29 Apr 2020, 15:41
ދުނިޔެ މިހާރު އެންމެ ބާރައަށް ފެތުރެމުންދާ ރޯގާ، ކޮވިޑް-19ގެ އެންމެ ކޭސް މާލެއިން ބޭރުން ފެނިފައިވަނީ ށ. ނަރުދޫއިންނެވެ. އެއާ އެކު، އެ ރަށު ރައްޔިތުންގެ ދިރިއުޅުން އެކީ މުޅިން ބަދަލުވެއްޖެ އެވެ. ރެއާ ހަމައަށް ނަރުދޫގެ އެއް އާއިލާއެއްގެ އަށް މީހަކު މި ބައްޔަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އެމީހުންގެ ކޮންޓެކްޓް ޓްރޭސިން މަސައްކަތް ފަށާފައިވާއިރު، ތިމާއަށް މި ބަލިޖެހިފައި ހުރެދާނެއޭ ހީކުރެވޭ މީހުން އެ ރަށުގައި މަދެއް ނޫނެވެ. މިއީ ނަރުދޫއަށް ކަންބޮޑުވުން އިންތިހާއަށް އޮތް ވަގުތެކެވެ.
ނަރުދޫ ސޯޝަލް ސަޕޯޓް ޑެސްކުގެ ފޯކަލް ޕޮއިންޓް އަދި ކައުންސިލްގެ ޒިންމާދާރު ވެރިޔާ މޫސާ ހުސައިންފުޅު ވިދާޅުވީ މި ހާލަތުގައި އެންމެ ބޮޑަށް ކަންބޮޑުވަނީ ބަލި ޖެހުނު މީހުންނަށް ފަރުވާ ދޭނެ ގޮތެއް ނެތުމުން ކަމަށެވެ.
"އިއްޔެގައި ޕޮޒިޓިވްވި ކޭސްތަކަށް ބަލާއިރު، ޕޮޒިޓިވްވީ ފަހުން މިވަގުތާ ޖެހެންދެން ވެސް އެމީހުން މިތިބީ ރަށުގައި. ހަމަ އެބައެއްގެ ގޭތެރޭގައި އުޅޭ މީހުންނާ އެކީގައި. އެމީހުން ފަރުވާއަކާ ހިސާބަށް ދެވެންދެން ނަގާ ކޮންމެ މިނެޓަކީ ނަރުދޫ ކޮންމެ މީހަކަށް ވެސް ހާސްކަން ވެރިވާނެ މިނެޓެއް." މޫސަ ވިދާޅުވި އެވެ.

ށ. ނަރުދޫގެ މަގުމަތި --
މިއަދުގެ ވަގުތެއްގައި ޕޮޒިޓިވްވި މީހުން ފަރުވާއަށް ގެންދަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަރުދޫ ލޮކްޑައުން ކުރުމާއެކު އާންމުންނަށް ބޭނުންވާ ސާމާނު ފޯރުކޮށްދެމުންދަނީ ދަރުމަވެރިންގެ ޓީމުތަކެއް އެކުލަވާލައިގެން، ޑެލިވަރީ ނިޒާމެއްގެ ތެރެއިންނެވެ. އެ ރަށު ކައުންސިލު ރައީސް އަހްމަދު އާރިފް ވިދާޅުވީ މި ދުވަސްވަރަށް ބޭނުންވާ ވަރަށް ކާބޯތަކެތި ލިބެން އެބަހުރި ކަމަށެވެ.
"ބޭނުންވާ ހުރިހާ ސާމާނު ގެއަށް ވައްދާފައި ހުންނާނެ. ފިހާރަތަކުން ޑެލިވަރީ ވެސް ކޮށްދޭނެ. ކުރިއަށް އޮތް އެއް މަސް ދުވަހަށް ބޭނުންވާ ވަރަށް ކާޑުގެ ބާވަތްތައް ވެސް އެބަހުރި." އާރިފް ވިދާޅުވި އެވެ.

