30 Apr 2020, 12:20
ނޯޓު: މިއީ އިނގިރޭސި ވިލާތުގެ އިސްލާމީ އިލްމުވެރިޔާ އަބްދުލް ހަކީމް މުރާދުގެ ލެކުޗާ އެއްގެ ތަރުޖަމާއެކެވެ.
އާދައިގެ މަތީން ކެމްބްރިޖް ޝަހަރުގެ މަރުކަޒީ ސަރަޙައްދުގައި ފައިމަގުގައި ބުރެއް ޖަހައިލުމުން، އަޅުގަނޑުގެ ޙިއްޞުތަކަށް ވެރި ވެގެން ދަނީ، ޝަހަރުގެ ޢާއްމު ދިރިއުޅުމާއި ޙާލަތަށް ފާއިތު ވި ދެ ހަފުތާއެއްހައި ދުވަހުގެ ތެރޭގައި އައިސްފައި ވާ ބަދަލުތަކާ މެދު ޙައިރާންކަމުގެ ޝުއޫރުތަކެވެ. ސުބްޙާނަﷲ އެވެ! އެކި ދިމަދިމާޔަށް ހިނގައިފައި އޮންނަ މަގުތަކާއި ގޯޅިތައް ފެނުމުން، އަޅުގަނޑުގެ ހަނދާނަށް އަންނަނީ އާދީއްތަ ދުވަހެވެ. އެ މަގުތަކާއި ގޯޅިތައް ވަނީ މުޅީންހެން ފަޅު ވެފައެވެ. ފެންނަ ފެނުމުގައި މި 'ބަންދު ދުވަސް' އެތައް ހަފުތާޔަކަށް ނުވަތަ އެތައް މަހަކަށް ދެމިގެން ހިނގައިދާނެއެވެ. ބަންދު ކޮށް ބޮޑުތަޅު އަޅުވައިފައި އެހުރި ފިހާރަތަކާއި ރެސްޓޯރަންޓުތަކުގެ ތެރެއިން ބައެއް ތަންތަން ދެން ދުވަހަކު ވެސް ވިޔަފާރިޔަށް ހުޅުވައިނުލުމީ ވެސް ވެދާނެ ގޮތެކެވެ. މަގުމަތީގައި ނިދައިގެން އުޅޭ ގެދޮރު ނެތް މީހުން، އެމީހުންގެ ރޭދަބަސްތަކުގައި ގުޅަ ކެރުވިގެންނާއި ބަންޑުން ތިއްބެވެ. އަޅުގަނޑު އެމީހުންގެ ކައިރީން ހިނގައިލައިފައި ދިޔައީމެވެ. އެއިން މީހެއްގެ ގަޔަށް ފައިން އެރިދާނޭ ކަމަށް ޓަކައި ސަމާލުކަންމަތީ ހުރެގެންނެވެ. ފެންނަފެނުމުގައި، އެ މަގުތަކާއި ގޯޅިތަކުން ޢާއްމުކޮށް ފެންނަ މަންޒަރުތަކުގެ ތެރެއިން، ބަދަލު ނުވެ، އިހެކޭ އެއްފަދައިން ފެންނަ ހަމައެކަނި މަންޒަރަކީ އެޔެވެ. އާދެ، ގެއެއްދޮރެއް ނެތް ނިކަމެތީން މަގުމަތީގައި ނިދައިފައި އެ ތިބޭ ހިތްދަތި މަންޒަރެވެ. ބޭސްފިހާރައިގެ ބިއްލޫރިގަނޑުގައި ޕަރސްޕެކްސް (Perspex) ގެ "އައްޑަނައެއް" ތަތް ކޮށްފައި ހުއްޓެވެ. އެއިގެ ބޭނުމަކީ ފާމަސިސްޓަށް، ފުރާނަޔަށް ގެއްލުން ދެނިވި ކެއްސުންތަކާއި ކިނބިހިތަކުން ރައްކައުތެރިކަން ހޯދައިދިނުން އެކަންޏެއް ނޫނެވެ. މަގުހިނގާ މީހުންގެ ތެރެއިން ނުލަފާ ޒާތުގެ މީހުން ކުރާ މަލާމާތާއި ފުރައްސާރައިން ވެސް އޭނާ ދިފާޢު ކޮށްދިނުމެވެ. ސުޕަމާކެޓުގައި އެންމެ ކުޑަ މުސާރަޔަށް މަސައްކަތް ކުރާ މުސްލިމް އުޚްތަކު އަޅުގަނޑަށް ކިޔައިދިން ގޮތުގައި، ބައެއް ކަސްޓަމަރުން އެމީހުންގެ ރުފިޔާފޮތިތައް އޭނާޔާ ދިމާޔަށް އުކައިލަނީއެވެ. ބައެއް މީހުން ބިރާހާ އެކު ޒާތެއްގެ ރުޅިގަނޑެއް ވެސް ދައްކައެވެ. ފައިސާ ދައްކާ ކައުންޓަރުގެ ކުރިމަތީގައި އޮންނަ ކިޔުސަފުގައި ތިބޭ މީހުންގެ މޫނުތަކުން ފެންނަނީ ހިތާމަޔާއި ހާސްކަމެވެ. ކޮންމެ މީހަކު ވެސް ހުންނަނީ އިޖުތިމާޢީ ގައިދުރުކަން އިޚްތިޔާރު ކޮށްގެންނެވެ. މީހުން ތިބޭން ވީ ދުރުމިން ދައްކައިދިނުމަށް ޓަކައި ތަޅުގަނޑުގައި ކުރަހައިފައި ހުންނަ ރީނދޫ ރޮނގަކަށް ފުރިހަމަޔަށް ތަބަޢަ ވެގެންނެވެ. ހަމައެކަނި އިރުޝާދަށް ބޯ ލަނބައި ކިޔަމަން ވުމުގެ ގޮތަކުން ނޫނެވެ. އެކަކު ވެސް މަރުގެ މަލާއިކަތާ ޢަޒްރާއީލުގެފާނާ މާ ކައިރި ވާން ބޭނުން ނުވަނީއެވެ.
އަޅުގަނޑުމެން އެ ޒަމާނެއްގައި މި ދިރިއުޅޭ މާއްދީ މުދަލަށް ދެވި ހިފުމާއި، މާއްދީ މުދަލާއި ތަކެތި ގަނެ ބޭނުން ކުރުމާއިގެން (Consumerism) ހެސް ގަތުމުގެ ޒަމާނުގެ މަރުދީ ޖަރާ - Mardi Gras - މިއަދު ނިމުމަކަށް އަތުވެއްޖެއެވެ. މާއްދިއްޔަތުގެ ކާނިވަލް ބަންދު ވީއެވެ. މިއަދަކީ އެ ކާނިވަލަށް ފަހު، ޖެހިގެން އައި ދުވަހުގެ ފަޅު ހެނދުނު ފަދައެވެ. ކާނިވަލުގެ ބޮޑު މަޖާގަނޑު ނިމުމަށް ފަހު، ހުރިހައި ދިމާޔަކަށް ފަޅުކަމާއި ހުސްކަން ފެތުރުނީއެވެ. ފިހާރަތަކުގެ ހަރުގަނޑުތަކުގައި ބަރިބަރިޔަށް އަތުރައިފައި ހުރި މުދާތަކާ ދިމާޔަށް އަޅުގަނޑުމެންގެ އަތްތައް ދިއްކޮށް އުޅުނީ ކޮންފަދަ އުފާވެރިކަމަކާ އެކުގައިތޯއެވެ؟ އަޅުގަނޑުމެންގެ ތަޞައްރަފު ނުފުދޭ ލޯތަކަށް، އަޅުގަނޑުމެންގެ ދަހިވެތި އަދި މާއްދީ އުފަލާއިގެން ގެއްލި ޣާފިލު ވެފައި ވީ ލޯތަކަށް، އެ މުދާތަކުން އެއިރު ފެނުނީ ޖަރީގެ ދަޅަތަކާއި އަސަރުތަކާއި ވިދުވަރެވެ. ނަމަވެސް މިހާރު އަޅުގަނޑުމެން އެއިން އެއްޗެއްގައި އަތް ލަނީ އެހެން ގޮތެއް ނެތިގެން، މަޖުބޫރު ވެގެންނެވެ. ގަބުރެއްގައި ބީހޭ ގޮތަށެވެ. އަޅުގަނޑު އޭޓީއެމް މެޝިނުގެ ފިތްތަކަށް ފިތައިލީމެވެ. އަޅުގަނޑުގެ ހިތަށް އެރިއެވެ. ފާއިތު ވި އަހަރުތަކުގައި އަހަރެމެންގެ އަތްތައް ވެފައި ވަނީ ޣާފިލުކަމުގައި ތިބެގެން، ވިސްނުމެއް ފިކުރެއް ނެތި، މާއްދީ ތަކެތި ނަގައި އެއް ކޮށް ޖަމާ ކުރުމަށް ބޭނުން ކުރި އާލަތަކަށެވެ. މިއަދު އެ އަތްތަކަކީ އަޅުގަނޑުމެންގެ ހަލާކުގެ ޒަރީޢާއަކަށް ނުވާނެ ބާވައެވެ! އޭޓީއެމް މެޝިނުން ނުކުތް ވިހި ޕައުންޑުގެ ނޫޓަކީ އެންމެ ފަހުން ޕްލާސްޓިކް ކުރެވުނު ނޫޓެވެ. އެ ނޫޓަކީ އަޅުގަނޑުމެންގެ ފުރާނަ ނިގުޅައިގަންނަ، މުޑުދާރު، ޖަރާސީމު ހާއްޔަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. އަޅުގަނޑުމެން މިހާރު ބޭނުން ވަނީ އެ ނޫޓު ވެސް ޖަރާސީމު މަރާ ފެނަކުން ދޮންނާށެވެ. މުއްސަނދިކަމުން މަޖަލާއި މަސްތީ އުފާވެރިކަން ގެނެސްދިންދިނުމަށް ނިމުން އައީއެވެ! އެ ދުވަސް މާޒީއާ އެކު ވެދިޔައީއެވެ!
ދުނިޔެ ފާޑަކަށް ރޯދަ ހިފަނީއެވެ. މިއީ ރައުސްމާލިއްޔަތު (Capitalism) ގެ އިމްސާކެވެ. ރައުސްމާލިއްޔަތުގެ ބާލްޝަޒާރީ ޕާޓީ (Belshazzar’s Feast) އަށް ކުއްލި ހުއްޓުމެއް އަތުވެއްޖެއެވެ. ދުވާލުގެ ވަގުތު ޝަހަރުގެ މަރުކަޒީ ސަރަޙައްދަށް ޒިޔާރަތް ކުރި މީހާޔަށް ފެނުނީ ގިނަ ތަންތަނުގައި ވަނުން މަނާ ބޯޑު އެޅުވިފައި ވާތީއެވެ. ރަމަޟާން މަހާ ގުޅޭ ޙަދީޘްފުޅުގައި އޮންނަ ފަދައިން، ޝައިޠާނުންތައް ކަސްތޮޅު އެޅުވުނީއެވެ. ވަރުބަލިކަމުގައި ފިހާރަތަކަށް ވަންނަ މީހުންގެ ކިބަޔަކު، އެއްކަލަ ރިވެތިހައި މުދާތަކާ މެދަކު މިހާރަކު ޝައުޤުވެރިކަމެއް ނެތެވެ. މިހާރު އެމީހުންގެ ހުރިހާ ޝައުޤުވެރިކަމެއް ހުއްޓިފައި ހުރީ ފުރާނަ ސަލާމަތް ކުރުމުގެ މައްޗަށެވެ. ކުރީން އާދަ ވެފައި ވީ ގޮތަށް ފިކުރެއް ޚިޔާލެއް ނެތި މުދާތަކުގައި އަތް ލަމުން، އެކިއެކި އެއްޗެތި ބަލަމުން އުޅުމަކީ މިހާރު ބޮޑު މޮޔަ ކަމަކަށް ވެއްޖެއެވެ. ދުނިޔޭގެ މާއްދީ އުފާތަކަކީ އެންމެ މުހިއްމު ކަންތައްތައް ކަމުގައި ބަލާ މީހަކު ޢަމަލު ކުރާނޭ ފަދައިން، އަޅުގަނޑުމެންގެ ބޮޑުވަޒީރު ފޮތް ފިހާރަތައް ބަންދު ކުރައްވައިފައި، ބަނގުރާ ވިއްކާ ތަންތަން ހުޅުވައިފައި ބެހެއްޓެވިއެވެ. ނަމަވެސް އެ ތަންތަނުގެ މީހުން ވެސް ފެންނަނީ މާބޮޑު މަސައްކަތެއް ނެތި ތިއްބައެވެ. އެތައް ބައެއްގެ ކިބައިން ފެންނަނީ އަޅައިލުމާއި އަދަބުވެރިކަމެވެ. ނަމަވެސް ކޮންމެ މީހެއްގެ ކިބައިންމެ ފެންނަ ސިފަތަކަކީ ނެގިމަޑުވެފައި ހުރުމެވެ. ނިކަމެތިކަމުގެ އިހުސާސުގެ ކުލަވަރެވެ. މަސްތުކަމެއް ނެތުމާއި، ފިސާރި ހެއިލުންތެރިކަމާ އެކު ހުރިހައި ދިމަދިމާޔަކަށް ލޯ ހިނގާކަމުގެ ކުލަވަރެވެ.
ޔަޤީނެވެ! މި ކުއްލި މުޞީބާތް އެކި މީހުންގެ ބޯމައްޗަށް ފެއިބީ އެކި ގޮތްގޮތަށެވެ. ބައެއް މުސްކުޅީންގެ ޙާލަތު ހުރީ، ކައިރީގައި ހުރި މީހާ ވިސްނައިނުލައި މާ ބާރަށް އަޅާ ކިނބިއްސެއްގެ ސަބަބުން ވެސް ހިތްދަތި މަރަކާ ކުރިމަތި ލާން ޖެހިދާނެ ފަދަ ގޮތެއްގައެވެ. އަނެއްކޮޅުން، ބަހެއްގެ އިންތިޒާރުގައި ތިބެ ހީނސަމާސާ ކުރަމުން ގެންދާ ޒުވާނުންކޮޅެއްގެ ނަޒަރުން ފެންނަ ގޮތުގައި، މިއީކީ މާކަ ބޮޑު ހިރާހެއް އޮތް ކަމެއް ނޫނެވެ. އެމީހުންގެ ވިސްނުމުގައި، ބިރުވެރިކަމަކާ ނުވަތަ ހިރާހަކާ ކުރިމަތި ވުމުން، ފުރަގަސް ދީފައި ދުވެ ފިލައި ރައްކާ ވާނީ ފިނޑީންނެވެ. އެމީހުންގެ ނަޒަރުގައި މި ބިރުވެރިކަމަކީ ކޮންމެ ދުވަހަކު ވެސް އެމީހުން ކުޅޭ ރޫސީ ރޫލެޓު (Russian Roulette) ކުޅިވަރު ފަދަ ކަމެކެވެ. އެއީ އެމީހުންނަށް މަރުގެ މައްޗަށް ގަދަވެގަނެވޭކަމުގެ އިޙުސާސް ގެނެސްދޭ ކުޅިވަރެވެ. ކުރިޔަށް އޮތް އަހަރުގެ މި ދުވަހު ވެސް، ހަމަ މި ބަހަށް އިންތިޒާރު ކުރުމަށް ޓަކައި، ހަމަ މި އިސްޓޭޝަނުގައި ތިބެވޭނެ ކަމާ މެދަކު އެމީހުންގެ ހިތްތަކުގައި ޝައްކެއް ވަސްވާހެއް ނެތެވެ.
އެހެންކަމުން، މާތްރަސްކަލާނގެ އިމަށް މިންވަރު ކުރެއްވި ގޮތުގެ މަތީން، މިއަދު އަޅުގަނޑުމެންނާ ކުރިމަތި ވެފައި މިވަނީ ޝައުޤުވެރި ދުވަސްތަކެކެވެ. އަޅުގަނޑުމެންނަށް މި ވަދެވުނީ ފާއިތު ވެގެން ދިޔަ އެތައް ދަހައެއްގެ ތެރޭގައި ވެސް އިންސާނިއްޔަތާ ކުރިމަތި ނުވާ ވަރުގެ ބޮޑު ޢާލަމީ މުޞީބާތެއްގެ ދައުރަށެވެ. މި ދިގު އަދި ހިމޭން ދުވަސްތަކުގެ ފައިދާ ފުރިހަމަ ގޮތުގައި ލިބިގަނެ، ބުއްދީގެ ބޭނުން ރަނގަޅަށް ކޮށްގެން ވިސްނައި ފިކުރު ކޮށްލުމަކީ، މިއަދު މުސްލިމުންގެ މައްޗަށް އޮތް ކަމެކެވެ. ނަމަވެސް ފިކުރުގެ މެޝިނު ހިންގައިލުމުގެ ކުރީން، ބިރުވެރިކަމާއި ހާސްކަން އުފައްދައި، މީސްތަކުންގެ އިޙުސާސްތަކާއި ޝުޢޫރުތައް ކައްކަމުން ގެންދާ މީޑިޔާއާ ދުރަށް ޖެހި، މީޑިޔާއިން "ކަރަންޓީނު ވެލަމާ" ހިންގަވާށެވެ. އަމާޒެއް އުޞޫލެއް ނެތި، އެ ވަގުތަކު އެންމެ ބޮޑު ފައިދާއެއް ލިބޭން އޮތް ގޮތަކަށް ވާހަކަ ދައްކާ ސިޔާސީ މީހުންގެ ވާހަކަތަކަށް އަޅުގަނޑުމެންގެ ކަންފަތްތައް މުޅީން ބަންދު ކޮށްލަމާ ހިންގަވާށެވެ. އެޔަށްފަހު، ކުޑަދޮރު ހުޅުވައިލައްވާށެވެ! މަގުތަކަށް ވެރި ވެފައި އެއޮތް ޢަޖާއިބެއް ކަހަލަ ހިމޭންކަމުގެ ތެރެޔަށް ނަޒަރު ހުއްޓަވައިލައްވާށެވެ! އަދި މި ހުރިހައި ކަމަކުން މާތްރަސްކަލާނގެ އެދިވޮޑިގަންނަވަނީ ކޮން ކަމެއްތޯ އާއި، މި ކަންތަކުގައި އެކަލާނގެ ގަސްދުފުޅުގައި ވާ މުރާދަކީ އަދި މަޠުލަބަކީ ކޮބައިތޯ، މި ސުވާލާ މެދު ފުންކޮށް ވިސްނައިލަމާ ހިންގަވާށެވެ!
