26 Jun 2010, 10:31
14:30
ސަރުކާރުގެ އެންމެ އިސްވެރިން ރައްޔިތުންގެ ބައިތުލްމާލުން ޚަރަދުކުރައްވައިގެ ރާއްޖޭން ބޭރަށް ދަތުރުފުޅުތައް ކުރައްވާކަމީ ރައްޔިތުންނަށް ދިމާވެފައިވާ އިގްތިސާދީ ހީނަރުކަމަށް ސަރުކާރުން އިހްމާލުވާ މިންވަރު އެނގިގެންދާ ކަމެއް ކަމަށް ގައުމީ ޕާޓީން ބުނެފި އެވެ.
ގައުމީ ޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ރާއްޖޭގެ އިގްތިސާދު ހީނަރުވެފައިވާ ދަނޑިވަޅެއްގައި ރައްޔިތުންގެ ޚަރަދުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ކުރައްވާ ދަތުރުފުޅުގެ ބޭނުންފުޅަކީ އެމަނިކުފާނުގެ ގާތް އެކުވެރިންނާއި ގާތް ބޭފުޅުން ހިންގަވާ މަޝްރޫޢުތަކަށް ފައިސާ ހޯދުމަށް މަގުފަހިކުރުމަށް ކުރައްވާ ދަތުރުފުޅުތަކަށް ވެގެން ހިނގައިދާނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިޓަލީއަށް ފުރާވަޑައިގެން ދުވަހު އެމަނިކުފާނުގެ އެޑްވައިޒަރު ޙަސަން ޢަފީފާ ގުޅުން ހުރި ކުންފުނިތަކަށް ޓޫރިސްޓް ރިސޯޓު ހެދުމަށް ތިން ރަށް ލިބިފައިވާ ކަމަށާއި، އެ ރަށްތައް ކާމިޔާބުކުރުމަށްޓަކައި ސަރުކާރަށް ދައްކަންޖެހޭ 21 މިލިއަން ޑޮލަރު 14 ދުވަހުގެ ތެރޭގައި ދައްކަންޖެހޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. އެހެންކަމުން މިފަދަ ދަޑިވަޅެއްގައި ތިމާވެއްޓާ ބެހޭ ބައްދަލުވުމެއްގައި ބައިވެރިވަޑައިގަތުމުގެ ނަމުގައި އިޓަލީވިލާތަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ ގާތް އެކުވެރިންނާއި ގާތް ބޭފުޅުންނަށް ފަހިވާ ގޮތަށް އިންވެސްޓަރުން ހޯއްދަވަން ކުރައްވާ މަސައްކަތް ދިވެހި މިނިވަން ވިޔާފާރިވެރިންނާއި ޢާންމު ރައްޔިތުންނަށް ގަބޫލެއް ނުކުރެވޭނެ ކަމަށް ވެސް ގައުމީ ޕާޓީން ބުނެފައިވެ އެވެ.
އަދި ތިމާވެއްޓާ ބެހޭ ބައިނަލްއަގްވާމީ ބޮޑު ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމުގެ ނަމުގައި ރައީސް ނަޝީދު އިޓަލީވިލާތަށް ވަޑައިގެންނެވި ދުވަސްވަރު، އެމަނިކުފާނުގެ ސްޕެޝަލް އެންވޯއީ އިބްރާހީމް ޙުސައިން ޒަކީ ޓެމިލްނާޑޫގައި ބައްވާ ތަމަޅަ ބަސް ޙިމާޔަތްކުރާ ބައްދަލުވެއްގައި ބައިވެރިވެވަޑައިގެންނެވި ކަމަށާއި، މީގެ ކުޑަ ދުވަސްކޮޅެއްގެ ކުރިން ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު ސަރުކާރުން އުވާލައްވާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ގައުމީ ޕާޓީގެ މި ބަޔާނާ ބެހޭ ގޮތުން ރައީސް އޮފީހުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.