"ނޫން. ތިޔައީ ރަނގަޅު ގޮތެއް ނޫން. އަދި އަދުލުވެރި ގޮތެއް ވެސް ނޫން. އެ ކުދީން ވާހަކައަށް ޝައުގުވެރިވެފައި ތިއްބައި ފޮނުވާލާފައި. ދަރިފުޅަށް ވެސް ބައްޕަ ވާހަކައިގެ އެބައި ކިޔައިދޭނީ އެ ކުދީންގެ ހާޒިރުގައި މާދަމާ. ބައްޕަ ވެސް މި ދަނީ ނިދާން. ހެޔޮ ފަތިހަކަށް ހޭލުމުގެ ތައުފީގު ދެއްވާށި!" ގާޒީ ޞަފިއްޔުއްދީނު އެހެން ވިދާޅުވެފައި ތެދުވެވަޑައިގަތެވެ.

"އިންޝާ ﷲ ބައްޕައަކީ ހެޔޮކަމުގެ އަހުލުވެރިއެއް!" ސަލްމާ ވިދާޅުވިއެވެ.

*****

ހޭފުޅު ލައްވައިގެން ހައްމާމަށް ވެދެވަޑައިގެން އަތްޕުޅު ދޮންނެވުމަށް ފަހު މޫނުފުޅު ދޮންނަވައި، ދަތްޕުޅު އުނގުޅުއްވައިގެން ވުޟޫ ކުރެއްވުމަށް ފަހު އަމީރު ޞަފިއްޔުއްދީން ކޮޓަރިއަށް ވެދެވަޑައިގެން ފަތިސް ނަމާދު ކުރެއްވިއެވެ. ފަތިސް ނަމާދު ކުރައްވައިގެން ބޭރަށް ނުކުމެ ވަޑައިގަތް އިރު މަންމަ ސަލްމާއާއި ކޮއްކޮ އަމީރާ ޞަފާ ތިއްބެވީ ގޭގެ ބަގީޗާގެ ތެރޭގައި ހުރި އަށްޓެއްގައި އިށީނދެވަޑައިގެންނެވެ.

އަމީރު ޞަފިއްޔުއްދީނު ބޭނުންފުޅު ވީ ހުއްމުސް ގުރަޔަށް ގޯނާއެއް ކޮށްލެއްވުމަށެވެ. މަޖަލަކަށެވެ. ކާކޮޓަރިއަށް ވަޑައިގެން އެ ތަނުގައި މިރުސް އަޅައިފައި ހުރި އެއްތެޔޮ ވަށިން ދެތިން މިރުސް ނަންގަވައިގެން ވަޑައިގަތީ ހުއްމުސް ގުރާގެ ކޮށި ކައިރިއަށެވެ.

އަދި ގުރަޔަށް އެ ތަނުން މިރުހެއް ދިއްކޮށްލެއްވުމަށް ފަހު ކާލާށޭ ވިދާޅުވިއެވެ. ގުރާ "ކާލާ... ކާލާ..." ކިއުމަށް ފަހު، ޞަފިއްޔުއްދީން ދިއްކޮށްލެއްވި މިރުސް ތުނބުން ބުރިކޮށްލުމަށް ފަހު އަނގައިގެ ތެރޭގައި ވީ ބައި ދިރުވައިލިއެވެ. އެއާ އެކު މިރުހުގެ ކުޅިކަން ގަދަކަމުން ގުރާ އަޑުލައްވާން ފެށިއެވެ. އަދި ކޮށީގެ ތެރެއަށް ގުރާ ދެމުނެވެ. އަމީރު ޞަފިއްޔުއްދީނު ހިނިފުޅު ވަޑުވާން ފެއްޓެވިއެވެ. އެ ވަގުތު އެ ތަނަށް އަމީރާ ޞަފާ ވަޑައިގެންނެވިއެވެ. އަދި ވިދާޅުވިއެވެ.

"ބޭބޭ، ކިހިނެއް ތިޔަ ހެއްދެވީ."