ކަލާނގެ ވޮޑިގެންވާ ކަމާ މެދު އިންކާރު ކުރާ އިލްޙާދީ މީހާގެ ބުއްދިޔަށް ވެސް ޤަބޫލު ކުރެވޭ ޙަޤީޤަތަކީ، އަޅުގަނޑުމެންގެ މި ޒަމާނުގެ ދުނިޔެއަކީ ޙައްދެއް ނެތް ކިބުރުވެރިކަމާއި ބޮޑާކަމުގައި އިންސާނުން އުޅެމުން ގެންދާ ދުނިޔެއެއްކަމެވެ. އަޅުގަނޑުމެން މި ގެންދަނީ ހޭބޯ ނާރައި، ޤުދުރަތީ ތިމާވެއްޓާއި ޠަބީޢީ ވެށި ސުންނާފަތި ކުރަމުން ހަލާކު ކުރަމުންނެވެ. އިންސާނާ ހަނދުގައި ވެސް ހިނގައިފިއެވެ. ދުނިޔޭގައި ލެއްވި އެހެން ކޮންމެ މަޚްލޫޤެއް އެދަނީ އަޅުގަނޑުމެން ދެކެ ބިރުން ފަހަށް ޖެހެމުން، ބޮނދަމުން، ފިލަމުންނެވެ. މާޙައުލީ ނިޒާމުތައް އަޅުގަނޑުމެންގެ ޢަމަލުތަކުގެ ސަބަބުން ފަނާ ވަމުން މަރު ވަމުން އެދަނީއެވެ. މުޅި ދުނިޔޭގައި ފެތުރި މޫ ލައިފައި ވާ، އަދި އޭގެ ބާރު އެއް ދުވަހަށް ވުރެ އަނެއް ދުވަހު ގަދަ ވަމުން ދާ، އަޅުގަނޑުމެންގެ މާލީ ނިޒާމު ވެފައި ވަނީ ފަގީރުންގެ ވައިނޮޅިޔަށް ހަރައިލެވިފައި ހުރި ލޭދަމާ ކަށްޓަކަށެވެ. އިންސާނުންގެ ނަޒަރުން ބަލާ އިރު، ކޮވިޑް-19 އަކީ ދުނިޔޭގެ ނިޒާމަށް ޚަލަލުތަކެއް ގެނައި ބައްޔެކެވެ. ނަމަވެސް ޠަބީޢީ ދުނިޔޭގެ ނަޒަރުން ބަލާ ނަމަ، ތާރީޚުގެ ވެއަތު ވެގެން މިދިޔަ ދައުރުގައި އިންސާނީ ނަސްލަކީ މާ ނުރައްކައުތެރި ބައްޔެކެވެ. އެއްޗެއްގައި އަޅައިފައި ވާ ފަންގަހެއް ފަދައިން، ނުވަތަ އޭގެ މޭޒުބާނުގެ ގައިން ލެއި ބޮއިގެން އުޅޭ ހޫކުފަންޏެއް ފަދައިން، އަޅުގަނޑުމެން މި ދަނީ ދުނިޔޭގެ މާޙައުލުގެ މުޅި ނިޒާމުގެ ލެއި ބޮއި، ދުނިޔެ ފަނާ ކުރަމުންނެވެ. މުޅި ދުނިޔެއަށް އިންސާނީ ނަސްލު ފެތުރި، ގިނަގުނަ ވެ، އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން ދުނިޔޭގެ މާޙައުލީ ނިޒާމުތައް ހަލާކު ވަމުން، ދުނިޔެ ބަލި ވަމުން ދަނީއެވެ. ޙައްޤު ދީނުގެ މަޙުދޫދީ ރޮނގުތަކުން ބޭރު ވެގެން ދިޔަ ބަނީ އާދަމް ވަނީ ދުނިޔެއަށް ޖެހުނު ބައްޔަކަށް ވެފައެވެ. އަޅުގަނޑުމެންގެ ރޭވުންތެރިކަމާއި ޙިކުމަތްތެރިކަމުގެ ފެންވަރަށް ބަލާ އިރު، ހަމަ ލޮލަށް ނުފެންނަ ދިރުންތަކަށް (Microbe) ވުރެ އަޅުގަނޑުމެންގެ ވިސްނުންތެރިކަން ވެސް ވަކި ބޮޑެއް ނޫނެވެ. ދުނިޔޭގައި އަޅުގަނޑުމެން ވެފައި ވަނީ ޤާރޫނު-ވައިރަހަކަށް ނޫން ދެން ކޮން އެއްޗަކަށްތޯއެވެ!
މިއަދު މާތްރަސްކަލާނގެ ދުނިޔެ އަޅުގަނޑުމެންނަށް ޙައްޤު ބަދަލު ލިބިދެނީއެވެ. އަޅުގަނޑުމެން ކުރި ޢަމަލުތަކަށް ހަމައަގު ދެނީއެވެ. އަޅުގަނޑުމެންގެ ލޯތަކަށް ނުފެންނަ މިޔަސަމައެއްގެ ވަސީލަތުންނެވެ. އޭގެ ސަބަބުން އަޅުގަނޑުމެން މިތިބީ އެތެރެޔަށް ނޭވަޔެއް ލާން ވެސް ބިރު ގަނެފައެވެ. ނިޔުކުލިޔަރު ހަތިޔާރުގެ ސާހިބުން ކަމުގައި ވާ ޓްރަމްޕާއި ޕުޓިން، އެ މިޔަސަމަ ދެކެ، އެ ކުޑަކުޑަ ޖަރާސީމު ދެކެ ބިރުން ފައި އޮޅެމުން، ބިމުގައި އަޅައަޅައިގަންނަމުން، ފަހަށްފަހަށް އެތިބަ ޖެހެނީއެވެ. ނަޤްޝަބަންދީ ތަޢުލީމާތުގައި ހިމެނޭ ޚުޝް ދަރް ދަމް، އާދެ، ކޮންމެ ނޭވަޔަކާ އެކު ވެސް ފަރުވާތެރި ވުމުގެ މަފްހޫމު، މިއަދު އެމީހުންނަށް ދޭހަ ވާނެ ތޯއްޗެކެވެ. ކޮރޯނާ ވައިރަހަކީ އިންސާނާގެ ލޮލަށް ނުފެންނަ ވަރުގެ ކުޑަކުޑަ ޖަރާސީމެކެވެ. "ކޮރޯނާ" ގެ ލަފުޒީ މާނަޔަކީ ރަސްކަމުގެ ތާޖެވެ. މިއީ އޭގެ ޒާތުގައި އަމިއްލަ އެއްވެސް އާރެއް ބާރެއް ނުވަތަ އަހައްމިއްޔަތެއް ނެތް ޖަރާސީމެކެވެ. ނުހަނު ފަސޭހައިން ހަލާކު ވެގެންދާ ޖަރާސީމެކެވެ. ގާތްގަނޑަކަށް ޣައިރުމައުޖޫދެކެވެ. ނަމަވެސް މިއަދު މި ޖަރާސީމަކީ ދުނިޔޭގެ ރަސްގެފާނެވެ.
އިލާހީ މިންވަރުފުޅާއި އިރާދަފުޅުން ތަމްސީލު ވެގެން މިދާ ޢަޖާއިބު ކުރުވަނި މަނާޒިރުން، އަޅުގަނޑުމެންގެ ހަނދާނަށް ގެނެސްދެނީ މީދަލާއި ނީލަގެރިއެތުގެ މުސްކުޅި ވާހަކަތަކެވެ. އެ ބެއިކަލެއްގެ މުޅި ދަޢުވަތަކީ ދުނިޔޭގެ ލޯތްބާއި، މަރު ދެކެ ބިރު ގަތުމަށް ކުރެވުނު ތަޙައްދީއެއް ކަމުގައި ވި ކީރިތި ނަބިއްޔާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ނީލަގެރިއެތުގެ އަހަރު، ނުވަތަ ޢާމުލް ފީލް ގައެވެ. ކީރިތި ޤުރްއާނުގައި އެ ވާހަކަ ބަޔާން ކުރެއްވެވި ސޫރަތް އަޅުގަނޑުމެން އެތައް ފަހަރަކު، ކުޑަކުއްޖަކު ނާސަރީ ލަވައެއް ކިޔާ ފަދައިން، ތަކުރާރު ކުރަމުއެވެ. އަނިޔާވެރި އަބްރަހާޔަކީ، ﷲ ގެ ރަސްކަންފުޅަށް މިލްކު ވެވޮޑިގެން ވާ ތަކެއްޗާއި ކަންކަމަށް ގެއްލުން ދިނުމަށް މަސައްކަތް ކުރާ މީހުންގެ ބޮޑާކަމާއި ކިބުރުވެރިކަން ރަމްޒު ކޮށްދޭ އަބަދީ ރަމްޒެކެވެ. ސިޔަރަތު ލިޔުއްވާ ބެއިފުޅުން އަޅުގަނޑުމެންނަށް ވިދާޅުވެދެއްވާ ގޮތުގައި، އަބްރަހާ އާއި އޭނާގެ ލަޝްކަރުގެ މައްޗަށް ގައު ވެފައިވާ މަށީގެ ހިލަތަކެއް އުކި ދޫނިތައް، އެބައިމީހުންގެ ތެރެޔަށް ބަލިމަޑުކަމެއް ވެސް ގެނައެވެ. އެ ބަލިމަޑުކަމުގެ ސަބަބުން އެބައިމީހުންގެ ގައިގެ މަސްތައް ކަށިތަކުގައި ހުއްޓައި، އެ މަސްތައް ކުނި ވާން ފެށީއެވެ. އެއީ އެބޯލާ ފަދަ ބިރުވެރި ބައްޔެކެވެ. އެ ބަލި އެމީހުންގެ ހަށިގަނޑުތައް ފަނާ ކުރާން ފެށީ އެމީހުން ދިރިތިއްބައެވެ. – فَجَعَلَهُمْ كَعَصْفٍ مَّأْكُولٍ –
ދުނިޔޭގެ މީޒާން ހަމަ މާޙައުލީ ނިޒާމުގެ ޢަޖާއިބު ކުރުވަނިވި ޒަވާހިރުގެ ބައެއް ކަމުގައި ހިމެނޭ، އިންސާނާގެ ހަމަލޮލަށް ނުފެންނަ ދިރުންތަކަކީ، އެހެން ވީއިރު، ﷲ ސުބުޙާނަހޫ ވަ ތަޢާލާގެ ލަޝްކަރަށް ނިސްބަތް ވާ ހަނގުރާމަވެރީންގެ ގޮތުގައި މެނުވީ ސިފަ ކުރެވޭނެތޯއެވެ؟ ބައެއް ފަހަރުފަހަރު އެ ދިރުންތައް ވަނީ އަޅުގަނޑުމެންނަށް ޚިދުމަތްތެރި ކުރެއްވެވިގެން ވާ، އަދި އަޅުގަނޑުމެންނަށް ފައިދާ ހުރި ދިރުންތަކަކަށެވެ. އިލާހީ އިސްމުފުޅުތައް ކަމުގައި ވާ އައްރައްޒާޤް އާއި އައްލަޠީފް ގައި އެކުލަވާ މާނަޔާ އެއްގޮތް ވާ ގޮތުގެ މަތީންނެވެ. އަޅުގަނޑުމެންގެ ބަނޑާއި ގޮހޮރުގެ ހުރިހައި ހިސާބެއްގައި އެ ދިރުންތައް ވެއެވެ. އެޔާ ނުލައި އަޅުގަނޑުމެން ކާ ކާއެތިކޮޅު ވެސް ހަޖަމެއް ނުވެއެވެ. ބިންމަތީގައި އެ ދިރުންތަކުގެ މަސައްކަތަކީ މަރު ވެފައި ވާ މާއްދާތައް ވަކިވަކި ކޮށް ބިމުގެ ފަސްގަނޑާ އެއް ކުރުމެވެ. އެ ދިރުންތަކުގެ ސަބަބުން ޠަބީޢީ ގޮތުން އާބާދީތައް ކޮންޓުރޯލު ކުރެވި، މަޚުލޫޤާތުގެ މީޒާން ހަމަ ކުރެވެއެވެ. އެ މީޒާން ހަމަކަމުގެ ތެރެއިން، ދުނިޔޭގައި މާތްރަސްކަލާނގެ ލެއްވެވި އެކި ބާވަތްބާވަތުގެ މަޚްލޫޤުންގެ ތެރެއިން ކޮންމެ ނައުޢަކަށް ވެސް އެ ނައުޢެއްގެ ޙައްޤު ޖާގަ ކަށަވަރު ކުރެވެއެވެ. ނަމަވެސް އެހެން ފަހަރުފަހަރު، އެ ދިރުންތަކަކީ މާތްރަސްކަލާނގެ އިސްމުފުޅުތަކުގެ ތެރެއިން އަލްޤައްހާރް އާއި އަލްމުންތަޤިމް އިން މުރާދު ވެވޭ ކަންކަމުގެ ވަސީލަތްތަކަކަށް ވެގެން ހިނގައިދެއެވެ. އާދެ، ގަދަފަދަވަންތަކަމާ އެކު އެކަލާނގެ އިރާދަފުޅާއި މިންވަރުފުޅު ހިންގަވައި، އެންމެހައި ތަކެއްޗެއް އެކަލާނގެ އިރާދަފުޅުގެ ކުރިމަތީގައި ބޯ ލެނބުމަށް މަޖުބޫރު ކުރެއްވެވުމެވެ. އަދި ޢަދުލުވެރި ޖަޒާއިން އިންތިޤާމު ހިއްޕެވުމެވެ. މުއްސަނދި އަނިޔާވެރިޔާ އަބްރަހާ އާއި، އޭނާގެ އެތްތަކާއި، އޭނާގެ ކޮމާންޑޯއިންނާއި މެރީންސްގެ މައްޗަށް ފަނާގެ ކަނޑިއެއް ކަމުގައި އެއްކަލަ ކުދިކުދި، އިންސާނާގެ ހަމަލޮލަށް ނުފެންނަ ދިރުންތައް، ލެއްވެވީ މި ގޮތުގެ މަތީންނެވެ.
ﷲ އަންގަވަނީ އެކަލާނގެ ވޮޑިގެން ވަނީ ފަގީރު ނިކަމެތީންނާއި، ވޭނާއި ކެކުޅުމާއި ހިތާމަތަކުން މުޞީބާތް ލިބިގެންވާ މީހުންނާ އެކުގައި ކަމުގައެވެ. – أنا عند المنكسرة قلوبهم – އިންސާނުން މަޤާމާއި މަންސަބުގެ އަސާސުގައި ދަރަޖަ ކުރުމާއި، ތަކައްބުރާއި، މުދައު އެއް ކޮށް ބައް ކުރުމާ ދެކޮޅަށް ކީރިތި ޤުރްއާނުގައި ހުށައަޅުއްވައިފައި ވާ ވަރުގަދަ ޒުވާބުތަކަކީ އަޅުގަނޑުމެން ޖެހިލުން ކުރުވައި، ބަސް ހުއްޓުވައިލާ ވަރުގެ ޒުވާބުތަކެކެވެ. ޒަކާތާއި، މުދައު ވާރުތަ ކުރުމާ ބެހޭ ހަމަތަކާއި އުޞޫލުތަކުގެ ވަސީލަތުން، އިސްލާމީ ޝަރީޢަތް މަސައްކަތް ކުރަނީ މީހުން އެއްކޮށްފައި ހުންނަ ބޮޑެތި މުދައުފުނިތައް ބައިބަޔަށް ބަހައިލުމަށެވެ. އިލާހީ ޢަދާލަތުގެ ބަރު މަރުތޭލުން ޖަހައި، ބައް ކުރެވިފައި ވާ މުދައުފުނިތައް ފުނޑުފުނޑު ކޮށް އެކި ފަރާތްފަރާތަށް ބުރުވައިލުމަށެވެ. އެޔާ ޚިލާފަށް، މި ޒަމާނުގެ ހޯމޯ އިކޮނޮމިކަސް ގެ އެދުންވެރި ރޭވުންތަކާއި ދަހިވެތި ޢަމަލިއްޔާތުގެ ސަބަބުން ނުކުމެފައި ވާ ނަތީޖާޔަކީ، ތާރީޚުގެ އެއްވެސް ދައުރެއްގައި ފެނިފައި ނުވާ ފަދަ ދަރަޖަޔަކަށް، އިންސާނުން ކުރެ އެންމެ މުއްސަނދި އެއް އިންސައްތަ މީހުންގެ އަތްމަތީގައި ދުނިޔޭގެ މުއްސަނދިކަން ޖަމާ ވުމެވެ. ގައުމުތަކާއި މުޖުތަމަޢުތަކުގެ މުއްސަނދި ކަމަކީ ވަކި ބައެއްގެ، މަދު ބައެއްގެ މިލްކަކަށް ވުމެވެ.
