29 Apr 2020, 13:03
ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ސިޓީތަކުގައި ގަސްތައް އިންދާ މިންވަރު އިތުރު ކުރުމުން، އެ މުޖުތަމައުގައި މީހުން މަރުވާ އެވަރެޖު އުމުރަށް ވުރެ އަވަހަށް މަރުވާ މީހުންގެ އަދަދު މަދު ކުރެވިދާނެ ކަމަށް އެމެރިކާގައި ހެދި ދިރާސާއަކުން ދައްކައިފި އެވެ.
ލާންސެޓް ޕްލެނެޓަރީ ހެލްތު ޖާނަލްގައި ޕަބްލިޝްކޮށްފައިވާ އެ ދިރާސާ ހަދާފައި ވަނީ އެމެރިކާގެ ފަސް ވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ފިލަޑެލްފިއާގަ އެވެ. މިދިޔަ އަހަރު އެ ސިޓީން ވަނީ ކުރިއަށް އޮތް ފަސް އަހަރު ތެރޭ އެސިޓީގެ ހުރިހާ ސަރަހައްދެއްގައި ގަސްތައް ހުންނަ މިންވަރު 30 ޕަސެންޓަށް އިތުރު ކުރަން މަޝްރޫއެއް ފަށާފަ އެވެ.
އެ މަޝްރޫއާ ބެހޭ ގޮތުން ބާސެލޯނާ އިންސްޓިޓިއުޓް އޮފް ގްލޯބަލް ހެލްތު (އައިއެސްގްލޯބަލް) އާއި ޔޫއެސް ފޮރެސްޓް ސާވިސްއިން ހެދި ދިރާސާއިން ދެއްކި ގޮތުގައި ފިލަޑެލްފިއާގެ އަމާޒަށް ވާސިލުވެއްޖެ ނަަމަ، އެ ސިޓީގައި ކޮންމެ އަހަރަކު ވެސް 403 މީހަކު އަވަހަށް މަރުވުމުގެ ފުރުސަތު ކުޑަ ކުރެވިދާނެ އެވެ. އަދި އެއާ އެކު ސިޓީގެ އިގުތިސާދަށް އަހަރަކު ހަތަރު ބިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެ އެވެ.
މީގެ ކުރިން ހަދާފައިވާ އެފަދަ ދިރާސާތަކާ ހަވާލާދީ އެ ދިރާސާގައިވާ ގޮތުން ގަސްތަކުން އެކި ގޮތްގޮތަށް އިންސާނުންގެ ސިއްހަތު ރަނގަޅުކޮށްދެ އެވެ. އެގޮތުން ގަސްތަކާއި ޕާކުތައް ގިނަ ނަމަ މީހުން ކަސްރަތު ކުރާނެ ޖާގަ އިތުރުވެ، ގުދުރަތީ މާހައުލެއްގައި ވަގުތު ހޭދަ ކުރުމުން ނަފްސާނީ ދުޅަހެޔޮކަމަށް މަގުފަހިވެ އެވެ. އަދި އިމާރާތްތައް ގިނަ ސަރަހައްދުތަކުގައި ގިނަ ގަސްތައް އިންދުމުން އެ ސަރަހައްދުތައް ހޫނުވާ މިންވަރު ކުޑަވެ އެވެ.
އައިއެސްގްލޯބަލްގެ އެންވަޔަރޮމެންޓު އެންޑް ހެލްތު އިނިޝިއޭޓިވްގެ ޑިރެކްޓަރު މާކް ނިއުއައިޒެން ވިދާޅުވި ގޮތުގައި ފިލަޑެލްފިއާއާ އެއްގޮތަށް އެހެން ސިޓީތަކުގައި ވެސް ގަސް އިންދާ މިންވަރު އިތުރު ކުރުމުން މިފަދަ ނަތީޖާއެއް ނުފެންނަންވީ ސަބަބެއް ނެތެވެ.
"ކޮންމެ ސިޓީއެއްގެ ވެސް ތަފާތު ސިފަތައް ހުންނާނެ، ނަމަވެސް މި [ދިރާސާއަކީ] ދުނިޔޭގެ ހުރިހާ ސިޓީއަކުން ވެސް އަމަލު ކުރަންވީ ގޮތުގެ މިސާލެއް: ގަސް އިންދާ މިންވަރު އިތުރު ކުރުމުން އެތައް ފުރާނައެއް ސަލާމަތް ކުރެވިދާނެ،" ނިއުއައިޒެން ވިދާޅުވި އެވެ.
މީގެ އިތުރުން ގަސްތައް އިތުރުވި ވަރަކަށް އެހެނިހެން ދިރުންތައް ވެސް އިތުރުވެ، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކޮށް، އެތަނެއްގައި ދިރިއުޅުމަށް ފަސޭހަވެގެންދާކަން ނިއުއައިޒެން ފާހަގަ ކުރެއްވި އެވެ.