މާލެ ސަރަހައްދަށް އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރު 14 ދުވަހަށް ދަންމާލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނިންމައިފި އެވެ.

މިހާރު އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު ހަމަވާނީ، މާދަމާގެ ނިޔަލަށެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް، މައިމޫނާ އަބޫބަކުރު މިއަދު ނެރުއްވިއެންގުމުގައިބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމަށް އެންގި އެންގުމުގެ މުއްދަތު އިތުރު ކުރާ ކަމަށެވެ.

"ބުނެވިދިޔަ ގާނޫނުގެ 34 ވަނަ މާއްދާގެ (ރ) އާއި (ށ) ގެ ދަށުން، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ
ހައިސިއްޔަތުން އަހުރެންނަށް ލިބިދޭ ބާރުގެ ދަށުން، 2020 އެޕްރީލް 17 ވީ ހުކުރު ދުވަހު އަންގައިފައިވާ، ނަންބަރު 2020/37 އެންގުމުގެ މުއްދަތު، 14 (ސާދަ) ދުވަހުގެ މުއްދަތަށް އިތުރުކުރުމަށް ނިންމައި، އެކަން އަހުރެން އަންގަމެވެ،" މައިމޫނާ އަބޫބަކުރު ނެރުއްވި އަމުރުގައިވެ އެވެ.

ލޮކްޑައުން އަމުރުގެ ދަށުން ހުއްދަ ނެތި މާލެ، ހުޅުމާލެ، ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުން ވެސް މަނާވާނެ އެވެ. މީގެ އިތުރުން މާލެ ސަރަހައްދުގެ އާންމު ދަތުރުފަތުރުގެ ހިދުމަތްތައް ކަމަށްވާ، ބަހާއި ފެރީ ގެ ހިދުމަތްދިނުން އަދި މާލެ ހުޅުމާލެ ވިލިމާލެ ތިލަފުށި ގުޅިފަޅަށް މީހުން އަރައި ފޭބުން ވެސް މަނާވާނެ އެވެ.

މާލެއިން މި މަހުގެ 15 ދުވަހު ކޮވިޑް-19ގެ ކޭސްއެއް ފެނުމާއެކު 24 ގަޑިއިރަށް މާލެ ސަރަހައްދު ލޮކްޑައުން ކުރި އެވެ. އެފަހުން ޖެހިގެން އައި ދުވަހު ލޮކްޑައުންގެ މުއްދަތު 14 ދުވަހަށް އިތުރުކުރި އެވެ.

މިފަހަރު ލޮކްޑައުންގެ މުއްދަތު އިތުރު މި ކުރީ އެ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާތީ އެވެ.

ލޮކްޑައުންގެ ފިޔަވަޅުތަކުން އިސްތިސްނާ ވާނެ ފަރާތްތަކަކީ؛

  • ސިފައިންނާއި ފުލުހުން

  • ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
  • އެމްބިއުލެންސް
  • ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ފަރާތްތައް
  • ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ މީޑިއާތައް

ލޮކްޑައުންގެ އުސޫލުތަކާ ހިލާފުވާ ފަރާތްތައް ފުލުހުން އަންނަނީ ޖޫރިމަނާ ކުރަމުންނެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެފައި ވަނީ، މާލެ ސަރަހައްދުގެ ލޮކްޑައުން ނިމުމަކަށް ގެނެވޭނެ ހާލަތައް އަދި ނާންނަ ކަމަށެވެ. އަދި ކައިރި މުސްތަގުބަލެއްގައި އާންމު ހާލަތަށް އައިސްދާނެ ކަމަށްވެސް ގަބޫލު ނުކުރައްވާ ކަމަށް އެބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

ލޮކްޑައުންގައި ބާއްވަން ޖެހެނީ، ވައިރަސް ކުއްލިއަކަށް ފެތުރުނަ ނުދީ ހިފެހެއްޓުމަށްޓަކައި ކަމަށް ސިއްހީ މާހިރުން ވަނީ ވިދާޅުވެފަ އެވެ.

މިހާރު ރާއްޖެއިން ކޮރޯނާ ވައިރަސް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ 250 މީހުންނަށް އަރާފަ އެވެ. އޭގެ ތެރެއިން ހިމެނެނީ، 151 ބިދޭސީންނާއި99 ދިވެހިންނެވެ. މިހާތަނަށް ވައިރަހުން ރަނގަޅުވެފައި ވަނީ 17 މީހުންނެވެ.