"ހުއްމުސް ގުރަޔާ ސަމާސާ ކޮށްލީ!" އަމީރު ޞަފިއްޔުއްދީނު އުފާވެރި ރާގެއްގައި ވިދާޅުވިއެވެ.

"ހެޔޮ ނުވާނެ އެހެން ހައްދަވާކަށް!" އަމީރާ ޞަފާ ވިދާޅުވިއެވެ.

"ކިހިނެއް ވީ؟" އެ ވަގުތު އެ ދިމާއަށް ނުކުމެވަޑައިގެން ސަލްމާ ވިދާޅުވިއެވެ. "ހުއްމުސް އަޑު ލައްވަނީ ކީއްވެ؟"

"މަންމައަށް އަތް ދައްކާ ޞަފިއްޔު!" އަމުރުވެރި ރާގެއްގައި ސަލްމާ ވިދާޅުވިއެވެ.

"މި އޮތީ!" ޞަފިއްޔުއްދީނު އެއް އަތްޕުޅު ހުޅުވާލައްވާފައި ދެއްކެވިއެވެ. މިރުސްތައް ހުރީ އަނެއް އަތްޕުޅުގައެވެ.

"އަަނެއް އަތް!" ސަލްމާ ވިދާޅުވިއެވެ.

"ކުޅި މިރުސް!!! ހުއްމުސްއަށް ތިޔަ މިރުސް ކާން ދިނީ ތަ؟" ސަލްމާ އެއްސެވިއެވެ.

"އަޅުގަނޑު ހުއްމުސްއާ މަޖާ ކޮށްލީ؟!!" އަމީރު ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"ތިޔައީ މަޖާ ކުރުމެއް ނޫން. ތިޔައީ އަނިޔާ ކުރުން. ގޯނާ ކުރުން. އޭއްޗަށް ވެފައި އޮތް ވަރު ބަލާލަ ބަލަ! ތިޔަ ކަމުގެ އަދަބު ލިބިގަންނާން ޖެހޭނެ. މިއަދަކު އެއްވެސް ކުޅިވަރެއް ނުކުޅެވޭނެ. އަސް ދުއްވާކަށް ވެސް ނުނުކުމެވޭނެ. އަދި ހަވީރު އަހަރެމެންނާ އެކު ބޭރަކަށް ވެސް ނުދެވޭނެ. ހަލްވާ ވެސް ގުލްފީ ވެސް ކާކަށް ނުލިބޭނެ. ރީތި އަދަބުތައް ދަސް ވާން ދެން." ސަލްމާ އޭނާގެ ދަރިކަލުންނަށް ވިދާޅުވިއެވެ.

"ތިޔަ ހުރިހާ އަދަބެއް އަޅުގަނޑަށް ތިޔަ ދެއްވަނީ ގުރާގަނޑަކަށް ޓަަކައި ތޯ؟" އަމީރު ޞަފިއްޔުއްދީނު ނުރުހުމުގެ ރާގެއްގައި ވިދާޅުވިއެވެ.

"އިތުރަށް އެއްމެ ބަހެއް ވެސް ނުބުނާތި! ހަމަ މިހާރު ކޮޓަރިއަށް ދޭ!" އަމުރުވެރިކަމާ އެކު ސަލްމާ ވިދާޅުވިއެވެ.

އަމީރު ޞަފިއްދީނު ކޮޓަރިއަށް ވަޑައިގެން އެނދުގައި އޮށޯވެވަޑައިގަތެވެ. މިހެން އިރުކޮޅަކު އޮންނެވުމަށް ފަހު ފޫހިފުޅު ވެގެން، ތެދުވެވަޑައިގެން ކޮޓަރި ތެރޭގައި ހިންގަވާން ފެއްޓެވިއެވެ. އޭގެ އިރުކޮޅެއް ފަހުން ބެލްކަންޏަށް ނުކުމެވަޑައިގަތެވެ. އަމީރު ޞަފިއްޔުއްދީނު ހުންނެވީ ގުރަޔަށް ޓަކައި އޭނާއާ މެދު މަންމަ ކަންތައް ކުރެއްވި ގޮތުން ހިތްޕުޅު ހަމަ ނުޖެހިފައެވެ. އޭނާ ދެކެވަޑައިގެންނެވި ގޮތުގައި އޭނާ ކުރެއްވީކީ އެހައި ބޮޑު އަދަބެއް ލިބޭން ޖެހޭ ވަރު ކަމެއް ނޫނެވެ.

