21 Dec 2011, 12:54
ހެލްތު އިންޝުއަރެންސްގެ ބިލަށް ހުށަހަޅާފައިވާ އިސްލާހުތަކަށް އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓު ނެގި އިރު އެމްޑީޕީން ނެރެފައިވާ ވިޕްލައިނާ ހިލާފަށް، ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވޯޓް ދެއްވީ އޮޅުމަކުން ކަމަށް ވިދާޅުވާ، މައްސަލަ ބައްލަވައިދެއްވުމަށް އެދި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ރައީސް އިބްރާހިމް މުހައްމަދު ޝޯލިހު (އިބޫ) އަށް ހުށަހަޅުއްވައިފި އެވެ.
މުސްތަފާ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ރައީސަށް ރޭ ފޮނުއްވާފައިވާ އެސްއެމްއެސްއެއްގައި ވިދާޅުވެފައި ވަނީ އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިންޝުއަރެންސް ބިލަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ރީކޯ މޫސަ ވޯޓް ދެއްވާފައި ވަނީ އޮޅުވާލައްވައިގެން ކަމަށާއި އަދި ޕާޓީގެ ވިޕްލައިނާ ހިލާފަށް ވޯޓް ދެއްވުނީ އޮޅުމަކުން ކަމަށް އެ ޕާޓީގެ ޕާލިމަންޓް ގްރޫޕްގެ ބައެއް މެންބަރުން އަރިހު މުސާ ފަހުން ވިދާޅުވި ކަމަށެވެ. އަދި އޮޅުމަކުން މޫސަ އަށް ވޯޓް ދެއްވުނު ކަމަށް ވިދާޅުވާ މައްސަލަ އެމްޑީޕީގެ ޕާލިމަންޓް ގްރޫޕުން އެންމެ ފުރަތަމަ ބާއްވާ ބައްދަލުވުމަކަށް އެޖެންޑާކޮށްދެއްވައި އެ މައްސަލަ ބައްލަވައި ދެއްވުމަށް ވެސް މުސްތަފާ ވަނީ އެދިވަޑައިގެންފަ އެވެ.
"އެނގިވަޑައިގެންނަވާނެ ފަދައިން ކުރީގެ ރައީސުންނަށް ދޭން ޖެހޭ އިނާޔަތްތަކުގެ ބިލަށް އަޅުގަނޑަށާއި އެމްޑީޕީގެ އެހެން ބޭފުޅަކަށް އޮޅިގެން ވޯޓް ދެވުނު މައްސަލައަކާ ގުޅިގެން އަޅުގަނޑު ވަނީ އޮޅިގެން ވޯޓް ދޭ މީހެއްގެ ގޮތުގައި މުޅި ރާއްޖެ އަށް ފަލީހަތްވެފައި. މަޖިލީހާ އަލަށް ގުޅިގެން އުޅޭ ދުވަސްކޮޅު އޮޅިގެން ވޯޓެއް ދެވުމަކީ ހައިރާންވާން ޖެހޭވަރުގެ ކަމެއް ނޫން. ނަމަވެސް މަޖިލީހުގައި އަށެއްކަ އަހަރު ވަންދެން މަސައްކަތްކުރައްވާފައިވާ އަދި އެމްޑީޕީގެ އެހާ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކު ޕާޓީގެ ވިޕްލައިނާ ހިލާފަށް ވޯޓް ދެއްވައި ވޯޓް އޮޅުނީ އޭ ވިދާޅުވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން،" މުސްތަފާ ވިދާޅުވި އެވެ.
އެކަމާ ގުޅިގެން މޫސައާ ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ މޫސަގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ]އިބޫ[ މިއަދު ވިދާޅުވީ ރޭ މުސްތަފާގެ އެ މެސެޖް ލިބިވަޑައިގެންފައިވާ ކަމަށާއި ނަމަވެސް އޭގެ ކުރިން ވެސް ހެލްތު އިންޝުއަރެންސް ބިލަށް އިސްލާހު ހުށަހެޅަށް ޕާޓީން ނެރެފައިވާ ޕިޕްލައިނާ ހިލާފަށް ތިން މެންބަރަކު ވޯޓް ދެއްވިކަން އިއްޔެ ވޯޓްލަމުން ދިޔަ އިރު ވެސް ފާހަގަކުރެވުނު ކަމަށެވެ. އަދި ވޯޓް ދިނުމުގައި މައްސަލައެއް އުޅޭ ކަމުގައިވާ ނަމަ އެ މައްސަލަ ބައްލަވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. ނަމަވެސް އޭގެ ތެރޭގައި ރީކޯ މޫސާ ހިމެނިވަޑައިގެންނަވާ ކަމެއް އަދި އެއީ ކޮންކޮން ބޭފުޅުންނެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
"ވޯޓްލަމުން ދިޔަ އިރު ވެސް އަޅުގަނޑަށް ފާހަގަކުރެވުނު ވިޕްލައިނާ ހިލާފަށް ދެތިން ވޯޓެއް އުޅުނުކަން. ނަމަވެސް އެއީ ކޮންކޮން ބޭފުޅުންނެއް ކަމަށް އިނގޭނީ އެކަންތައް ވީގޮތް ބަލާފައި. އަޅުގަނޑު އޮންނާނީ ވޯޓިން ކަރުދާސް ނެގުމަށް ބުނެފައި. މައްސަލައެއް އުޅެންޏާ ޕީޖީއަށް ހުށަހަޅާނަން،" އިބޫ ވިދާޅުވި އެވެ.
އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް އެ ޖެންޑާކޮށްފައި އޮތް ހެލްތު އިންޝުއަރެންސް ބިލަށް ސަތޭކައަށް ވުރެ ގިނަ އިސްލާހު ވަނީ ހުށަހަޅައިފަ އެވެ. އަދި އެބިލަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ވޯޓަށް އެހުން މިއަދުގެ ޖަލްސާ އަށް ވެސް ވަނީ އެޖެންޑާކޮށްފަ އެވެ.