28 Apr 2020, 20:24
މިވަގުތު މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގޭބަންދަށް ބަދަލުކުރުމަށް އެދި އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުއްވައިފި އެވެ.
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސޮއިކުރައްވައި ރައީސް ސޯލިހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ފަހަކަށް އައިސް މާފުށީ ޖަލުގައި ހަމަނުޖެހުންތައް ހިނގާ އަދި ގައިދީންގެ ފަރާތުން ތަފާތު އިންޒާރުތައް ޖަލުގެ އޮފިސަރުންނަށް ދެމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެގޮތުން އެސްއޯ ފުލުހުން މާފުށީ ޖަލުގެ ގޮޅިތަކުން ގައިދީން ނެރެ ގޮޅިތަކާއި ގައިދީން ބަލާ ފާސްކޮށްފައިވާ ކަމަށްވެސް މީޑިއާއިން ހާމަކޮށްފައިވާ ކަމަށް ސިޓީގައި ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް ފުލުހުންގެ ފަރާތުންވެސް އަދި ހޯމް މިނިސްޓްރީގެ ފަރާތުންވެސް ލިބިފައި ނުވާ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.
އިދިކޮޅުން ފޮނުވި ސިޓީގައި ބުނެފައިވަނީ ކުރީގެ ރައީސް ޔާމީން މިވަގުތު ހުންނެވީ މާފުށީ ޖަލުގައި ކަމަށާއި ޖަލުގައި ހުންނަވަނިކޮށް އެތަނުގައި ހަމަނުޖެހުން ހިނގުމާއި ފުލުހުންގެ އޮޕަރޭޝަންތައް ހިންގުމަކީ ކޯލިޝަނުން ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެފަދަ އޮޕަރޭޝަނެއް ހިންގާނީ ޖަލުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅިގެންދާ ހާލަތެއްގައި ކަމަށްވެސް ކޯލިޝަނުން ގަބޫލުކުރާ ކަމަށް ސިޓީގަައި ބުނެފައިވެއެވެ.
އެ ސިޓީގައި ބުނެފައިވަނީ އެ ކައްތައްތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށްޓަކައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ގުޅުއްވި ކަމަށެވެ. އެހެންނަމަވެސް މިނިސްޓަރު ފޯނަށް ޖަވާބު ދެއްވާފައި ނުވާ ކަމަށް ސިޓީގައި ބުނެފައިވެއެވެ.
މިދަނޑިވަޅަކީ ރާއްޖޭގައި ކޮވިޑް-19 ފެތުރެމުންދާ ދުވަސްވަރަކަށްވުމުން މާފުށީ ޖަލުގައިވެސް އެ ވައިރަސް ފެތުރުމުގެ ފުރުސަތު އޮތްއިރު އެތަނުގައި ރައީސް ޔާމީން ހުންނެވުމުން އެކަމާ ކަންބޮޑުވުން ފާޅުކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުންޏެވެ.
އެހެންކަމުން މި ހާލަތުގައި ޖަލުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް އިދިކޮޅުން އެ ސިޓީގައި އެދިފައިވެއެވެ.