ބެލްކަނީގައި ހުންނަަވާފައި އަމީރު ޞަފިއްޔުއްދީނު ދެން ވަޑައިގަތީ ފޮތް ކޮޓަރިއަށެވެ. އެ ތަނުގައި ފޮތެއް ނަންގަވައިގެން އިންނަވަނިކޮށް އޭނާގެ ކާފަ ގާޒީ ޞަފިއްޔުއްދީނު އެ ތަނަށް ވަޑައިިގަތެވެ. އަދި އަމީރު ޞަފިއްޔުއްދީނަށް ސަލާމް ގޮވައިލެއްވިއެވެ. ސަލާމަށް ޖަވާބު ދެއްވުމަށް ފަހު އޭނާ އެއްސެވިއެވެ.

"މަންމަ އަޅުގަނޑަށް ދެއްވި އަދަބު ކާފައަށް އެނގި ވަޑައިގަންނަވާ ކަމަށް ވާ ނަމަ، ވިދާޅުވުން އެދެން. އެ އަދަބާ މެދު ކާފަ ރުހި ވަޑައިގަންނަވަމު ތޯ؟"

"ލައްބަ! ދަރިފުޅާ! އެ އަދަބަކު އެއްވެސް މައްސަލައެއް ނެތް." ގާޒީ ޞަފިއްޔުއްދީނު ލޯތްބާ އެކު ވިދާޅުވިއެވެ.

"ކާފަ އަޅުގަނޑު ދެކެ ލޯބި ނުވަނީ ތޯ؟" އަމީރު ޞަފިއްޔުއްދީނު ޝަކުވާގެ ރާގެއްގައި ސުވާލު ކުރެއްވިއެވެ.

"ނޫން. ދަރިފުޅާ! ދަރިފުޅު ދެކެ ކާފަ ވަރަށް ލޯބި ވޭ. އެހެންވެ ދަރިފުޅު އަދަބުވެރި ކުރުވުމުގެ ގޮތުން އަދަބު ދިނުމަށް ކާފައަށް ރުހެވެނީ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"އެ ހުރިހާ އަދަބެއް!!! ހުއްމުސް ގުރަޔަށް ޓަކައި؟؟؟" އަމީރު ޞަފިއްޔުއްދީނު ޝަކުވާ ކުރެއްވިއެވެ.

"ދަރިފުޅާ! އަޑު އަހާ! ކޮންމެވެސް ދުވަހަކުން ދަރިފުޅު ވެސް ވާނީ ބޮޑު މަސްއޫލުވެރިއަކަށް. ފަހަރެެއްގައި ދަރިފުޅު ވާނީ ވަރަށް ގިނަ ރައްޔިތުންތަކެއްގެ މައްޗަށް ވެރިކަން ކުރާ ވެރިއެއް ކަމުގައި. ތިމާއަށް ވުރެ ބަލިކަށި މަހުލޫގުންގެ މައްޗަށް ގަދަކަން ދައްކައި އަނިޔާވެރި ވުމަކީ އެއްވެސް މީހަކަށް ހުއްދަ ކަމެއް ނޫން. އަދި ވަކީން ހާއްސަކޮށް ދަރިފުޅު މި ކަމަށް ސަމާލުކަން ދޭން އެބަ ޖެހޭ. ދަރިފުޅަކީ އުސްމާނީ ޚިލާފަތުގެ ޚަލީފާ ސަލީމް އައްޘާނީގެ ދަރިކަލުން އަދި ވަލީއަހުދު މުރާދުގެ ދަރިކަލުން. ﷲ އިރާދަ ކުރެއްވިއްޔާ ކޮންމެވެސް ދުވަހަކުން މުޅި އިސްލާމީ އުއްމަތުގެ އެންމެ އިސް ވެރިޔާ. ވީމާ، ފުރާނަ ހުރި ކޮންމެ އެއްޗަކަށް އޯގާވެރިވުމާއި އަނިޔާވެރި ނުވުމަކީ ދަރިފުޅުގެ ދުވަހީ އާދައެއް ކަމުގައި ވާން އެބަ ޖެހޭ." ގާޒީ ޞަފިއްޔުއްދީނު އަމީރު ޞަފިއްޔުއްދީނަށް ވިސްނައިދިނުމުގެ ގޮތުން ވިދާޅުވިއެވެ.