އެހެންކަމުން، ކީރިތި ޤުރްއާން އަޅުގަނޑުމެންނަށް ބަޔާން ކޮށްދެއްވާ ޙައްޤާއި ތެދު، ދުނިޔަވީ ބާރާ ދެކޮޅަށް ތެދު ވެ، ވަރުގަދަ ހިތްވަރާއި ޢަޒުމާ އެކު ދުނިޔަވީ ބާރާ ކުރިމަތިލުމުގެ ވާހަކަތަކަށް ބައްލަވާށެވެ! އެ ވާހަކަތައް އަޅުގަނޑުމެންނަށް ތަކުރާރުކޮށް ބުނެދެނީ، ފިރްޢައުނު އޭނާގެ ބާރާއި މުއްސަނދިކަމުގެ ކިއްލާއިން ނެރެލީ އޭނާ ފަދަ އެހެން ދުނިޔަވީ ސުޕަރޕަވަރެއް ނޫން ކަމުގައެވެ. އަދި ކީއްތޯއެވެ! އެ ވަރުގަދަ އިންސާނާ އޭނާގެ މަތީ މަޤާމާއި އުސް ތަޚްތުން ބައިލައްވައި ހަމަ ބިމަށް ވައްޓަވައިލެއްވީ، އުއި ފޮތީގެ ބައު ފޭރާންކޮޅަކުން ހަށިކޮޅު ނިވައި ކުރައްވައިގެން ހުންނެވި، އެ ބެއިކަލެއްގެ ފަހަތްޕުޅުގައި ދުނިޔަވީ އެއްވެސް އާރެއް ބާރެއް މަދަދުވެރިޔެއް ނެތް، ރަސޫލު ބެއިކަލެކެވެ. އެކަލޭގެފާނު ނިސްބަތް ވެވަޑައިގަތީ މިޞްރުގެ ބިމުގައި ބީރައްޓެހީންގެ ގޮތުގައި އުޅެމުން ދިޔަ ޖަމާޢަތަކަށެވެ. ބިދޭސީ މަސައްކަތްތެރީންތަކެއް ކަމުގައި، އަދި އަމިއްލަ ވަޒަނެއް ނެތް މުހާޖިރުންތަކެއް ކަމުގައި ވި ޖަމާޢަތަކަށެވެ. ނަފުރަތާއި، ރުޅިވެރިކަމާއި، އިމެއް ނެތް އަނިޔާގެ އަމާޒަކަށް ވި ޖަމާޢަތަކަށެވެ. އެކަލޭގެފާނު އަމިއްލަފުޅު ނަފުސުފުޅާ މެދު ޝައްކު ކުރެއްވިއެވެ. ތިމަންނާޔަށް އެހެން މީހުންނަށް ދޭހަ ވާނޭ ފަދައިން ސާފުކޮށް ވާހަކަ ދެއްކިދާނެ ބާވައޭ، މި ސުވާލު އަމިއްލަފުޅު ނަފުސުފުޅާ ކުރެއްވިއެވެ. ނަމަވެސް މިންވަރުފުޅު އައުމުން، އެކަލޭގެފާނު މެމްފިސްގެ ތަޚްތުގެ ކުރިމަތީގައި ހުއްޓިވަޑައިގަތެވެ. ޚުދުމުޚްތާރު ދައުލަތުގެ ސިޙުރުވެރީންނަށް ގޮން ޖެއްސެވިއެވެ. އެބައިމީހުންނަކީ، އެބައިމީހުންނަށް ލިބިފައި އޮތް ޙައްދެއް ނެތް މުއްސަނދިކަމުގެ ވަސީލަތުން، ކުނި ވެ ފަނާ ވެގެން ދާނޭ މައްޔިތުންނަށް ޓަކައި، ސަންގު މަރުމަރު ހިލައިން އުސް ގަނޑުވަރުތަކެއް ނުވަތަ ކިއްލާތަކެއް ފަދަ ފަދަ މަޤުބަރާތައް ހެދި މީހުންނެވެ. މިޞްރުގެ ވެރިކަމުގެ ރަންދާނުގައި އިނދެ، މުއްސަނދި އަދި ގަދަފަދަ ފިރްޢައުނު، މޫސާގެފާނަށް ބެލީ ނިހާޔަތަށް ނިކަމެތި ކޮށްލުމުގެ ލޮލުންނެވެ. ދެން އޭނާގެ ބިމަށް ޠާޢޫނުގެ ވަބާތައް ލައިގަތެވެ. ބޮކާއި ލޭގެ މުޞީބާތްތައް އައެވެ. އޭނާޔާއި އޭނާގެ އަހުލުވެރީންގެ ހަށިތަކުން ކުނި ވެ ދޮސް ގަނެފައި ހުންނަ މުލިހިތައް ނެގިއެވެ. މި ކަންކަމާ ދެކޮޅަށް ފިރްޢައުނުގެ ދިފާޢީ ވަޒީރަށް ދެއްކުނީ، ނުވަތަ ނެރެވުނީ، ނުވަތަ ރުކުރުވައިލެވުނީ ކޮން ބާރެއްތޯއެވެ؟ އެއްވެސް ޝައްކެއް ނެތެވެ! މިޞްރުގެ ބިމުގައި ފިރްޢައުނާ ދެކޮޅަށް ވެސް ރުކުރުވައިލެވުނީ ހަމަ ﷲ ގެ ބާރެވެ. ހުރިހައި ރިޒުޤެއްގެ ވެރި ފަރާތުން، ޡުލްމާއި ކިބުރުވެރިކަމާއި ބޭއިންޞާފުގެ ފަނާ ކުރަނިވި ބޮޑުބާރަކާ ދެކޮޅަށް، އެކަލާނގެ މުލޫކިއްޔަތުގައި ހިމެނޭ އެންމެ ކުޑަކުޑަ ދިރުންތަކުގެ ވަސީލަތުން، ފަނާގެ އެތިފަހަރެއް ޖެއްސެވީއެވެ.
ހަމަ އެފަދައިން، ހިތްވަރުފުޅާއި އަޒުމުގެ ލާމަސީލު ނަމޫނާއެއް ފަދައިން، އިބްރާހީމްގެފާނު ނަމްރޫދުގެ ދަރުބާރުގައި ހުއްޓިވަޑައިގަތް ހުއްޓިވަޑައިގަތުން ހަނދުމަ ކުރަމާތޯއެވެ؟ މި ވާހަކަ ސޫރަތުލް ބަޤަރާގައި ބަޔާން ކުރެވިފައި ވެއެވެ. އަންނަނިވި ބަސްފުޅުތަކުންނެވެ. – أَلَمْ تَرَ إِلَى الَّذِي حَآجَّ إِبْرَاهِيمَ فِي رِبِّهِ أَنْ آتَاهُ اللّهُ الْمُلْكَ إِذْ قَالَ إِبْرَاهِيمُ رَبِّيَ الَّذِي يُحْيِـي وَيُمِيتُ قَالَ أَنَا أُحْيِـي وَأُمِيتُ – "ﷲ އޭނާޔަށް ރަސްކަން ދެއްވައިފައި ވާތީ، އިބްރާހީމްގެފާނުގެ ވެރިރަސްކަލާނގެއާ މެދު އެކަލޭގެފާނާ ޖަދަލު ކުޅަ މީހާޔަށް ކަލޭގެފާނު ވިސްނަވައި ފިކުރުފުޅު ނުކުރައްވަމުތޯއެވެ؟ (އެއީ) އިބްރާހީމްގެފާނު ވިދާޅުވިހިނދެވެ. ދިރުއްވައި މަރު ގަންނަވަނީ ތިމަން ކަލޭގެފާނުގެ ވެރިރަސްކަލާނގެއެވެ. އޭނާ ދެންނެވިއެވެ. އަހުރެން ވެސް ދިރުވައި އަދި މަރަމެވެ." (ސޫރަތުލް ބަޤަރާ: 258)
ތަފްސީރު ޢިލްމުވެރީން ލިޔުއްވާ ގޮތުގައި، މި ހިސާބުން ނަމްރޫދު އޭނާގެ އަމުރާއި ބާރުގެ ދަށުން ހައްޔަރު ކުރެވި ޤައިދު ކުރެވިފައި ތިބި މީހުންގެ ތެރެއިން ދެ މީހަކު ޙާޟިރު ކޮށް، އެއިގެ ތެރެއިން އެކަކަށް މަޢާފު ދީ ދޫ ކޮށްލައިފައި، އަނެކަކު ޤަތުލު ކޮށްލިއެވެ. ބޮޑާކަމާއި، ކިބުރުވެރިކަމާއި، ހިތްހަރުކަމާ އެކުގައެވެ. އޭނާގެ ވިސްނުމުގައި، ދައުލަތުގެ ވެރިޔާގެ ޙައިޘިއްޔަތުން އޭނާޔަށް ލިބިގެން ވާ ޢަފޫ ކުރުމާއި މަޢާފު ކޮށް ދޫ ކޮށްލުމުގެ ބާރަކީ އިލާހީ ބާރާ އެއްފަދަ ބާރެކެވެ. ފަހެ، އިބްރާހީމްގެފާނު ވިދާޅުވިއެވެ. "ﷲ އިރުމަތީ ފަރާތުން އިރު ގެންނަވައެވެ. ކަލޭ ނިކަން އެ އިރު ހުޅަނގު ފަރާތުން ގެނެސްދީބަލާށެވެ!" މި ގޮތުގެ މަތީން، ކާފިރު ވެގަތް ނަމްރޫދުގެ ބަސް ރައްދު ކުރެވުނެވެ. – قَالَ إِبْرَاهِيمُ فَإِنَّ اللّهَ يَأْتِي بِالشَّمْسِ مِنَ الْمَشْرِقِ فَأْتِ بِهَا مِنَ الْمَغْرِبِ فَبُهِتَ الَّذِي كَفَرَ –
ތަފްސީރު ޢިލްމުވެރީން ވިދާޅުވާ ގޮތުގައި، ގައުމުގެ މީސްތަކުން ނަމްރޫދުގެ ގާތަށް ގޮސް، އޭނާ އެދޭ ގޮތުގެ މަތީން، އޭނާޔަކީ އެބައިމީހުންގެ ކަލާނގެ ކަމަށް ބުނޫއެވެ. އަދި އޭނާ އެބައިމީހުންނަށް ކާބޯތަކެތި ދެއެވެ. ދެން އިބްރާހީމްގެފާނު ވަޑައިގަތެވެ. އެކަލޭގެފާނުގެ އަރިޔަހުން ހަމަ އެ ސުވާލު ކުރެވުމުން، އެކަލޭގެފާނު ވިދާޅުވިއެވެ. – رَبِّيَ الَّذِي يُحْيِـي وَيُمِيتُ – "އަހުރެންގެ ރައްބަކީ ދިރުން ދެއްވައި، މަރު ގަންނަވާ ރަސްކަލާނގެއެވެ."
ނަމްރޫދުގެ ގަނޑުވަރުން އިބްރާހީމްގެފާނު ބޭރު ކޮށްލެވުމުން، އެކަލޭގެފާނު ގެކޮޅަށް، ޢާއިލާގެ މެންބަރުންގެ އަރިޔަހަށް ވަޑައިގަތެވެ. ކާނާ ދަބަސްކޮޅަށް ވެލި އަޅުއްވައިގެންނެވެ. ކާނާ އެބަހުރިކަމުގެ އިޙުސާސުން، ޢާއިލާގެ ބެއިފުޅުންނަށް ވަގުތީ ނަމަވެސް ހިތްޕުޅުހަމަޖެހުމެއް ހޯއްދަވައިދެއްވުމުގެ ބޭތާބު އުއްމީދުފުޅުގައެވެ. އެކަލޭގެފާނު އަވަހާރަފުޅު ލެއްޕެވުމުން، އަނބިކަނބަލުން ސާރާ ތެދު ވެވަޑައިގެން، އެ ދަބަސްކޮޅު ބެއްލެވިއެވެ. މާތްރަސްކަލާނގެ މުޢުޖިޒާތުގެ ބާރުން، އެ ދަބަސްކޮޅަށް އިބްރާހީމްގެފާނު ލެއްވެވި ވެލި އެއިރު ހުރީ އެންމެ ރަނގަޅު ގޮދަނަށް ވެފައެވެ.
އަނެއްކޮޅުން ނަމުރޫދާ މެދުގައި ކަން ހިނގި މަގަކީ ކޮބައިތޯއެވެ؟
ޢިލްމުވެރީން ލިޔުއްވާ ގޮތުގައި، ނަމްރޫދު އޭނާގެ "ޢަދުލުއިންޞާފު" މީސްތަކުންގެ މައްޗަށް ހިންގުމުގައި ވަނިކޮށް، މަދިރިއެއް ނުވަތަ ބާލެއް އޭނާގެ ނޭފަތުގެ ހިނދުރީގެ ތެރެއިން ލައިގެން އޭނާގެ ބޮލުގެ ތެރެޔަށް ވަނެވެ. އަދި އޭނާގެ ބޮލުގެ އެތެރޭގެ ކޮންމެވެސް ތަނެއްގައި ފިސާރި ބާރަށް ހަފައިގަތެވެ. އެއިގެ ސަބަބުން އޭނާޔަށް ތަޙައްމަލު ކުރާން ޖެހުނީ އިންސާނަކަށް ކެތް ނުކުރެވޭ ފަދަ ގަދަފަދަ ތަދަކާއި ވޭނެކެވެ. އެ ތަދާއި ވޭނަށް ކެތް ނުކުރެވިގެން، އޭނާގެ ގަނޑުވަރުގެ ހިލައިގެ ފައުރުތަކުގައި ބޯ ތަޅައިއުޅޭ ކަމުގައި ވިއެވެ. އޭނާ މަރު ވީ މި ޙާލެއްގައި އެތައް އަހަރަކު އުޅުމަށް ފަހުގައެވެ.
މި ވާހަކައިން ވެސް ފެނިގެން ދަނީ ހަމަ އެއް ކަމެކެވެ. ނަގައިދެނީ އެއް ފިލާވަޅެކެވެ. ލިބިދެނީ އެއް ޢިބުރަތެކެވެ. އެންމެ ކުޑަކުޑަ މަޚްލޫޤުންގެ ސަބަބުން، އެންމެ ބޮޑާ އަދި އެންމެ ކިބުރުވެރި އިންސާނުން އާރާއި ބާރުގެ މަޤާމުތަކުން ވެއްޓި އިނދަ ޖެހިގެންދާ ކަމެވެ. މިއަދު އަޅުގަނޑުމެންގެ ތެރޭގައި ވެސް، ތާޖު އަޅައިގެން އުޅެނީ ވައިރަހެކެވެ. ހަދާނޭ ގޮތް ހުސް ވެ، ނިކަމެތި ވެފައި ތިބީ ގަދަފަދަ އަދި ބާރުގަދަ އިންސާނުންނެވެ. އިސްލާމް ދީނުގެ މަތިވެރި އަދި މުޙުތަރަމް ގޮވައިލުމާ ދެކޮޅަށް ޔޫރަޕުގެ އެކިއެކި ކަންކޮޅުތަކުގައި އަނިޔާ އާއި ގަދަބަދަވިކަން ދައްކައި، މުސްލިމުން ނިކަމެތި ކުރި ސިޔާސީ ބާރުވެރީންނަށް ބައްލަވާށެވެ! މިއަދު ނިޤާބަކުން މޫނު ފޮރުވައިގެން އުޅޭން ޖެހިފައި ވަނީ އެމީހުންނެވެ.
ޠާޢޫނާއި ފެތުރޭ ވަބާ ބަލިމަޑުކަމަކީ އިސްލާމީ އުއްމަތުގެ މެންބަރުން ޙައިރާން ވާން ޖެހޭ ކަމެއް ނޫނެވެ. މުސްލިމުންނަށް އައު މަފްހޫމެއް ނޫނެވެ. އަޅުގަނޑުމެންގެ ފޮތްތަކަށް ބައްލަވާށެވެ! އެ ފޮތްތަކުގައި "ވަބާ" އަކީ މީސްތަކުންގެ ތެރޭގައި ޢާއްމު ވެ ފެތުރޭ ބަލިމަޑުކަން ކަމުގައި ޝަރަޙަ ކޮށް ކިޔައިދީފައި އެބައޮތެވެ. "އިޢްދާ" އަކީ ބައްޔެއް އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ވާޞިލު ވެ ފެތުރުން ކަމުގައި ބަޔާން ކޮށްދީފައި އެބައޮތެވެ. މިފަދަ ބަލިމަޑުކަމެއް ފެތުރިގެން ހިނގައްޖެ ނަމަ، އޭގެ ނަތީޖާއެއްގެ ގޮތުން އެތައް ބަޔަކު މަރު ވެގެން ދާނޭކަން، މެދު ޒަމާނުގެ ދުވަސްވަރު ވެސް މުސްލިމުންނަށް އެނގެއެވެ. މިޞްރުގައި ޠާޢޫނު ފެތުރިގެން، ދުވާލެއްގެ މައްޗަށް ވިއްސަކަށް ހާސް މީހުން މަރު ވަމުން ދިޔަ ވާހަކަ އިބްނު ބަޠޫޠާ ލިޔުއްވައިފައި ވެއެވެ. އޭނާ ސިފަ ކުރައްވާ ގޮތުގައި، މިސްކިތްތަކުގައި އިމާމުން "ޝަހާދާ، ޝަހާދާ" މިފަދައިން ގޮވަމުން ދިޔައެވެ. އޮޅުމެއް ނެތް ގޮތުގައި މި ގޮވުމުން އެ އިޝާރާތް ކުރަނީ އިމާމް ބުޚާރީގެ ޙަދީޘް ފޮތުގައި އެކަލޭގެފާނު ރިވާ ކުރައްވައިފައި އޮންނަ ޙަދީޘަކަށެވެ. އެ ޙަދީޘުގައި އޮންނަނީ ޠާޢޫން ފެތުރިފައި ވާ ބިމެއްގައި، ތިމައުރެންގެ މައްޗަށް ﷲ މިންވަރު ކުރެއްވި ކަމެއް ނޫނީ ނުޖެހޭނެ ކަމުގެ އީމާންކަމުގައި ތިއްބައި، ޠާޢޫނު ޖެހި އެއިގެ ސަބަބުން މަރު ވެގެން ދާ މުސްލިމުންނަށް ޝަހީދުންނާ އެއް ދަރަޖައެއްގައި ޘަވާބު ދެއްވެވޭނެ ވާހަކައެވެ.
