21 Dec 2011, 12:23
ރާއްޖޭގައި ޒުވާނުން ވަޒީފާއަށް ނުގޮސް ތިބެނީ އަދާކުރާނެ ވަޒީފާ ނެތިގެން ނޫން ކަމާށާއި، ވަޒީފާއަށް ބޭނުންވާ ހުނަރު ނެތުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޓިވެޓް އޮތޯރިޓީ އާއި އޮސްއެއިޑްގެ އެހީގެ ދަށުން ކްއީންސްލޭންޑް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީއާ ގުޅިގެން ފަށާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ އޮނިގަނޑު އެކުލަވައިލުމުގެ މަޝްވަރާ ބައްދަލުވުން ފެށުމަށް ޓްރޭޑާސް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޒުވާނުން ވަޒީފާއަށް ނުގޮސް ތިބެނީ ވަޒީފާ ނުލިބިގެން ނޫން ކަމަށެވެ. ރާއްޖޭގައި ވަޒީފާތައް އެބަހުރި ކަމަށެވެ.
"އަޅުނގަޑުމެންނަށް ހިތްހަމަޖެހުން ލިބެނީ އަދި ހިތްވަރު ލިބެނީ ޒުވާނުން ވަޒީފާއެއް ނެތި އެތިބެނީ ވަޒީފާ ނެތިގެން ނޫން ކަމަށްވާތީ. ރާއްޖޭގައި ވަޒީފާ އެބަހުރި،" ރައީސް ވިދާޅުވި އެވެ.
ވަޒީފާއަށް ޒުވާނުން ނެރުމަށް ވަރަށް ބޮޑަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ރާއްޖޭގައި 73000 އަށްވުރެ ގިނަ ބިދޭސީން ރަޖިސްޓަރީވެފައިވާ ކަމަށާއި އޭގެތެރެއިން ވެސް 28،000 ބިދޭސީންނަކީ ކޮންމެވެސް ހުނަރެއް ލިބިގެން ވަޒީފާ އަދާކުރާ މީހުން ކަމަށެވެ.
މިހާރު ކުރިއަށްދާ ހުނަރު ޕްރޮގްރާމްގެ މައްޗަށް ވެސް ރައީސް ވާހަކަފުޅު ދެއްކެވި އެވެ. ވިދާޅުވީ، 8500 ޒުވާނުން މަސައްކަތުގެ ބާޒާރަށް ނެރޭ ހުނަރު ޕްރޮގްރާމުގައި 450 ކުދިން މިހާރު ކިޔަވަމުންދާ ކަމަށާއި 2800 ޒުވާނުން ހުނަރު ޕްރޮގްރާމުގައި ކޮންޓްރެކްޓް ކުރެވިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ފަށާ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ، ހުނަރު ޕްރޮގްރާމް ހިންގާ ފަރާތްތަކަށް ބޭނުންވާނެ ހުނަރު ތަރައްޤީ ކުރުމުގެ ޕްރޮގްރާމެއް ކަމަށާއި މި ޕްރޮގްރާމްގެ ސަބަބުން ހުނަރު ޕްރޮގްރާމަށް އިތުރު ހަރުދަނާކަމެއް ލިބި، ދެމެހެއްޓެނިވި ގޮތެއްގައި އެ ޕްރޮގްރާމް ކުރިއަށްދާނެ ކަމަށެވެ.
އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ، އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި އެއް އަހަރަށް ހިންގާ ޕްރޮގްރާމެކެވެ.