29 Apr 2020, 01:11
ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނޭ ޕާކިސްތާނު މީހާ ވަނީ ޑޮކްޓަރަށް ދެއްކުމަށްޓަކައި މާލޭގައި ހިމެނޭ ބޮޑެތި ހޮސްޕިޓަލްތައް ކަމަށްވާ އައިޖީއެމްއެޗް އާއި އޭޑީކޭ އަދި ޓްރީ ޓޮޕް އަށް ގޮސްފައި ކަމަށް ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފިއެވެ.
މިހާރު ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19 އަށް އިއްޔެ ވަނީ ޕާކިސްތާނު މީހެއް ޕޮޒިޓިވް ވެފައެވެ.
އެމީހާއަށް ފަރުވާ ދިނުމަށްޓަކައި ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ކޮވިޑް-19 އަށް ހާއްސަ އައިސީޔޫއަށް ވަނީ މިހާރު ގެންގޮސްފައެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެންއައިއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ޕޮޒިޓިވްވި ޕާކިސްތާނު މީހާ ފުރަތަމަ ގޮސްފައިވަނީ އޭޑީކޭ ހޮސްޕިޓަލަށް ކަމަށެވެ.
މަބްރޫކް ވިދާޅުވީ އޭޑީކޭއިން ޕާކިސްތާނު މީހާއާ ކޮންޓެކްޓް ހުރި އަށް މީހަކު ފާހަގަކުރެވިފައިވާ ކަމަށާާއި އެމީހުން ވަނީ މިހާރު އެކަހެރިކޮށް ޓެސްޓުކޮށްފައި ކަމަށެވެ. އަދި އެމީހުން ނަތީޖާ ނެގެޓިވް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ ފަހުން އެމީހާ ވަނީ ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލް އަށް ދެ ފަހަރެއްގެ މަތީން ގޮސްފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެތަނުން އެމީހާއާ ހަތަރު މީހަކު ކޮންޓެކްޓް ވެފައިވާ ކަމަށް މަބްރޫކް ފާހަގަކުރެއްވިއެވެ. އަދި އެމީހުންގެ ސާމްޕަލް ނަގާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. ނަމަވެސް އަދި ނަތީޖާއެއް ނުލިބެއެވެ.
އެންމެފަހުން އޭނާ އައިޖީއެމްއެޗް އަށް ގޮސްފައިވެއެވެ. އެމީހާ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަން އެނގުނީ އައިޖީއެމްއެޗް އަށް ދިޔަ ފަހުންނެވެ.