ނަރުދޫ އަމާޒު ބޯޓުން މީހުން ދިޔަ، ނ. ހެނބަދޫގައި ސާމްޕަލް ނެގުމަށް އެޗްޕީއޭގެ ޓީމެއް ހަރަކާތްތެރިވަނީ -- ފޮޓޯ/ ހެނބަދޫ އިންސައިޑް ފޭސްބުކް ޕޭޖް
އެހެން ނަމަވެސް ޑެލިވަރީއާއި އެހެނިހެން މުހިންމު ހިދުމަތްތައް ދިނުމުގައި އުޅޭ މީހުންގެ ރައްކާތެރިކަމަށް ބޭނުންވާ މާސްކު އަދި އަންގި ފަދަ ވަސީލަތްތައް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އާންމުން ވަރަށް ބޮޑަށް މާޔޫސްވެ، ކަންބޮޑުވެފައި ތިބީ. މިކަމުގައި ބޭނުންވާ ވަސީލަތްތައް ނުލިބޭތީ ވަރަށް ކަންބޮޑުވޭ. މިސާލަކަށް މިވަގުތު މަސައްކަތްކުރަން ތިބޭ މީހުންގެ ސަލާމަތާ ރައްކާތެރިކަން ވެސް ކަށަވަރުވެގެންތާ އެކަންކަން ކުރެވޭނީ." އާރިފް ވިދާޅުވި އެވެ.
މީގެ އިތުރުން އާރިފް ވިދާޅުވީ އެ ރަށުގެ ގިނަ މީހުން ތިބީ ޕޮޒިޓިވްވި މީހުންނާ ކޮންމެވެސް ގޮތަކަށް ކޮންޓެކްޓްވެފައި ކަމަށެވެ. ނަމަވެސް އެ ރަށުން ގިނަ ބަޔަކު ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ ހާލަތެއްގައި އެމީހުންނަށް ބޭނުންވާ އަސާސީ ކަންކަން ކޮށްދޭނެ ވަރަށް ފައިސާ ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަރުދޫ ބަނދަރުމަތީ ބަހައްޓާފައިވާ އަތްދޮންނަ ސްޓޭޝަނެއް --
"ނަރުދޫގައި ކޮވިޑްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު ކަމާބެހޭ ފަރާތްތަކަށް އެނގޭނެ. ނަރުދޫ އޮތް ހާލަތު އެނގޭނެ. މިކަމުގެ ސީރިއަސްކަން އެނގޭނެ. ހަރަދުކުރަން ޖެހެނީ ކޮން އެއްޗަކުން ކަން އެނގޭނެ. އަޅުގަނޑުމެން މިހާރު މިތިބީ ހާލުގައި. އަޅުގަނޑުމެންނަށް ޖެހޭނެ އެހީތެރިވާން،" އާރިފް ވިދާޅުވި އެވެ. "ރަށުގައި ހަމަ ގިނަ ގޭގެ ހަމަ ކޮންމެވެސް ކަހަލަ ގޮތަކަށް މި ހުންނަނީ ކޮންޓެކްޓްވެފައި. މަސައްކަތެއް ކުރަން ތިބޭނީ ދެތިން މީހަކު. އެ މީހުންގެ ސަލާމަތާ ރައްކާތެރިކަން ވެސް ކަށަވަރުކުރަން އެބަޖެހޭ."
މާލެ ދަތުރުކުރާ އެ ރަށުގެ ބޯޓެއް ކަމަށްވާ، "އަމާޒު" ބޯޓުގެ ކެޕްޓަން 49 އަހަރު، ކޮވިޑް-19 އަށް ޕޮޒިޓިވްވީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ޖުމްލަ 91 މީހަކު ދަތުރުކުރި އެ ބޯޓަކީ މާލެ ލޮކްޑައުން ކުރުމުގެ ކުރިން ފުރި ބޯޓެކެވެ.

ނަރުދޫ އަމާޒު ބޯޓުން މީހުން ދިޔަ، ނ. ހެނބަދޫގައި ސާމްޕަލް ނެގުމަށް އެޗްޕީއޭގެ ޓީމެއް ހަރަކާތްތެރިވަނީ -- ފޮޓޯ/ ހެނބަދޫ އިންސައިޑް ފޭސްބުކް ޕޭޖް
މިމަހުގެ 15 ވަނަ ދުވަހާއި 16 ވަނަ ދުވަހު ނ އަތޮޅުގެ ބައެއް ރަށްތަކަށް ވެސް އެބޯޓް ޖެއްސި އެވެ.
ބޯޓްގެ ކެޕްޓަނާ ސީދާ ދިމާވި 101 މީހަކު މިހާތަނަށް ވަނީ ދެނެގަނެވިފަ އެވެ. އަމާޒު ބޯޓްގެ ކޭސްއާ ގުޅިގެން ނަރުދޫއިން ޕޮޒިޓިވްވި ހަތް މީހުންގެ އިތުރުން ށ. މިލަންދޫއިން ވެސް މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި 14 ރަށެއްގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެވެ.