21 Dec 2011, 13:11
މާލޭގައި ތަކެތީގެ އަގުތައް ބޮޑުވި މިންވަރު ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި 10.3 ޕަސެންޓަށް އުފުލިއްޖެ އެވެ.
ނޭޝަނަލް ޕްލޭނިން (ޑީއެންޕީ) އިން އާންމުކޮށްފައިވާ، އިންފްލޭޝަންގެ މިންގަނޑު ވަޒަންކުރާ، ކޮންޒިއުމާ ޕްރައިޒް އިންޑެކްސް (ސީޕީއައި)ގެ މިދިޔަ މަހުގެ ރިޕޯޓުން ދައްކާ ގޮތުން މި އަހަރުގެ އޮކްޓޯބަރު މަހާ އަޅާކިޔާ އިރު ފާއިތުވި ނޮވެމްބަރު މަހު އިންފްލޭޝަން ރޭޓް 3.33 ޕަސެންޓް ވަނީ އުފުލިފަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 16.54 ޕަސެންޓް އިތުރުވުމެކެވެ.
ޑީއެންއެފުން އާދީއްތަ ދުވަހު އާންމު ކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުން އަހަރު ދުވަހުގެ ތެރޭގައި އަގުތައް އެންމެ މައްޗަށް ގޮސްފައިވާ ތަކެތީގެ ތެރެއިން ފޯއް ކިލޯއެއްގެ އިންފްލޭޝަން ރޭޓް ވަނީ 47 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. އަދި ކުކިން އޮއިލްގެ އަގު 29 ޕަސެންޓް މައްޗަށް ގޮސްފައިވާ އިރު ކާށީގެ އަގު ވަނީ 28 ޕަސެންޓް މަތިވެފަ އެވެ.
މީގެ އިތުރުން، 2010 ނޮވެމްބަރު މަހުން މި އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު، މަހުގެ އަގަށް އައި ބަދަލު ނުލައި ކާބޯތަކެތީގެ އެހެނިހެން ބާވަތްތަކުގެ އަގު 36 ޕަސަންޓަށް މައްޗަށް ގޮސްފައިވާ ކަމަށް ވެސް ސީޕީއައިގެ ހިސާބުތަކުން ދައްކަ އެވެ. އަދި މަހުގެ ބާވަތްތަކުގެ އިންފްލޭޝަން ރޭޓް 26 ޕަސެންޓް ވަނީ މަތިވެފަ އެވެ.
ޑީއެންއެފް އިން ބުނީ ފާއިތުވި އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މި އަހަރުގެ ނޮވެމްބަރު މަހާ ހަމަޔަށް އިންފުލޭޝަން ބޮޑުތަނުން އުފުލިފައިވާ ބައިތަކުގެ ތެރޭގައި މަހާއި އެހެނިހެން ވެސް ކާބޯތަކެއްޗާއި ދަތުފަތުރާއި ތައުލީމުގެ އިތުރުން ސިއްހަތުގެ ބައި ހިމެނޭ ކަމަށެވެ. އަދި މީގެ އިތުރުން އަގުތައް މައްޗަށް ގޮސްފައިވާ ބާވަތްތަކުގެ ތެރޭގައި ސައިފަތް ޕެކެޓާއި ސައިފަތާއި މާޖިރިންގެ އިތުރުން ސޮސެޖާއި މައިލޯ އަދި ކުކުޅު ފަޔާއި ހިކިކިރު ހިމެނޭ ކަމަށް ވެސް އެ ޑިޕާޓްމަންޓުން ބުނެ އެވެ.