ނޯޓު: އަޙްމަދު ޝާޒްއަކީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯސް ހާސިލުކޮށްފައިވާ ފަރާތެކެވެ. އޭނާ މިވަގުތު މަސައްކަތްކުރަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯގެ ލެކްޗަރާއެއްގެ މަޤާމުގައެވެ. ސަންއިން ގެނެސްދޭ "ރޯދައިގެ ވަސިއްޔަތް" މި ބަޔަށް މިއަހަރު ލިޔުއްވައިދެއްވާނީ ޝާޒްއެވެ.

.........................................................................

އިންހޭލާއަކީ އަނގަ ނުވަތަ ނޭފަތުގެ ޒަރިއްޔާއިން ސްޕްރޭގެގޮތުގައި ހަށިގަނޑުގެ ތެރެއަށް ބޭސް ފޮނުވުމަށްޓަކައި ބޭނުންކުރެވޭ ކުޑަކުޑަ އާލާތެކެވެ. އާންމުގޮތެއްގައި އިންހޭލާ ބޭނުންކުރަނީ ނޭވާހިއްލާ ބައްޔާއި، އަންޖައިނާ، ބްރޮންކައިޓިސް އަދި އެންފިސީމާ ފަދަ ބަލިތަކަށް ފަރުވާކުރުމަށެވެ.(1)

ރޯދައަށްހުރެ އިންހޭލާ ބޭނުންކުރުމުން ރޯދަ ގެއްލުމާމެދު ޢިލްމުވެރީންގެ މެދުގައި ޚިލާފު އުފެދިފައި ވެއެވެ. މިއީ ރޯދައާގުޅޭ ޒަމާނީ މައްސަލައެއްކަމުން މީގެ ޙުކުމާބެހޭގޮތުން ޤަޠުޢީ (absolute) ދަލީލެއް ކީރިތި ޤުރުއާނުގައި ނުވަތަ ސުންނަތުގައި އައިސްފައެއްނުވެއެވެ. ވީމާ މިފަދަ މައްސަލަތަކުގެ ޙުކުމް ނެރޭނީ ކަމާބެހޭ ޢިލްމުގެ އަލީގައި މައްސަލަތައް ދިރާސާކުރުމަށްފަހު، ޝަރީޢަތުގެ މަޞްދަރުތައް ބޭނުންކޮށްގެން ޢިލްމުވެރިންގެ އިޖުތިހާދުންނެވެ.

ފުރަތަމަ ރައުޔު:

އިންހޭލާ ބޭނުންކުރުމަކުން ރޯދައެއް ނުގެއްލޭނެއެވެ. މިގޮތަށް ވިދާޅުވާ ބޭފުޅުންގެތެރޭގައި؛ ابن باز(2) ، ابن عثيمين(3) ، صالح بن فوزان(4) ، أبوزهرة(5) ، محمد عقلة(6) ، الصديق الضرير، محمد الخيـاط (7) ހިމެނިވަޑައިގަންނަވައެވެ. އަދި مجمع الفقه الإسلامي(8) ގެ ނިންމެވުމަކީވެސް މިއެވެ.

މިބޭފުޅުންގެ ދަލީލުތައް:

  • އިންހޭލާ އެކުލެވިގެންވަނީ ކެމިކަލް، ފެން، އޮކްސިޖަން މި ތިން ޢުންޞުރުގެ މައްޗަށެވެ. 200 ފަހަރު ސްޕްރޭ ކުރެވޭ އިންހޭލާ އެއްގައި އެކުލެވެނީ 10 މިލިލިޓަރުގެ ފެނެވެ. އެހެންގޮތަކަށް ބުނާނަމަ 200 ފަހަރު ސްޕްރޭ ކުރާ ބޭހުގައި ހުންނަނީ 10 މިލިލިޓަރުގެ ފެނެވެ. ސްޕްރޭ ކުރާ ކޮންމެ ފަހަރަކު އާވީގެގޮތުގައި، ހަށިގަނޑަށް އެތެރެވަނީ މިލިލިޓަރެއްގެ ބައިކުޅަ ބައެކެވެ. މި ބައިކުޅަބައިގެތެރެއިންވެސް އެންމެ ބޮޑު ބައެއް ދަނީ ނޭވާލުމުގެ ނިޒާމަށެވެ. ދެވަނަ ބައިދަނީ ބަލްޢޫމް (pharynx) އަށެވެ. އަދި މަޢިދާއަށް ދިއުމުގެ ފުރުސަތު އޮތީ މީގެތެރެއިން ދެން ބާކީއޮތް ވަރަށް ކުޑަ މިންވަރެކެވެ. އިންހޭލާ ބޭނުންކުރުމުގައި މި މިންވަރު މަޢިދާގެތެރެއިން ހަށިގަނޑަށް ދިޔަނަމަވެސް އެކަންވަނީ ޢަފޫވެގެންނެވެ. އެއީ ވުޟޫކުރުމުގައި، الْمَضْمَضَة (އަނގަޔަށް ފެންފޮދެއް ލުމަށްފަހު ކަރުކެހިލާގޮތަށް ހަދާލައި ކަރުތެރެ ރަނގަޅަށް ދޮވެލުން) އާއި الاسْتِنْشَاقُ (ނޭފަތަށް ފެންފޮދެއްލުމަށްފަހު އެތެރެއަށް ދަމާލައި ނޭފަތް ރަނގަޅަށް ދޮވެލުން) ކުރުމުގެތެރޭގައި މަޢިދާއިން އެތެރެވެދާނެ ފެނުގެ މަދު މިންވަރުގެ މައްޗަށް ޤިޔާސްކުރެވޭނެކަމެކެވެ.(9)

