ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މަޖިލީހަށް ޖަވާބުދާރީވެ ވަޑައިގެންފައި ނުވާތީ، އެމަނިކުފާނުގެ ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދާ ހިލާފުވެވަޑައިގެންފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގާނޫނު އަސާސީގެ 98 ވަނަ މާއްދާއި މަޖިލީހުގެ ގަވާއިދުގެ 80 ވަނަ މާއްދާގެ ދަށުން، ލިއުމުން ޖަވާބު ހޯދުމަށް މިނިސްޓަރު އަމީނަށް ސުވާލު ފޮނުވާފައިވަނީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް ކަމަށެވެ.

ނޯޓިސް ފޮނުވާފައިވަނީ މިމަހުގެ 14 ވަނަ ދުވަހު ކަމަށް ވެސް މަޖިލީހުން ވަނީ ބުނެފަ އެވެ. އަދި ނޯޓިސްގެ މުއްދަތު ހަމަވެފައިވަނީ އިއްޔެ އަށެވެ. އަދި މިއަދު މެންދުރު 2:00 އަށް ޖަވާބުދާރީ ވުމަށް ދިން ފުރުސަތު ހަމަވިއުރު ވެސް މިނިސްޓަރު އަމީން ޖަވާބު ފޮނުއްވާފައި ނުވާކަމަށް މަޖިލީހުގެ ބަޔާނުގައިވެ އެވެ.

"... ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާއި މިނިސްޓަރު އޮފް ހެލްތް އަބްދުﷲ އަމީން ހިލާފުވެވަޑައިގެންފައިވާ ކަމަށް މަޖިލީހުގެ ރައީސް ދެކިވަޑައިގަންނަވަ އެވެ،" މަޖިލީހުގެ ބަޔާނުގައިވެ އެވެ.

ގާނޫނު އަސާސީގެ 98 ވަނަ މާއްދާގައި ބުނަނީ، މިނިސްޓަރަކު ނުވަތަ ސަރުކާރުގެ އެހެން މަގާމެއްގައި ހުރި މީހަކު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމަށާއި އެ މީހަކު އަދާކުރަންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތާ ގުޅޭ ގޮތުން މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން އެ މީހަކާއި ކުރާ ސުވާލަކަށް ތެދުބަހުން ޖަވާބު ދިނުމަށާއި މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް މަޖިލީހުން އެ މީހަކަށް އެންގިދާނެ ކަމަށެވެ.