ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގައި މެމްބަރުންނަށް ޗުއްޓީ ނުލިބޭ ގޮތް ހަދައި، މޭ މަހުގެ ނިޔަލަށް މަޖިލީހުގެ ދައުރު ދިގުކުރަން މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ.

އެހެންކަމުން މެއި މަހުން ފެށިގެން އެއް މަސް ދުވަހުގެ ޗުއްޓީއެއް މަޖިލިސް މެމްބަރުންނަށް ލިބޭނެއެވެ.

އެހެން ނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރިޔާސަތުން ވަނީ މެމްބަރުންގެ ޗުއްޓީ ކެންސަލްކޮށް، ޖަލްސާތައް ކުރިއަށް ގެންދަން މަޖިލީހަށް ހުށަހަޅައިިފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން މިހާރު ދިމާވެފައިވާ ހާލަތުގައި މަޖިލިސް މެދުކަނޑާނުލައި ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމަށެވެ.

"މީގެ މާނައަކީ މަޖިލީހުގެ މެމްބަރުންނަށް މި ދައުރު ނިމިގެން ޗުއްޓީއެއް ނެތުނީއޭ،" ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން ހުރިހާ މެމްބަރުން ވެސް ޖަލްސާއަކަށް ދެންނެވުނީމާ ޖަލްސާއަކަށް ވަޑައިގަނެވޭ ގޮތަށް ތިއްބެވުމަށް ވަނީ އިލްތިމާސްކުރައްވައިފައެވެ.

ކޮވިޑް-19އާ ގުޅިގެން މަޖިލިސް ހުއްޓިފައި އޮތުމަށްފަހު އޮންލައިންކޮށް ޖަލްސާތައް ކުރިއަށް ގެންދަން ފެށީ މިދިޔަ މަހުގެ 31 ގައެވެ. ކޮމެޓީތައް ވެސް ކުރިއަށް ގެންދަނީ މެންބަރުން ގޭގައި ތިއްބަވައިގެން ވެބް ކޮންފަރެންސް މެދުވެރިކޮށެވެ.