"ވިސްނިއްޖެ ކާފާ. މީގެ ފަހުން އަޅުގަނޑު އެކަހަލަ ގޯސްކަމެއް ނުކުރާނަން." އަމީރު ޞަފިއްޔުއްދީނު ކާފަގެ ހިތް ހަމަޖައްސައިދެއްވުމުގެ ގޮތުން ވިދާޅުވިއެވެ.

"ކާފަ ވަރަށް އުފާވެއްޖެ ދަރިފުޅާ!" ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"ކާފާ އަޅުގަނޑު ސުވާލެއް ކޮށްލަންތަ؟" އަމީރު ޞަފިއްޔުއްދީނު ސުވާލު ކުރުމުގެ އިޒުނަޔަށް އެދި ވަޑައިގަތެވެ.

"ލައްބަ ދަރިފުޅާ!" ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"ގަނޑުވަރު ތެރެއިން އަޑު އެހިން ކާފައަކީ އަސްލު މި ރަށު މީހެއް ނޫން ކަމަށް. އަދި ކުރީން މުސްލިމެއް ވެސް ނޫން ކަމަށް. އަދި މަންމައަށް ވެސް އެމީހުން ކިޔަނީ ސަލްމާއެއް ނޫން. މީގެ ހަގީގަތަކީ ކޮބާ؟"

"އެއީ ތެދެއް ދަރިފުޅާ! ކާފަގެ ވަޒަނަކީ އަލްބާނިޔާގެ ދުކަގިން. ދަރިފުޅުގެ މާމައަކީ އިޓަލީ ވިލާތުގެ ވެނިހުގެ މީހެއް. ކާފަމެން ކުރީން ތިބީ ރޫމީ ކަސްލާކީ ނަޞާރާއިންގެ ގޮތުގައި. އެހެންނަމަވެސް އިސްލާމް ދީނުގެ ޞައްޙަކަން އެނގި އިސްލާމް ވުމަށް ފަހު، އިސްތަންބޫލަށް އައީ އިސްލާމްދީން އުނގެނުމަށް. އޭރު ދަރިފުޅުގެ މަންމަގެ އުމުރުން އެންމެ ފަސް އަހަރު. މަންމައަށް ކުރީން ދީފައި އޮތް ނަމަކީ ސޯފިޔާ. އިސްލާމް ވުމަށް ފަހު ކީ ނަމަކީ ޞަފިއްޔާ. ކާފައަށް ކީ ނަމަކީ ޞަފިއްޔު. ކާފަ ކިޔަވައި ނިމިގެން ގާޒީއަކަށް ވުމަށް ފަހުގައި ޞަފިއްޔުއްދީނު ކިޔަން ފެށީ. ދަރިފުޅުގެ މަންމަގެ އެކުވެރިއެއް ކަމުގައިވާ އަމީރާ ހުމާއަށް ޞަފިއްޔާ މި ނަމުގެ ޞާދު ވިދާޅުވާން އުނދަގޫފުޅު ވެގެން ސަލްމާއޭ ކިޔާން ފެށީ. ދެން މަންމަގެ ހުރިހާ އެކުވެރީން ވެސް އަދި މި ގޭގައި ވެސް މަންމަގެ ނަމަކީ ސަލްމާ ކަމުގައި ވެގެން ދިޔައީ. އެހެންނަމަވެސް މަންމަގެ ރަސްމީ ނަމަކީ ޞަފިއްޔާ. ދަރިފުޅުގެ ބައްޕަ ދަރިފުޅަށް ދެއްވި ނަމަކީ މުޙައްމަދު. ޞަފިއްޔުއްދީނު އެއީ މި ކާފަ ދިން ނަމެއް. އެހެންވެގެން ގަނޑުވަރުގެ ތެރޭގައި ދަރިފުޅަށް އަމީރު މުޙައްމަދު ކިޔަނީ. އަދި ބައެއް މީހުން އަމީރު މުޙައްމަދު ޞަފިއްޔުއްދީނޭ ކިޔަނީ. ދަރިފުޅުގެ ކޮއްކޮއަށް އެ ގޮތުން ކިޔަނީ އަމީރާ ޢައިޝާ ޞަފާ ސުލްތާން. ދަރިފުޅަށް އެނގޭތަ! ދަރިފުޅު އުފަންވީ އަހަރު ކަން ދަރިފުޅުގެ މުނިކާފަ ސުލްޠާން ސުލައިމާން އަލްއައްޥަލް އަވަހާރަވީ. މިހާރު އެ ފަހަރުން މިވީ ހަތް އަހަރު." ގާޒީ ޞަފިއްޔުއްދީން އެ އާއިލާގެ ފަސްމަންޒަރުގެ ހުލާސާއެއް އަމީރު ޞަފިއްޔުއްދީނަށް ކިޔައިދެއްވިއެވެ.

