29 Apr 2020, 13:34
ކޮވިޑް19ގެ ނުރައްކާތެރި ހާލަތަކަށް ތައްޔާރުވުމަށް ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމަށް ކުންފުނިތަކާ ހަވާލުކޮށްފައި ވަނީ ބިޑް ނުކޮށް ކަމަށާއި، އެގޮތަށް އެކަން ނިންމީ ވަރަށް އަވަހަށް ވެންޓިލޭޓަރުތައް ބޭނުންވާތީ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 ރޯގާއާ ގުޅިގެން ރާއްޖެއިން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ރާއްޖެއަށް ވެންޓިލޭޓަރުތަކެއް އެތެރެކުރުމަށްޓަކައި އެއްވެސް ފަރާތަކަށް ބިޑްކުރެވިފައިވާނަމަ އެކަމުގެ ތަފްސީލު ދެއްވުމަށާއި އެކަމާ ގުޅޭ އެހެން މައުލޫމާތުތައް ސާފުކުރުމަށް މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް ވަނީ މިނިސްޓަރުގެ ފަރާތުން އެދިވަޑައިގެންފަ އެވެ.
އެ ސުވާލުގެ ޖަވާބުދެއްވައި މިނިސްޓަރު އަމީން މިއަދު މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ކޮވިޑް-19 ރޯގާ ނުރައްކާތެރި ހާލަތަކަށް ގޮސްދާނެ ވަގުތަކަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއަށް 200 ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް، ހާއްސަ ކަމެއްގެ ގޮތުގައި ކުރުމަށް ޕޮލިސީ ކޮމިޓީން ނިންމާފައި ވަނީ މާޗު މަހުގެ 15 ވަނަ ދުވަހު ކަމަށެވެ.
އަދިި އެ ނިންމުމާއެކު ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތްތައް ފަށައި، ގުޅުންހުރި މައުލޫމާތުތައް އެއްކޮށް ސްޕެސިފިކޭޝަން ތައްޔާރުކޮށް 18 މާޗު ވަނަ ދުވަހު ވެންޓިލޭޓަރު ހޯދުމަށް ދިވެހި ތިން ކުންފުންޏަކަށް މިނިސްޓްރީން އީމެއިލް މެދުވެރިކޮށް ކޯޓޭޝަން ހޯދި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ ކުންފުނިތަކަކީ ވޭތުވެދިޔަ ތަނުގައި މިނިސްޓްރީއަށް މެޑިކަލް އިންސްޓްރޫމަންޓް އަދި މެޝިނަރީޒް ސަޕްލައިކޮށްދެމުންދާ މިނިސްޓްރީއަށް އިތުބާރު ހިފޭ ކުންފުނިތަކުގެ ތެރެއިން ވެންޓިލޭޓަރު ގެނެވިދާނެ ކަމަށް މިނިސްޓްރީއަށް ފެނުނު ތިން ކުންފުނި ކަމަށެވެ.
"މި ތިން ކުންފުނިން ފޮނުވާފައިވާ ކޯޓޭޝަންތަކާއި ސްޕެސިފިކޭޝަންތައް މިނިސްޓްރީގެ ޓެކްނިކަލް ޓީމުން ބެލުމަށްފަހު، އެއީ ރަނގަޅު ތަކެތި ކަމަށް ފެންނާތީ އަދި މިތަކެއްޗަކީ ވަރަށް އަވަހަށް ހޯދަންޖެހޭ ތަކެތި ކަމަށް ވާތީ ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ ދަށުން ދެ ކުންފުންޏަކާ ވަނީ ތަކެތި ގެނައުމަށް 19 މާޗު ހަވާލުކުރެވިފައެވެ." މިނިސްޓަރު ވިދާޅުވި އެވެ.
އެގޮތުން 26 ވެންޓިލޭޓަރު ގެނައުމަށް 8.3 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައި ވަނީ، ނާޑު ޕްރައިވެޓް ލިމިޓެޑްއާއެވެ. ފަންސާސް އައިސީޔޫ ވެންޓިލޭޓަރު ގެނައުމަށް 14.4 މިލިއަން ރުފިޔާއަށް މެޑް ޓެކް ކުންފުންޏާ އެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ މެދުވެރިވެގެން 75 ވެންޓިލޭޓަރު 34 މިލިއަން ރުފިޔާއަށް ގެންނަނީ، ދުބާއީ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިންނެވެ.
މިނިސްޓަރު ވިދާޅުވީ ކުންފުނިތަކާ ހަވާލުކުރެވުނު ވެންޓިލޭޓަރުތައް ސަޕްލައި ކުރުމަށް ކުންފުނިތަކުން ކަނޑައަޅާފައިވާ މުހުލަތުގައި ގެނައުމަށް ބޮޑެތި ދަތިތަކެއް ހުރިކަމަށެވެ.
