29 Apr 2020, 15:14
ވޮޝިންޓަން (އޭޕްރިލް 29): އެމެރިކާގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަަދަދު އެއް މިލިއަނަށް އަރައިފި އެވެ.
އެމެރިކާގެ ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ވައިރަސް ޓްރެކާއިން ދައްކާ ގޮތުގައި އެގައުމުގައި މިހާތަނަށް 1،012،583 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި އެ ވައިރަހުގެ ސަބަބުން ޖެހޭ ކޮވިޑް-19 ބަލީގައި 58،355 މީހަކު ވަނީ މަރުވެފަ އެވެ. އެއީ ވިއެޓްނާމް ހަނގުރާމައިގައި މަރުވި އެމެރިކާ މީހުންގެ އަދަދަށް ވުރެ އިތުރު އަދަދެކެވެ. އެ ހަނގުރާމައިގައި އެގައުމުގެ 58،220 މީހަކު މަރުވި އެވެ.
އެމެރިކާއިން ފުރަތަމަ ކޮރޯނާވައިރަސް ފެނުނީ ޖެނުއަރީ 20ގަ އެވެ. އަދި އެގައުމުން ބަލީގައި ފުރުތަމަ މީހާ މަރުވީ ފެބްރުއަރީ ހަޔެއްގަ އެވެ.
މުސްތަގުބަލުގައި އެމެރިކާގައި ކޮރޯނާވައިރަސް ފެތުރޭނެ މިންވަރު ލަފާ ކުރުމަށް އެގައުމުގެ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލްއިން ހަދާފައިވާ މޮޑެލްތަކުން ދައްކާ ގޮތުގައި އެގައުމުގައި ޖިސްމާނީ ގައިދުރުކަން ދަމަހައްޓާ ނަމަ މަރުތައް އިތުރުވާ މިންވަރު ކުރިއަށް އޮތް ހަތަރު ހަފްތާ ތެރޭ މަދު ވާނެ އެވެ. ނަމަވެސް ގައިދުރުކަން ނުބަހައްޓާ ނަމަ މަރުވާ މީހުންގެ އަދަދު ހަލުވި ކަމާއެކު އިތުރުވާނެ އެވެ.
މީގެ އިތުރުން ވައިޓް ހައުސްގެ ކޮރޯނާވައިރަސް ޓާސްކް ފޯސްއިން ހަވާލާދިން މޮޑެލްއެއްގައިވާ ގޮތުން އޮގަސްޓު މަހާ ހަމަޔަށް ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދު 74،000އަށް އަރާފާނެ އެވެ. އެއީ މިދިޔަ ހަފްތާގައި އެކުލަވާލި މޮޑެލްއެއްގައި ލަފާ ކުރި ވަރަށް ވުރެ 7،000 އިތުރު އަދަދެކެވެ. އެ ބަދަލު އައީ މިހާރު ވައިރަސް ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދިޔުމުންނާއި މީހުން ގެއިން ބޭރުގައި ހަރަކާތްތެރިވާ މިންވަރު އިތުރު ވުމުން ކަމަށް ޔުނިވާސިޓީ އޮފް ވޮޝިންޓަން އިން ބުންޏެވެ.
އެމެރިކާގައި ވައިރަސް ހުރި މީހުންގެ އަދަދު މިލިއަނަކަށް އަރާފައި ވަނީ ބައެއް ސްޓޭޓުތަކުގެ ވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތައް ލުއި ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އަދި ގައުމުގެ އިގުތިސާދު ހުޅުވާލުމަށް ގޮވާލާ ބައެއް މީހުން މުޒާހަރާ ކުރި ފަހުންނެވެ.
މުޅި ދުނިޔޭގައި މިހާތަނަށް ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ތިން މިލިއަނަށް އަރާފަ އެވެ. އަދި ބަލީގައި މަރުވި މީހުންގެ އަަދަދު ވަނީ 217،000އަށް ވުރެ އިތުރުވެފަ އެވެ.