"އެހެންވީމާ އަޅުގަނޑު ސުލްޠާނަކަށް ވެއްޖެ ނަމަ، ކިޔާނީ ކޮން ނަމެއް ތޯ؟" އަމީރު ޞަފިއްޔުއްދީނު އެއްސެވިއެވެ.

"ދަރިފުޅުގެ ނަމަކަށް ވާނީ ސުލްޠާން މުޙައްމަދު އައްޘާލިޘް. އިންޝާ ﷲ." ގާޒީ ޞަފިއްޔުއްދީނު ހިނިތުންވުމާ އެކު ވިދާޅުވިއެވެ.

"ބައްޕަ އެއީ މުރާދު ކިތައް ވަނަ ތޯ؟" އަމީރު ޞަފިއްޔުއްދީނު އެއްސެވިއެވެ.

"ދަރިފުޅުގެ ބައްޕަ ސުލްޠާނަކަށް ވުމުން އެއީ މުރާދު ތިންވަނަ. މުރާދު އައްޘާލިޘް." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"ކާފަ އަޅުގަނޑަށް އުސްމާނީ ޚިލާފަތުގެ ތާރީޚު ވެެސް ކިޔައި ދެއްވައްޗޭ." އަމީރު ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"އަމީރުންނަށް ޚިލާފަތުގެ ތާރީޚު ކިޔައިދެއްވާނީ ޚުދު ޚަލީފާ ނުވަތަ ވަލީއަހުދު. އެފަދަ ރަސްމީ އާދަތަކާ ޚިލާފުވެގެން ނުވާނެ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"ކާފާ! މިހާރު އަޅުގަނޑަށް މާފު ކުރައްވައިފިން ތޯ؟" އަމީރު ޞަފިއްޔުއްދީނު އެއްސެވިއެވެ.

