"އަހަރެން ރެޑީއެއް ނޫން އިންޑިއާގެ ކޮމާޝަލް ސިނަމާގެ ތަތްގަނޑަށް ފެތޭކަށް،" މިއީ މަޝްހޫރު އެކްޓަރު އިރުފާން ޚާން އިންޓަވިއުއްގައި ދިން ޖަވާބެކެވެ. ހާލު ބޮޑުވެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މި ދުނިޔެއާ މިއަދު އަލްވަދާއުކީ އެކްޓަރު އިރުފާން، ބޮލީވުޑްގެ ގިނަ ފަންނާނުންނާ ތަފާތުވަނީ މި ސަބަބާ ހުރެ އެވެ. އޭނާއަކީ ތަފާތު ދައްކާ އެކްޓަރެކެވެ. ދުނިޔޭގެ އެތައް ބައެއްގެ ލޯތްބާއި ސަޕޯޓު، އިރުފާނަށް ލިބުނީވެސް މި ސަބަބާ ހުރެ އެވެ.

މުމްބާއީގެ ކޮކީލާބޭން ހޮސްޕިޓަލުގައި ބައްޔަކަށް ފަރުވާ ދެމުން ދަނިކޮށް މިއަދު އިރުފާން މަރުވިއިރު އޭނާގެ އުމުރަކީ 54 އަހަރެވެ. އޭނާގެ މަރާއެކު މުޅި ބޮލީވުޑް އާއި ދުނިޔޭގެ އެތައް ފޭނުން ވަނީ ހިތާމައިގެ ތެރެއަށް ގޮސްފަ އެވެ. މިއީ ހަގީގަތުގައިވެސް މުޅި ބޮލީވުޑް ފިލްމު އިންޑަސްޓްރީއަށް އަނދިރި ދުވަހެކެވެ. އެކަން މުޅި އިންޑަސްޓްރީގެ ހުރިހާ އެންމެންވެސް ގަބޫލުކުރެ އެވެ.

އާންމުންނާ "ރިލޭޓް" ކުރެވޭނެ ފަދަ އެތައް އިޖުތިމާއީ ރޯލުތައް ކުޅެފައިވާ އިރުފާންގެ އެކްޓިން ރޯލުން ބޮލީވުޑްގެ ތޮށިން ނުކުމެ ހޮލީވުޑްގެ އޭލިސްޓުގެ ތަރީންނާއެކު މަސައްކަތްކުރުމުގެ ފުރުސަތުވެސް އޭނާ ވަނީ ހޯދާފަ އެވެ. ނަމަވެސް އިރުފާން އަށް އެ ހިސާބަށް ދެވިފައިވަނީ އެތައް ގުރުބާނީއަކާއި ދަތިތަކަކަށް ފަހުގަ އެވެ.

އިރުފާން ހާން ވަރަށް ޒުވާން އުމުރުގައި ކުޅެފައިވާ ފިލްމެއްގެ މަންޒަރެއް --

އިންޑިއާގެ ރާޖަސްތާން އަށް އުފަން އިރުފާން އަކީ ޓަޔަރުގެ ވިޔަފާރިކުރާ އާއިލާއަކަށް ނިސްބަތްވާ މީހެކެވެ. އިރުފާން އެންމެ ފުރަތަމަ އަމާޒުކުރަމުން ދިޔައީ އެކްޓް ކުރާކަށް ނޫނެވެ. އޭނާ އެންމެ ފުރަތަމަ ބޭނުންވީ ކްރިކެޓް ކުޅުންތެރިޔަކަށް ވާށެވެ. ނަމަވެސް ފައިސާ ނެތުމުގެ ސަބަބުން އެ ހުވަފެން ހަގީގަތަށް ވާގޮތެއް ނުވި އެވެ.

އެއާއެކު ފިލްމީ ދުނިޔެއަށް ލޯބި ހުރިކަން އިރުފާން އަށް އެނގިގެން ދިޔަ އެވެ. އަދި ޑްރާމާ އާ ގުޅޭ ޑިގްރީ ހަދައި ނިމުމުން އެންމެފަހުން މާސްޓާސްގެ ސްކޮލާޝިޕް އޭނާއަށް ލިބިގެން ދިޔަ އެވެ.

އިރުފާންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި އޭނާ އެންމެފަހުން މުމްބާއިއަށް ދިރިއުޅުން ބަދަލުކުރީ 80ގެ އަހަރުތަކުގެ ތެރޭގަ އެވެ. އަދި ފިލްމީ ދުނިޔެއަށް ވަނީވެސް އެހާ ހިސާބުގަ އެވެ.

ބޮޑެތި ފިލްމުތަކުން ފެނުމުގެ ކުރީން އިރުފާން ވަނީ އެކި ޓީވީ ސީރީޒްތަކުން ފެނިފައެވެ. އެންމެ ފުރަތަމަ އޭނާ ފެނިފައިވަނީވެސް ސީރީޒްތަކުންނެވެ. އެގޮތުން އޭނާ އެންމެ ފުރަތަމަ ކުޅުނު ސީރީޒް އަކީ 1985 ދައްކަން ފެށި "ޝްރީކަންތު" ކިޔާ ސީރީޒް އެކެވެ.