އެހެން ނަމަވެސް، މުސްލިމުންނަކީ ބޭސްފަރުވާގެ މުހިއްމުކަން ދަނެގަނެ، އެ ފަންނުގައި ކުރި އަރައިދިޔަ ބައެކެވެ. އިސްލާމް ދީނުގެ ނަބިއްޔާ ވެސް ބޭސްވެރިކަމަށް ޚާއްޞަ އަހައްމިއްޔަތެއް ދެއްވަވައި، ބޭސްވެރިކަމާ ބެހޭ ބައެއް އިރުޝާދުތައް ވެސް އުއްމަތަށް ދެއްވިއެވެ. އެހެންކަމުން މުސްލިމުންގެ ތެރޭގައި ބޭސްފަރުވާގެ ކަންކަން ވަރަށް ބޮޑަށް ތަރައްޤީ ކުރެވުނެވެ. އިސްލާމީ ތާރީޚުގެ ރަން ޒަމާނުގެ ދުވަސްވަރު، ނުހަނު ދީލަތި ގޮތެއްގައި، ޞިއްޙީ ފަރުވާ ފޯރު ކޮށްދިނުމުގެ ކަންކަމަށް ޚަރަދު ކުރަމުން ދިޔައީ ވަޤުފުތަކުންނެވެ. އެ ދުވަސްވަރު މުސްލިމް މިޞްރުގައި ހުރި ހަސްފަތާލެއް ސިފަ ކުރައްވައި، މުއައްރިޚް ލޭން-ޕޫލް ލިޔުއްވައިފައި ވާ އަންނަނިވި ބަޔާން އަޅުގަނޑަށް ވަރަށް ކަމުދެއެވެ.
"ވަށްބުރު ބައްޓަމަށް އޮންނަ ދެ ކޯޓުޔާޑުގެ ވަށައިގެން އެތުރިފައި ހުންނަނީ ބަލިމީހުން ބައިތިއްބާ ކޮޓަރިތަކެވެ. ހަމައެހެންމެ، ދިގުއަކަ ބައްޓަމަށް އޮންނަ އެހެން ކޯޓުޔާޑެއްގެ ވަށައިގެން ބަލިމީހުން ބައިތިއްބާ ވޯޑުތަކާއި، ބޭސްވެރިކަން ކިޔަވައިދެއްވާ އުސްތާޛުން ލެކްޗަރު ދެއްވާ ކޮޓަރިތަކާއި، ކުތުބުޚާނާ އާއި، ޙައްމާމުތަކާއި، ބޭސްފިހާރަތައް ހުރެއެވެ. އެ ދުވަސްވަރުގެ ސާޖަރީގައި ބޭނުމަށް ބޭނުން ކުރާ ހުރިހައި އާލަތްތަކެއް ވެސް ހުރެއެވެ. ބަލި މީހުންގެ ހިތްހަމަޖެއްސުމަށް ޓަކައި މިޔުޒިކު ކުޅުމުގެ އިންތިޒާމު ހުންނަނީ ހަމަޖައްސައިފައެވެ. އަދި ރީތިކޮށް ޤުރްއާން ކިޔަވާ އަޑުން ބަލިމީހުންނަށް ޝިފާޔާއި ބަރަކާތް ލިބިދިނުމަށް ޓަކައި، ޤާރީއަކު ކަނޑައެޅިފައި ވާ ގަޑިތަކުގައި ޤުރްއާން ވެސް ކިޔަވައެވެ. ހަސްފަތާލުން ފަރުވާ ދެނީ ފަގީރެއް މުއްސަންޖެއް ތަފާތު ކުރުމެއް ނެތި، ހިލެއެވެ. ހަސްފަތާލާ ކައިރީގައި ހުންނަ އެހެން ޢިމާރާތެއްގައި ޔަތީމުންނަށް ޚާއްޞަ މަދަރުސާއެއް ހުރެއެވެ. އެތަން ހަދައިފައި ހުންނަނީ ފަސްދޮޅަސް ކުދީންނަށް އެތަނުގައި ދިރިއުޅެވޭނެ ވެސް ގޮތަށެވެ."
މި ޒަމާނުގެ ހަސްފަތާލުތަކުގެ ފެށުން އައީ އިސްލާމީ ދުނިޔޭގައިކަން، އެއީ މިއަދު ތާރީޚު އިލްމުވެރީން އެއްބަސް ވާ ކަމެކެވެ. މި މައުޟޫޢުގައި ވަރަށް ރަނގަޅު މަޒުމޫނެއް އަރާމްކޯ ވޯރލްޑް މެގަޒީންގައި ދި އިސްލާމިކް ރޫޓްސް އޮފް ދަ މޮޑަރން ހޮސްޕިޓަލް މި ސުރުޚީގެ ދަށުން ލިޔެވިފައި ވެއެވެ. މި މަޒުމޫނު ވަރަށް ފަސޭހައިން އޮންލޭނުކޮށް ވެސް ބައްލަވައިލެއްވޭނެއެވެ. އަޅުގަނޑު ދެކޭ ގޮތުގައި ޞިއްޙީ ދާއިރާގެ އެންމެހައި ބެއިފުޅުން ވެސް މި މަޒުމޫނު ކިޔުއްވައިލެއްވުން ވަރަށް މުހިއްމެވެ. މި މަޒުމޫނު ފަށައިފައި ވަނީ ސުލްޠާން ޤަލާއޫން ހަސްފަތާލުގެ ވަޤުފިއްޔާއިން ނަގައިފައި ވާ ލިޔުންކޮޅަކުންނެވެ.
"ހުރިހައި ބަލި މީހުން ވެސް، އަންހެނުން ވިޔަސް އަދި ފިރިހެނުން ވިޔަސް، މުޅީން ޝިފާ ލިބި ފުރިހަމަ ޞިއްޙަތެއް ލިބޭންދެން ހަސްފަތާލުގައި ބައިތިއްބާން ވާނެއެވެ. ކައިރީން ނުވަތަ ދުރުން އައި ކަމުގައި ވިޔަސް، ދޭސީން ނުވަތަ ބިދޭސީން ކަމުގައި ވިޔަސް، ގަދަފަދަ މީހުން ނުވަތަ ބަލިކަށި މީހުން ކަމުގައި ވިޔަސް، ދަރަޖައިން މަތިވެރި ނުވަތަ ދަށު ފަންތީގެ މީހުން ކަމުގައި ވިޔަސް، ފަގީރުން ނުވަތަ މުއްސަނދީން ކަމުގައި ވިޔަސް، މަސައްކަތެއް ކުރާ ނުވަތަ މަސައްކަތެއް ނެތް މީހުން ކަމުގައި ވިޔަސް، ލޮލަށް ފެންނަ ނުވަތަ ނުފެންނަ މީހުން ކަމުގައި ވިޔަސް، ޖިސްމާނީ ގޮތުން ނުވަތަ ނަފްސާނީ ގޮތުން ބަލި މީހުން ކަމުގައި ވިޔަސް، ކިޔަވައިގެން ތިބި ނުވަތަ އަކުރު ނުދަންނަ މީހުން ކަމުގައި ވިޔަސް، ހަސްފަތާލަށް އަންނަ އެންމެހައި ބަލިމީހުންގެ ހުރިހައި ޚަރަދުތަކެއް ބަލަހައްޓާން ވާނީ ހަސްފަތާލުގެ ފަރާތުންނެވެ. އެއްވެސް މީހެއްގެ އަތުން އެއްވެސް ޙާލަތެއްގައި ފައިސާ އަތުލައިގެން ނުވާނެއެވެ. އަދި ފައިސާ ނުދައްކައިގެން އެއްވެސް މީހަކާ މެދު ނުރުހުމުގެ އެއްވެސް ކަހަލަ ޢަމަލެއް ހިންގައިގެން ނުވާނެއެވެ. އެފަދަ އިޝާރާތެއް ވެސް ދައްކައިގެން ނުވާނެއެވެ. ހަސްފަތާލުގެ ޚިދުމަތް ދޭން ވާނީ ދީލަތިވަންތަ މާތްރަސްކަލާނގެ ދެއްވާ ނިޢުމަތުންނެވެ."
ހަސްފަތާލު، ނުވަތަ ދާރުއްޝިފާ، ނުވަތަ ބީމާރިސްތާނަކީ އިސްލާމީ ޙަޟާރަތުން ހުޅަނގަށް ކުރި އެތައް ހަދިޔާތަކެއްގެ ތެރެއިން އެއް ހަދިޔާއެވެ. އިސްލާމީ ޙަޟާރަތުގެ އެންމެ މުހިއްމު އެއް ސިފަޔަކީ، ނުވަތަ ޚުޞޫޞިއްޔަތަކީ ރަޙުމާއި ކުލުނަށް ނުހަނު މަތިވެރި އަހައްމިއްޔަތަކާއި މަޤާމެއް ދިނުމެވެ. އަނެއް ސިފަޔަކީ ބޭސްވެރިކަމުގެ ޚިދުމަތާއި، ޕްރޮފެޝަނަލް ގޮތެއްގައި އެ ޚިދުމަތް ފޯރު ކޮށްދިނުމުގެ މުހިއްމުކަން ވަޒަން ކުރުމެވެ. އިސްލާމީ ޙަޟާރަތުގެ ތެރޭގައި ހަސްފަތާލުތައް އުފެދިގެން އައީ މި ދެ ޚުޞޫޞިއްޔަތުގެ ބުންޔާދުގައެވެ. ނުފޫޒު ފޯރުވި، އަދި ނުފޫޒު ފޯރި ފަރާތުގެ ދެމެދުގައި ހުރި އެއްގޮތްކަމާއެވެ. އެހެން ނަމަވެސް، އެ އިސްލާމީ ސަގާފަތް، އަޅުގަނޑުމެންގެ މި ޒަމާނުގެ ސަގާފަތާ މުހިއްމު އެއް ގޮތަކުން ވަރަށް ތަފާތެވެ.
އެ ޒަމާނުގެ މުސްލިމް ބޭސްވެރީންނާއި، ފެތުރޭ ބަލިމަޑުކަމާ ބެހޭގޮތުން ވިސްނުންފުޅު ހިންގެވި މުސްލިމް ޢިލްމުވެރީން ދެކެވަޑައިގަތް ގޮތުގައި، ދުނިޔެއާއި ދުނިޔޭގެ ދިރިއުޅުމާ މެދު އިންސާނާ ކުރާ އުއްމީދުތައް ހުންނާން ވާނީ ޒުހުދުވެރި ޙުދޫދެއްގެ ތެރޭގައެވެ. މަރު ދެކެ ނިހާޔަތަށް ބިރު ގަތުމާއި، ޙައްދެއް ނެތް މުއްސަނދިކަމަށް ލޯބި ކުރުމަކީ ނަމްރޫދާއި ފިރްޢައުނުގެ ސުންނަތެވެ. އެއީ އަބޫޖަހުލުގެ މަގެވެ. ނަބީކަން ޚަތިމު ކުރެއްވެވި ސާހިބާގެ މަގެއް ނޫނެވެ. ޅެންވެރިޔާ ވިދާޅުވެފައި ވާ ފަދައިން، މަރު ދެކެ ބިރު ގަތުމާއި ދުނިޔޭގެ މުދަލާއި މުއްސަނދިކަމުގެ ލޯބީގައި މަސްތު ވުމަކީ ހިމާރުގެ މާއްދިއްޔަތުގެ ޢަލާމާތެކެވެ. އެ ހިމާރުގެ ބުރިކަށިމައްޗަށް ސަވާރު ވެވަޑައިގަތް ޢީސާގެފާނުގެ މަގެއް ނޫނެވެ. އަޅުގަނޑުމެންގެ މި ޒަމާނުގައި މަރާ މެދުގައި ބެލެވެނީ ވަރަށް ޙަޤީޤަތާ ދުރު ނަޒަރަކުންނެވެ. މަރު އަޅުގަނޑުމެންނަށް ގެނެސްދެނީ ހާސްކަމާއި ކަންބޮޑުވުމެވެ. އަޅުގަނޑުމެންގެ ވިސްނުމުގައި މަރު މި މައުޟޫޢު ވެސް ވަނީ ދުރަށް ލެވޭ މައުޟޫޢަކަށެވެ. އަޅުގަނޑުމެންގެ ހިތްތަކަށް ވެރި ވެގެންފައި ވާ މުޑުދާރު މާއްދިއްޔަތުގެ ސަބަބުން، އަޅުގަނޑުމެންގެ ތެރޭގައި ވައިރަހެއް ފަދައިން ފެތުރިފައި ވަނީ އިލާހަކު ވޮޑިގެން ނުވާކަމަށް ޤަބޫލު ކުރުން ނުވަތަ އިލްޙާދިއްޔަތުގެ ޤަބޫލުކުރުންތަކެވެ. އެ ޤަބޫލުކުރުންތަކުގެ ތެރެއިން، ވަރަށް ގިނަ މީހުން ދެކެނީ ބޭސްވެރިކަމުގެ މަރު (Clinical Death) އެއީ އިންސާނާގެ ނިމުން ކަމުގައެވެ. ކީރިތި ޤުރްއާނުގައި އެފަދަ މިހުން ސިފަ ކުރައްވައިފައި ވާ ބަސްފުޅުގައި ވާ ފަދައިން، "އެއުރެން ބުނޫއެވެ. ތިމަންމެންގެ ދުނިޔޭގެ ދިރިއުޅުން މެނުވީ، އެހެން ދިރިއުޅުމެއް ނެތެވެ. ތިމަންމެން ދިރިތިބެމުއެވެ. އަދި މަރުވަމުއެވެ. އަދި ޒަމާން މެނުވީ ތިމަންމެން ހަލާކެއް ނުކުރެއެވެ." (ސޫރަތުލް ޖާޘިޔާ: 24) – وَقَالُوا مَا هِيَ إِلَّا حَيَاتُنَا الدُّنْيَا نَمُوتُ وَنَحْيَا وَمَا يُهْلِكُنَا إِلَّا الدَّهْرُ –
މިފަދަ މީހުން ތިބެނީ ހިތާމަ ކުރާން ޖެހޭ ފަދަ ގޮތެއްގައި މަރު ދެކެ ބިރުންނެވެ. ޙަޤީޤަތުގައި، އަޅުގަނޑުމެންގެ މި ޒަމާނުގައި އިންސާނާޔަށް ކުރިމަތި ވެފައި ވާ އެންމެ ބޮޑު "ޓެރަރިޒަމަކީ" މި ދެންނެވި ގޮތުގެ މަތީން މަރު ދެކެ ގަންނަ ބިރެވެ. އެ ބިރަކީ، މާނައެއް ނެތް އަދި އަބަދީ ނެތިދިޔުމެއް ނުވަތަ ފަނާވުމެއްގެ ތެރެޔަށް ދާން ޖެހޭތީ ގަންނަ ނުބައި ބިރެވެ. މުސްކުޅި ޢަރަބި ކަރައިގައި، ޖާހިލީ ޢަރަބީން ވެސް މަރަށް ފަހު ދިރުމެއް ވާ ކަމުގައި މާކަ ހަރުދަނާ ގޮތެއްގައި ޤަބޫލެއް ނުކުރެއެވެ. އެހެން ނަމަވެސް، ތަޢުރީފު ކުރާ މީހާ، އޭނާގެ އެންމެ ހިތާމަވެރި ދަނޑިވަޅުގައި އެމީހުންނާ ކުރިމަތި ލައި ބުނެއެވެ. "ދެން އޮތް ދުނިޔެ ތިބާޔަށް ޓަކައި މި ދުނިޔެއަށް ވުރެ ހެޔޮ ވާނެތެވެ." ސޫރަތުލް އަޢްލާގައި ﷲ ވަޙީ ކުރެއްވިއެވެ. "އާޚިރަތުގެ ހެޔޮކަން ބޮޑު ވެފައި، ދެމިހުރުން ބޮޑު ވެގެންވާ ހާލު ވެސް، ތިޔަބައިމީހުން ދުނިޔޭގެ ދިރިއުޅުން އިސް ކުރަމުއެވެ." – بَلْ تُؤْثِرُونَ الْحَيَاةَ الدُّنْيَا. وَالْآخِرَةُ خَيْرٌ وَأَبْقَى – (ސޫރަތުލް އަޢްލާ: 16-17)
މަރަކީ އަޅުގަނޑުމެންގެ ނިކަމެތި އިންސާނީ ޙަޔާތުގެ ޠަބީޢީ އަދި އާދީ ޙަޤީޤަތެކެވެ. އޭގެ އަމުރު އިއްވެވެނީ އެ ބާރެއްގެ ކުރިމަތީގައި އެކަކަށް ވެސް ދެކޮޅު ނުހެދޭނޭ އެންމެ ބާރުވެރި ފަރާތް ކަމުގައި ވާ އަލްމުމީތު ގެ މަތިވެރި ޙަޟުރަތުންނެވެ. އެއީ މަރުގަންނަވާ ފަރާތެވެ. އިންސާނިއްޔަތު ވަނީ ހުރިހާ ފަރާތަކުން މަރު ދެކެފައެވެ. އަދި މަރާ ކުރިމަތިލާނެ ގޮތް ދެނެގެންފައެވެ. މަރު ވާ މީހާޔަށް ޓަކައި އަދާ ކުރެވޭ ރަސްމުތަކަކީ އެކަމުގައި ވަރަށް މުހިއްމު ބައެކެވެ. ނަމަވެސް އެޔަށްވުރެ ވެސް ބޮޑަށް، ހިތްތަކާއި ނަފްސުތަކަށް ޝިފާ ލިއްބައިދެނީ އިލާހީ ރަޙުމަތްޕުޅާއި ޙިކުމަތްޕުޅާ މެދު ނަފުސުތަކުގެ ހެއިލުންތެރިކަމާއި ދެނެގަތުމުގެ ޒަރީޢާއިންނެވެ. މަރަށް ފަހު ދެން އޮންނަ ހެޔޮކަމެއްގެ އުއްމީދުތަކުންނެވެ. އެހެންކަމުން، ތަޢުރީފު ކުރާ މީހާ، ފާހަގަ ކުރާން ޖެހޭ ފަދަ ބަސްތަކަކުން ބުނެފައި ވެއެވެ. – تحفة المؤمن الموت – "މުއުމިނާގެ ހަދިޔާ އަކީ މަރެވެ." އެހެނީ، މަރަކީ މި ހިތްދަތި ކުރުވަނިވި ދުނިޔެއިން، ފުރާފުރިހަމަ ރަޙްމަތާއި މާނައިގެ ދުނިޔެއަށް އިންސާނާ ގެންގޮސްދޭދިނުމެކެވެ. ތެދުފުޅެކެވެ! ކީރިތި ނަބިއްޔާ ވަނީ އަޅުގަނޑުމެންނަށް މަރަށް އެދިނުގަތުމަށާއި، މަރަށް އުއްމީދު ނުކުރުމަށް އިރުޝާދު ދެއްވައި އަންގަވައިފައެވެ. "އެކަކު ވެސް މަރަށް އެދިގަނެ އުއްމީދު ނުކުރާށެވެ." – لَا يَتَمَنَّيَنَّ أَحَدُكُمْ الْمَوْتَ – އެހެނީ އަޅުގަނޑުމެން ކުރެ ކޮންމެ މީހަކުގެ ވެސް ނިމުން އަންނަހުށީ އެކަލާނގެ އަމުރުފުޅާއި މިންވަރުފުޅުންނެވެ. އަޅުގަނޑުމެންގެ އިޚްތިޔާރާއި އެދުންތަކާއި ތަރުޖީހަކުން ނޫނެވެ. އަޅުގަނޑުމެންނަށް އޮތް ކަމަކީ، އެކަލާނގެ އަމުރުފުޅާއި މިންވަރުފުޅުން، އެކަލާނގެ އެދިވޮޑިގަންނަވާ ވަގުތަކު މަރު އައުމުން، އެކަލާނގެ ޙިކުމަތްވަންތަކަމުގެ ޙަޤީޤަތަށް ޝަރާފަތާ އެކު އިޢުތިރާފު ވެ، މުޙުތަރަމު ގޮތެއްގައި އެކަން ބަލައިގަނެ ބޯ ލެނބުމެވެ.