"މާފު ކުރުމަކީ އަނިޔާ ލިބުނު ފަރާތުގެ ކަމެއް." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"ކިހިނެއް ހުއްމުސްގެ ފަރާތުން މާފަށް އެދޭނީ. އެއީ މީހުން ކިޔާ އެއްޗެއް ތަކުރާރު ކުރާ ގުރައެއް." އަމީރު ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"ހިނގާ ހުއްމުސް ކައިރިޔަށް. ދަރިފުޅު އޭއްޗަށް ކާއެތިކޮޅެއް ދިނުމުން ކައިފިއްޔާ، އޭތި އެކަން ހަނދާން ނައްތައިލީ." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

އަމީރު މުޙައްމަދު ޞަފިއްޔުއްދީނު އޭނާގެ ކާފަ ގާޒީ ޞަފިއްޔުއްދީނާ އެކު ކާކޮޓަރިއަށް ވަޑައިގެން ރޮށްޓެއް ނެންގަވައި އެ ރޮށި ފަޅި ކުރެއްވިއެވެ. އަދި އެތަނުން ރޮށިފަޅިއެއް ހިއްޕަވައިގެން ގުރާ ކޮށީގެ ކައިރިއަށް ވަޑައިގަތެވެ. އަދި ގުރަޔަށް ރޮށިކޮޅެއް ދިއްކޮށްލިއެވެ. ގުރާ ބޯ ހޫރުވައިލުމުން ގާޒީ ޞަފިއްޔުއްދީނު ގުރަޔަށް ދައްކަވައިގެން އެ ތަނުން ރޮށިކޮޅެއް ފަރީއްކުޅުއްވިއެވެ.

"ބިރު ނުގަނޭ ހުއްމުސް. އަހަރެން ވެެސް މި ކެއީ ނު އެއިން ރޮށިކޮޅެއް. އޭގެ ރަހަ ވަރަށް ރަނގަޅު. މިއީ ކަމީރަން އަޅައިގެން ފިހެފައި ހުރި ބަޒްލާމާ ރޮށި." ގާޒީ ޞަފިއްޔުއްދީނު ހުއްމުސްއަށް ވިދާޅުވިއެވެ. އެއަށްފަހު ގުރައަށް ރޮށިކޮޅެއް ދެއްވުމަށް އަމީރު މުޙައްމަދުގެ ގާތު ވިދާޅުވިއެވެ. އަމީރު މުޙައްމަދު ޞަފިއްޔުއްދީނު މި ފަހަރު ރޮށިކޮޅު ދިއްކޮށްލެއްވުމުން ހުއްމުސް އެ ރޮށިކޮޅު ކައިލިއެވެ.

"ކާފާ! ރޮށި ފިހާ އިރު ކަމީރަން ބޭނުން ކުރާން ފެށީ ކޮން ޒަމާނެއްގައި ތޯ؟ ކަމީރަން އެޅުމުން ރޮށީގެ ރަހައިގެ އިތުރުން ވަސް ވެސް ރަނގަޅު ވޭ." އަމީރު މުޙައްމަދު އެއްސެވިއެވެ.

"ދަރިފުޅާ! ކަމީރަނަކީ ވަރަށް ދިގު ތާރީޚެއް އޮތް އެއްޗެއް. މީގެ 5000 އަހަރު ކުރީން މިސްރު މީހުން ޕާން ފިހާން ކަމީރަން ބޭނުން ކުރި. ބުނެވޭ ގޮތުގައި ކަމީރަން ބޭނުން ކުރާން ފެށީ ސަލާމް ލެއްވި އިދްރީސްގެފާނުގެ ޒަމާނުގައި." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

"ކާފާ! މިހާރު ދެން އަޅުގަނޑަށް މާފު ކުރައްވައިފިން ތޯ؟ އަދި ޠުޢުމާގެ ވާހަކައިގެ ނުނިމި އޮތްބައި އަޅުގަނޑަށް ވިދާޅުވެދެއްވާނަން ތޯ؟" އަމީރު މުޙައްމަދު އެއްސެވިއެވެ.

"ވާހަކަ ކިޔައިދޭ ގަޑީގައި ދަރިފުުޅަށް އެ ތާނގައި އިނދެވޭނީ ދަރިފުޅުގެ މަންމަ ހުއްދަ ދެއްވުމުން." ގާޒީ ޞަފިއްޔުއްދީނު ވިދާޅުވިއެވެ.

- ނުނިމޭ -