29 Apr 2020, 11:57
ބޮލީވުޑް އަދި ހޮލީވުޑްގައިވެސް ވަރުގަދަ ރޯލުތައް ކުޅެ މަޝްހޫރުކަން ހޯދާފައިވާ އެކްޓަރު އިރުފާން ހާން، މުމްބާއީގެ ކޮކީލާބޭން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު މަރުވެއްޖެ އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި އޭނާ މަރުވެފައިވަނީ ކޯލޯން އިންފެކްޝަނެއް ޖެހިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ކަމަށެވެ. ކޯލޯން އިންފެކްޝަނެއް ޖެހިގެން އޭނާ ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާ ދޭން ފެށީ އިއްޔެ އެވެ.
އިރުފާން ހާން މަރުވިއިރު އޭނާގެ އުމުރަކީ 54 އަހަރެވެ.
އިރުފާން ހާންގެ ޕީއާރު ޓީމުގެ ތަރުޖަމާނެއް ހާމަކޮށްފައިވާގޮތުގައި، އޭނާ މަރުވިއިރު ހޮސްޕިޓަލުގައި އާއިލާގެ ގިނަ ބަޔަކު އޭނާގެ ގާތުގައި ތިއްބެވެ.
އިރުފާން މިއަދުގެ ވަގުތެއްގައި މަރުވެފައިވާއިރު އޭނާގެ މަންމަ ސައީދާ ބޭގަމް ވަނީ މިދިޔަ ހޮނިހިރު ދުވަހު މަރުވެފަ އެވެ. އުމުރުން 95 އަހަރުގައި ސައީދާ ބޭގަމް މަރުވިއިރު އޭނާ ހުރީ ޖެއިޕޫރުގަ އެވެ. ކޮވިޑް-19 ލޮކްޑައުންގެ ހާލަތެއް އިންޑިއާގައި އިއުލާންކޮށްފައި އޮތުމުގެ ސަބަބުން އިރުފާނަށް އޭނާގެ މަންމަގެ ގާތަށް ދެވޭގޮތެއް ނުވި އެވެ.
އިރުފާން ހާން މަޝްހޫރު ވަނީ އޭނާ ކުޅެފައިވާ ރޯލުތަކުގެ ތަފާތުކަމުގެ ސަބަބުންނެވެ. އެތައް ބަޔަކު ބުނާގޮތުގައި އިރުފާނަކީ ވާސަޓައިލް އެކްޓަރެކެވެ. އެގޮތުން ފިލްމުގެ ބަތަލާގެ ބައިގެ އިތުރުން އޭނާ ވިލަންގެ ބައިންވެސް ފެންނަ ފަހަރުތައް މަދެއް ނޫނެވެ. ހަމަ ކޮންމެ ފަދަ ރޯލަކަށްވެސް ފިޓުވުމަކީ ގިނަ ބައެއްގެ މެދުގައި އޭނާ މަގުބޫލު ވެފައިވާ އެއް ސަބަބެވެ.
ބޮލީވުޑް އާއި ހޮލީވުޑްގެ ބައެއް ބޮޑެތި އުފެއްދުންތަކުގައި އޭނާ ފެނިފައިވާއިރު އެންމެ ގިނަ ބައެއްގެ ތެރޭގައި އޭނާގެ އެކްޓިން ހުނަރަށް ލޯބި ލިބިފައިވަނީ 2008 ވަނަ އަހަރުގެ ނެރުނު މަޝްހޫރު ފިލްމު "ސްލަމްޑޯގް މިލިއަނާއާ"އިންނެވެ. އޭގެ އިތުރުން ހޮލީވުޑްގެ ބޮޑެތި އުފެއްދުން ކަމަށްވާ 2015 ވަނަ އަހަރުގެ "ޖުރެސިކް ވޯލްޑް" އާއި 2016 ވަނަ އަހަރުގެ "އިންފާނޯ" ފަދަ ފިލްމުތަކުންވެސް އޭނާ ވަނީ ފެނިގެން ގޮސްފަ އެވެ. އޭނާ ވަނީ 60 އަށްވުރެ ގިނަ ފިލްމު ކުޅެފަ އެވެ.