ޝައްކެތް ނެތް ގޮތުގައި، ކަލާނގެ ރަސްކަންފުޅަށް އީމާން ވާ މީހުންގެ ނަފްސާނީ ޞިއްޙަތު، ކަލަކު ވޮޑިގެން ވާކަން ޤަބޫލު ނުކުރާ އިލްޙާދީންނަށް ވުރެ ރަނގަޅު ވާ އެއް ސަބަބަކީ މިއެވެ. 2013 ވަނަ އަހަރު ޑެއިލީ ޓެލެގްރާފް ގައި ޝާއިޢު ކޮށްފައި އޮތް މަޒުމޫނެއްގައި، ދީނީ ޢަޤީދާޔަކީ އިންސާނާގެ ނަފްސުގައި ޠަބީޢީ ގޮތުން ހިމެނި އެކުލަވާ އެއްޗެއް ކަމުގައި ބަޔާން ކުރުމާ އެކު، ލިޔެފައި ވަނީ އިލްޙާދިއްޔަތަކީ ނަފްސާނީ ބަލިތަކުގެ ލިސްޓުގައި ހިމަނާން ޖެހޭ ބައްޔެއް ކަމުގައެވެ. ނަމަވެސް އިލްޙާދިއްޔަތަކީ ފުޅާ ދާއިރާއެއްގައި ފެތުރިފައި ވާ ބައްޔެކެވެ. އޭގެ ނަފްސާނީ ޢަލާމާތްތައް ވަރަށް ހުތުރެވެ. މިކަން މިޒަމާނުގެ އިނގިރޭސި ވިލާތުން ދަނީ ފެންނަމުންނެވެ. އިލްޙާދީ ޤަބޫލުކުރުންތަކުގެ ވަޙުޝީ ރަޙުމުކުޑަކަން އެންމެ ފައުޅުކަން ބޮޑު ގޮތެއްގައި މުނީފާސް ވެ ފެނިގެންދާ އެއް ޙާލަތަކީ، އެއިން މީހެއްގެ ތިމާގެ މީހަކު އައިސީޔޫގައި އޮވެ މަރު ވެގެން ދިޔަ ޚަބަރު ލިބޭ ޙާލަތެވެ. ރޫޙެއް ވުޖޫދު ވި މަގާމު، ހުސް ބާގަނޑަކަށް ވެގެން ދިޔައީއެވެ. ވަގުތުގެ ޤައިދުތަކުން މިނިވަން ވެގެންވާ ރަސްމުތަކެއް ނުވެއެވެ. އުއްމީދުގެ ދިއްލޭނޭ އެއްވެސް ހުޅުކޮޅެއް ނުވެއެވެ.
މި ކަހަލަ ޙާލަތުތަކުގައި، އަޅުގަނޑުމެންގެ އިނގިރޭސި އިސްލާމީ ތުރާޘުން ވަރަށް ބޮޑު ހިތްވަރަކާއި އުއްމީދެއް ލިބެއެވެ. އިނގިރޭސި އިސްލާމީ ތުރާޘުގެ ވާހަކަ ފެށެނީ ނަވާރަވަނަ ޤަރުނުގައި ލިވަރޕޫލުގައި ޢަބްދު ﷲ ކުއިލަމް އުފެއްދެވި އިސްލާމީ ކޮމިޔުނިޓީންނެވެ. އޭނާ އިސްލާމީ ކޮމިޔުނިޓީއެއް އުފެއްދެވި ދުވަސްވަރަކީ، މި ގައުމުގައި އިސްލާމް ދީނާއި މުސްލިމުންނާ މެދު ޢަދާވާތްތެރިކަމާއި އިންޒާރުތައް މިހާރަށް ވުރެ މާ އާއްމު ދުވަސްވަރެކެވެ. ނަމަވެސް ކުއިލިޔަމަކީ ސުންނީ އިސްލާމް (Traditional Islam) ޤަބޫލުފުޅު ކުރެއްވެވި ބެއިފުޅެކެވެ. އޭނާ ލިޔުއްވި ލިޔުންތަކަށް ބަލައިލުމުން، އެއިން ކޮންމެ ލިޔުއްވުމަކުން ވެސް ފެނިގެންދާ އެއް ތީމަކީ އިސްލާމީ އައު ހޭލައިގަތުމަކަށް އޭނާ ގޮވައިލެއްވި ގޮވައިލެއްވުމެވެ. އެކަމަށް ކުރެއްވި އުއްމީދެވެ. މިސާލެއް ދަންނަވާ ނަމަ، އޭނާގެ ވިސްނުންފުޅު އެންމެ ރީތިކޮށް ހާމަ ކުރެއްވި އެއް ޅެން ކަމުގައި ވާ ދަ ލާސްޓް ޖަރނީ ގައި ލިޔުއްވައިފައި ވެއެވެ.
When the clouds are dark and dreary
At the close of mortal way;
When with falt’ring footsteps weary
I am going home to stay-
Evermore to stay:
Then I think of lov’d ones parted
From me now full many a day,
And I feel quite blythe-hearted,
I am going home to stay –
Evermore to stay.
Absence makes the heart grow fonder,
At least so the poets say;
And there’ll be no parting yonder
I am going home to stay –
Evermore to stay.
Though alone the path I travel,
Though my mortal powers decay,
My feet tread upon sure gravel,
I am going home to stay –
Evermore to stay.
Be it late, or be it early,
Comes the call I must obey;
Cheerfully I’ll meet it, fairly,
I am going home to stay –
Evermore to stay.
އަޅުގަނޑުމެންގެ އިސްލާމީ ކޮމިޔުނިޓީގެ އަލަތު ދައުރުގައި އުޅުއްވި އަނެއް މުޞައްނިފަކީ އެމްހަރސްޓް ޓައިސެންއެވެ. އޭނާ ކީރިތި ނަބިއްޔާ އާއި ޙަޟްރަތު އަބޫ ބަކުރުގެފާނާ ބެހޭގޮތުން ހެއްދެވި ޅެން އަޅުގަނޑަށް ވަރަށް ހިތްގައިމެވެ. އެ ޅެމުގައި ބަޔާން ކުރެއްވީ އެ ދެ ބެއިކަލުން މައްކާއިން މަދީނާޔަށް ހިޖުރަ ކުރެއްވިޔަނުދީ، އަވަހާރަ ކޮށްލުމަށް ގަސްދު ކޮށްގެން ޤުރައިޝުންގެ އަނިޔާވެރި ޖަމާޢަތްތައް ފަހަތްޕުޅުން ދިޔަ ދަނޑިވަޅު، ދެ ބެއިކަލުން ހޮހަޅައިގައި ތިއްބެވި ހާދިސާގެ ވާހަކައެވެ. ޅެމުގެ ޚިޔާލު ނެންގެވީ ކީރިތި ޤުރްއާނުންނެވެ. – إِذْ أَخْرَجَهُ الَّذِينَ كَفَرُواْ ثَانِيَ اثْنَيْنِ إِذْ هُمَا فِي الْغَارِ إِذْ يَقُولُ لِصَاحِبِهِ لاَ تَحْزَنْ إِنَّ اللّهَ مَعَنَا – "ދެ މީހުން ކުރެ އެކަކު ކަމުގައި ވާ ޙާލު، ކާފިރު ވި މީހުން އެކަލޭގެފާނު ނެރެލި ހިނދުގައެވެ. އޭގެ ދެކަލުން (ޘައުރު ފަރުބަދައިގެ) ހޮހަޅައިގައި ތިއްބެވި ހިނދުގައެވެ. އެކަލޭގެފާނު އެކުވެރިޔާއަށް، ހިތާމަ ނުކުރައްވާށޭ، ހަމަ ކަށަވަރުން ﷲ ވޮޑިގެން ވަނީ ތިމަންމެންނާ އެކުގައޭ ވިދާޅުވި ހިނދުގައެވެ." – ސޫރަތުއް ތައުބާ: 40
“Will He we live, no mortal power
Can take our lives away;
Will He we die, to Him we pass;
No need to feel dismay.”
O may we thus through life’s rough voyage
With all its tempests cope;
Make God the rock whereon we cast
The anchor of our hope.
Come weal: to Him we give the praise;
Come woe: on Him we rest.
E’en death is bliss to hearts assured,
Whate’er He sends is best.
ޓައިސެން އާއި، އިނގިރޭސި މުސްލިމް ކޮމިޔުނިޓީގެ އެންމެ ފުރަތަމަ މެންބަރުންނަށް ޓަކައި، އިސްލާމް ދީނަކީ މާތްރަސްކަލާނގެ ރަސްކަންފުޅަށް ތަސްލީމު ކުރުމުގެ އެންމެ ފުރާފުރިހަމަ މަގެވެ. އެކަލާނގެޔަށް ކިޔަމަންތެރި ވެ ބޯ ލެނބުމުގެ އެންމެ ރިވެތި މަގެވެ. އެކަލާނގެ އަމުރުފުޅުތަކުގެ ތެރެއިން ހަމައެކަނި އަމްރު ތަކްލީފީ – ޝަރީޢަތުގެ އަޙުކާމުތައް – ކަމުގައި ވާ އަމުރުފުޅުތަކަށް އެކަންޏެއް ނޫނެވެ. އަމްރު ތަކްވީނީ – ދުނިޔޭގައި ހިނގާ އެންމެހައި ކަންކަން، އެ ހިނގާ ގޮތްތަކަށް ހިނގުމަށް މިންވަރުފުޅު ކުރައްވާ ކުރެއްވުން - ގެ އަމުރުފުޅުތަކަށް ވެސް މެއެވެ. އަޅުގަނޑުމެންގެ ފުރާނަ ހިއްޕެވުމަށް ފޮނުއްވާ އަމުރުފުޅަށް ވެސް މެއެވެ. އަޅުގަނޑުމެންގެ ދީނަކީ ތަވައްކުލް ގެ ދީނެވެ. ރިޟާ ގެ ދީނެވެ. ތަސްލީމް ގެ ދީނެވެ. މިއީ މުސްލިމުންގެ ފަޚުރެވެ.
އެހެންކަމުން، ޙަޤީޤީ މުސްލިމާ ނުވަތަ ވަލީ އަކީ ކީރިތި ޤުރްއާނުގެ އަންނަނިވި ބަސްފުޅުތަކުން ސިފަ ވެވޭ މީހާއެވެ. – لاَ خَوْفٌ عَلَيْهِمْ وَلاَ هُمْ يَحْزَنُونَ – "އެމީހުންގެ މައްޗަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެއުރެންނީ ހިތާމަ ކުރާނޭ ބަޔަކު ކަމުގައި ވެސް ނުމެވޭމެއެވެ." (ސޫރަތުއް ޔޫނުސް: 62) އެހެނީ ﷲ އަޅުގަނޑުމެންނަށް އަންގަވައި އަމުރުފުޅު ކުރެއްވީ އަންނަނިވި ބަސްތައް ބުނުމަށެވެ. – لَّن يُصِيبَنَا إِلاَّ مَا كَتَبَ اللّهُ لَنَا – "ﷲ އަޅަމެންނަށް ޓަކައި ކަނޑައަޅުއްވައި ލިޔުއްވައިފައި ވާ ކަމެއް މެނުވީ އަޅަމެންނަކަށް ނުޖެހޭނެތެވެ." (ސޫރަތުއް ތައުބާ: 51)
ތެދެކެވެ! އަޅުގަނޑުމެން އަޅުގަނޑުމެންގެ ގާތް މީހުން މަރު ވުމުން ކަރުނަ އަޅައި ހިތާމަ ކުރަމެވެ. އެއީ އިންސާނީ ޠަބީޢަތުގައި ހިމެނޭ ކަމެކެވެ. އަދި ލޯބި ވާ މީހުން ވަކި ވެގެން ދާ ހިނދު، ހިތަށް އެ ލިބޭ ފުން އަދި ވޭނީ ހިތާމައިން ޝިފާ ލިބުމުގެ ވަސީލަތެކެވެ. އަދި އަޅުގަނޑުމެން ބޭސްފަރުވާގެ ކަންކަން ގަބޫލު ކުރަމެވެ. ނަމަވެސް އަޅުގަނޑުމެންނަކީ ބިރާހާއި ބިރުވެރިކަމުގެ ތެރެޔަށް ނަފުސުތަކާއި ހިތްތައް ދޫ ކޮށްލާ ބައެއް ނޫނީމުއެވެ. މަރަކީ ކީރިތި ﷲ ގެ މި ފުރިހަމަ އަދި ޢަޖާއިބުތަކުން ފުރިގެން ވާ ކާއިނާތުގެ ޠަބީޢީ ބައެކެވެ. މި ކާއިނާތުގައި ވަނީ އުފަން ވުމާއި، ހެދިބޮޑު ވުމާއި، ފުރިހަމަކަން ގެނުވަނިވި ވިޔަނަކަމާއި، މަރެވެ. ކީރިތި ﷲ ގެ މި އުފެއްދެވުން ނުވަތަ މަޚްލޫޤާތަކީ ޖަލާލް – އިއްޒަތާއި މަތިވެރިކަމާއި ބާރުވެރިކަން - އަދި ޖަމާލް – ރިވެތިކަމާއި ނަލަކަން - ހިމެނިގެން ވާ މަޚްލޫޤާތެކެވެ. ތުރުކީގެ ޅެންވެރިޔާ އިބްރާހީމް ޙައްޤީ ވިދާޅުވެފައި ބަސްފުޅުތައް އައްސަވާށެވެ.
What comes from Thee is good for me,
The rose’s blossom, or the rose’s thorn,
A robe of honour, or my deathly shroud,
Good is Thy gentleness; good is Thy rigour.
އެހެންކަމުން، މިއަދުގެ ދުނިޔޭގައި، ޑޮނާލްޑް ޓްރަމްޕް ފަދަ މި ޒަމާނުގެ ޢަމާލިޤުންނާއި، އެމީހުންގެ ޖަމާޢަތުގައި ހިމެނޭ އެތައް މިލިޔަން އިންސާނުން މާއްދިއްޔަތަށް ޓަކައި ކިޔަމުން ދާ ހިތާމަޔާއި ޝަކުވާގެ ލަވަޔަކީ އަޅުގަނޑުމެންނަށް އެ ލަވައެއްގައި ބައިވެރި ވެވޭނޭ ލަވައެއް ނޫނެވެ. އޮޅުމެއް ނެތް ގޮތުގައި، ޓްރަމްޕްގެ ހިތުގައި ވަނީ އޭނާގެ ނޭފަތުގެ ތެރެޔަށް މަދިރިޔެއް ފިރުކިގަނެފާނޭ ކަމުގެ ބިރުވެރިކަމެވެ. އެޔާ ޚިލާފަށް، މުސްލިމުންގެ ޙައިޘިއްޔަތުން އަޅުގަނޑުމެން ބުނާން އޮތީ – حَسْبُنَا اللّهُ وَنِعْمَ الْوَكِيلُ – "އަހަރެމެންނަށް ﷲ ފުދެއެވެ، ބެލެހެއްޓުންތެރިޔެއްގެ ގޮތުގައި އެކަލާނގެ މަތިވެރިކަމާއެވެ" (ސޫރަތު އާލި-ޢިމްރާން: 173) މިހެންނެވެ. އަދި – إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ – "އަހަރެމެން މިލްކު ވެވޮޑިގެން ވަނީ ﷲ އަށެވެ، އަދި އަހަރެމެން އެނބުރި ދާނީ އެކަލާނގެ ޙަޟުރަތަށެވެ" (ސޫރަތުލް ބަޤަރާ: 156) މިފަދައިންނެވެ.
