28 Apr 2020, 21:45
އިތުރު ފަސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ވައިރަސް ޖެހުނު މީހުންގެ ޖުމްލަ އަދަދު 250 އަށް އަރައިފިއެވެ.
ކޮވިޑް-19 އާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ގޮތުން ނޭޝަނަލް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވުމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިހާތަނަށް ވަނީ 7،723 ސާމްޕަލް ނަގާފައި ކަމަށެވެ. އޭގެތެރެއިން ޕޮޒިޓިވް ވެފައިވަނީ 250 މީހުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މިހާތަނަށް ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން ނެގެޓިވް ވެފައިވާ ސާމްޕަލްގެ އަދަދަކީ 6،286 ކަމަށް މަބްރޫކް ފާހަގަކުރައްވާފައިވެއެވެ.
މަބްރޫކް ވިދާޅުވީ ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން ނަތީޖާ ނުލިބި 1،888 ސާމްޕަލް އެބަހުރި ކަމަށެވެ.
"މީގެތެރެއިން ވަރަށް ގިނަ ސާމްޕަލް ތަކަކީ ސާވެއިލެންސްގެ ތެރެއިން އަޅުގަނޑުމެންނަށް ރެންޑަމްކޮށް ނެގިފައިވާ ސާމްޕަލްތަކެއް. އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ކޭސްތަކާ ގުޅިގެން ބަލީގެ އަލާމާތްތައް ފެނިފައިވާ މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ބަލީގެ އަލާމާތްތައް ފެނުނު މީހުންގެ ސާމްޕަލްތައް،" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އާ 21 ޕޮޒިޓިވް ކޭސް އެއް ފެނިފައިވާ ކަމަށެވެ.
ފާއިތުވި 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވް ވި ކޭސްތަކުގެ ތެރޭގައި އަތޮޅު ތެރޭ ރަށްތަކުން ޕޮޒިޓިވްވި މީހުންވެސް ހިމެނެއެވެ. އެގޮތުން ށ. ނަރުދޫ އާއި އެ އަތޮޅު މިލަންދޫއިން ވަނީ މިއަދު ވައިރަސް އަށް ޕޮޒިޓިވް ކޭސް ފެނިފައެވެ.
އެއާއެކު މިހާރު ޖުމްލަ ޕޮޒިޓިވް ވި މީހުންގެ ތެރެއިން 99 މީހުންނަކީ ދިވެހީން ކަމަށާއި 151 މީހަކީ ބިދޭސީން ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ޖުމްލަ 17 މީހަކު އެ ވައިރަސް ޖެހި ރަނގަޅު ވެފައިވާއިރު ރާއްޖޭގައި ހިމެނޭ އެކްޓިވް ކޭސްތަކުގެ އަދަދަކީ 231 އެކެވެ.