ގާނޫނު އަސާސީއާއި މަޖިލީހުގެ ގަވާއިދާ ހިލާފްވެއްޖެ ކަމަށް ބުނެ މަޖިލީހުން ބަޔާން ނެރުނުތާ 19 މިނެޓް ފަހުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހަށް އީމެއިލް މެދުވެރިކޮށް ޖަވާބު ފޮނުއްވާފައިވާ ކަމަށް މަޖިލީހުން ބުނެފި އެވެ.

މަޖިލީހުން ބުނީ، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް ހެލްތު މިނިސްޓަރު އަމީންގެ އަރިހުން ލިޔުމުން ޖަވާބު ހޯއްދެވުމަށް ފޮނުއްވި ސުވާލުގެ ޖަވާބު މިއަދު އިރުއޮއްސި 6:31 ގައި މަޖިލީހުގެ އިދާރާއަށް އީމެއިލް މެދުވެރިކޮށް ލިބިފައިވާކަމަށާއި އެކަމާ ގުޅިގެން މަޖިލީހުން ބަޔާން ނެރުނީ 6:12 ގައި ކަމަށެވެ.

އެ ބަޔާނުގައި ބުނީ، ހެލްތު މިނިސްޓަރަށް ނޯޓިސް ފޮނުވާފައިވަނީ މިމަހުގެ 14 ވަނަ ދުވަހު ކަމަށާއި ނޯޓިސްގެ މުއްދަތު ހަމަވެފައިވަނީ އިއްޔެ ކަމަށެވެ. އަދި މިއަދު މެންދުރު 2:00 އަށް ޖަވާބުދާރީ ވުމަށް ދިން ފުރުސަތު ހަމަވިއުރު ވެސް މިނިސްޓަރު އަމީން ޖަވާބު ފޮނުއްވާފައި ނުވާކަމަށް މަޖިލީހުގެ ބަޔާނުގައިވެ އެވެ.

"... ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާއި މިނިސްޓަރު އޮފް ހެލްތް އަބްދުﷲ އަމީން ހިލާފުވެވަޑައިގެންފައިވާ ކަމަށް މަޖިލީހުގެ ރައީސް ދެކިވަޑައިގަންނަވަ އެވެ،" މަޖިލީހުގެ ބަޔާނުގައިވެ އެވެ.

ގާނޫނު އަސާސީގެ 98 ވަނަ މާއްދާގައި ބުނަނީ، މިނިސްޓަރަކު ނުވަތަ ސަރުކާރުގެ އެހެން މަގާމެއްގައި ހުރި މީހަކު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމަށާއި އެ މީހަކު އަދާކުރަންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތާ ގުޅޭ ގޮތުން މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން އެ މީހަކާއި ކުރާ ސުވާލަކަށް ތެދުބަހުން ޖަވާބު ދިނުމަށާއި މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް މަޖިލީހުން އެ މީހަކަށް އެންގިދާނެ ކަމަށެވެ.