މީގެ އަހަރުތަކެއް ކުރީގެ ހަނދާނެކެވެ. އަޅުގަނޑާއި ބައެއް އެކުވެރީން ޖިއްދާ އާއި މަދީނާޔާ ދެމެދު ޓެކްސީ ކާރުގައި ދަތުރު ކޮށްއުޅުނީމެވެ. އެ ކާރުތައް ދުއްވާނީ މީހަކު ބިރު ގަންނަހައި ބާރު ދުވެލީގައެވެ. އާއްމު ގޮތެއްގައި، އެ ޓެކްސީތައް ދުއްވާނީ ޔަމަނީ މަސައްކަތު މީހުންނެވެ. އެމީހުން ގެންގުޅޭ ކާރުތަކުގެ ތެރޭގައި ގިނައިން ހުންނާނީ ބައު ވެ ހަސްފަސް ނެތޭން ވެފައި ހުންނަ ކާރުތަކެވެ. އެ ދަތުރުތަކުގައި، މަރުގެ މަލާއިކަތާގެ ދޮރޯށިން ވަންނާން ނުޖެހި ހަމަ ކިރިޔަކިރިޔާ ސަލާމަތް ވި އެއް ފަހަރަށް ވުރެ ގިނަ ފަހަރު އަޅުގަނޑު ތަޖުރިބާ ކުރީމެވެ. އެއް ރެޔަކު، އަޅުގަނޑުމެން ގޮވައިގެން ދިޔަ ޑްރައިވަރު ގަޑިޔަކު 150 ކިލޯމީޓަރާ ގާތް ކުރާ ދުވެއްޔެއްގައި ކާރު ދުއްވައިފައި ދަނިކޮށް، ކުރިމަތީން ކުއްލިޔަކަށް މަގަށް އެރީ ޖަމަލުތަކެކެވެ. އެ ހާލަތުގައި މަރުގެ އެކްސިޑެންޓަކުން އަޅުގަނޑުމެން ސަލާމަތް ވުމަށް އޮންނާނީ ދިހަ އިންސައްތައިގެ ފުރުޞަތެއް ތޯއްޗެކެވެ. ނަމަވެސް ޑްރައިވަރަށް، އޭނާ ގަތް ބިރުން ތެޅިގަނެވުނު ވަގުތު، ކުއްލިޔަކަށް ގެނެވުނު ޙަރަކާތުގެ ސަބަބުން، ކާރު ދިޔައީ މަގު ފުރައިލައިފައި ހުރަސް ކުރަމުން ދިޔަ ޖަނަވާރުތަކުގެ ތެރެއިން ދޭތީގެ ދެމެދުގައި އޮތް ހަނި ދޭތެރެޔަކުންނެވެ. ކާރަށް ހަމަ ކިރިޔަކިރިޔާ ދެވޭ ވަރުގެ ދޭތެރެޔަކުންނެވެ. އަޅުގަނޑުމެންގެ ފުރާނަ އެ ރޭ ސަލާމަތް ވީއެވެ. މަރު އަޅުގަނޑުމެންނާ ދިމާޔަށް އަނގަ ހުޅުވައިގެން އައި ވަގުތު، ދުލުން ބޭރު ވީ "ޔާ ﷲ" މިހެންނެވެ. ދެން، ސުބްޙާނަﷲ އެވެ. އެއިގެ ފަހުން، މާޒީގެ ކުޑަދޮރުން އެ ހާދިސާޔަށް އެނބުރި ބަލައިލުމުން، އެއްވެސް އަހައްމިއްޔަތެއް ހުރި ހާދިސާއެއް ކަމުގައެއް ނުފެނެއެވެ.
އޭގެ އިރުކޮޅެއް ފަހުން، މޮޓަރުމަގު ޚިދުމަތުގެ އިސްޓޭޝަނެއްގެ ކައިރީގައި ކާރު މަޑު ކޮށްލައިގެން އޮތް ވަގުތުކޮޅުގެ ތެރޭގައި، ގާގަނޑުމަތީގައި އިށީނދެލައިގެން އިން މުސްކުޅި ފިރިހެނަކު އަޅުގަނޑު ދުށީމެވެ. އެތަނުގައި އިނދެގެން އޭނާ ކުރާ ކަމަކީ ރީތި އަތުލިޔުމުން ލިޔެފައި ހުންނަ ކީރިތި ޤުރްއާނުގެ އާޔަތްތަކާއި ޢިބާރާތްތަކުގެ ފުރޭމު ވިއްކުމުގެ މަސައްކަތެވެ. އެވަގުތު އޭނާގެ އަތުގައި ހުރި ހުރިހާ ފުރޭމެއްގައި ވެސް އޮތީ އެއް ޢިބާރާތެކެވެ. – كُلُّ نَفْسٍ ذَآئِقَةُ الْمَوْتِ – "ކޮންމެ ނަފުސެއް ވެސް މަރުގެ ރަހަ ދެކޭހުއްޓެވެ." (ސޫރަތު އާލި ޢިމްރާން: 185) އެމްފަނަރައިގެ ވެލްކަމް ބްރޭކް އިސްޓޭޝަނެއްގައި، އޭނާޔަށް މާކަ ރަނގަޅު ވިޔަފާރިއެއް ނުވެދާނެއެވެ. ނަމަވެސް އޭނާ ނުހަނު ހަމަޖެހިލައިގެން އިނދެ، ކޮންމެ ނަފުސެއް ވެސް މަރުގެ ރަހަ ދެކޭނޭކަން އެ އިޢުލާން ކުރާ ކުރުމުގެ މާނަ ގެއްލިގެނެއް ނުދާނެއެވެ. އާދޭހެވެ! މުސްލިމުންނަށް ޓަކައި މަރަކީ އިންސާނީ ޙަޔާތުގެ، އިންސާނީ ތަޖުރިބާގެ އަސާސީ އެއް ބައި ކަމުގައި ވުން ފިޔަވައި، މާކަ ބޮޑު އެހެން މާނައެއް ހުރި ކަމެއް ނޫނެވެ. އިންސާނާގެ މަރަކީ ﷲ ގެ ޙިކުމަތްޕުޅުގެ ތެރެއިން އަންނަ އަމުރުފުޅެކެވެ. އޭގެ ވަގުތާއި ކައިފިއްޔަތު ކަނޑައަޅުއްވަނީ ޙުކުމްވެރީންގެ ތެރެއިން އެންމެ ހެޔޮ ޙުކުމްވެރިޔާއެވެ.
މިއަދުގެ ދުނިޔެއަކީ ހުރިހައި ގޮތަކުން ތަރައްޤީ ވެފައި ވާ ކަމަށް ބުނެވޭ ދުނިޔެއެކެވެ. ކުރިއަރައިދިޔުމުގެ ދިގު މަސާފާއެއް އިންސާނާ ކަޑައްތު ކޮށްފި ކަމަށް ބުނެވެއެވެ. ހުރިހައި ވަސީލަތްތަކެއް ވަނީ އިންސާނާގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް ބުނެވެއެވެ. ހުރިހައި ކަމެއް ވަނީ އިންސާނާގެ ކުޅަދާނަކަމުން ފުރިހަމަޔަށް އިންތިޒާމު ކުރެވިފައި ކަމަށް ބުނެވެއެވެ. ނަމަވެސް މި ދަންނަވާ ދުނިޔެއަށް މިހާރު ފެތުރިފައި ވާ ޚައުފް – ބިރުވެރިކަން – އަދި ޙުޒްނު – ހިތާމަވެރިކަން – ދަނީ މުޅި ދުނިޔެ ވާ ކުރަމުންނެވެ. އެ ބިރުވެރިކަމާއި ހިތާމަޔަކީ، ހަމައެކަނި މަރު ދެކެ ގަންނަ ބިރާއި، މީހުންތަކެއް މަރު ވާތީ ކުރެވޭ ހިތާމައެއް ނޫނެވެ. އެ ބިރުވެރިކަމާއި ހިތާމައިގެ މައިގަނޑު އެއް ސަބަބަކީ އަޅުގަނޑުމެން ބިނާ ކުޅަ ދުނިޔެއާއި، އަޅުގަނޑުމެން ބިނާ ކުޅަ ދުނިޔަވީ ޙަޔާތުގެ ބަލިކަށިކަމާއި ނިކަމެތިކަމާއި ނާޒުކުކަމާއި ނޭކަކަން އަޅުގަނޑުމެންނަށް އިޙުސާސް ކުރެވުމެވެ. އެ ޙަޤީޤަތް ހިތުގެ އަޑީން ޤަބޫލު ކުރެވުމެވެ. އެފްޓީއެސްއީ ގައި ހިއްސާގެ އެވަރޭޖު އަގު ހަމަބިމަށް ވުރެ ވެސް ތިރިޔަށް ފައިބައިގެން ހިނގައްޖެއެވެ. ތިރީސް ފަހެއް އިންސައްތަ ރަތް ޒޯނުގައެވެ. ދަނީ އަދިވެސް ދަށަށެވެ. 2008 ގެ މާލީ ކާރިސާޔަށް ފަހު، ވަޒީފާ ނެތް މީހުންގެ ނިސްބަތް އުފުލެމުން ދިޔަ މިންވަރަށް ވުރެ ދިހަ ގުނަ އިތުރު މިންވަރެއްގައި، ވަޒީފާ ނެތް މީހުންގެ ނިސްބަތް ދަނީ އުފުލެމުންނެވެ. ވިޔަފާރިތަކުގެ ދޮރުތައް ލެއްޕެމުން ސަންދޯކު އެޅެމުން ދަނީއެވެ. މަސައްކަތެއް އޮތިއްޔާ ކުރުމުން މުސާރަ ލިބޭ އުޞޫލުން ވަޒީފާ އަދާ ކުރާ، ނުވަތަ ވަޒީފާ ދޭ ފަރާތުން އެންގީމާ ނުކުމެ ކުރި މަސައްކަތަކަށް އެކަނި މުސާރަ ލިބޭ އުސޫލުން ދިރިއުޅޭ ފަގީރުންނާއި ނިކަމެތީން މިހާރު ވެސް އެދަނީ ބަނޑުހައިހޫނުކަން ތަޙައްމަލު ކުރަމުންނެވެ. މި ޙާލަތުގެ ސަބަބުން އަޅުގަނޑުމެންގެ މުޖުތަމަޢަށް ލައިގަންނަ މުޞީބާތް ބޮޑު ވާނެއެވެ. ތަންދޫރީ ރެސްޓޯރެންޓުތަކާއި ޓެކްސީ ވިޔަފާރިއަކީ ފަސޭހައިން ބަނގުރޫޓު ވެގެން ހިނގައިދާނެ ވިޔަފާރިތަކެވެ. އެޒައިލަމަށް އެދިގެން އައިސް ތިބި މީހުންގެ ތެރެއިން، އެޒައިލަމް ނުދެވޭ މީހުންނާއި، ވިސާ ނެތި އުޅޭ މީހުންނަށް ޞިއްޙީ ޚިދުމަތް ނުލިބުމުގެ ބިރު ނުހަނު ބޮޑެވެ. ޢާއްމުކޮށް ކަން ހިނގާ އުޞޫލުން، މި ކަމުގައި ވެސް ނިކަމެތިކަމާއި ދަތިކަން އެންމެ ބޮޑަށް ތަޙައްމަލު ކުރާން ޖެހޭނީ އެންމެ ބަލިކަށި އަދި އެންމެ ފަގީރު މީހުންނެވެ. ނަމަވެސް މިއީ އިސްމާޢީލުގެފާނުގެ ތަޤްދީރެވެ. އަޅުގަނޑުމެންނަށް މި ތިބެވެނީ ޣައްޒާ ފާރުގެ ނުބައި ފަރާތުގައެވެ. އަނެއްކާވެސް އަޅުގަނޑުމެން ފިކުރު ހިންގާން ޖެހެނީ މީސްތަކުންގެ މެދުގައި ތަފާތު ކުރުމާއި، މުއްސަނދީންނާއި ފަގީރުންގެ ތަފާތު ބޮޑުވުން ޙައްދު ފަހަނައަޅައިފައި ވާ، އަދި އިންސާނުންގެ ބޮޑާކަމާއި ކިބުރުވެރިކަން ފަރުބަދަތަކަށް ވުރެ މައްޗަށް އުފުލިފައި ވާ މި ޒަމާނުގައި، ﷲ ވޮޑިގެން ވަނީ ނިކަމެތިކަމާއި ދެރަކަން ތަޙައްމަލު ކުރަމުން ދާ ބަލިކަށި އިންސާނުންނާ އެކުގައި ކަމެވެ. ބަނޑުހައިކަމުގައި، ނަފްރަތާއި ފޫއްސާއި ފަކުރުގެ ނަޒަރުތަކުގެ އަމާޒަކަށް ވެފައި ވާ މީހުންނާ އެކުގައި ކަމެވެ. ޚުދު ކީރިތި ނަބިއްޔާ ދުޢާފުޅު ކުރެއްވެވީ މިސްކީނުންގެ ޖަމާޢަތުގައި އެކަލޭގެފާނު މަޙްޝަރު ކުރެއްވެވުން އެދިވަޑައިގެންނެވެ.
ދުނިޔޭގެ ދިރިއުޅުމުގައި އިންސާނާޔަށް ބޭނުން ވާ އަސާސީ ކަންތައްތަކެއް ހުރެއެވެ. އޭނާ ފުއްދާން ޖެހޭ އަސާސީ މުހުތާދުތަކެއް ނުވަތަ ޒަރޫރަތްތަކެއް ހުރެއެވެ. ކޮންމެ މީހަކަށް ވެސް އޭނާގެ ޤޫތު – ދުވަހުގެ ފުރާގު – ވަނީ ޙައްޤު ވެގެންނެވެ. ނަމަވެސް މި ޒަމާނުގެ އިންސާނާ ބޭނުން ވަނީ ހަމައެކަނި އޭނާގެ ފުރާގެއް ނޫނެވެ. އޭނާ ބޭނުން ވަނީ ދުނިޔޭގެ މުދާ ހިސާބެއް ނެތް މިންވަރަށް ހޯދުމަށެވެ. އޭނާ ވަނީ މުދާ ހޯދައި، ބައް ކޮށް، އެ ތަކެތި ކަމުންބޮމުން ބޭނުން ކުރަމުން ދިޔުމަށް ނިވައްތައިގަނެފައެވެ. އެކަމާ ހުރެ ދެވި ހިފައި މޮޔަ ވެފައެވެ. ހަމަ ކަށަވަރުން މިއީ މާތްރަސްކަލާނގެ އެކަމަކާ މެދު ނުހަނު ބޮޑަށް ކޯފާ ވެވޮޑިގެން ވާ ކަމެކެވެ. ކީރިތި ޤުރްއާނުގައި ވެއެވެ. – اعْلَمُوا أَنَّمَا الْحَيَاةُ الدُّنْيَا لَعِبٌ وَلَهْوٌ وَزِينَةٌ وَتَفَاخُرٌ بَيْنَكُمْ ... وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُور – "ތިޔަބައިމީހުން ދަންނާށެވެ! ދުނިޔޭގެ ދިރިއުޅުން ވާކަން ކަށަވަރީ ކުޅިވަރެއް ކަމުގައެވެ. އަދި މަޖަލެއް ކަމުގައެވެ. އަދި ޒީނަތެއް ކަމުގައެވެ. އަދި ތިޔަބައިމީހުންގެ މެދުގައި އެކަކު އަނެކަކުގެ މައްޗަށް ބޮޑާވެގަތުމެއް ކަމުގައެވެ. ... އަދި ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއް ކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެއެވެ." (ސޫރަތުލް ޙަދީދު: 20)
އަޅުގަނޑުމެން އިންސާނުންގެ މާއްދީ ތަކެއްޗަށް ދެވި ހިފުމުގެ އާދައިގެ ނަތީޖާއެއްގެ ގޮތުން، އެ މަންމައެއްގެ އުނގުގައި އަޅުގަނޑުމެން އުޅޭ މަންމަ، އާދެ، މަންމަބިމުގެ ފުރާނަ އުތުރިއަރަނީއެވެ. އިންސާނާޔަކީ ދުނިޔެ ހަލާކު ކުރަމުން ފަނާ ކުރަމުންދާ ބައްޔެއް ކަމުގައި ދަންނަވާން ޖެހޭ ސަބަބަކީ މިއެވެ. އަޅުގަނޑުމެން އިންސާނުންނަކީ ޤާރޫނު ވައިރަހެވެ. ނަމަވެސް މި ވައިރަހުގެ ސަބަބުން ފަނާ ވަމުން ދަނީ ހަމައެކަނި ދުނިޔެ އާއި މަންމަބިމެއް ނޫނެވެ. އަޅުގަނޑުމެންގެ އަމިއްލަ ރޫޙުތަކާއި، އަޅުގަނޑުމެންގެ މުޖުތަމަޢުތަކަށް ޖެހިފައި ވާ އެންމެ ބޮޑު ބައްޔަކީ ވެސް އަޅުގަނޑުމެންގެ މާއްދީ ދަހިވެތިކަމެވެ. މުއުމިނާޔަކީ ހޭބޯނާރައި "ޝޮޕިންގ" ކުރާން އުޅޭ މީހެއް ނޫނެވެ. ނަމަވެސް އޭނާ މެހުމާނުންނަށް ހެޔޮކޮށް ހިތައި މެހުމާންނަވާޒީ ކުރުމުގެ މަތިވެރި ޢަމަލުން އުފަލާއި ހިތްހަމަޖެހުން ހޯދައެވެ. ކީރިތި ނަބިއްޔާގެ ގެކޮޅުގެ ސާދާކަން ހުރި ވަރު ބައްލަވާށެވެ. އެ ގެކޮޅުގެ ދޮރުކޮޅު ހުރީ ލަކުޑިޔަކުން ވަކަރަކުން ނޫނެވެ. ކިރިޔަކިރިޔާ އެތެރެ ނިވައި ވާ ވަރުގެ އުއިފޮތިކޮޅަކުންނެވެ. – كُنْ فِي الدُّنْيَا كَأَنَّكَ غَرِيْبٌ أَوْ عَابِرُ سَبِيْلٍ – އެކަލޭގެފާނު ވިދާޅުވިއެވެ. "ޣަރީބު ބީރައްޓެއްސެއް ފަދައިން ނުވަތަ ދަތުރުވެރިޔެއް ފަދައިން މި ދުނިޔޭގައި ވާށެވެ."