އޭގެެތެރޭގައި ވެންޓިލޭޓަރު އުފައްދާ ގައުމުތައް ލޮކްޑައުން ކުރެވިފައިވުމާ އަދި އެފަދަ ގައުމުތަކުން ވެންޓިލޭޓަރު ހޯދުމުގެ ދަތިކަން ހުރުމާ އަދި އެ ތަކެތި އުފައްދާ ކުންފުނިތަކުގެ މަސައްކަތްތަކަށް ވެސް ހުރަސްތަކެއް ކުރިމަތިވެފައި ވުމާއި އަދި ދުނިޔޭގެ ބޮޑެތި ގައުމުތަކަށް ވެސް ވެންޓިލޭޓަރު ބޭނުންވެފައިިވާ މިންވަރު އިންތިހާއަށް ބޮޑުވެފައިވުން ހިމެނެއެވެ.
ހަމައެއާއެކު ދަތުރުފަތުރުގެ ދަތިކަމުން ކުންފުނިތަކަށް ތަކެތި ސަޕްލައިކޮށްދިނުމަށް ލަސްތަކެއް ވާނެކަމަށް ކުންފުނިތަކުން މިނިސްޓްރީއަށް އަންގާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެއީ ކޯޓޭޝަން ހޯދިއިރުު ކުންފުނިތަކަށް އުންމީދުކުރެވިފައިވާ ގޮތެއް ނޫން ކަމަށް ވެސް ކުންފުނިތަކުން އަންގާފައިވާ ކަމަށެވެ.
ހަމައެއާއެކު ވެންޓިލޭޓަރުތަކަށް އެ ކުންފުނިތަކުން އަގު ދައްކާފައިވާ ކަމާއި ނަމަވެސް މެނުފެކްޗަރާ އަތުން ވެންޓިލޭޓަރު ލިބުމާއި ސަޕްލައިކުރުމުގައި ދަތިތަކެއް ހުރުމުން އެކަމުގެ މައުލޫމާތު މިނިސްޓްރީއަށް ދިނުމުން، މިނިސްޓްރީން ކުންފުނިތަކާ ބައްދަލުކޮށް އަވަސް ގޮތެއްގައި ސަޕްލައި ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ އޮޅުންފިލުވައި އެކަންކަން ހައްލުކުރުމަށް ކުންފުނިތަކުން އެދުނު ލިޔުންތައް މިނިސްޓްރީން ފޯރުކޮށްދީފައިވާ ކަމަށެވެ.
ޑަބްލިއުއެޗްއޯ މެދުވެރިކޮށް ވެންޓިލޭޓަރު ގެނައުން ދުބާއީ ކުންފުންޏާ ހަވާލުކުރީ ވެސް ދިވެހި ދެ ކުންފުންޏަ ހަވާލުކޮށްފައިވާ ވެންޓިލޭޓަރުތައް ސަޕްލައި ކުރުމުގައި ލަސްވާނެތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އޭޕްރީލް މަހުގެ ދެވަނަ ދުވަހު ވެންޓިލޭޓަރު ގެނައުމަށް އެ ކުންފުންޏާ ވެސް ހަވާލުކޮށްފައި ވަނީ، ސިންގަލް ސޯސް ޕްރޮކިއުމަންޓުގެ ތެރެއިންނެވެ.
ވެންޓިލޭޓަރު ސަޕްލައިކޮށްދެވޭނެ ކަމަށް ކުންފުުނިތަކުން ދީފައިިވާ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ މެޑްޓެކް މޯލްޑިވްސް އާ ހަވާލުކޮށްފައިވާ ވެންޓިލޭޓަރުތަކުގެ ތެރެއިން 18 ވެންޓިލޭޓަރު މޭ މަހުގެ ފުރަތަމަ ދުވަހު ރާއްޖެ ގެނެވޭނެ ކަމަށް އަންގާފައިވާ ކަމަށެވެ.
އެކުންފުންޏާ ހަވާލުކޮށްފައިިވާ ވެންޓިލޭޓަރުުތަކުގެ ތެރެއިން 10 ވެންޓިލޭޓަރު 15 މެއި ގައި ރާއްޖެ ގެނެވޭނެ ކަމަށާއި ބާކީހުރި ވެންޓިލޭޓަރުތައް ގެނެވޭނެ ދުވަަސް ކަށަވަރުވުމުން މިނިސްޓްރީއާ ހިއްސާކުރާނެ ކަމަށް ބުނެފައިވާ ކަމަށެވެ.
މީގެ އިތުރުން ނާޑް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ 20 ވެންޓިލޭޓަރު އެ އުފައްދާ ކުންފުނީގެ ފަރާތުން އުފެއްދުން ލަސްވެފައިވާތީ އިތުރު ގޮތްތަކެއް ހޯދަމުން ދާކަމަށް އޭޕްރީލް 22 ވަނަ ދުވަހު މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.
އަދި އެގްސެކިއުޓާ ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ގެނައުމަށް ހަމަޖައްސާފައިވާ 75 ވެންޓިލޭޓަރުގެ ތެރެއިން 10 ވެންޓިލޭޓަރު ވެސް މޭ މަހުގެ ފުރަތަމަ ދުވަހު ރާއްޖެ އަންނާނެ ކަމަށް އަންގާފައިވާ ކަމަށެވެ.