21 Dec 2011, 11:07
އަންނަ ހުކުރު ދުވަހުގެ މުޒާހަރާގައި ގާނޫނު އަސާސީ އާއި ގާނޫނޫތައް ނެގެހެއްޓުމުގައި ފުލުހުން ވަކި ފަރާތަކަށް ނުޖެހި މަސައްކަތް ކުރުމަށް ޕޮލިސް އިންޓެ ގްރިޓީ ކޮމިޝަނުން ފުލުހުންނަށް ގޮވާލައިފި އެވެ.
އެ ކޮމިޝަނުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މުޖުތަމައުގެ އަމަން އަމާންކަން ދަމަހައްޓައި ، މީހުންނާއި އެ މީހުންގެ މުދަލާއި ގެދޮރު ހިމާޔަތް ކޮށްދީ ގާނޫނު ނެގެހެއްޓުމުގެ ވާޖިބު އަދާކުރަން ޖެހޭ ބަޔަކީ ފުލުހުން ކަމަށެވެ.
"... ޑިސެމްބަރު 23 ވަނދުވަހުގެ މުޒާހަރާގައި ކަންކަން ބެލެހެއްޓުމުގައި ފުލުހުންގެ މުއައްސަސާގެ ޒިންމާ އާއި ވާޖިބުތައް ހަނދުމަފުޅުކޮށް ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތައް ނެގެހެއްޓުމުގައި ވަކި ފަރާތަކަށް ޖެހިވަޑައިނުގެން މަސައްކަތް ކުރުމަށް ފުލުހުންނަށް އިލްތިމާސް ކުރަމެވެ،" ބަޔާނުގައި ވެއެވެ.
މުޒާހަރަ އިންތިޒާމް ކުރާ ފަރާތްތަކާއި މަގުމަތީގެ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކުން މުޖުތަމައުގެ ސުލްހަ ވެރިކަމާއި އަމަން އަމާންކަން ރައްކާތެރި ކުރެވޭ ގޮތަށް އަމަލުތައް ބެހެއްޓުމަށް ވެސް އެކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.
"... ކޮންމެ އިންސާނީ ހައްގަކީ ވެސް އެ ހައްގާއިއެކު ޒިންމާތަކެއް އޮންނަ ހައްގެއްކަން ދަނެ، އެކެއްގެ ހައްގު ހޯދުމަށްޓަކައި ކުރާ މަސައްކަތުގައި އަނެކާގެ ހައްގަށް އަރައި ނުގަނެ އަނެކުންގެ ހައްގުތަކަށް ވެސް އިހުތިރާމް ކުރެއްވުމަށް މި ކޮމިޝަނުން ގޮވާލަމެވެ،" ބަޔާނުގައި ވެއެވެ.
ބަޔާން ބުނަނީ މުޒާހަރާއާ ގުޅޭ އެކި ހަރަކާތްތައް ރާވާ އެކަމުގައި ބައިވެރިވާ ފަރާތްތަކުން ވެސް ސުލްހަ ވެރިކަމާއި ޒިންމާދާރު ކަމާއެކު މަސައްކަތް ކުރުމަށާއި ފުލުހުންގެ މަސައްކަތަށް ހުރަސް ނޭޅޭނެ ފަދަ ގޮތަށް އަމަލުތަށް ބެހެއްޓުމަށެވެ.