21 Dec 2011, 12:39
ބަނޑުހައިހޫނުކަމުގެ ސަބަބުން މީހުން މަރުވަމުންދާ ސޯމާލިޔާގެ އަވަށަކަށް ބަޔަކު ބޮން އެޅުމުގެ ސަބަބުން އެތައް ބަޔަކު މަރުވެއްޖެ އެވެ.
އަލްގައިދާއާ ގުޅުން އޮންނަ ސޯމާލިޔާގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އައްޝަބާބުގެ ބާރުގެ ދަށުގައި އޮންނަ ހޮސުންގޯ އަވަށަށް އިއްޔެ ހަމަލާދިނީ ކޮން ބައެއްކަން އަދި ނޭނގެ އެވެ. ނަމަވެސް އެ އަވަށަށް ހަމަލާތައް އަރާފައި މިވަނީ އައްޝަބާބު ހަނގުރާމަވެރިންނާ ދެކޮޅަށް ދެމުން ގެންދާ ވައިގެ ހަމަލާތައް އިތުރުކޮށް، ވަރުގަދަކޮށްފައިވާ ކަމަށް އަވައްޓެރި ކެންޔާ އިން ބުނެފައި ވަނިކޮށެވެ.
ހޮސުންގޯ އަވަށުގެ މީހަކާ ހަވާލާދީ ރޮއިޓާސް ބުނި ގޮތުގައި ބޮންއެޅި ބޯޓުން އިއްޔެ ހެނދުނު ފުރަތަމަ އެ އަވަށުގެ ރަށްބޭރަށް ބޮމެއް ވައްޓާލުމަށް ފަހު ދިޔަ އެވެ. އަދި މެންދުރުފަހުން އެނބުރި އައިސް ގިނަ އަދަދެއްގެ ބޮން އެޅުމުގެ ސަބަބުން އެ އަވަށުގެ ގިނަ އިމާރާތްތައް އަނދަމުންދާ ކަމަށް ރޮއިޓާސްއާ ވާހަކަދެއްކި މީހާ ބުނެފައިވެ އެވެ.
ބޮންއެޅުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު ހޮސުންގޯ އަވަށުން ވާހަކަ ދެއްކި ދެ މީހަކު ކިޔައިދީފައި ވަނީ ތަފާތު ކޮށެވެ. އެގޮތުން މަރުވީ 14 މީހުން ކަމަށް އެކަކު ބުނި އިރު އެހެން މީހަކު ބުނެފައި ވަނީ މަރުވީ 12 މީހުން ކަމަށެވެ. އަދި ޒަހަމްވީ މީހުންނަށް ފަރުވާ ދޭނެ ހޮސްޕިޓަލެއް އެ އަވަށުގައި ނެތުމުން އެމީހުން ގެންގޮސްފައި ވަނީ ގެތަކަށް ކަމަށް ވެސް އެއަވަށުން ވާހަކަ ދެއްކި މީހުން ކިޔައިދީފައިވެ އެވެ.
ސޯމާލިޔާ ސަރުކާރުން ބުނެފައި ވަނީ ވައިގެ ހަމަލާތައް ދިނީ ހޮސުންގޯ އަވަށުގައި ހުންނަ އައްޝަބާބު ހަނގުރާމަވެރިންގެ މަރުކަޒަކަށް ކަމަށެވެ. ނަމަވެސް މަރުވި މީހުންނާ މެދު އެއްޗެއް ބުނެފައެއް ނުވެއެވެ. ) އަލްޖަޒީރާ އިންގްލިޝް(