާ ކަމެވެ.

ބިދޭސީންނަކީ އާންމު ދިވެހިންނާ އެކި ގޮތްގޮތުން ބައްދަލުވެ ދިމާވާ ބައެކެވެ. ފިހާރަތަކުގައި ގިނައިން މަސައްކަތް ކުރަނީ އެ މީހުންނެވެ. ބާޒާރުމަތީގައާއި ސެލޫންތަކާއި ގޭގައި މަސައްކަތު މީހުންގެ ގޮތުގައިވެސް އުޅޭ ބިދޭސީންގެ އާބާދީ ބޮޑެވެ. އެހެން ކަމަށްވާ ނަމަ، އާންމު ދިވެހިންނާ ބިދޭސީންނާ ކްލޯޒް ކޮންޓެކްޓް ނުވެ، ތިބުމަކީ ނުވާނެ ކަމެކެވެ. އެހެން ކަމުން މާލެ ތެރެއަަށް ވައިރަސް ފެތުރިފައިވާނެ މިންވަރު ވަޒަންކޮށްލާށެވެ. ވައިރަސް ޖެހިފައިވާ މީހެއްގެ ކިބައިން ހަތަރު މީހުންނަށް ވައިރަސް ފަތުރަ އެވެ. އެހެންވީއިރު، ރާއްޖޭގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ހާހުން ގުނާލެވުން އެކަށީގެންވެ އެވެ.

މިދިޔަ ފެބުރުއަރީ-މާޗް މަހުން ފެށިގެން މާލެތެރޭގައި ވައިރަސް އުޅޭ އިރު މާލެއިން އެކި ރަށްރަށަށް ވައިރަސް ދަތުރުކޮށްފައި ހުރުމުގެ ފުރުސަތު ވެސް ވަރަށް ބޮޑެވެ. ކުރިއަށް މި އޮތް ދެ ހަފްތާ އަކީ އެ ކޭސްތައް ފެނުމުގެ ފުރުސަތު ބޮޑު ދެ ހަފްތާ އެވެ. ވައިރަހުގެ މޫތައް ވަނީ އަހަރުމެން ހީކުރި ވަރަށް ވުރެ އަޑިއަށް ފައިބައިފަ އެވެ. މާލޭގެ އެންމެ އެތެރެއަށް ވައިރަސް ވަނީ ވަދެ، އޭގެ ވަކި ހިއްޕާލައިފަ އެވެ. ކުރިއަށް އޮތް ދެ ހަފްތާ މުހިންމު ވަނީ އެހެންވެ އެވެ. ރާއްޖޭގައި މިވައިރަހުގެ ހާލަތު ދެން ބަދަލުވެގެން ދާނެ ގޮތެއް އިނގޭނީ އެ މުއްދަތަށް ފަހު އެވެ. ކުރިމަތީ މި އޮތީ ނޭވާ ހިފަހައްޓާލަން ޖެހޭނެ ދެ ހަފްތާ އެވެ.