  • އިންހޭލާ ބޭނުންކުރުމުން އޭގެ މިންވަރެއް މަޢިދާއަށް ދާކަން އެއީ ޔަގީންކަމެއްނޫނެވެ. އެކަމުގައި ޝައްކު އެބައޮތެވެ. ފަހަރެއްގައި ހިނގައިދާނެއެވެ. އަދި ފަހަރެއްގައި ނުގޮސްވެސްދާނެއެވެ. އަސްލަކީ ރޯދަ ފަސާދަވުމެއްނެތި ޞައްޙަވުމެވެ. އެހެންކަމުން ފިޤުހީ ޤާޢިދާ (legal maxim) ގައިވާފަދައިން، (اليَقِيْنُ لاَيَزُوْلُ بِالشَّكِّ)(10) "ވެފައިވާ ޔަގީނެއް ޝައްކަކުން ބާތިލެއްނުވާނެއެވެ."
  • އިންހޭލާ އިން އަނގައިގެތެރެއަށް ފޮނުވައިލާ އާވީގެ ސްޕްރޭއަކީ ކެއުންބުއިމާ އެއްގޮތްވެގެންވާ ކަމެއްނޫނެވެ. ޑޮކްޓަރީގޮތުން ސާބިތުވާގޮތުގައި ދަތްއުނގުޅުމަށް ބޭނުންކުރާ "ސިވާކު" ގައި ދަތް ސާފުކޮށް ރައްކާތެރިކޮށްދޭ 8 ބާވަތެއްގެ ކެމިކަލް އެކުލެވިގެން ވެއެވެ. ޞައްޙަ ހަދީސުން ސާބިތުވާގޮތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދައަށް ހުންނަވައިގެން ސިވާކު ބޭނުންކުރެއްވިއެވެ.(11) މި ބޭނުންކުރާއިރު، މީގައި އެކުލެވޭ ކެމިކަލް މާއްދާތައް ކުޅާ އެކުވެގެން މަޢިދާގެތެރެއަށް ދާނެއެވެ. އެހެންނަމަވެސް އޭގެ މިންވަރު މަދުވެފައި އެއީ ކެއުންބުއިމާ އެއްގޮތްކަމަކަށްނުވާކަމަށްޓަކައި އެކަންވަނީ ޢަފޫވެގެންނެވެ.

ދެވަނަ ރައުޔު:

އިންހޭލާ ބޭނުންކުރުމުން ރޯދަ ގެއްލޭނެއެވެ. ކޮންމެހެން ބޭނުންކުރަންޖެހިގެންނޫން ގޮތަކަށް، ރޯދައަށްހުރެ އެ ބޭނުންކުރުން ހުއްދައެއްނުވާނެއެވެ. އަދި އެގޮތަށް ބޭނުންކުރިނަމަވެސް އެދުވަހުގެ ރޯދަ ޤަޟާކުރަންޖެހޭނެއެވެ. މިގޮތަށް ވިދާޅުވާ ބޭފުޅުންގެތެރޭގައި؛ محمد علي البار ، حسان شمسي باشا(12) ، محمد المختار السلامي ، محمد الألفي ، محمد تقي الدين العثماني ، وهبة الزحيلي(13) ހިމެނިވަޑައިގަންނަވައެވެ.