އެއަށްފަހުވެސް ތަފާތު ގިނަ ސީރީޒްތަކެއް ކުޅެފައި އެންމެ ފުރަތަމަ ފިލްމަކުން އޭނާއަށް ރޯލެއް ލިބުނީ 1988 ވަނަ އަހަރުގައެވެ. "ސަލާމް ބޮމްބޭ" ނަމަކަށް ކިޔާ ފިލްމެއްގައި އޭނާއަށް ލިބިފައިވަނީ އެކްސްޓްރާއެއްގެ ރޯލެވެ. ނަމަވެސް އެހާ ހިސާބުން އޭނާގެ އުއްމީދުތައް އިތުރަށް ވަރުގަދަކޮށް އާ އަޒުމަކާއެކު މަސައްކަތް ކުރަން ފެށިއެވެ.

އިރުފާން ހާން، ޖުރެސިކް ވޯލްޑް ފިލްމުން މަންޒަރެއްގައި ---

އިރުފާން އޭނާ އަށް ނަމެއް ހޯދަން ފެށީ ބޮލީވުޑްގެ އޭ ލިސްޓުންގެ މަގާ ތަފާތު މަގެއް ހިޔާރުކުރަން ފެށުމުންނެވެ. އެގޮތުން ބޮލީވުޑްގެ މަޝްހޫރު ބޮޑެތި ފަންނާނުންނަކީ ބޮޑަށް ރޮމޭންޓިކް ކޮމެޑީ ނުވަތަ ޑްރާމާ އެއްޗެހީގެ ބަތަލުންގެ ރޯލަށް ފަރިތަ މީހުންނެވެ. ނަމަވެސް އިރުފާން އަކީ ފިލްމުގެ ބަތަލުގެ އިތުރުން ވިލަންގެ ރޯލްތަކަށްވެސް ހަމަ ފިޓު އެކްޓަރެކެވެ. އަދި އިޖުތިމާއީ ބޮޑެތި މައްސަލަތައް ދައްކުވައިދޭ އުނދަގޫ ރޯލުތައް ނެގުމަށް އިރުފާން ފަސް ނުޖެހުމަކީ އޭނާ ދެކެ އާންމުން އިތުރަށް ލޯބިވާން ފެށި ސަބަބެކެވެ.

އިރުފާންގެ އެންމެ ބޮޑެތި ފިލްމުތަކުގެ ތެރޭގައި މިއަދަށް ދިޔައިރުވެސް އެންމެ ފާހަގަކުރެވޭ އެއް ފިލްމަކީ "ސްލަމްޑޯގް މިލިއަނެއާ"އެވެ. ބޮލީވުޑްގެ ދުނިޔެއިން ނިކުމެ އެ ފިލްމު ވަނީ މުޅި ދުނިޔޭގެ މާކެޓުގައި އަޑުގަދަކޮށްފައެވެ. އަދި އެ ފިލްމަކީ، ފިލްމީ ދުނިޔޭގެ އެންމެ ޝަރަފުވެރި އެކެޑެމީ އެވޯޑްސްވެސް ހޯދާފައިވާ ފިލްމެކެވެ.

ފިލްމު ކްރިޓީކުން ބުނާގޮތުގައި އޭނާއަކީ ބޮލީވުޑް އިންޑަސްޓްރީގައިހުރި އެންމެ ވަރުގަދަ އަދި "ފައިނެސްޓް" އެއް އެކްޓަރެވެ. އޭނާ އެހާބޮޑަށް މޮޅުވާ ސަބަބަކީ އޭނާގެ ވާސެޓިލިޓީކަމަށް ކްރިޓީކުންވެސް އެއްބަސްވެއެވެ. އެއީ ކޮންމެ ރޯލެއްވެސް ހަމަ ހަގީގަތުގައިވެސް އިރުފާން ވަނީ ދިރުމަށް ގެނެސްފައި ކަމަށް ވާތީ އެވެ.

އިރުފާންގެ ހުނަރު އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އުފެއްދުންތަކުގެ ތެރޭގައި، ހާސިލް (2003) އާއި ލައިފް އިން އަ މެޓްރޯ (2007) އާއި ގުންޑޭ (2014) އާއި ޕީކޫ (2015) އާއި ތަލްވާރު (2015) ފަދަ ފިލްމު ހިމެނެއެވެ. އަދި ހޮލީވުޑްގައި ލައިފް އޮފް ޕައި (2011) އާއި ޖުރެސިކް ވޯލްޑް (2016) އަދި އަމޭޒިން ސްޕައިޑާ މޭން (2011) ފަދަ ބޮޑެތި ޕްރޮޖެކްޓުންވެސް އޭނާ ވަނީ ޖާގަ ހޯދާފައެވެ.

އިންޑިއާގެ ފަރާތްތަކަށް ލިބޭނެ ހަތަރުވަނައަށް އެންމެ ޝަރަފުވެރި ލަގަބު "ޕަދްމާ ޝްރީ" އިރުފާން އަށް ލިބުމަކީ ހަމަ ހަގީގަތުގައިވެސް އޭނާއަށް ހައްގުވެގެންވާ ލަގަބެކެވެ.