އެކަހެރި ވެގެން ހުރުމުން، މުއުމިނާ ދުނިޔެއާ ދުރުހެލި ކޮށްދެއެވެ. ދުނިޔޭގެ މާއްދިއްޔަތާ އޭނާޔާ އޮންނަ ގުޅުން ބަލިކަށި ކޮށްދެއެވެ. އެގޮތުގެ މަތީން، އޭނާ ޚަލްވާ ނުވަތަ ޢުޒްލާ ގެ މައިގަނޑު ފައިދާތައް ޙާޞިލު ކުރެއެވެ. ދުނިޔޭގެ އަރާމާއި އުފާތަކާއި، މީހާގެ ސަމާލުކަން ދަމައިގަންނަ ދުނިޔަވީ ކަންކަމުން ހިސާބަކަށް ދުރު ވެލައި ފެޔަށް ޖެހިލުމުން، ނަފުސާއި ހިތުގެ ލޯމަތީން ބަނަކަމާއި ފުސްކަން ފިލައިގެން ދެއެވެ. ބަރަކާތް ލެއްވެވުނު ކަމަނާ މަރިޔަމްގެފާނަށް މަލާއިކަތާ ފެނިވަޑައިގަތީ އެކަހެރިކަމުގައި، ގިނިކަންޏާ، ސަހަރާގެ ތެރޭގައި އުޅުއްވަނިކޮށެވެ. ހަމަ އެ މަލާއިކަތާ، މަޚްލޫޤުންގެ ތެރެއިން އެންމެ ހެޔޮ ސާހިބާގެ އަރިޔަހަށް ވަޑައިގަތީ، އެކަލޭގެފާނު ގިނިކަންޏާ – ޔަތަޙައްނަޘް – ޙާލުކޮޅުގައި ޙިރާ ފަރުބަދައިގެ ހޮހަޅައިގައި އިންނަވަނިކޮށެވެ.
އެހެން ވީއިރު، އަޅުގަނޑުމެންނަށް ކުރިމަތި ވެފައި މި ވާ ޙާލަތަކީ އިސްލާމް ދީނުގައި ނުހަނު ޝަރަފުވެރި، އަދި އޭގެ ފައިދާތަކާއި މަންފާތައް ނުހަނު ގިނަގުނަ ވެގެންވާ، ޢުރުފެއް ކަމުގައި ވާ ޚަލްވާ އާއި އިޢްތިކާފު ގެ އާދަ އަލުން ދިރުވައި އާލާ ކުރުމުގެ ޙާލަތެކެވެ. އޭޕްރިލް މަހުގެ ފަހުކޮޅު ފުރަބަންދު ނިންމައިލެވޭނޭ ކަމަށް މިސްޓަރް ހޭންކޮކް ކުރެއްވި ލަފަޔާ އެއްގޮތަށް ކަންތައްތައް ދިޔަ ނަމަ، ސާޅީސް ދުވަހުގެ ތަރާޖިޢެއް ވެސް ލިބުނީސްކަން ނޭނގެއެވެ. ޙަޤީޤީ ކަރަންޓީނެކެވެ. އަރްބަޢީނެއް ނުވަތަ ޗިއްލާ އެކެވެ. މި ޙާލަތުގައި، އިލްޙާދީ އަދި މާއްދީ ދުނިޔެ ދާނީ ފޫހިކަމާއި، ބިރުވެރިކަމާއި، މާލީ ހާސްކަން ތަހައްމަލު ކުރަމުންނެވެ. އެއުރެންނަށް ކުރިމަތި ވެފައި ވާ ދައުރާހަކީ ކޮބައިކަން ވަރަށް ސާފެވެ. އެހެންޏާ ގޭގައި ތިބެގެން ފުރާނަ ސަލާމަތް ކުރެވޭތޯ ބެލުމެވެ. ނުވަތަ ފުރާނަ ހިރާހަށް ވައްޓައިލައިގެން ވިޔަސް ގެއިން ބޭރަށް ނުކުމެ އިޤުތިޞާދު އަލުން ކޮޅަށް ނެގުމެވެ. އެމީހުންގެ ހިތްތަކުގެ ތެރޭގައި ގަދަފަދަ ހަނގުރާމައެއް ކުރަމުން ގެންދާ ދެ ޢަމާލިޤުންނަކީ މަރު ދެކެ ގަންނަ ބިރާއި، ދުނިޔޭގެ މުދަލާއި މުއްސަނދިކަން ގެއްލިދާނެތީ ގަންނަ ބިރެވެ.
އިސްލާމް ދީން އެ މީހެއްގެ ހިތާއި ނަފުސުގައި އެކުލެވިފައި ވާ މިންވަރަކުން، މުސްލިމުންނަށް މި ޙާލަތުގައި ބިރުވެރިކަމާއި ހިތާމަޔާ ކުރިމަތި ލާން ޖެހޭ މިންވަރު ކުޑަ ވާނެއެވެ. މުސްތަޤުބަލަކީ ﷲ ގެ ރަސްކަންފުޅަށް މިލްކު ވެވޮޑިގެން ވާ އެއްޗެކެވެ. އެއީ އިންސާނާޔަށް އެއްވެސް މިލްކުވެރިކަމެއް، އެއްވެސް ބާރެއް އޭގެ މައްޗަށް އޮތް އެއްޗެއް ނޫނެވެ. މާދަމާގެ ހުރިހައި ކަމެއްގެ ވެރި ފަރާތަކީ އެކަލާނގެއެވެ. އެ މުސްތަޤުބަލަށް އަޅުގަނޑުމެން ދަތުރު ކުރަނީ، އަދި އޭގެ ދޮރޯށީން އަޅުގަނޑުމެން ވަންނާނީ އެކަލާނގެ އަމުރުފުޅާއި މިންވަރުފުޅުގައި ހުރި ގޮތެއްގެ މަތީންނެވެ. އަދި އެ ދޮރޯށީގެ އެތެރެއިން އަޅުގަނޑުމެންނާ ބައްދަލު ކުރާނީ އެކަލާނގެ އެދިވޮޑިގަތް އެއްޗެކެވެ.
މިއިރު، އަޅުގަނޑުމެން މި ގެންދަނީ ދުނިޔެއިން ކަރަންޓީނު ވުމުގެ މި ތަޖުރިބާ ކުރަމުންނެވެ. ޖަރުމަނުގެ މުސްލިމް މުޞައްނިފާ މިޚައިލާ އޮޒެލްސެލް ލިޔުއްވި ސާޅީސް ދުވަސް މި ފޮތާ މެދު ވިސްނައިލަމާ ހިންގަވާށެވެ. އެ ފޮތަކީ އޭނާ ސާޅީސް ދުވަސް ވާންދެން އެކަހެރި ވެވަޑައިގެން ހުންނަވައި ކުރެއްވި ތަޖުރިބާއެއްގެ މައްޗަށް ލިޔުއްވި ޑައިރީއެކެވެ. އޭނާ ލިޔުއްވާ ގޮތުގައި، އެކަހެރިކަމުގައި ހޭދަ ކުރެއްވި ކޮންމެ ދުވަހަކާ އެކު، އޭނާޔަށް އޭނާގެ ނަފުސާ ބެހޭ އިތުރު ކަންކަން އެނގިވަޑައިގަންނަވަމުން އިހުސާސް ކުރެއްވެވެމުން ދިޔައެވެ. އަދި މަތިވެރިވަންތަ ރަސްކަލާނގެ ވޮޑިގެންވާ ކައިރިކަމާއި ގާތްކަމުގެ އިޙުސާސް ކުރެއްވެވި، އެކަމާ މެދު ޙައިރާންކަމާއި ޝުކުރުވެރިކަމުގެ ޝުއޫރުތަކުން ހިތްޕުޅު ފުރެމުން ދިޔައެވެ. އިންސާނާޔަށް ދެއްވެވި ޙަޔާތާއި، އިންސާނާގެ ވަށައިގެން ދުނިޔެއާއި ކާއިނާތުގައި ލެއްވެވި މަޚްލޫޤާތަކީ އަޅުގަނޑުމެން އޭގެ ބަދަލުގައި އެއްވެސް އަގެއް ނުދައްކަނީސް އަޅުގަނޑުމެންނަށް ހިލޭ ދެއްވެވި، އަދި އަޅުގަނޑުމެން އެޔާ ކުފޫ ވެސް ހަމަ ވެގެން ނުވާ ފަދަ، ސާފުޠާހިރު އަދި ޢަޖީބު ހަދިޔާއެއްކަމުގެ އިޙުސާސް ކުރެއްވެވުނެވެ. އޭނާ މި ޗިއްލީ އަދާ ކުރެއްވުމަށް ޓަކައި އެޕާޓްމަންޓަށް ވަދެވަޑައިގަތުމުން، ދޮރު ލައްޕަވައިލެއްވުމުގެ ކުރީން އޭނާގެ ރޫޙާނީ މުރްޝިދު ކުރެއްވި ދުޢާތައް ކުރެއްވި ގޮތާއި، އާދަކާދައިގެ މަތީން ބުނެއުޅޭ ޢިބާރާތް ވިދާޅުވެލެއްވި ގޮތް ހާދަ ހިތްގައިމެވެ. - yumuşak geçsin - "މަޑުމަޑުން އަދި ފަސޭހަކަމާއި ލުއިކަމާ އެކު ހިނގައިދާށިއެވެ."
ވަރަށް ގިނަ މީހުންނަށް ޓަކައި، އެކަހެރި ވެ ބަންދު ވެގެން ތިބޭން ޖެހުމަކީ ތަކުލީފުތަކުން ފުރިގެން ވާ ކަމެކެވެ. ބުރައެކެވެ. އަދި ރޫޙާނީ ތަރުކީޒުގެ ސާފުކަމާއި ޠާހިރުކަމަކީ ޣައިރުޙަޤީޤިއްޔަ އުއްމީދެކެވެ. ކުދީން ތޮޅެ ސަކަރާތް ޖަހަނީއެވެ. ބޭނުން ވަނީ ކަސްރަތު ކުރާށެވެ. އެކުވެރީން ރަހުމަތްތެރީންގެ މަތީން ހަނދާން ވަނީއެވެ. ރަމަޟާން މަހު އެންމެ ހިތްދަތި ވާނޭ އެއް ކަމަކީ ޖަލާލަތުގެ އަބަދީ ރަމްޒެއް ކަމުގައި ވާ ތަރާވީޙު ނަމާދު ވެސް ކުރެވޭނޭ ގޮތް ނުވެދާނެތީއެވެ. އަޅުގަނޑުމެންގެ ހިތްތައް މިސްކިތްތަކާ ވަކި ވުމުގެ މައްޗަށް ހިތާމަ ކުރަނީއެވެ. މި ދުރުކަމުގައި، މިސްކިތުގައި ކުރާ ނަމާދުގެ ރީތި އަދި ހިތްތަކަށް ޝިފާ ލިއްބައިދެނިވި ޚާއްޞިއްޔަތަށް އަޅުގަނޑުމެންގެ ސިކުނޑިތަކާއި ހިތްތައް އިތުރަށް ހުޅުވިގެން ދެއެވެ. ހަމަ އެހެންމެ، މި ޙާލަތުގައި އަޅުގަނޑުމެންގެ ވިސްނުމަށް ދޭހަ ވެގެންދާ ހިތްދަތި ކުރުވަނިވި އަނެއް ޙަޤީޤަތަކީ، ކަލާނގެ ނޫރުފުޅަށް ފުރަގަސް ދީ، ތިމާމެންގެ ޙަޔާތުން ކަލާނގެ ނެރެ ބޭރު ކޮށްލައިގެން އުޅޭ މީހުންގެ ނަފްސުތަކުގެ ފަގީރުކަމެވެ. އެމީހުންގެ ނިކަމެތި އަދި ބަދުބަޚްތު ހާލަތެވެ.
އިސްލާމް ދީނުގައި ފާދިރިއްޔަތެއް (Priesthood) ނުވެއެވެ. އެ ތަނެއްގައި މެނުވީ ނަމާދު ހުއްދަ ނުވާނޭ ފައްޅިތަކެއް ވެސް ނުވެއެވެ. އިޚްތިޔާރު ކުރެއްވެވުނު ސާހިބާ – އަލްމުޞްޠަފާ – އަޅުގަނޑުމެންނަށް އުނގަންނައިދެއްވަވާ ގޮތުގައި، އެކަލޭގެފާނުގެ ދީނުގެ އެއް ޚުޞޫޞިއްޔަތަކީ "އެކަލޭގެފާނުގެ އުއްމަތަށް ޓަކައި މުޅި ބިމަކީ މިސްކިތް" ކަމުގައި ލެއްވެވުމެވެ. – الْأَرْضُ كُلُّهَا مَسْجِدٌ إِلَّا الْمَقْبَرَةَ وَالْحَمَّامَ – ގާތްގަނޑަކަށް ކޮންމެ މުސްލިމު ގެއެއްގައި އިމާމު ވެ ނަމާދު ކުރާން ދަންނަ މީހަކު ހުރެއެވެ. އެންމެ އާދައިގެ ގޮތަށް ވިޔަސް މެއެވެ. މި ހާލަތުގައި ވެސް ޝަރީޢަތުގައި ކަނޑައެޅުއްވި ގޮތުގެ މަތީން ރަމަޟާން މަހުގެ ރޯދަ މުސްލިމުންނަށް ހިފޭނެއެވެ. ފިޠުރު ޒަކާތް ދެވޭނެއެވެ. މި ބަންދުގެ ތެރޭގައި ވެސް އިސްލާމް ދީނާ އެއްގޮތަށް އުޅުމަކަށް މުސްލިމުންނަކަށް ހުރަހެއް ނެތެވެ. އިސްލާމް ދީނަކީ ފުރަބަންދެއްގެ ޤައިދުގެ ތެރޭގައި ވެސް އެ ދީނަކަށް ފުރިހަމަޔަށް އުޅެވޭނެ ދީނެކެވެ.
އެހެންކަމުން، މިއީ އަޅުގަނޑުމެން އެކަހެރި ވެގެން އުޅުމުގެ – ޢުޒްލާ – ސުންނަތްތަކާއި މަގު އަލުން އުނގެނިގަންނަ ފުރުޞަތު ކަމުގައި ހަދަމާތޯއެވެ! ވަގުތު ބޭކާރު ނުކޮށް، މި ދަނޑިވަޅުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފަމާތޯއެވެ! މީގެ ކުރީން ނުކިޔާ ވަރަށް، މި ދުވަސްވަރު ފޮތް ކިޔަމާތޯއެވެ! – نعم الأنيس كتاب ، إن فتك الأصحاب – "ރަޙުމަތްތެރިޔަކު ފެންނާން ނެތް ހިނދުގައި، ފޮތަކީ ކޮންފަދަ ހެޔޮ ރަޙުމަތްތެރިޔެއް ހެއްޔެވެ!"
ދުނިޔޭގެ ކަންކަމާ ދުރުހެލި ވެ، ހިތާއި ނަފުސަށް އަމާންކަން ލިބިގެން ވާ ގޮތެއްގައި އަޅުގަނޑުމެން މި ދުވަސްތައް ހޭދަ ކުރަމުން ދާ އިރު، މާޒީ ވެދިޔަ ޒަމާންތަކުގެ ޢިލްމުވެރީންގެ ރޫޙުތަކާ އެކު އާދަޔާ ޚިލާފު ގޮތެއްގައި އިއްތިޞާލު ވުމުގެ ފުރުޞަތެއް ލިބެއެވެ. އެބެއިފުޅުންގެ ޢިލްމީ މަސައްކަތްޕުޅުތަކާ އެކު ވަގުތު ހޭދަ ކުރުމުގެ ވަސީލަތުންނެވެ. މިއަދު އަޅުގަނޑުމެންނަށް އެ ބެއިފުޅުންގެ މުރީދުން އަދި ދަރިވަރުން ކަމުގައި ކޮންމެވެސް ސިފައެއްގައި ވެވިދާނެއެވެ. އާދަޔާ ޚިލާފު ގޮތެއްގައި ނަމަވެސް، މިއަދު އަޅުގަނޑުމެންނަށް އެބެއިފުޅުން ލިޔުއްވި ފޮތްތަކުގެ ޞަފުޙާތަކުގެ ތެރެއިން އެ ބެއިފުޅުންގެ ޞުޙުބަތު ލިބިގަނެ، އެގޮތުން ހިތްހަމަޖެހުން ހޯދިދާނެއެވެ.
