28 Apr 2020, 21:16
ދައުލަތުގެ ވަޒީރެއްގެ އިތުރުން އާންމު ރައްޔިތަކު ވެސް ގާނޫނު އަސާސީއާ ހިލާފްވެއްޖެ ކަމަށް ކަނޑައެޅޭނީ ސުޕްރީމް ކޯޓަށް އެކަނި ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހަށް އަދި މަޖިލީހުގެ ރައީސަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އައްޑޫ ސިޓީގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މެންބަރަކު ފޮނުއްވި ސުވާލަކަށް ޖަވާބު ނުފޮނުއްވައި 14 ދުވަހުގެ ނޯޓިސް ހަމަވުމުން މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ މިނިސްޓަރު އޮފް ހެލްތު އަބްދުﷲ އަމީން ހިލާފުވެވަޑައިގެންފައިވާ ކަމަށް މަޖިލީހުގެ ރައީސް ދެކިވަޑައިގަންނަވާ ކަމަށެވެ.
އެކަމަށް ރައްދު ދެއްވައި ޝަރީފް މިރޭ "ސަން" އަށް ވިިދާޅުވީ، ވަޒީރަކު ގާނޫނު އަސާސީއާ ހިލާފްވެއްޖެ ކަމަށް މަޖިލީހަށް ނުނިންމޭނެ ކަމަށާއި މަޖިލީހަށް ކުރެވޭނެ ކަމަކީ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވުޖޫދު ކުރުން ކަމަށެވެ.
"އެއް ވެސް މީހަކު އާދައިގެ ރައްޔިތަކު ވެސް އަދި ވަޒީރަކު ވެސް ނޫނީ އެހެން މީހަކު ވެސް ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފްކަމަށް ކަނޑައެޅުމުގެ ބާރު އޮންނާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް. އެއީ މަޖިލީހަށް ވެސް ކަނޑައެޅޭނެ ކަމެއް ނޫން. އަދި މަޖިލީހުގެ ރައީސަށް ވެސް ކަނޑައެޅޭނެ ކަމެއް ނޫން،" ޝަރީފް ވިދާޅުވި އެވެ.
މިދިޔަ އަހަރު އޭނާ ބައެއް ވަޒީރުންނާ ކޮށްފައިވާ ސުވާލުތަކަށް އަދި ވެސް ޖަވާބު ނުލިބޭކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ، އިދިކޮޅު ބައެއް މެންބަރުން ވެސް ވަޒީރުންނާ ސުވާލު ކުރުމަށް ހުށަހަޅާފައިވާ ކަމަށް އެ މެންބަރުން ފާހަގަކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ސަރުކާރެއްގައި އަޅުގަނޑުމެންގެ ޕާޓީއަށް ނިސްބަތްވާ ބޭފުޅަކު ރައިސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވަނިކޮށް މިހާރު މިޖެހިގެން އުޅޭ މައްސަލައެއް ނޭނގެ. ދެން އެކި ހާލަތުގައި އެކި ގޮތްގޮތަށް އަމަލުކުރާތަން މި ފެންނަނީ،" ޝަރީފް ވިދާޅުވި އެވެ.
ކޮވިޑް-19 ރާއްޖޭގައި ފެތުރުން ހުއްޓުވުމަށް މުޅި ސަރުކާރާއި ހެލްތު މިނިސްޓަރު ވެސް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން މިދާ ދަނޑިވަޅުގައި ޖަވާބު ދިނުން ލަސްވެދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ޝަރީފު ވިދާޅުވި އެވެ.