29 Apr 2020, 15:27
ވޮޝިންޓަން (29 އެޕްރީލް 2020) : މި އަހަރުގެ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބު ކޮރޯނާ ވައިރަސް "ކޮވިޑް-19" އާ ގުޅިގެން ފަސްކުރަންޖެހޭނެ ކަމަށް އެމެރިކާ ރައްޔިތުންގެ ގިނަ ބަޔަކު ދެކޭކަން ޚިޔާލު ހޯދުމުގެ ސާވޭއަކުން ހާމަވެއްޖެއެވެ.
ވޮޝިންޓަންގައި މަރުކަޒު ހުންނަ އެމެރިކާގެ މުސްތަގިއްލު ތިންކް ޓޭންކެއް ކަމަށްވާ "ދަ ޕެވް ރީސާޗް ސެންޓަރ" އިން އެމެރިކާގެ ރައްޔިތުންގެ މެދުގައި ނެގި ޚިޔާލު ހޯދުމުގެ ސާވޭއެއްގެ ނަތީޖާ އަށް ބަލާއިރު ކޮވިޑް-19 އާ ގުޅިގެން އެމެރިކާގެ ރިޔާސީ އިންތިޚާބު ފަސްކުރަންޖެހޭނެ ކަމަށް އެމެރިކާ ރައްޔިތުންގެ 76 އިންސައްތަ މީހުން ދެކެއެވެ.
ޖުމްލަ ފަސްހާސް މީހުން ބައިވެރިކޮށްގެން ޕެވް އިން ކުރި ސާވޭގެ ނަތީޖާއަށް ބަލާއިރު ކޮވިޑް-19 އާ ގުޅިގެން ރިޔާސީ އިންތިޚާބު ފަސްކުރަންޖެހޭނެ ކަމަށް ދެކޭ އެމެރިކާ މީހުންގެ ތެރެއިން 50 އިންސައްތަ މީހުންނަކީ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ޑިމޮކްރެޓިކް ޕާޓީއަށް ތާއީދުކުރާ މީހުންނެވެ. ރިޔާސީ އިންތިޚާބު ފަސްކުރަންޖެހޭނެ ކަމަށް ދެކޭ މީހުންގެ ތެރެއިން 80 އިންސައްތަ މީހުންނަކީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށް ތާއީދުކުރާ މީހުންނެވެ.
އެމެރިކާގައި ކޮވިޑް-19 ވަރަށް ބާރަށް ފެތުރެމުންދާއިރު އެވައިރަސް ކޮންޓްރޯލް ކުރުމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ސަރުކާރުން ގެންގުޅޭ ދޯދިޔާ ގޮތްތަކުގެ ސަބަބުން އެ ރޯގާ އެގައުމުގައި ކޮންޓްރޯލް ކުރެވޭނެ ދުވަހެއް ލަފާކުރަން ދަތިކަމަށް ސިއްހަތާބެހޭ މާހިރުން ވިދާޅުވެއެވެ.
އެމެރިކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިލިއަނަކަށްވުރެ މައްޗަށްގޮސް 60 ހާހަށްވުރެ ގިނަ މީހުން އެރޯގާގައި މަރުވެފައިވާއިރު މިއީ 1970 ގެ ކުރީއަހަރުތަކުގައި އެމެރިކާ އަސްކަރީގޮތުން އިނދަޖެހުނު ވިއެޓްނާމް ހަނގުރާމައިގާ މަރުވި އެމެރިކާ މީހުންގެ އަދަދަށްވުރެވެސް މަތީ އަދަދެކެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ ކޮވިޑް-19 ކޮންޓްރޯލް ނުވިނމަވެސް އެމެރިކާގެ ރިޔާސީ އިންތިހާބު ފަސްކުރުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށާ ޕޯސްޓްގެ އެހީ ބޭނުންކޮށްގެން ނަމަވެސް ވޯޓު ލެވިދާނެކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
ޓްރަމްޕް މިހެން ވިދާޅުވާއިރު އެމެރިކާގެ ގާނޫނީ މާހިރުން ވިދާޅުވާގޮތުން އާންމުންގެ ފުރާނައަށް ނުރައްކާވާފަދަ ކުއްލި ހާލަތެއް ކުރިމަތިވެއްޖެނަމަ އެމެރިކާގެ އިންތިޚާބުތައް ފަސްކުރުމުގެ އޮންނަނީ ކޮންގްރެސްއަށެވެ. އެއީ ރައީސަށް އޮންނަ ބާރެއް ނޫނެވެ.
އެމެރިކާގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ޓްރަމްޕްގެ ސަރުކާރު ނާކާމިޔާބުވެ އެމެރިކާ އިގްތިސާދީ އަނދަވަޅަކަށް ވެއްޓެމުންދާއިރު އެކަމުގެ ސަބަބުން ވަޒީފާ ގެއްލި ހާލުގައި ޖެހުނު މީހުންގެ އަދަދުވަނީ 28 މިލިޔަނަށް އަރާފައެވެ. މިއީ އެމެރިކާގެ ތާރީޚުގައިވެސް ވަޒީފާ ގެއްލުނު މީހުންގެ އަދަދު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ޓްރަމްޕް ނާކާމިޔާބުވެ އެރޯގާގައި އެމެރިކާގެ ރައްޔިތުން ކޮންމެ ދުވަހަކު އެތަށް ހާހަކުން މަރުވަމުންދާތީ އާއި ވަޒީފާތައް ގެއްލި އެމެރިކާގެ އިގްތިސާދު އިނދަޖެހެމުންދާތީ ޓްރަމްޕްގެ މަގްބޫލުކަން ވަރަށް ބޮޑަށް ދަށަށްދާން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ކޮވިޑް-19 ގެ ނުރައްކަލުން އެމެރިކާ ރައްޔިތުން ސަލާމަތް ކުރުމުގައި ޓްރަމްޕްގެ ސަރުކާރު ނުކުޅެދިފައިވާއިރު ރިޔާސީ ދެވަނަ ދައުރެއް ޓްރަމްޕަށް ހައްގުތޯ އެމެރިކާގެ އެތަށްބަޔަކު ސޯޝަލް މީޑިއާގައި ދަނީ ސުވާލު އުފައްދަމުންނެވެ.
މުޅި ދުނިޔެއަށް ބަލާއިރުވެސް ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައި ވަނީ އެމެރިކާގައެވެ. އަދި އެރޯގާ ކޮންޓްރޯލް ކުރުމުގައި އެންމެ ބޮޑަށް ނުކުޅެދިފައިވާ ގައުމަކީވެސް އެމެރިކާއެވެ. ކޮވިޑް-19 ވައިރަސް އެމެރިކާގެ 2 މިލިޔަން މީހުންނަށް ޖެހި އެ ރޯގާގައި އެމެރިކާއިން ދޮޅު ލައްކަ މީހުން މަރުވާނެކަމަށް އެގައުމުގެ ތަޖްރިބާކާރުން ވަނީ އަންދާޒާ ކޮށްފައެވެ. (ނޫސްއެޖެންސީތައް)