ށ. ނަރުދޫން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އަލަށް ޕޮޒިޓިވްވި ކޭސް އާއެކު ނަރުދޫއިން އެ ވައިރަސް އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ މިހާރު ހަތަކަށް އަރާފައެވެ.

ނަރުދޫއިން ވައިރަސް މިއަދު ހަވީރު ވަނީ ހަ މީހަކު ޕޮޒިޓިވް ވެފައެވެ. އެ ހަ މީހުންނަކީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ށ. ނަރުދޫ އަމާޒު ބޯޓުގެ ކައްޕިއާ ޑައިރެކްޓް ކޮންޓެކްޓްވި 6 މީހެކެވެ.

އަމާޒު ބޯޓުގެ ކޭޕްޓަން އުމުރުން 49 އަހަރު (ކޭސް133) ކޮރޯނާވައިރަހަށް ޕޮޒިޓިވްވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މާލެ ލޮކްޑައުނަށް ދިޔުމުގެ ކުރިން އެ ބޯޓުން ވަނީ މާލެއިސް ފުރައިގެން ގޮސްފައެވެ. އެގޮތުން މިމަހުގެ 15 ވަނަ ދުވަހާއި 16 ވަނަ ދުވަހު އުތުރުގެ ބައެއް ރަށްތަކަށް ދަތުރު ކުރި އެ ބޯޓުގައި، 91 މީހަކު ދަތުރުކުރިކަން އެންއީއޯސީން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. އަދި އެ ބޯޓުން ދަތުރު ކުރި މީހުން އެޗްޕީއޭ އަށް ރިޕޯޓުކުރުމަށްވެސް ވަނީ އެދިފައެވެ.

ނޭޝަނަލް އިމާޖެންސީ އޮޕަރެޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފައިވަނީ އަމާޒު ބޯޓުގެ ކައްޕިގެ ކޭސް އާ ގުޅިގެން މިހާތަނަށް އޭނައާ ސީދާ ދިމާވި، 101 މީހަކު ދެނެގަނެފައިވާ ކަމަށެވެ.

އަމާޒު ބޯޓުގެ ކްރޫއާއި ދަތުރު ކުރި މީހުންނާއެކު މިހާތަނަށް 101 މީހަކު ވަނީ މީގެކުރީން ދެނެގަނެވިފައެވެ. އޭގެތެރެއިން ހަ މީހެއްގެ ގައިން އަލާމާތްތައް ފެންނަ ކަމަށް ކުރީންވެސް ވަނީ ބުނެފައެވެ.

އަލަށް ޕޮޒިޓިވްވި މީހަކީވެސް އެ 101 ޑައިރެކްޓް ކޮންޓެކްޓްގެ ތެރޭގައި ހިމެނޭ މީހަކަށް ވުން އެކަށީގެންވެއެވެ.

ނަރުދޫ އަމާޒު ބޯޓުގެ ކޮންޓެކްޓުގެ ތެރޭގައި ހިމެނޭ މީހެއް ވަނީ އެ އަތޮޅުގެ މިލަންދޫއިންވެސް މިއަދު ޕޮޒިޓިވް ވެފައެވެ.

އަމާޒު ބޯޓު ކޭސް އާ ގުޅޭ 14 ރަށެއްގައި ކޮންޓެކްޓް ޓްރޭސިން ހަދަމުންދާ ކަމަށް ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ މީގެކުރީން ބުނެފައެވެ. އޭގެތެރޭގައި ނަރުދޫ އާއި މިލަންދޫގެ އިތުރުން ށ. އަތޮޅުގެ ތިން ރަށަކާއި ނ. އަތޮޅުގެ ފަސް ރަށަކާއި، ހއ. ގެ ދެ ރަށް އަދި ކުޅުދުއްފުށި ސިޓީ ހިމެނެއެވެ.