މިބޭފުޅުންގެ ދަލީލު:

ފުރަތަމަ ރައުޔުގެ ބޭފުޅުންގެ ދަލީލަށް ރައްދުދެއްވުން ފިޔަވައި މިބޭފުޅުން އިތުރު ދަލީލެއް ނުގެންނަވައެވެ. މިރައުޔުގެ ބޭފުޅުން ވިދާޅުވާގޮތުގައި؛ އިންހޭލާ ބޭނުންކުރުމުން މަޢިދާގެ ތެރެއަށް އެއްޗެއް އެތެރެވާކަން ޔަގީނެވެ.(14) އަދި މިކަން ހިނގަނީ ކާތަކެތި ދަތުރުކުރާ ޠަބީޢީ މަގު ކަމަށްވާ އަނގައިންނެވެ.(15) އަދި ހަމަމިއާއެކު ރޯދަ ގެއްލޭނީ ހަށިގަނޑުގެތެރެއަށް އެތެރެވާ އެއްޗެއް، ބަނޑުގެތެރެއަށް ދިއުމުންކަމަކަށް ސުންނަތުން ދަލީލެއް ނުކުރެއެވެ.(16)

އެންމެ ރަނގަޅުކަމަށް ބުރަވެވޭ ރައުޔު:

އިންހޭލާ ބޭނުންކުރުމުން ރޯދަ ނުގެއްލޭނެކަމަށް ވިދާޅުވާ ބޭފުޅުންގެ ދަލީލުތަކާއި، އެ ބޭނުންކުރުމުން ރޯދަ ގެއްލޭނެކަމަށް ވިދާޅުވާ ބޭފުޅުންގެ ދަލީލަށް ބަލާއިރު ރަނގަޅުކަމަށް ފެންނަނީ ރޯދަ ނުގެއްލޭނެކަމަށް އޮތް ރައުޔެވެ. އެހެނީ ރޯދައަށް ހުރިމީހާ مَضْمَضَة ކުރުމާ ސިވާކު ބޭނުންކުރުމުގެ މައްޗަށް ޤިޔާސްކޮށް، އިންހޭލާ ބޭނުންކުރުމަކީވެސް އެއާއެއްގޮތްކަމެއްކަމަށް ގެނެސްފައިވާ ޤިޔާސަކީ ރަނގަޅު ޤިޔާސެއްކަމަށް ފެނެއެވެ.

(1) https://www.cancer.gov/publications/dictionaries/cancer-terms/def/inhaler (28/4/2020, 20:40).

(2) ابن باز. عبدالعزيزبن عبدالله، مجموعة فتاوى، دارالوطن (1996) ، 15/265.

(3) ابن عثيمين، محمد صالح. مجموعة فتاوى، دارالثريا، الرياض، ط 1 (1416 - 1996)، 19/ 209 ، 210.

(4) صالح الفوزان وغيرهم: من فتاوى العلماء في الصيام والقيام وعيد شهر رمضان، رقم الفتوى 9944 (16)، ص : 136، 3/130.

(5) أبوزهرة، محمد. فتاوى الشيخ محمد أبوزهرة، دارالقلم، دمشق، ط 1 (1427 - 2006)، ص : 254.

(6) عقلة، محمد. الصيام محدثاته وحوادثه، (1409 - 1989) دارالبشير، ص : 203.

(7) مجلة مجمع الفقه الإسلامي، الدورة العاشرة لمؤتمر مجمع الفقه الإسلامي، (1418 هـ 1997 م)، ص 287.

(8) مجلة مجمع، ص: 465.

(9) مجلة المجمع، ص: 72 ، 259.

(10) الدويسي. مسلم محمد، الممتع في القواعد الفقهية، ط 1 (1428 هـ 2007م)، دار زدني، الرياض ، ص 113.

(11) أخرجه البخاري معلقاً في باب سواك الرطب والسواك للصائم فنح الباري ٤ / ١٥٨.

(12) البار، محمد علي. التداوي في مجال المفطرات، ص : 90.

(13) مجلة مجمع، ص : 65 ، 76 ، 364 ، 378.

(14) الألفي: مفطرات الصائم في ضوء المستجدات الطبية، مجلة المجمع، ع 10، ج 2، ص : 76.

(15) السلامي: المفطرات في مجال التداوي ، مجلة المجمع، ع 10، ج 2، ص : 65.

(16) الشنقيطي: دروس عمدة الفقه، رقم 42، من كتاب الصيام .