ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން މާލީ ދަތިތައް ކުރިމަތިވެފައިވާ އެތުލީޓުންނަށް އެހީވުމަށްޓަކައި ވޯލްޑް އެތުލެޓިކްސް އެސޯސިއޭޝަނާއި، އިންޓަނޭޝަނަލް އެތުލެޓިކްސް ފައުންޑޭޝަން ގުޅިގެން ފަންޑެއް ހުޅުވައިފި އެވެ.

ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކާ އެކު ދުނިޔޭގެ ކުޅިވަރުގެ ހަރަކާތްތައް މެދުކަނޑާލާފައި އޮންނަތާ ދުވަސްތަކެއް ވެފައިވާ އިރު ކުޅިވަރު އެތުލީޓުންނަށް ވަނީ މާލީ ބޮޑެތި ދަތިތަކާ ކުރިމަތިވެފައި ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ބުނެ އެވެ.

ވުމާއެކު ދުނިޔޭގެ އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް ސެބަސްޝިއަން ކޯ އިސްނެންގެވުމާ އެކު އެތުލީޓުންނަށް އެހީވުމަށް ޓަކައި ވަނީ މަސަައްކަތްތަކެއް ފަށައިފަ އެވެ. އެގޮތުން މިހާތަނަށް 500،000 ޑޮލަރުގެ ފަންޑެއް ވަނީ އެތުލީޓުންނަށް އެހީވުމަށް ޓަކައި ހޯދައިފަ އެވެ.

"ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތުލީޓުންގެ ހާލު ވަރަށް ގާތުން ބަލަމުން މިދަނީ. ވޭތުވެ ދިޔަ ދެ މަހެއްގެ ތެރޭގައި ކުޅިވަރުގެ ހުރިހާ ހަރަކާތެއް ހުއްޓާލާފައި އޮތުމުން އެތުލީޓުންނަށް ވަނީ މާލީ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައި،" ކޯ ބުނެފައިވެ އެވެ.

ކޯ ބުނީ، ޕްރޮފެޝަނަލް ގިނަ އެތުލީޓުންނަކީ މުބާރާތްތަކުން ލިބޭ ވަނަތަކުން ދިރިއުޅުމަށް ބޭނުންވާ މާލީ ފޯރުންތެރިކަން ފުއްދާ އެތުލީޓުން ކަމަށެވެ. އަދި މުބާރާތްތައް މެދުކަނޑާލުުން އެފަދަ އެތުލީޓުންނަށް ވަރަށް ބޮޑު ދަތިކަމެއް ކުރިމަތިވެފައިވާ ކަމަށް ކޯ ބުންޏެވެ.

"އުންމީދަކީ މިއަހަރު ނިމުމުގެ ކުރިން އެތުލެޓިކްސްގެ ހަރަކާތްތައް ފެށި، އެތުލީޓުންނަށް އާއްމުދަނީ ހޯދޭނެ އިތުރު ގޮތްތަކެއް ތަނަވަސްކޮށްދިނުން، މިހާރު ލިބިފައިވާ ފަންޑުން އެތުލީޓުންނަށް އެހީވާން ފެށުމަށް މިދަނީ ތައްޔާރުވަމުން."

ކޮރޯނާވައިރަހާ ގުޅިގެން، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ އޮލިމްޕިކް ގޭމްސް އާއި ޕެރަލިމްޕިކް ގޭމްސް ވެސް ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ.

ޖަޕާނުގެ ޓޯކިޔޯގައި ޖުލައި 24 އިން އޮގަސްޓް 9 އަށް ބާއްވަން ރޭވި ގޭމްސް ދެން އޮންނާނީ އަންނަ އަހަރުގެ ހޫނު މޫސުމަށް ވުރެ ފަސްނުވާނެ ތާރީހެއްގަ އެވެ. އަންނަ އަހަރު ބޭއްވި ނަމަވެސް، ގޭމްސް ބްރޭންޑްކުރާނީ"'އޮލިމްޕިކްސް 2020" ގެ ގޮތުގަ އެވެ.

އޮލިމްޕިކްސްގެ މި ފަހަރުގެ ގޭމްސްގައި 33 ކުޅިވަރަކުން 339 އިވެންޓް އޮންނާނެ އެވެ. އަދި ދުނިޔެ 205 ގައުމަކުން 11،000 އަށް ވުރެ ގިނަ އެތުލީޓުން ބައިވެރިވާނެ އެވެ.