28 Apr 2020, 19:49
މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސްގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިނގިރޭސި ވިލާތުގެ ފޮރިން ސެކްރެޓަރީ ރިޓަޔަޑް އޮނަރަބަލް ޑޮމިނިކް ރާބް މަޝްވަރާކުރައްވައިފި އެވެ.
މިއަދު މެންދުރު ފޯނު ކޯލެއްގެ ޒަރިއްޔާއިން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ދެ ބޭފުޅުންވެސް ވަނީ މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސްގެ ނުރައްކާތެރިކަމާ ގުޅިގެން ދެގައުމުންވެސް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި އަޅަމުންދާ ފިޔަވަޅުތަކާއި އަމަލުކުރަމުން ގެންދާގޮތުގެ މައުލޫމާތު ހިއްސާކުރައްވާފަ އެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑްގެ ކޭސްއެއް ފެނުނު ފަހުން މަހަކަށްވުރެ ގިނަ ދުވަސް، ޢާންމުންގެ ތެރޭގައި ބަލިމަޑުކަން ފެތުރުނަ ނުދީ ހިފަހައްޓާލެވިފައިވާ ކަމަށާއި ނަމަވެސް ފާއިތުވި ދިހަ ދުވަހުގެ ތެރޭގައި ގްރޭޓާ މާލެ ސަރަޙައްދުގައި ހަލުއި މިނުގައި މި ވައިރަސް ފެތުރެން ފަށާފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރައްވާ މާލެ ސަރަހައްދު އެއްކޮށް ލޮކްޑައުންކޮށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އިޖުތިމާއީ ގައިދުރުކުރުމުގެ ފިޔަވަޅުތައް އަޅުއްވަމުންދާ ކަމަށް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ.
ޕޮޒިޓިވްވި މީހުންގެ އަދަދު 200 އަށްވުރެ މަތިވެފައިވީ ނަމަވެސް ކަމާގުޅޭ މާހިރުންގެ ލަފަޔާއި އިރުޝާދާއެކީ ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުން މި ބަލިމަޑުކަން ރާއްޖޭގައި ކޮންޓްރޯލް ކުރެވޭނެކަމުގެ ޔަގީންކަން އޮތް ކަމަށް ރައީސް ފާހަގަކުރައްވާފައިވެ އެވެ.
ރައީސް ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އިނގިރޭސި ވިލާތަށް ކުރަމުންދާ އަސަރުތައް ދެނެވަޑައިގެން ހުންނެވިކަން ފާހަގަކުރައްވާފައެވެ.