ކީރިތި ނަބިއްޔާ އަމުރުފުޅު ކުރައްވައިފައި ވަނީ އަޅުގަނޑުމެންގެ ގެދޮރު ފަޅު ސަހަރާތަކެއް ފަދަ މަޤުބަރާތަކަކަށް ވިޔަނުދީ، ރޫޙާނީ ގޮތުން އެ ގެދޮރުތައް އާބާދު ކުރުމަށް ޓަކައި ގޭގައި ވެސް ނަމާދު ކުރުމަށެވެ. ނަމާދުން ގެއަށް ދިރުން ގެނައުމަށެވެ. އެ އަމުރުފުޅަށް ތަބަޢަ ވުމަކީ މުސްލިމުންގެ މައްޗަށް އޮތް ވާޖިބެކެވެ. މި ދަނޑިވަޅުގައި އަޅުގަނޑުމެންނަށް ގޭގައި ވަގުތުން ވަގުތަށް ބަންގި ގޮވޭނެ ގޮތް އިންތިޒާމު ކުރެވިދާނެއެވެ. ހަމައެކަނި ޤުރްއާނުގެ ރިކޯޑު ކުރެވިފައި ވާ ކިޔެވުން އަޑު އެހުމުގެ އިތުރުން، ވަގުތުން ޤުރްއާން ކިޔަވާ ވެބްސައިޓުތަކުގެ ޒަރީޢާއިން ގޭތެރޭގައި ޤުރްއާން އިވޭނޭ ގޮތް ވެސް ހެދިދާނެއެވެ. އޮންލޭނުކޮށް އިސްލާމް ދީނުގެ ޢިލްމުތައް ކިޔަވައިދޭ ކުލާސްތަކުގައި ބައިވެރި ވުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. މީގެ އެތައް ދުވަހެއް ކުރީން އުނގެނި ދަސް ކޮށްފައި ހުންނާން ޖެހޭ ބައެއް އެއްޗެތި، ފަރުވާ ކުޑަކަމުން ނުވަތަ ވަގުތު ނެތިގެން ނަމަވެސް ދޫ ކޮށްލެވިފައި ވެއްޖެ ނޫންތޯއެވެ؟ އެ އެއްޗެތި އުނގެނި ދަސް ކުރުމަށް މި ދަނޑިވަޅުގެ ބޭނުން ހިފަމާ ހިންގަވާށެވެ. ޚާއްޞަ ގޮތެއްގައި، ކޮންމެ މުސްލިމަކު އަދާ ކުރާން ޖެހޭ ޢައިނިއްޔަ ފަރުޟުތަކާ ބެހޭ ކަންކަމެވެ. އަޅުގަނޑުމެންގެ ޢިލްމީ ޚަޒާނާ މުއްސަނދި ކުރުމަށް ޓަކައި، މިއީ ދިރިއުޅުމެއްގައި އެއް ފަހަރު ލިބޭ ކަހަލަ ފުރުޞަތެއް ކަމަށް ބައްލަވާށެވެ. އިއްޔެ ނޭޅުނު ފިޔަވަޅު، މިއަދު އަޅުއްވާށެވެ. އިއްޔެ ނުހުޅުވައި ބެހެއްޓުނު ދޮރު، މިއަދު ހުޅުއްވަވާށެވެ. ހެޔޮ ޢަމަލު ގިނަ ކުރުމުގެ ސަބަބުން ލިބޭ ބަރަކާތް ހޯއްދެވުމަށް އަވަސް ވެވަޑައިގަންނަވާށެވެ.
ފިތުނަ އާއްމު ވެގެން ދާ ދުވަސްތަކުގައި، ޚާއްޞަ ގޮތެއްގައި ޤިޔާމަތް ކައިރި ވެގެން ހިތާމަޔާއި ފިތުނަފަސާދަ ފެތުރިގެން ދާ ދުވަސްތަކުގައި، އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓާން ވީ ގޮތާ މެދު ކީރިތި ނަބިއްޔާގެ އިރުޝާދުފުޅަކީ، އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑުމެންގެ ކަނޑިތައް ބިންދައިލުމެވެ. – واضربوا سيوفكم بالحجارة – ދެން ގޭގެ ފަރުނީޗަރުތަކުގެ ތެރެއިން އެއްޗެއް ކަމުގައި ވެގަތުމެވެ. – كن حلسا من أحلاس بيتك – ގަސްދަކަށް ވާން ވާނީ ދުނިޔޭގެ ކާރުބާރާ ދުރުހެލި ވެގަތުމެވެ. އެ ކާރުބާރުގެ އަޑުފަށްގަނޑާއި ވިދުންވަރުގެ ޖާދޫގެ ސަބަބުން އަޅުގަނޑުމެންގެ ވިސްނުމާއި ހިތްތައް ﷲ ގެ މަގުން އެއްފަރާތް ވެގެން ދިޔަނުދިނުމެވެ. ވަރަށް ގިނަ ޤައުމުތަކުން ފެންނަ މަންޒަރެކެވެ. ހޫނު މޫސުމުގައި ހަށިގަނޑުގެ ދެބައިކުޅަ އެއްބައި ހާމަޔަށް ލައިގެން އުޅުމެވެ. ޚިޔާނާތްތެރި ބެލުންތައް އެކިއެކި ފަރާތްފަރާތަށާއި އެކިއެކި ދިމަދިމާޔަށް ހިނގާހިނގުމެވެ. ނުރަނގަޅު މުޙާވަރާތަކެވެ. ނެތިމޮށުމާއި، އެކަކު އަނެކެއްގެ އަބުރަށް ހުތުރު ވާ ފަދަ ވާހަކަތައް ދެއްކުމެވެ. ނުވަތަ ޙަޤީޤީ ފައިދާއެއް އަދި ބޭނުމެއް ނެތް ގޮތުގައި "ޝޮޕިންގ" ދަތުރުތައް ކުރުމެވެ. ރެސްޓޯރަންޓުތަކުގައި ކެވޭ އިސްރާފީ ކެއުންގަނޑުތަކެވެ. ނަމަވެސް އިމާމް ޣަޒާލީ ފަދަ އަޅުގަނޑުމެންގެ އިމާމުން ބާރު އެޅުއްވީ ތަފާތު މަގަކަށެވެ. އިރުޝާދު ދެއްވީ އެހެން މީހުންގެ ނުބައި ބަސްތަކާއި ޢަމަލުތަކުން އަޅުގަނޑުމެން ރައްކައުތެރި ވުމަށް ވުރެ ބޮޑަށް، އަޅުގަނޑުމެންގެ ނުބައި ބަސްތަކާއި ޢަމަލުތަކުން އެހެން މީހުން ރައްކައުތެރި ކުރުމުގެ މަގަށް އަޅުގަނޑުމެންގެ ހިތްނިޔަތް ސީދާ ކުރުމަށެވެ. މިއަދު އަޅުގަނޑުމެން މިތިބީ އެކަހެރިކަމުގައެވެ. މި އެކަހެރިކަމަކީ، އަޅުގަނޑުމެންގެ ނުބައި އާދަތަކާއި، އަޅުގަނޑުމެންގެ ނޭކަ ސުލޫކާއި، އަޅުގަނޑުމެންގެ އުނި އަދަބުތަކުން އެހެން މީހުން ރައްކައުތެރި ކުރުމަށް ލިބޭ ފުރުޞަތެކެވެ. މިއަދު އަޅުގަނޑުމެން ދުނިޔެއަށް ދޭ ގެއްލުން ހައުދަހައި ކުޑައެވެ!
އެހެންކަމުން، ޝަޢްބާން މަހުގެ މެދުތެރޭގެ ރެއިތަކުގެ ތެރެއިން ރެއެއްގައި، އަޅުގަނޑުމެން ﷲ ގެ ޙަޟުރަތުގައި އެދި ދަންނަވަމުއެވެ. ދުނިޔެއާ ދުރުހެލި ވެ އެކަހެރި ވުމުގެ މި ފުރުޞަތަކީ އަޅުގަނޑުމެންނަށް ޓަކައި ބަރަކާތް ލެއްވެވިގެން ވާ ވަގުތުތަކެއް ކަމުގައި ލެއްވެވުން އެދިއެވެ. ޞަބްރު – ކެތްތެރިކަން – އާއި ޝުކްރު – ޝުކުރުވެރިކަން – ގެ ވަގުތުތަކެއް ކަމުގައި ލެއްވެވުން އެދިއެވެ. ތަވައްކުލް - ﷲ އަށް އިތުބާރު ކޮށް ވަކީލު ކުރުމާއި، ހުރިހައި ގޮތަކުން އަދި ހުރިހައި ކަމެއްގައި އެކަލާނގެ ރަސްކަންފުޅަށް ބަރޯސާ ވުން – އަދި ތަސްލީމް - ﷲ ގެ ރަސްކަންފުޅަށް ބޯ ލަނބައި، ފުރިހަމަ ގޮތުގައި ކިޔަމަން ވުން – ގެ ވަގުތުތަކެއް ކަމުގައި ލެއްވެވުން އެދިއެވެ. އަދި މި ޙާލަތުގެ ނިމުމާއި ނަތީޖާޔަކީ އަޅުގަނޑުމެންނަށް ޓަކައި ހެޔޮ ނިމުމެއް އަދި ނަތީޖާއެއް ކަމުގައި ލެއްވެވުން އެދިއެވެ. ކުރިޔަށް މި އޮތް ރަމަޟާން މަހާ އަޅުގަނޑުމެން ބައްދަލު ކުރަނީ، ދުޢާޔާއި ތަވާޖިހުގެ ޙާލަތެއްގައި، އަޅުގަނޑުމެންގެ ނަފުސުތަކަށް އަމާންކަމާއި މަސަލަސްކަން ލިބިގެން ވާ ޙާލަތެއްގައި ކަމުގައި ލައްވަވާށިއެވެ! ﷲ ގެ ޙުޟޫރާއި، އެކަލާނގެ ރަސްކަންފުޅަށް ޓަކައި އަޅުގަނޑުމެން އަދާ ކުރާން ޖެހޭ ވާޖިބުތަކާއި ފަރުޟުތަކަށް ނަފުސުތައް ފިސާރި ހެއި ލައި ތައްޔާރު ވެގެން ވާ ޙާލަތެއްގައި ކަމުގައި ލައްވަވާށިއެވެ! މިއީ އަޅުގަނޑުމެން ކުރެ ކޮންމެ މީހަކަށް ވެސް ޙަޔާތުގައި ލިބޭ އެންމެ ހެޔޮ ރަމަޟާން ކަމުގައި ލައްވަވާށިއެވެ! މި ރަމަޟާން މަހަކީ ކަންނެތްކަމުގެ ބަލީން އަޅުގަނޑުމެންނަށް ސަލާމަތްކަން ލިބިގެން ވާ މައްސަރެއް ކަމުގައި ލައްވަވާށިއެވެ! ޢާއިލީ ލޯތްބާއި، އެކަކު އަނެކަކަށް ހިތްހެޔޮ ކޮށް މަޢާފު ކުރުމާއި، ނަމާދާއި ދުޢާގެ މައްސަރެއް ކަމުގައި ލައްވަވާށިއެވެ! ޢިލްމުގެ ނޫރުން އަޅުގަނޑުމެންގެ ހިތްތަކުގެ އަލިކަން އިތުރު ވެގެން ދާ މައްސަރެއް ކަމުގައި ލައްވަވާށިއެވެ! މި އެކަހެރިކަން ނިމިގެން ދާ އިރު، އަޅުގަނޑުމެންނަށް ކުރެވޭ އިޙުސާސަކީ، ބުރަޔަކުން ސަލާމަތް ވީ ކަމުގެ އިޙުސާސުގެ ބަދަލުގައި، ރަމަޟާން މަސް އަލްވަދާޢު ކިޔާ ހިނދު އެ ކުރެވޭ ފަދަ އިޙުސާސެއް ކަމުގައި ލައްވަވާށިއެވެ! ރޫޙާނީ ގޮތުން އައު އުސްމިނަކަށް ވާޞިލު ވެވުނު ކަމުގެ އިޙުސާސެވެ. ބަރަކާތުގެ ދުވަސްތަކެއް ފާއިތު ވެދިޔުމުގެ ހިތާމައިގެ އިޙުސާސެވެ.
އަޅުގަނޑުމެންގެ ޞިއްޙީ ޚިދުމަތްތެރީންނަށް ތައުފީޤާއި ހިތްވަރާއި ސާބިތުކަން ދެއްވެވުމާއި، އަޅުގަނޑުމެން ކުރެ މަރު ވެދިޔަ އެންމެތަކުންނަށް ރަޙުމަތް ލެއްވެވުމާއި، އަޅުގަނޑުމެންގެ ހިތްތަކުގައި ތަޤުވާވެރިކަން އިތުރު ކުރެއްވެވުން އެދި ވެސް ދުޢާ ދަންނަވަމެވެ. ދުނިޔޭގައި އާރާއި ބާރު ލިބިގެން ވާ ގަދަފަދަ މީހުން މަޑުމޮޅި ވެ ހިތްތިރި ވުމަށާއި، ދަހިވެތިކަމާއި މާޔޫސްކަމާއި ހާސްކަމުގައި ހަދާނޭނުހަދާނޭ ގޮތެއް ނޭނގިގެން އެކި ކޮޅުކޮޅަށް ދުވަމުން ގެންދާ އާދަމުގެ ދަރީންގެ ބޯތަކުގެ މަތީން، މާއްދިއްޔަތުގެ ދިރުމެއް ނެތް ބަރު އަތް ދުރު ކޮށްދެއްވެވުން އެދި ވެސް ދުޢާ ދަންނަވަމެވެ. އަދި މި ދަނޑިވަޅަކީ ތައުބާ އާއި، ވިސްނައި ފިކުރު ކުރުމާއި، ޙައްޤަށް އެނބުރި ރުޖޫޢަ ވުމުގެ ވަގުތެއް ކަމުގައި ލެއްވެވުން އެދި ވެސް ދުޢާ ކުރަމެވެ. ހަމައެކަނި އިސްލާމީ އުއްމަތަށް ޓަކައެއް ނޫނެވެ. މުޅި އިންސާނިއްޔަތުގެ ޙައްޤުގައެވެ. އެހެނީ، އިންސާނިއްޔަތު ވަނީ އެބައިމީހުންގެ ފާފަތަކާއި އެ ފާފަތަކުން ނުކުތް ހިތި އަދި ބިރުވެރި ނަތީޖާތަކުގެ އަނދިރިކަމުގެ ތެރޭގައި، ފުދި އިތުރު ވާ ވަރަށް ވޭނާއި ކެކުޅުން ތަޙައްމަލު ކޮށްފައެވެ. މުޅި އިންސާނިއްޔަތުގެ ޙާލުގެ ދުލުން ގޮވަމުން ފަރިޔާދު ކުރަމުން ގެންދަނީ ރަޙްމަތް ވަންތަ ކަލާނގެ ރަޙުމަތްޕުޅަށް އެދިއެވެ. ރޫޙާނީ އަނދިރިކަމުގެ ތެރޭގައި ގަނަ ތެޅިތެޅި ވަރުބަލި ވެފައި ވާ އިންސާނިއްޔަތުގެ ހިތަށް ހިދާޔަތުގެ ނޫރާއި އެ ނޫރުން ލިބިދޭ އައު ދިރުން ލިބިދެއްވުން އެދިއެވެ.
--
ބޭނުންކޮށްފައިވާ ބައެއް ބަސްބަހާއި މާނަ:
ރޭދަބަސް – Sleeping Bag
- ބިރާސް – މި ލަފުޒަކީ ދިވެހި ބަސް ކޮމިޓީން، އިނގިރޭސި ލަފުޒެއް ކަމުގައި ވާ panic ގެ މާނައިގައި ބޭނުން ކުރުމަށް ޓަކައި ދާދި ފަހުން އުފެއްދެވި ލަފުޒެކެވެ.
- ކިޔުސަފު – Queue
- މަރުދީ ޖަރާ – Mardi Gras
- ބާލްޝަޒާރީ ޕާޓީ – Belshazzar’s Feast
- ހިރާސް - Risk
- ރޫސީ ރޫލެޓު – Russian Roulette
- ދަހަ – ދިހަ އަހަރުގެ މުއްދަތު
- މޭޒުބާން – Host
- ހޫކުފަނި – Hookworm
- މިޔަސަމަ – Miasma
- ޣައިރުމައުޖޫދު – ވުޖޫދުގައި ނުވާ އެއްޗެއް، ވުޖޫދުގައި ނުވުން
- ޒަވާހިރު – Symphony
- ނައުޢު – Kind
- ޒުވާބު – Argument
- ބޭތާބު – Desperate
- ބާލު – Gnat
- ޚުޞޫޞިއްޔަތު – Characteristic
- އާދީ – Normal
- ތަރުޖީހު – Preference
- ތުރާސް – Heritage
- މޮޓަރުމަގު - Motorway
- ކޮމިޔުނިޓީ – މުޖުތަމައެއްގެ ތެރޭގައި ހިމެނޭ، އެ މުޖުތަމައުގެ އެހެން މީހުންނާ ތަފާތު ސިފަތަކެއް ލިބިގެން ވާ، އެއް ގޮތަކުން ވަކި މުޖުތަމަޢެއް ކަމުގައި ބެލެވިދާ ފަދަ ޖަމާއަތެއް
- ކައިފިއްޔަތު – ކަމެއް ހިނގާ ގޮތް
- ފުރާގު – ބަނޑުފުރާނަ މުއްތި ކުރުމަށް ޓަކައި އިންސާނަކަށް ދުވާލަކަށް ބޭނުން ވާ މިންވަރު
- މަންމަބިން – Mother Earth
- ތަރާޖިޢު – Retreat
- ދައުރާސް – Dilemma
- އަމާލިގު – Giant
- އަޖީބު – Astonishing
- މުރުޝިދު – Guide
- ތަރުކީޒް – Concentration
- ޣައިރުހަގީގިއްޔަ – Unrealistic
- ޖަލާލަތު – Majesty
- ބަދުބަޚްތު - Miserable
- އިއްތިސާލު – ގުޅުން (މި ލަފުޒުގެ ކޮނޮޓޭޝަނަކީ ރޫޙާނީ އަދި އަޚްލާޤީ ފެންވަރުގައި ގުޅޭ ގުޅުންތަކެވެ)
- ތަވާޖިހު – Attentiveness
- ޙުޟޫރު – Presence